Kuru Vaahaka: Bunanhey Kalaa
image
ކުރު ވާހަކަ: ބުނަންހޭ ކަލާ
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ކުރު ވާހަކަ: ބުނަންހޭ ކަލާ

ހަތަރު ވަނަ ބައި
"އޭ އެ ކޮން ގަލެއްތަ؟ ކީއްވެ އެތާ ކޮޓަރި ދޮރުމަތީ އެހުރީ ގަޓަރި ޖަހައިލާފަ؟" ނަޒީމު ކަމެއް ހަނދާންވުމުން އަހައިލާ ގޮތަށް ސުވާލު އަމާޒުކޮށްލީ ރެޑްބުލް ދަޅުގައި ތުން ޖަހައިލަމުންނެވެ.

"އެ މި ގޭ އެފަރާތު ކޮޓަރިއެއް ހަދަން ގެނައި ގާ ތަކެއް. މީހުން ހިނގާ މަގަކު ނުބެހެއްޓޭނެއްނު. ދެން ގޭގެ މައި މަގުގަ ވެސް ބަހައްޓައިފި ނަމަ... އެހެންވެ ހުރީ ބަރިއަކަށް ޖަހައިފަ ދޯ ރިޒޫ" ނުހާ އިނީ އެ ސުވާލު އަތުވެދާނެ ކަމަށް ސަމާލުވެގެންނެވެ. ގުޅައެއް އަނގަޔަށްލާ ހަފަމުން އަނގަމަތީ އަތްއަޅައިގެން އިނދެ ނުހާ ޖަވާބުދިނީ އެހެންވެއެވެ. އާއެކޭ ބުނުމުގެ ގޮތުން ރިޒުލާ ބޯ ޖަހައިލީ ޝުކުރުވެރިކަން މޫނުމަތިން ފާޅުކުރަމުންނެވެ.

"ކޮބައިތަ ރިޒޫގެ ކޮޓަރި؟ ކައި ނިންމާލާފަ ކޮޓަރި ދައްކާލަންވާނެ" އިބްރާހިމްގެ ސުވާލުން ރިޒުލާ ތަރަތަރަ ޖަހައިލިއެވެ.
"ގާތައް އަތުރާފަ އެހުރީ؟" ރިޒުލާގެ ޖަވާބު ކުރެވެ.
"ދެން ކިހިނެއް އެތަނަށް ވަންނަނީ...؟" ނަޒީމު ހައިރާންވިއެވެ.
"އޭނާ ފިރިމީހާ އެ ބައުޅެއެއްނު އައިސް. އޭނައާ މިގޭ ޝުހާދު އާ ދެމީހުން އެކަން ކުރަނީއެ. އިރުކޮޅަކުން ނަގާނޭ ދޯ! ސައިބޮއެގެން ރިޒޫދާނީ އަހަރުން ގެއަށޭ"
"ކީއްވެތަ ނުހާ؟ ތީ ރިޒޫގެ ވަކީލުތަ؟" އިބުރާހިމް ދިމާކޮށްލިއެވެ. އަނގަޔަށް ކޭކުކޮޅެއް ލަމުންނެވެ.
"ކީއްވެތަ ސަމީގެ ވަކީލަކަށް ނުވީ؟" އިބްރާހިމް އަނެއްކާ ވެސް ޖޯކު ޖަހައިލިއެވެ.
"އެއީ ތީނދަ ނަޒީގެ ވަކީލެއް ނޫންތަ؟" ރިޒުލާ ބޭނުންވީ އެމީހުންގެ ސަކަރާތުގައި ބައިވެރިވާށެވެ. ކާގެ ތެރޭގައި އަޑުގަދަވެ ހުނުމުގެ އަޑުން މުޅި ތަން ގުގުމާލިއެވެ.

ގޭތެރޭ އަޑުގަދަވާތީ ވަދީފާ ބޭރަށް ނުކުމެ ބަލައިލިއެވެ. އޭނާގެ ކަޅި ފުރަތަމަ ވެސް އަމާޒުވީ ބިނދިބިނދިފައި ހޭން އިން ރިޒުލާއަށެވެ. އެހެންވެ ނަރުގަނޑު ކޮޅުގައި ޖެހުނެވެ. ރުޅިވެރި ނަޒަރަކުން ރިޒުލާއާ ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. ބުޅާ މަސްގަނޑަށް ބަލަން ހުންނަ ބީދައިންނެވެ. މިނިކާވަގު ސާރިދޯޅަށް ދަހިވެތި ނަޒަރަކުން ބަލައިލާހެންނެވެ. ދެ ލޯ ކަނިކޮށްގެން މޫނު ކުނިކޮށްގެންނެވެ. އޭނާ ނުރުހޭ ކަމެއް ހިނގަމުންދާތީއެވެ.

