KuruVaahaka: Bunanhey kalaa
image
ކުރު ވާހަކަ: ބުނަންހޭ ކަލާ
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ކުރު ވާހަކަ: ބުނަންހޭ ކަލާ

ހަ ވަނަބައި)
"އަސްލު ކީއްކުރާ ގަލެއް އެ ހުރީ އެތަނުގައި" ކަމެއް ހަނދާންވުމުން ސުވާލުކޮށްލާ ފަދައިން ނުހާ ސުވަލުކޮށްލިއެވެ.
"ނޭނގެ! ހީވަނީ އެ ކަމަނާފާނުގެ މަންތަރެއްހެން" ރިޒުލާ ފޫހިގޮތަކަށް ބުނެލިއެވެ. "އޭނާއަށް ހަމަޖެހިލައިގެން ނިދައިލެވޭނީ އަހަންނަށް ކޮންމެ ވެސް ޖެއްސުމެއް ކޮށްލެވުނީމަ. އާނ ހަނދާން ވެއްޖެ އެ ޝުހާދުމެން ބައިގަ ފާޚާނާއެއް ލާން ގެނައި ގަލޯ ނާޝިދު އެހެން ބުނި"
"ދެން ނާޝިދުއާ ގުޅުނީ އެހައި ހިސާބުންތަ؟" ނުހާ ހިނގައި ގަންނަމުން މައުޟޫޢު ބަދަލުކޮށްލިއެވެ.
"އާނ. ދެ ހިތުގައި ވެސް ޖެހީ އެއް ވިންދެއްވީމަ ވަރަށް ފަސޭހައިން އެކަން ވެއްޖެ"
"އޭރު ކޮބާ މައު؟"
"ރަށުން އައިންސުރެ އަހަންނަށް މައުމޫރުގެ ޚަބަރެއް ނުވެ. ދެން ބޮޑު ޗުއްޓީގައި ރަށަށް ދެވުނީ އޯލެވެލް ނިންމައިފަ. ދެވުނު އިރު މައުމޫރު ރަށަކު ނޫޅޭ. އޭނާގެ ރައްޓެއްސެއް ބުނީ ކަންތައްގަނޑެއްގެ ތެރޭގައި އުޅުނުކަން އެނގެއޭ. މާލެއިން ކުއްޖަކާ ރައްޓެހިވި ކަން ވެސް އެނގެޔޭ. ފަހުން ޚަބަރެއް ނުވިއޭ" ރިޒުލާ ވެސް މަޑުމަޑުން ހިނގަމުން ކުރިއަށް ދިޔައެވެ.

"އަސްލު ރިޒޫ ވެސް ނުވޭ ދޯ މައުމޫރު ދެކެ ލޯތްބެއް؟" ނުހާ ހުއްޓި ރިޒުލާގެ މޫނަށް ބަލައިލިއެވެ.
"ތެދަށް ބުނަންޏާ ބުނެވޭނީ ތިހެން. އޭރު އޮތީ ކުޑައިރު އޮތް ގުޅުން. އަހަންނަށް މާނަ ކުރެވުނީ އެ ލޯބިކަމަށް. ނޭގެ މައުމޫރުގެ ހާލަތެއް. އޭނާ ލޯބިވިކަމެއް ވެސް ނުވާކަމެއް ވެސް. ލޯބިވާނަމަ އެހެން މީހަކާ ކާވެނި ނުކުރާނެދޯ" ރިޒުލާ ހިނިތުންވެލިއެވެ. "އެކަމަކު ވެސް އަހަންނަށް ހީވޭ އަހަރެންގެ ހިތުގައި ރިހުމެއް ދައުރުވާހެން. މައުމޫރުގެ ނަން އިވުނަސް ހިތުގެ ކުޑަދޮރުގައި ޓަކި ދޭހެން"
"އޯލެވެލް ނިންމި ގޮތަށް މެރީ ކުރީތަ؟" ނުހާ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.
"ނޫނޭ. އޭލެވެލް ނިންމީ ވެސް މި ރަށުން. ގޭތެރޭގެ ކަންތައް ކިތައްމެ ދަތިވިޔަސް، އަހަރެން މިކޮޅަށް އައީ ނާޝިދުއާ ދިމާވާނެތީ. އަސްލު އޭރު ނާޝިދު ވަރަށް، ވަރަށް ރަނގަޅު"

"ދެން އޭލެވެލް ނިންމައިފަ ނިންމާލީ ދޯ؟"
"ޓީޗިން ހަދަން އެއް އަހަރު އުޅުނިން މާލޭ. އޭރު ނާޝިދު ވެސް އެކޮޅުގައި ޖޮބެއްގަ އުޅުނު. އަސްލު ނާޝިދު މިކަހަލަ ކަންކަމުގައި ވަރަށް ސަޅި. އޭރު އަހަންނަކަށް ނާޝިދުގެ ގޯސް އެއްވެސް ސިފައެއް ނުފެނޭ. މުޅިން ވެސް ފެނުނީ އޭނާގެ ރަނގަޅު ކަންކަން" ރިޒުލާ ވެސް ލަސްފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ދިޔައެވެ. "ހަގީގަތަކީ މީހުންގެ ގޮތް އެނގޭނީ އެއް އޮޑިއަކުން ދަތުރުކޮށްލީމަކަން. ކާވެނީގެ ކުރިން މި ފެންނަނީ ފިލްމީ މަންޒަރުތަކެއް. އޭގައިވަނީ އެހެން އާލަމެއްގެ ކަންކަން. ކާވެނިވެ، އެކުގައި އުޅެންފެށީމަ މި ފެންނަނީ އަސްލު މީހާ. އަސްލު މަންޒަރު. ނުހާ ވެސް މިކަމަށް ވިސްނާތި"
"އަހަންނަށް ހީވަނީ ރަށުގަ އުޅުނު ނަމަ ރިޒޫއަށް މާ އަރާމުވާނެހެން"

