120 Gothin Rahyithunakah Nufudheyne: Kulhudhuhfushee Council
image
ހދ. ކުޅުދުއްފުށީ އަންހެންވެރިން އެރަށުތެރޭގައި ކުނިކަހަނީ: ފޮޓޯ ކުޅުދުއްފުށީލައިވް
0 ކޮމެންޓް
 

120 ގޯތިން ރައްޔިތުންނަކަށް ނުފުދޭނެ: ކުޅުދުއްފުށީ ކައުންސިލް

މިހާރު އެރަށު ކައުންސިލުން ދޫކުރަން ނިންމާފައިވާ 120 ގޯތިން އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަަލައަށް ހައްލު ނުލިބޭނެކަމަށް ކުޅުދުއްދުށީ ރަށުކައުންސިލުން ހާމަކޮށްފިއެވެ.
މީގެ 13 ވަރަކަށް އަހަރު ކުރިއްސުރެ ހދ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި އެރަށު ކައުންސިލު އިދާރާއަށް 500 އަށް ވުރެ ގިނަ މީހުންގެ ސޮއިއާއެކު ވަނީ ޕެޓިޝަނެއް ހުށަޅާފައެވެ.

ޕެޓިޝަނާގުޅޭގޮތުން ވާހަކަ ދައްކަވަމުން، އެރަށު ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން، "ސީއެންއެމް" އަށް ވިދާޅުވީ، އެންމެ ފަހުން ދޫކުރަން ހުއްދަދީފައިވާ 120 ގޯތި ނަމަވެސް އެއީ ބޯހިޔަވާހިކަމަށް އެދިއެދި ތިބި މީހުންގެ ނިސްބަތުން ބަލާނަމަ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.

"ހައުސިން މިނިސްޓްރީން އެންމެ ފަހުން އަޅުގަނޑުމެންނަށް ހުއްދަ ލިބިފަ މީނީ 120 ގޯތި އަޅަން، އެކަމަކު 3000 އެއްހާ މީހުން ގޯއްޗަށް ބޭނުންވެފައި ތިއްބާ 120 ގޯތި ދޫކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަން އަޅުގަނޑުމެންނަށް ވެސް އެނގޭ." ލަތީފް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ، އެ ޕެޓިޝަން ޒުވާނުންތަކެއް ހުށަހަޅާފައި ވަނީ ވެސް ގޯތި ދޫކުރާ މިންވަރު އިތުރުކޮށްދިނުމަށް އެދުން ކަމަށާއި އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

ގޯތީގެ އަދަދު އިތުރު ކުރުމާއި މެދު ގޮތެއް ނިންމޭނީ ޕްލޭނިން މިނިސްޓްރީއަށް ކަމުން އެ މިނިސްޓްރީއަށް ވެސް އެޕެޓިޝަން ވަނީ ހުށަހަޅާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ޕެޓިޝަން ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ޕެޓިޝަނުގައި ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެދޭ ގޮތް ބަޔާންކޮށްފައިވާއިރު 1500 އަށް ވުރެ ގިނަ މީހުން ބޯހިޔާވަހި އެދެއެދި އެބަ ތިބި ކަމަށާއި އެކަމަކު އެރަށުން ދޫކުރުމަށް ހުއްދަ ދީފައިވަނީ 120 ގޯތިކަމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އޭގެ އިތުރުން ޕެޓިޝަނުގައި ވަނީ ކުޅުދުއްފުށީ ހިމާޔާތްކޮށްފައިވާ ސަރަހައްދުތަކާއި ގްރީން ޒޯން ނުހިމަނާއި ވެސް 500 އެއްހާ ގޯތި ދޫކުރެވޭނެ ޖާގަ އެބައޮތް ކަމަށް ފާހަގަކޮށްފައެވެ. އަދި އެރަށު ވެލިގަނޑު ސަރަހައްދުން ފްލެޓު އެޅުމަށް ޕެޓިޝަނުގައި ގޮވާލާފައިވެއެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކުޅުދުއްފުށީގައި އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ މީގެ 13 އަހަރު ކުރިން ކަމުން ބޯހިޔާވަހި ކަމުގެ މައްސަލައަކީ އެރަށަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ.
ހިޔާލު