"ކަލޭމެން ނޫނަސް މިގޭގަ މީހުން ތިބި ކަން ހަނދާންނެތީ ތަ؟ އަޑުގަދަ ކަމުން ނިދައި ނުލެވިގެން މި ނުކުތީ. ރަނިކަމަނާގެ ތިޔަ އައިންވަރު ގެނެސްގެން އެހެން މީހުންނަށް ތުރާ ދޭނެކަމެއްނެތް. މާ މައްޗަށް ދަންޏާ އަތުންފައިން ގޯސް ހެދިދާނެ! ހީވަނީ އަމާގެ ގެދޮރަށް ވަދެ ތިބިހެންނެއްނު. ވިއްސިގެންދާން އުޅޭ" ވަދީފާގެ ކެތްތެރިކަން ކޮޅުންލިއެވެ. ބާރުބާރަށް ރުޅިވެރި ރާގެއްގައި އަޑުފަޅައިގެން ދިޔައީ އެހެންވީމައެވެ.

އެއާއެކު އެންމެން ހިމޭންވިއެވެ. ރިޒުލާގެ މޫނަށް އެންމެނަށް އެއްފަހަރާ ބަލައިލެވުނެވެ. އެ މޫނުމަތީގެ ކުލަވަރު ބަދަލުވެ އިސްޖަހައިލެވުނެވެ. އެއްވެސް އިހުތިޔާރަކާ ނުލައި އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފޭދިގަތެވެ. އޭނާއަށް ދެ ލޯ މަރައިލެވުނީ އިހުތިޔާރުން ބޭރުގައި ނަމަވެސް ކަރުނަތިއްކެއް އެ ފުން ދެލޮލުގެ ތެރެއިން ނިކުމެދާނެތީއެވެ. އެހެނަސް އެ ކަން ވެސް ނާކާމިޔާބުވީއެވެ. އެއްވެސް ބާރެއް ނެތް އެ ދިގު އެސްފިޔަތައް ފޫދުއްވަމުން ކަރުނަތައް ނިކުމެ ކޯތާފަތް މައްޗަށް ބަންޑުންވާން ފެށީއެވެ.

ނުހާގެ ލޮލުން އިބްރާހިމާއި ނަޒީމަށް އިޝާރާތްކޮށްލީ އަވަސް އަވަސްކޮށްލައިގެން ނިކުތުމަށެވެ. އޭނާއަށް ހަނގުރާމައިގެ ކޮޅުމަތި ފެންނަން ފެށުމުންނެވެ. އިބްރާހިމާއި ނަޒީމު ބޯން އިން ދަޅު ހިފައިގެން ދަބަސް ކޮނޑަން ހެޔޮކޮށްލަމުން ބޭރަށް ނުކުންނަށް މިސްރާބު ޖެހިއެވެ. ވަދީފާގެ މޫނަށް ފުން ނަޒަރަކުން ބަލަމުންނެވެ.

"ފާޑަށް ބަލަހައްޓައިގެން އެބަ ދެ އެއްނު. ކަލޭ ހީކުރީ ތީ މާ ރީތި މީހެއް ކަމަށްތަ؟ ދޮންކުލަވަރެއް ހުއްޓަސް ތީ މީހަ ބުރިއެއް. ހިތަށް އަރަނީދޯ މާ ރީތި ކަޅިއެއް ކަމަށް. މަ ނޫޅެން ބަލާކަށް. ޗީ ޗީ ހީވަނީ ބުޅަލެއްހެން. ކަލޭއަށް ބަލާނީ އެ ހަވަރު ތުންފުހި. ލޯބިވާ ރިޒުލާ ހަމީދު" ވަދީފާގެ ރުޅިގަނޑަށް އަލިފާން އަޅައިލީ އިބްރާހިމް މާ ނޫން ގޮތަކަށް ބަލަހައްޓައިގެން ނިކުންނަށް ހިނގައި ގަތުމުންނެވެ.

