Blackmail ge thuhumathu kurevunu Aal akee mihaaru bully kurumaa dhekolhu ambassador eh noon
image
އާލް: އޭނާގެ މައްޗަށް ސީރިއަސް ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ.-- ފޮޓޯ: ޓްވިޓާ/އާލް ނަސީރު
0 ކޮމެންޓް
 

ބްލެކްމެއިލްގެ ތުހުމަތު ކުރެވުނު އާލް އަކީ މިހާރު ބުލީ ކުރުމާ ދެކޮޅު އެންބެސެޑަރެއް ނޫން

ސްކޫލު މާހައުލުގައި ބުލީކުރުމާ ދެކޮޅަށް އަމަލުކުރާނެ އުސޫލު އެކުލަވާލުމަށް، އެފަދަ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރަން އައްޔަން ކުރި އާލިފް ނަސީރު (އާލް) ބައެއް އަންހެން ކުދިން ބްލެކްމެއިލް ކުރުމާއި، ފުރައްސާރަ ކުރުން ފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް، މިހާރު އޭނާ އަކީ އެންޓި ބުލީން އެމްބެސަޑަރެއް ނޫން ކަމަށް އެޑިއުކޭޝަނުން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވީ އެ ތުހުމަތު ތަކާ އެކު އޭނާ އަކީ މިހާރު އެ މިނިސްޓްރީގެ އެންބެސެޑަރެއް ނޫން ކަމަށެވެ. އާލްގެ މައްޗަށް ކުރެވުނު ތުހުމަތު ތަކާ އެކު އޭނާ މީގެ ކުރިން ވަނީ މަސްއޫލިއްޔަތުން އެކަހެރި ކޮށްފަ އެވެ.

ނަމަވެސް އޭނާ އަކީ މިހާރު އެންޓި ބުލީން އެމްބެސަޑަރެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެގޮތުން އެ މަގާމުން އޭނާ ވަކިކުރީކަން ނުވަތަ އަމިއްލަ އަށް ވަކިވީ ކަމެއް ސާފެއް ނުވެ އެވެ.

ޔޫޓިއުބްގައި ތަފާތު ވީޑިއޯތައް ޝާއިއުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި އާލް، ބުލީ ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ އެމްބެސެޑަރަށް އައްޔަން ކޮށްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އަދި އެއާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ އާލް އަށް ސީރިއަސް ތުހުމަތުތަކެއް ކޮށް، އޭނާ އެ މަގާމުން ވަކިކުރުމަށް ގޮވާލާފަ އެވެ.

އެއާ އެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޓްވިޓާގައި ވިދާޅުވީ، އާލް އެ މަގާމަށް އައްޔަން ކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އިތުބާރުކުރެވޭ މުވައްޒަފުންގެ ލަފާގެ މަތިން ކަމަށެވެ. އަދި އެ މަގާމަށް އާލް ހަމަޖެއްސުމުގެ ކުރިން ބެކްރައުންޑް މައުލޫމާތު ހޯދި އިރު، ކަންބޮޑުވާންޖެހޭފަދަ އެއްވެސް ކަމެއް އޭރު ފެނިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން، އާލް އަކީ މިހާރު އެ މިނިސްޓްރީގެ އެންބެސެޑަރެއް ނޫން ކަމަށް ބުނި އިރު، ޔޫޓިއުބްގައި އޭނާ ހަދާ ވީޑިއޯތަކަށް އެއްބާރުލުން ދޭ ބައެއް ކުންފުނިތަކުން ވެސް މިހާރު ވަނީ އޭނާ އާ އެކު މަސައްކަތް ކުރުން ހުއްޓާލާފަ އެވެ. އެގޮތުން ދިރާގުގެ މިދިޔަ އަހަރުގެ ކަލަންޑަރު ވީޑިއޯ އާލް އާ ގުޅިގެން ހެދި އިރު، ތުހުމަތުތަކާ އެކު އެ ކުންފުނިން މިހާރު ވަނީ އެ ވީޑިއޯ ނަގާފަ އެވެ. އަދި އިތުރު އެއްވެސް ޕްރޮޖެކްޓެއްގައި އޭނާ އާ އެކު މަސައްކަތް ނުކުރާ ކަމަށް ވެސް ދިރާގުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ލެކިއުޓް އާއި ލޮޓަސް އަދި ބައިސްކޯފު ފަދަ ތަންތަނާ ގުޅިގެން އާލް ވީޑިއޯތައް ހެދި ނަމަވެސް މިހާރު އެ ތަންތަނުން ވެސް ވަނީ އޭނާ އާ އެކު މަސައްކަތް ކުރުން ހުއްޓާލާފައި ކަމަށް ވެއެވެ.

އާލްގެ މައްޗަށް ކުރެވުނު ތުހުމަތު ތަކާ ގުޅިގެން އޭނާ ވަނީ ޓްވިޓާގައި މައާފަށް އެދިފަ އެވެ. އަދި އޭނާ އަށް ގޯސް ހެދުނުކަމަށް އިއުތިރާފުވެ، ކުރިއަށް އޮތް ތަނުގައި އެ ފަދަ ކަންކަން ތަކުރާރު ނުކުރާނެ ކަމަށް އާލް ވަނީ ބުނެފައެވެ.
ހިޔާލު