Islamic Bank ge aa Head Office rasmeekoh hulhuvaifi
image
އިސްލާމިކް ބޭންކުގެ އާ ހެޑް އޮފީސް: އެތަން މިއަދު ވަނީ ރަސްމީކޮށް ހުޅުވާފައި.-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

އިސްލާމިކް ބޭންކުގެ އާ ހެޑްއޮފީސް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އާ ހެޑް އޮފީސް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ދަރުމަވަންތަ ސްކޫލު ކުރިމަތިން، މެދުޒިޔާރަތް މަގުގައި ހުންނަ އެމްއައިބީގެ އާ އޮފީސް ހުޅުއްވައިދެއްވީ މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް އާއި އެމްއައިބީގެ މައި ހިއްސާދާރު ކަމަށްވާ އައިސީޑީގެ ސީއޯއޯ އައިމަން އަމިންް ސަޖެނީ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ އިސްލާމިކް ބޭންކް 2011 ވަނަ އަހަރު ހުޅުވިގެން ދިއުމާ އެކު ރާއްޖޭގެ ރާއްޖޭގެ އިސްލާމިކް ބޭންކިން ސެކްޓަރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. އަދި އެމްއައިބީ އަކީ ރާއްޖޭގެ ރީޓެއިލް ބޭންކިން ސެކްޓަރަށް ގިނަ ޕްރޮޑަކްޓްތައް ނެރެ، އެ ދާއިރާ ކުރިއަރުވަން މުހިންމު މަސައްކަތްތައް ކުރާ ބޭންކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ވެސް ރާއްޖޭގައި އިސްލާމިކް ފައިނޭންސިން ސެކްޓާ ކުރިއަރުވައި، ރާއްޖެއަކީ މި ރީޖަންގައި ހުރި އިސްލާމިކް ފައިނޭންސް ދާއިރާގެ ހަބަކަށް ހެދުމަށް [އެމްއައިބީން] މަސައްކަތް ކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިސީޑީގެ ސީއޯއޯ އައިމަން ވިދާޅުވީ އާ އޮފީހާ އެކު އެމްއައިބީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ. އަދި ރާއްޖެ އަށް އިތުރު ހިދުމަތްތައް ތައާރަފްކޮށް، އިސްލާމިކް ފައިނޭންސިން ސެކްޓަރު ވަރުގަދަ ކުރުމަށް އެމްއައިބީން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއައިބީގެ އާ އޮފީސް ހުޅުވުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމްގެ އިބްރާހިމް އާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާއި ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވި އެވެ.

މިހާރު ވެސް 80،000 ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަ ބޭންކުން މިއަދު އާ ހެޑް އޮފީހެއް ހުޅުވި އިރު، އެ ބޭންކުގެ ބްރާންޗްތައް ރާއްޖޭގެ އެކި ރަށްރަށުގައި އޮޕަރޭޓް ކުރެ އެވެ. އެގޮތުން އެ ބޭންކުގެ އޮފީސްތައް ރާއްޖޭގެ އަށް އަތޮޅެއްގައި ހުޅުވާފައި ވެއެވެ.
ހިޔާލު