"ކަލޭ ހީނުކުރާތި ޒީލަ ގަދަކަމަކީ ހުރިހާކަމެއްގެ ބާރުވެރިކަމޭ. މީދަލަކަށް ދުވަހެއް އައްޔާ ހިނކަންޖަކަށް ވެސް ދުވަހެއް އަންނާނެ. އަޑުގަދަ މީހާ ރުއްގިނަ ޒަމާން ހިނގައްޖެ. މީ ޤާނޫނީ ޒަމާން. ގެވެށި އަނިޔާގެ ޤާނޫނެއް އޮތްކަން ހަނދާންކުރާތި! ފާރަވެރިވެ އަހަރުމެން ތިބޭނަން. ޓިޝޫ ބޮޑީގެ ހުރިހާ ޓިޝޫއަކީ އެއްވަރަކަށް ހަޑިވާނެ އެއްޗެއް ނޫން. އެކަމަކު ހަޑިވާ ޓިޝޫ ހިތަށް އަރާނެ އަބަދު ވެސް ހުރިހާ ޓިޝޫއަކީ އެއްގޮތަކަށް ކަންތައްވާނެ އެއްޗެކޭ" އިބްރާހިމް މޫނުމަތިން ރުޅިވެރިކަން ހާމަވަމުން ދިޔައެވެ. "ކަލޭ ފޮށޭނީ ކަލޭއާ ފޮށޭ، ކަލެއާ މޮށޭ މީހުންނާ. މަ ކަލެއަށް ނުފޮށެން"

ވަދީފާގެ މޫނަށް ޝަހާދަތް އިނގިލި އަމާޒުކުރަމުން އެއް ފަހަރާ އަމުނައިލިއެވެ. ނުވިސްނޭ ތުއްތުކުއްޖާއަށް ވެސް ވިސްނޭނެ ފަދަ ރާގެއްގައެވެ. އެއާއެކު އެ ދެމީހުން އަވަސް އަވަހަށް ބޭރަށް ނުކުތެވެ. އެ ދެމީހުންގެ ފަހަތުން ސަމީނާ ވެސް ބޭރަށް ނުކުތެވެ. ނުހާ ބޭނުންވީ މަޑުކުރާށެވެ. ހަނގުރާމައިގެ ވަގުތުގައި ރިޒުލާ އެކަނި ކޮށްލަން ބޭނުން ނުވާތީއެވެ. ސަމީނާ ވެސް އެގޮތަށް އިޝާރާތްކޮށްފައި ދިޔުމުންނެވެ.

"ކަލޭއަށް ބައިވަރުދޭތީ ގެއަށް ކޮތަޅު ބޮނޑިވައްދާތީ ދޯ ނުދެވިފަ ތިއިނީ. އާނ އެހެންނު ވާނީ ރަނިކަމަނާއަށް މިގެއަށް ފިރިހެނަކު ވައްދާނެ ފުރުޞަތެއް އަހަރެން ނުދޭވިއްޔަ. ލާރި ވެސް ދޭނެ. ޚަރަދު ވެސް ކުރާނެ އެހެން ފުރުޞަތުތައް ފަހިކޮށްދެންޏާ. ހަމަ ރަނގަޅަށް އަހަންނަށް ހީވަނީ ކަލޭމެންގެ ތިޔަ ގުރޫޕަކީ އޭގެ ގުރޫޕެއް. އެހެންނޫނީ ދެ ފިރިހެނުން ފަހަތުލައިގެން އަބަދާ އަބަދަކު ނޫޅޭނެ" ވަދީފާ މަޑުމަޑުން މޭޒާ ކައިރިއަށް ޖެހިލިއެވެ.

ހެދިކާތަކުގެ ވަސް ނޭފަތުގައި ޖެހުމުން ފުން ނޭވާއެއް އެތެރެއަށް ދަމައިލީ ބަނޑުހައިވެފައިވާ ބުޅަލެއް ރިހާކުރުގެ ވަސްޖެހުމުން ނޭވާ އެތެރެއަށް ދަމައިލާ ބީދައިންނެވެ. މަޑުމަޑުން މޭޒުމައްޗަށް ކަޅި ހުއްޓާލައި ނަޒަރު ހިންގައިލީ އާޒާތެއްގެ މެޝިނަކުން މޭޒުމަތި ސްކޭން ކޮށްލާ ޒާތަށެވެ. ހީވަނީ ފަހުގެ ފަންނިއްޔާތުގައި އީޖާދުކޮށްފައިވާ ސުމޭކީ އާލާތެއް ހިންގައިލި ހެންނެވެ.

