Special Olympics ge dhuvumun Shifna ran medal eh hoadhaifi
image
ސްޕެޝަލް އޮލިމްޕިކްސްގެ ދުވުމުން ޝިފްނާ ރަން މެޑައްޔެއް ހޯދުން--
0 ކޮމެންޓް
 

ސްޕެޝަލް އޮލިމްޕިކްސްގެ ދުވުމުން ޝިފްނާ ރަން މެޑަލް ހޯދައިފި

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ އަންހެނުންގެ ބައިން 100 މީޓަރު ދުވުމުން، ރާއްޖޭގެ ޝިފްނާ އިބްރާހީމް ރަން މެޑަލް ހޯދައިފި އެވެ.
އަބޫ ދާބީގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ޝިފްނާ ރަން މެޑައްޔެއް ހޯދާފައި ވަނީ 100 މީޓަރު ދުވުމުގެ ފައިނަލުގެ ހަ ވަނަ ހީޓުގައި ވާދަކޮށްގެން 18.01 ސިކުންތުން އެ ރޭސް ނިންމައިގެންނެވެ. އެ ހީޓުގެ އެއްވަނަ އިކުއެޓޯރިއަލް ގިނިއާގެ މާރިޔާ މަގްޑަލީނާ ހޯދިއިރު ފަސް ވަނަ ހޯދާފައިވަނީ ރާއްޖޭގެ މަރިޔަމް ނޫރާ ރަޝާދެވެ.

ފިރިހެނުންގެ ދުވުމުގެ ފައިނަލްގެ ހަތަރު ވަނަ ހީޓުގައި ވާދަކޮށް، 200 މީޓަރު ދުވެގެން ވެސް ރާއްޖޭގެ ވަސްމީ ވަހީދު ރިހި މެޑައްޔެއް ހޯދިއިރު އެ ރޭހުގެ ފަސް ވަނަ ހޯދާފައި ވަނީ ވެސް ރާއްޖޭގެ އެތުލީޓެއް ކަމަށްވާ އަލީ އަމީން އަބްދުލް ގަފޫރެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ޝިފްނާ އާއި ވަސްމީ ހޯދި ކާމިޔާބަށް މަރުހަބާ ދަންނަވާ އެގޮތަށް މަސައްކަތް ކުރުމަށް ހިތްވަރުދެއްވާފައިވެއެވެ.


މިއީ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމު ވާދަކުރާ މި ގޭމްސްގައި މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 7500 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވެފައިވެއެވެ.

އެ ގޭމްސްގައި ރާއްޖެއިން ވާދަކުރީ އެތްލެޓިކްސްގެ އިތުރުން ލޯންގް ޖަމްޕް ގައެވެ. އެތްލެޓިކްސްގައި ރާއްޖެއިން ވާދަކުރީ 50 މީޓަރާއި 100 މީޓަރުގެ އިތުރުން 200 މީޓަރު ދުވުމުގައެވެ. އަދި ލޯންގް ޖަމްޕުގައި ރާއްޖެއިން ވާދަކުރީ ސްޓޭންޑިން ލޯންގް ޖަމްޕް ގައެވެ.
ހިޔާލު