Kara Dhanduthahakugai Fenboduve, Rodha ah Karaluge Aguboduvun Ekasheegenvey
image
ކަރަލަކީ ދިވެހިން ގިނައަދަދަކަށް ރޯދަ މަހު ބޭނުންކުރާ މޭވާއެއް، ފައިލް ފޮޓޯ: އަވަސް
1 ކޮމެންޓް
 

ލ. އަތޮޅަށް ބޯކޮށް ވާރޭވެވެހި ދަނޑުތައް ހަލާކުވުމުގެ ސަބަބުން ރޯދައަށް ކަރަލުގެ އަގު ބޮޑުވުން އެކަށީގެންވޭ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ދަނޑުވެރިކަން ކުރާ ބައެއް ރަށްރަށުގެ ދަނޑުތައް ހަލާކުވެ، އަންނަ ރޯދަމަހަށް ކަރަލުގެ އަގަށް ބަދަލުއައުން އެކަށީގެންވާކަމަށް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވެއްޖެއެވެ.
ރޭ މޯލްޑިވިސް ނެޝަނަލް ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި، އާތް އަވާ މޯލްޑިވްސް އާއި، އީކޯ ކެއާ މޯލްޑިވިސްގެ އިތުރުން އެމެރިކަން ސެންޓަރުގެ އެހީތެރިކަމާއެކު ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން، ފިކުރީ ވިދާޅުވީ މީގެ ދެ ހަފުތާކުރިން ވާރޭވެހި ލ. އަތޮޅުގެ ބައެއް ރަށްރަށަށް ގެއްލުންވެފައިވާކަމަށެވެ.

"މީގެ ދެ ހަފްތާކުރިން ވާރޭ ލައިގަނެގެން. ތިން ރަށެއް ވަރާށް ބޮޑަށް ފެން ބޮޑުވެގެން ދިޔަ. އޭގެ ތެރެއިން އެއްރަށެއް ލ. އަތޮޅު އިސްދޫއަކީ. އިސްދޫއަށް ވެހުނު ވާރޭގަ އަޅުގަނޑުމެންނަށް އެބައެނގޭ އިސްދޫގެ ކަރާދަނޑުތައް ގާތްގަނޑަކަށް ހަލާކުވެގެން ގޮސްފިކަން. އޭގެ މާނައަކީ މި ރޯދަމަހު ތި ބޭފުޅުންނަށް ބާޒާރަށްގޮސް ކަރާގަންނައިރު ކަރަލުގެ އަގަށް އަސަރު ފޯރާނޭ މި ވެހުނު ވާރޭއިން،" ފިކުރީ ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވީ މީގެ ކުރިން ފެބުރުއަރީ މަހަކީ ދިވެހިރާއްޖެއަށް ބޯކޮށް ވާރޭ ވެހޭ މަހެއް ނޫންކަމަށެވެ. ފިކުރީ ވިދާޅުވީ މިފަދަގޮތަކަށް ދިވެހިރާއްޖޭގައި އާދަޔާހިލާފަށް ވާރޭވެހެން މެދުވެރިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންކަމަށެވެ.

މީޓްރޮލޮޖީން ވެސް ވަނީ މިމަހު 15 ވަނަ ދުވަހު ލ. އަތޮޅު ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓުވެސް ނެރިފައެވެ.



މީގެ ކުރިން ދިވެހިރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ 1991 ވަނަ އަހަރު 24 ގަޑީރު ތެރޭގައި ކާޑެއްދުއަށެވެ. އެއީ 224 މިލިމީޓަރުގެ ވާރޭއެވެ. ނަމަވެސް 2015 ވަނަ އަހަރު ހަތަރު ގަޑީރުގެ ތެރޭގައި 228 މިލިމީޓަރުގެ ވާރޭ އައްޑޫ ސިޓީއަށް ވެހިފައިވެއެވެ. އަދި 2018 ވަނަ އަހަރު 12 ގަޑީރު ތެރޭގައި މާލެއަށް 223.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ބައެއްފަހު ބޯކޮށް ވާރޭވެހި އެކަން ކާރިސާއަކަށްވާ މިންވަރު މިވަނީ އިތުރުވެފައެވެ.

"މާލެއަށް ވެހުނު ވާރޭގެވެސް ބޮޑުއަދަދެއް ވެހުނީ މެންދުރުފަހު އެގާރައާ، ތިނެކާ ނޫނީ ހަތަރަކާ ދެމެދުގަ." ފިކުރީ ވިދާޅުވިއެވެ. 2018 ވަނަ އަހަރު ޑިސެންބަރުމަހު މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ސަރުކާރުން ވަނީ އެއީ ކާރިސާއެއްކަމަށްނިންމާފައެވެ.

އާތް އަވާ މޯލްޑިވިސްގެ ފަރާތުން ދިވެހިން ތިމާވެއްޓާމެދު ހޭލުންތެރިކުރުމަށް މިމަހުގެ ތެރޭގައި ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް އިއުލާނުކޮށްފައެވެ.

މިއަހަރު ދިވެހިރާއްޖޭގައި އާތް އަވާ ފާހަގަކުރުމަށް ބާއްވާ މެއިން އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ، މާޗް 30 ވާ ހޮނިހިރު ދުވަހުގެރޭ 8:30 އިން 9:30 އަށް ހދ. ކުޅުދުއްފުށީގައެވެ. ނަމަވެސް މުޅި ރާއްޖޭގައި އާތް އަވާ ފާހަގުރާނެއެވެ. މީގެ އިތުރުންވެސް އާތްއަވާއާ ގުޅޭ އިވެންޓުތައް މިމަހު މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހިޔާލު

ާހުސޭނުބެ

ތީ ކޮންމެ ރޯދަމަހެއްގެ ކުރިން ކުރާ ވިއްސާރައެއް..