ނުހާ އިނީ އަނަގައިން ބަސް ހުސްވެފައެވެ. އޭނާއާ މެދު އެހާ ބޮޑު ތުޙުމަތެއް ކުރާތީއެވެ. ވަދީފާގެ ޢަމަލުތައް ހުރިގޮތުންނެވެ. ރިޒުލާ ވެސް އިޙްތިޔާރުކުރީ ހިމޭން ކަމެވެ. އެހެނަސް އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާ މިއަދު ވަރަށް ލަދު ގަނެއްޖެއެވެ. ރަޙްމަތްތެރިންގެ ކުރިމަތީގައި އޭނާގެ އަގުވެއްޓުމުންނެވެ. އެހެންވެ މަޑުމަޑުން ގިސްލުން އިތުރުވަމުން ދިޔައެވެ. އެކަން ހިތަށް އުނދަގޫ ކުރަމުން ދިޔުމުން އިތުރަށް އަސަރުކުރަމުން ދިޔައެވެ.

"އަދި ފާޑަށް ބަލަން އެބަ އިނެއްނު؟ ކަލޭ ހީކުރީ މާ ޒާތަކަށް ބެލީމަ މަ ބިރު ގަންނާނެ ކަމަށްތަ؟ ކަލޭ ވެސް މިތަނުން ވިއްސިގެންދާން އުޅޭ. ކަލޭ ދަމުން ރަނިކަމަނާ ވެސް ގޮވައިގެންދޭ. އެހެންނޫނީ މަ އަތުންފައިން ގޯސް ހެދިދާނެ" ވަދީފާ މަޤްޞަދު ޙާސިލުވީތީ އޭނާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

ނުހާ ކޮޅަށް ތެދުވެލަމުން ދަބަސް ކޮޑުގައި އަޅުވައިލިއެވެ. ޒާތެއްގެ ބިރުވެރިކަމެއް ހިތަށް ވެރިވަމުން ދިޔައެވެ. ދެއަތް ދެއަތާ ކުޅެވެމުން ދިޔައެވެ. އަވަސް ހަރަކާތްތަކެއް ކުރެވެމުން ދިޔައެވެ. ނުހާ މަޑުމަޑުން ރިޒުލާގެ ކޮނޑުގައި އަތްބާއްވާލިއެވެ. ރިޒުލާ އިސްއުފުލާ ބައިލިއެވެ. ނުހާ ރައްދުގައި ބޯ ތިރިކޮށްލަމުން ތުންފަތަށް ބާރުކޮށްލަމުން ހިތްވަރު ލައިދިނެވެ. ރިޒުލާގެ ރަތްވެފައިވާ ދެ ލޮލުން ކަރުނަތައް ކޯތާފަތްމަތިން ފައިބަމުން ދިޔައެވެ. މަޑުމަޑުން ކޮޅަށް ތެދުވިއެވެ.

"އޭ އަދި ތިހާ ފަސޭހައަކުން ނުދެވޭނެ. ކަލޭ ކުރި މުޑުދާރު ކަލޭ ފިލުވައިފަ ދާތި! އަދި ތަށިތައް އުކާލައިފަ ދާން އެބައުޅެއެއްނު. ތިޔަ މޭޒުމަތި ސާފުކޮށްފަ ބާކީ ހުރިހާ ހެދިކާއެއް ތިހަރަ ބަތްކާ ތަށްޓަށް އަޅާފަ އަހަރެންގެ ކޮޓަރިއަށް ގެނޭ" ވަދީފާގެ ރާގު ބަދަލުވަމުން ދިޔައެވެ. މޭޒުމަތީ ހުރި ހެދިކާގެ ރަހަ ރަނގަޅުކަމަށް އަމިއްލައަށް ވަޒަންކޮށްލެވުމުންނެވެ. އެހެންވެ އޭނާ ބޭނުންވީ އެ ދެމީހުންނަށް އަޑުލުމުގެ ބަދަލުގައި މަޑުމައިތިރި ގޮތް ދައްކާލާށެވެ. ވަދީފާ ދެތިން ފަހަރަކު ބަލައިލުމަށްފަހު ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

