Sifainge aharee badi mubaaraih fashahifi
image
ސިފައިންގެ އަހަރީ ބަޑި ޖެހުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:އެމްއެންޑީއެފް
0 ކޮމެންޓް
 

ސިފައިންގެ އަހަރީ ބަޑި މުބާރާތް ފަށައިފި

މޭޖަ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019 ފަށައިފިއެވެ.
އެމުބާރާތް ފެށުމުގެ ގޮތުން ގިރިފުށީ ޓްރޭނިން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ.

އެމުބާރާތް ފެށުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން މިމަހު 25 ން ފެށިގެން އަންނަ މަހު އަށެއް ގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ސިފައިންގެ 31 ޔުނިޓަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އިންޑިވިޖުއަލް ކެޓަގަރީ އާއި ޓީމް ކެޓެގެރީ ހިމެނޭއިރު ޓީމް އިވެންޓުގައި 27 ޓީމަކުން ބަޑިޖަހުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 31 ޔުނިޓަކުން އިންޑިވިޖުއަލް ކެޓަގަރީގައި ބަޑި ޖަހާއިރު އެ އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ފޭސް އަކަށް ބަހާލައިގެން ކޮމްބެޓް އެފިޝެންސީ ޓެސްޓަކާއެކުއެވެ.

އެރަސްމިއްޔާތުގައި ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒްގެ ކޮމާންޑިން އޮފިސަ ބްރިގޭޑިއަ ޖެނެރަލް ވައިސް ވަޙީދެވެ. އެ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ އަލްމަރްޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ސިފައިންގޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އަލްމަރްހޫމް މޭޖަ އިނގިރޭސި އުމަރު މަނިކަކީ ސިފައިންގެ ހިދުމަތުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، އިހުލާސްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.
އެމްއެންޑީއެފް
ހިޔާލު