"ހިނގާ ސާފުކޮށްލައިފަ އަވަހަށްދާން" ނުހާ ބޭނުންވީ އެގެއިން އަވަހަށްދާށެވެ.
"ހެދިކާތައް ކޮތަޅަށް އަޅާ. ހުރިހާ ހެދިކާތަކެއް ގެންދާނީ ތިގެއަށް. ކޮންމެ މީހަކު އެންމެ ހެދިކާއެއް ނެގިގޮތަށް ތިހުރީ"
"އޭރުން ކަމަކު ނުދާނެ އަނެއްކާ ރުޅިގަނޑުބާލާނީ ރިޒޫއަށް" ނުހާ ރިޒުލާއަށް ދެކޮޅު ހެދިއެވެ.
"ހެޔޮ! ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ފަރުވާލެއްނެތް. ދަނގަޑު ކެނޑޭނީ ދަނގަޑުން. ވިރޭނީ ވިރޭ އެއްޗެއް. ހުރިހާ އެއްޗެއް ހޫނަކުން ނުވިރޭނެ"

ނުހާ އިނީ ރިޒުލާއާއެކު ރަށުގެ ހިއްކި ސަރަހައްދުގައެވެ. މީހާގެ މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. މާޔޫސްކަން ވެރިވެ އިންތިހާއަށް ކަންބޮޑުވެފައެވެ. ދިރިއުޅުން މަތި ފޫހިވާން ކައިރިވެފައެވެ.
"ނުނަގާތަ ފޯނެއް؟" ނުހާ ކެތްމަދުވެގެން އަހައިލިއެވެ.
އާއެކޭ ބުނުމުގެ ގޮތުން ރިޒުލާ ބޯޖަހައިލިއެވެ.

"މަސްބާނަން ދިޔައީ ކަންނޭނގެ ދޯ. މާދަމާ ފުރާތީ އެހެންވެ ޕިކްނިކް ހަދައިލީ ކަންނޭނގެ. އެކަމަކު..." ނުހާ ބަލައިލީ ރިޒުލާގެ މޫނަށެވެ. އެ މޫނުގެ ރީތިކަން ވަނީ ގެއްލިފައެވެ. ހަރުދަނާ ސިފަތަކެއްގެ ކުލަތައް މޫނުމަތިން ހަމަވަމުން ދިޔަ ނަމަވެސް އެކަމަށް ހުރަސްއަޅަނީ މަޑުމޮޅި ކަމެވެ. މާޔޫސް ކަމެވެ. ހާސްވުމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.

"ކިހިނެއް އަހަރެން މި ހުރިހާ ކަމަކާ ކުރިމަތިލާނީ. އަހަރެންގެ ހިތް މުޅިން... ހިތް ކުދިކުދި ވެދާނެ! ހަމަޖެހޭ ދިރިއުޅުމެއްގައި ހުންނަން ޖެހޭ އެއްވެސް ކަމެއް އަހަރެންގެ މި ދިރިއުޅުމުން އެބަ ފެނޭތަ ނުހާ؟ ނިކަން އަހަންނަށް ވިސްނައިދީބަ! އަހަންނަށް ހިތްވަރުދީބަ. ނުހާ ނޫނީ އަހަންނަށް... އަހަންނަށް އޯގާތެރިވާނެ ފަރާތެއް އެބަވޭތަ؟" ރިޒުލާއަށް ގިސްލެވެން ފެށުނެވެ. އެތެރޭގައި އުތުރި އަރަމުން ދިޔަ ޖަޒުބާތުތައް ހާމަވަމުން އެކަން ފާޅުވަމުންނެވެ. ނޭނގޭ މަޑުމަޑުން ތުރުތުރެއް އޭނާގެ ހަށިގަނޑުން ފާޅުވަމުންނެވެ. ކޯތާފަތާއި ތުންފަތުން އެ ތުރުތުރުގެ އަސަރުތައް ހާމަވަމުން ދިޔައެވެ. ލޮލުގެ އެސްފިޔަތައް އަވަސްވެ ކަރުނައިގެ ކޯރަކުން ކަރުނަތައް ބަންޑުން ވަމުން ދިޔަ ކަހަލައެވެ. ކޯތާފަތްމަތިން ކަރުނަތައް ފައިބަމުން ދަތްދޮޅިއަށް ވާސިލުވަމުން ދިޔައިރު ހީވަނީ ފަރުބަދައަކުން ދުރަށް ދެމިގެންދާ ކޯރަކުން ފެންތައް އޮހެމުން ދިޔަ ހެންނެވެ.

"ރިޒޫ ހިތްވަރުކުރޭ! އަހަރެން މިހުރީ ރިޒޫއާއެކު. އެކަކު ނެތަސް ރިޒޫއަށް އަހަރެން އެހީވާނަން. މީހުން ބުނެއެއްނު އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ. އެކަކަށް ވެސް އަބަދު ހިތާމަ ކުރާކަށް ނުޖެހޭނޭ. ރިޒޫއަށް ވެސް ތިޔަ މޮޅިން ސަލާމަތްވާނެ ދުވަހެއް އަންނާނެ" ނުހާ ރިޒުލާގެ ގާތަށް ޖެހިލަމުން ބޮލުގައި ފިރުމާލަ ދިނެވެ. އޯގާތެރިކަމާއި ހަމްދަރުދީން ފުރިގެންވާ ފަދައިންނެވެ. މަޑުމަޑުން ރިޒުލާގެ ބޯ ގެންގޮސް ނުހާގެ ކޮނޑުގައި ބާއްވައިލިއެވެ. ރަޙްމަތްތެރިއެއްގެ ފުރިހަމަ ހިމާޔަތުގެ ކުޑަ ނުހާގެ ފަރާތުން ރިޒުލާއަށް ހުޅުވާލި ކަހަލައެވެ. ނުހާގެ ފިރުމުންތަކުން ރިޒުލާގެ ނަފުސަށް ތާޒާކަން ގެނުވަމުން ދިޔައެވެ.

"އެކަމަކު... ނުހާ! ކިހިނެއް މިހާ ފުން އަޑިގަނޑަކުން އަހަރެން ސަލާމަތްވާނީ؟ އަހަރެން އަރަން އޮތީ ފަރުބަދައަކަށްވުރެ އުސް ތަނަކަށް. މި ފުން އަނދިރި ވާދީ ތެރެއިން ސަލާމަތްވާން އެކަމާ ހަނގުރާމަ ކުރަން މިޖެހުނީ އެކަނިމާ އެކަނި. ނުހާއަށް ވެސް އެނގޭނެ މި ފުންވާދީ ތެރޭގައި... މިތަނުގައި އެކިޒާތުގެ ސުންޕާ ޖަނަވާރުތަކާ ވިހަ ގަދަ ހަރުފައިގެ އައިންވަރު އެބައުޅޭކަން. ނިދިފަ ހޭލާއިރަށް ހަރުފަ އެއްގެ އުނދަގޫ ނުފޯރާނެ ކަމެއް ނޭނގެ. ކަމަކުން ސަލާމަތްވެ މިންޖުވާ އިރަށް އަނެއްކަމެއް ކުރިމަތިވޭ" ރިޒުލާ މަޑުމަޑުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ނުހާގެ ފިރުމުންތަކުން އޭނާ ހަމައަކަށް އެޅެމުންދާ ކަމުގެ އަސަރުތައް ވާހަކައިން ހާމަވަމުން ދިޔައެވެ.

"ކެތްކުރޭ! ކެތްތެރިކަމުގެ މޭވާ ފޮނިވެފައި މީރުވާނެ. އަހަރުމެން އިންސާނުންނަށް އޮތީ އެ މޭވާ އަޅާނެގަސް އިންދާ ހެއްދުން! މޭވާ އެޅުމީ އެ ފަރާތުގެ މިންވަރުން" ނުހާ މަސައްކަތްކުރަމުން ދިޔައީ ރިޒުލާއަށް ހިތްވަރުދީ އޭނާގެ ހިތަށް ހަމަޖެހުން ގެނުވާށެވެ. ވާހަކަދައްކައިގެން ރިޒުލާ ހަމައަކަށް އެޅުވުމީ ނުހާ ނިކަން ފަސޭހައިން ކުރާކަމެކެވެ. އެނާ އެކަން ކުރާނެ އުޞޫލުތައް ދަސްކުރީ ވެސް ހަމަ ރިޒުލާގެ ފަރާތުންނެވެ.

"ތިޔަ ބުނާ މޭވާއެއްގެ އިންތިޒާރު ކުރެވޭތީ މި ހުރިހާ ކަމަކަށް ކެތް މިކުރަނީ. ނުހާ އަހަންނަށް ތިޔަދޭ ހިތްވަރަކީ އަހަރެން މި ކަމުގައި ސާބިތުވުމަށް ލިބިދޭ ހިތްވަރަކީ" ރިޒުލާ ހަމަޖެހިލަމުން ބޯ ހިއްލައިލިއެވެ. އޮއްސެމުން ދިޔަ އިރަށް ނަޒަރު ހުއްޓައިލަމުން ފުން ނޭވާ އެއް ދޫކޮށްލިއެވެ.

"އިރުއޮއްސޭ ވަގުތު އެހެރެ ފެންނަނީ ހާދަހާވާ އަސަރުގަދަ ކުލަތަކެކޭ ހިތަށް އަރާ. ދުނިޔެމަތި ރަންކުލައިން ޖަރީކުރުވާ ހިމޭންކަމުގެ ޝާހިލުން ހިމޭންކަމަށް ދަޢުވަތުދެވޭ ދިނުމަކީ ހާދަހާވާ ފުން މާނަތަކެއް އެކުލެވިވާ ކަންކަމެކޭ ދޯ!" އެއާއެކު ރިޒުލާ ހިމޭންވެލަމުން ހަމަޖެހިލިއެވެ. އެ ރީތި ވަށް މޫނުން ތާޒާ ކަމުގެ ކުލަވަރު ވިދަން ފެށީ އެހައި ހިސާބުންނެވެ. ކަރުނައިން ތެމެމުން ދިޔަ އެސްފިޔަތައް ނިއުޅި މިނިވަންކަން ހޯދައިގަތީ އެ ފުރުޞަތު ލިބުމުންނެވެ. ރިޒުލާގެ ކޯތާފަތުގައި ދިގު ދެމެމުން ދިޔަ ކަރުނައިގެ ކޯރަށް ލިބުނު ކުއްލި ސިހުމާއެކު ދައުރާނަވުން ހުއްޓުންނެވެ.
"ރިޒޫ އަހަންނަށް ވާހަކައެއް ކިޔަދޭން އެއްބަސް ވެގެން ދޯ ތި ހުންނަނީ؟ ކޮބައި؟" ނުހާ އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނުކަން އޭނާ ދެނެގަތެވެ.

"އެއްކަލަ ދޯ! ތި ވާހަކަ. އާނ މިއަދު މީ ތިކަމަށް އެންމެ މުނާސަބު ވަގުތު ކަންނޭނގެ" ރިޒުލާ ބަލައިލީ ނުހާގެ މޫނަށެވެ. އެ މޫނުން އޭނާ ކަމެއް ދެނެގަންނަން ބޭނުންވީ ކަންނޭނގެއެވެ. ނުހާ ވެސް މަޑުމަޑުން ނިތް އަރުވައިލަމުން ދެ ލޯ ކުނާކޮށްލިއެވެ. އާއެކޭ ބުނާކަހަލަ ހަރަކާތެއް ދައްކައިލަމުންނެވެ.
"ފަށަންވީ ދޯ؟"

ޖަވާބުގައި ނުހާ ބޯ ހަރަކާތް ކޮށްލިއެވެ. އާއެކޭ ބުނާފަދައިންނެވެ. އެކަމަށް އެދިއެދި ހުރިކަން ހާމަކޮށްދެމުންނެވެ.
"އެއީ އަހަރެން ރަށު ސްކޫލުގައި އުޅުނު ދުވަސްވަރު. އޭރު ރަށު ސްކޫލުގައި ކިޔަވައިދޭނީ ގްރޭޑް ހަތަކާ ހަމައަށް. ދެފަހަރަކު ހައެއްގަ ތަކުރާރުވި. މަންމަމެން ބޭނުންވީ އަހަރެން ކިޔަވަން މި ރަށަށް ފޮނުވަން. އެއީ ގްރޭޑް ހައެއްގަ އުޅޭތާ ދެވަނަ އަހަރު. އަހަރެން ބެހެއްޓީ މަންމަގެ ވަރަށް ގާތްރައްޓެއްސެއްގެ ގޭގައި. އެއީ މިރަށު މޮހޮދޭވާދީ މުޙައްމަދު އަދުލީ. އެއްކަލަ މޮހޮދޭ. މޮހޮދޭ އަކީ އޭރު މިފްކޯ ބޯޓުގައި އުޅުނު މީހެއް. ކޭޝިއަރެއްގެ ގޮތުގައި އޭނާ ބޯޓުގަ އުޅުނު އިރު އަހަރުމެންގެ ރަށަށް އޭނާ ވަރަށް ގިނައިން ފައިބާނެ. އެހެންވެ މަންމައާ ވަރަށް ރައްޓެހިވާނެ" ނުހާގެ މޫނަށް ފުން ނަޒަރަކުން ރިޒުލާއަށް ބަލައިލެވުނެވެ.
ޖަވާބުގައި ނުހާ ކުރިއަށް ގެންދާށޭ ބުނާކަހަލަ އިޝާރާތަކުން މޫނަށް ބަދަލުތަކެއް ގެނުވައިލަމުން ބުމަ ހަދައިލިއެވެ.

"އެއީ އަހަރެންގެ ޙަޔާތުގައި ވެސް އާއިލާއާ ވަކިން އެހެން ރަށެއްގަ އުޅެން ޖެހުނު ފުރަތަމަ ފަހަރު. އެހެންވެ ވަރަށް ޖެހިލުންވެ ބިރުން އަބަދުވެސް ހުރެވެނީ. އަހަރެން މިކޮޅަށް ގެނެސް ލައިފަ ސްކޫލުގެ ކަންކަން ހަމައަކަށް އެޅުމުން މަންމަ ރަށަށް ދިޔައީ. އެހައި ހިސާބުން މުޅި މީހާއަށް އެކަނިވެރިކަން ނޫން އެހެންކަމެއް އިޙްސާސެއް ނުވި. މުޅިން ވެސް ނުދަންނަ ކަންތައްތައް. އަލަށް ތަޖުރިބާކުރަން ޖެހުނީ ދުވަހަކު ވެސް އިޙްސާސް ވެސް ނުކުރާހާ ގިނަ ކަންތައްތަކެއް. އަހަރެންގެ އެ ކުޑަކުޑަ ސިކުނޑިއަށް ހީވަނީ ޒާތެއްގެ މުސީބާތަކާ ކުރިމަތިލައިގެން އެކަމުން މިންޖުނުވެގެން އުޅެން ޖެހުނުހެން" ދޭތެރެ ދޭތެރެއިން ވާހަކަ މެދުކަނޑާލަމުން ރިޒުލާ ވާހަކަ ކުރިއަށްގެންދިޔައެވެ. މަޑުމަޑުން ވާހަކައިގެ ތެރެއަށް ގެނބެމުން އެ ކަން އަޑާއި ރާގުން ފޭދެމުން ފޭދެމުން ދިޔައެވެ.

ނުހާގެ ވެސް ހާލަކީ އެއީއެވެ. އޭނާގެ މުޅި ސިކުނޑިވަނީ ރިޒުލާގެ ވާހަކަތައް އަޑުއަހަން ހުސްކޮށްލާފައެވެ. ކަންފަތްވަނީ އެހެން އަޑުތަކަށް ބީރު އެއްޗެއްކަމު ހަދައިފައެވެ. އެނާއަށް ސިފަވަމުން ހިތުގައި މަންޒަރުތައް ކުރެހެމުން ދިޔައީ ރިޒުލާ ދައްކަމުން ދިޔަ ވާހަކަތަކުގެ ތަސްވީރުތަކެވެ. ކުލަފަނޑުވެފައި ވީނަމަވެސް އޭނާގެ ހިތުން މަންޒަރުތައް ސާފުކޮށް ފެންނަމުން ދިޔަ ކަހަލައެވެ.

(ނުނިމޭ)
ހިޔާލު

ދޮން

ތިޔަބައި ނާހިސްގެން މިއުޅެނީ.....

އަޅޭ

ހާދަ ލަހޭ