"އެހެން ބުނާކަށް ނޭނގޭދޯ. އަހަރެން އުއްމީދުކުރީ ނާޝިދުގެ އާއިލާ ވެސް ހެޔޮވާނެކަމަށް. ނާޝިދު ވެސް އެކަން ދަންނާނެކަމަށް"
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާޢު ކިޔައިނީއެވެ. ރިޒުލާއާއި ނުހާ ވެސް ވާހައިކައިގެ ތެރެއަށް ގެނބިފައި ތިބެ މަޑުމަޑު ހިނގުމެއްގައި ކުރިއަށް ގޮސް އޮބައިލިއެވެ. އޭރު މޫނުއަނދިރިވެ މުޅި މާހައުލު ހިމޭން ވެއްޖެއެވެ.

"ކިތައްފަހަރު ބުނާނީ ބޮޑާއާ ދިމާއަށް ބޭނުންހާ އެއްޗެއް ނުކިޔާށޭ" ނާޝިދުގެ ރުޅިވެރި މޫނު ފެނި ރިޒުލާ ބިރުން ކުދިކުދިވަމުން ދިޔައެވެ.
"އަހަރެން އެއްވެސް އެއްޗެއް ނުބުނަން" ރިޒުލާ ހައިރާން ކަމާއެކު ނާޝިދުގެ މޫނަށް ބަލައިލިއެވެ.
އޭރު ވަދީފާ ފާޑަކަށް ހެވިފައި ކައި މޭޒު ކައިރީ އިނެވެ. ނާޝިދު ގޮނޑިން ތެދުވިއެވެ. ރުޅި އައިސްފައިވާ ޖަނަވާރެއް ފަދައިން ނާޝިދު ރިޒުލާއާ ކުރިމަތި ލިއެވެ. ނާޝިދުގެ ކަނާއަތުން ރިޒުލާގެ ކޯތާފަތަށް ފިތައިލިއެވެ.

"އަހަރެން ކުރިން ވެސް އޮންނާނީ ބުނެފަ. މިގޭގެ ހުރިހާ ވެސް މީހަކީ ބޮޑާއޭ. ކަލޭގެ ރަހުމަތްތެރިން ގޮވައިގެން އައިސް މިގޭގަ ބޮޑާއަށް ބޭނުންހާ އެއްޗެއް ނުކިޔޭނެ. ކަލެއަކީ މަ ބޭނުންވީމަ ބޭނުން ކަމެއް ކުރަން ގެނެސް ހުރި މީހެއް. ކަލޭ ޖެހޭނީ ބުނީމަ ބުނި ކަމެއް ކުރަން" ނާޝީދުގެ އިނގިލިތައް ރިޒުލާގެ ކޯތާފަތުގެ ތެރެއަށް ވަންނަމުން ދިޔައެވެ. ވައަތުގެ ޝަހާދަތް އިނގިލި ރިޒުލާގެ ލޮލާ ކައިރި ކުރަމުން ދިޔައެވެ.

"އަހަންނަށް އޭނާ ކީ އެއްޗެހިން އެމީހުން ހީހީފަ މަލާމަތް ކޮށްފަ ދިޔައީ. އަހަރެން ހިއެއް ނުކުރަން ރިޒުލާ މިއީ އެކަހަލަ ކުއްޖެއް ކަމަކަށް. އަހަރެން ދެކެމުން އައީ އެއީ އަހަރެންގެ ދަރިއެއްގެ ގޮތުގައި" ވަދީފާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން ވާހަކަފެށިއެވެ. "އެ މީހުން މަލާމަތް ނުކުރާނީ ކޮންކަމަކަށް. އަހަރެންގެ ސިފަޔަށް ވެސް މަލާމަތްކުރި. ބައްޓަމަށް ވެސް. ނުވިތާކަށް މުސްކުޅި ގޭގަނޑެއްގައި އަހަރުމެން އުޅޭތީ އެކަމަށް ވެސް ޖޯކު ޖެހި. މިގޭގަ އެންމެ ފާޚާނާއެއް ހުންނާތީ ވެސް އެކަމަށް ވެސް ފުރައްސާރަކުރި"
ވަދީފާ ގަދަކަމުން ރޮމުން ގިސްލަމުން ގޮނޑިން ތެދުވިއެވެ.

"ނާޝިދު ވެސް ރިޒުލާއަށް އަނިޔާ ކުރުމުގެ ބޭނުމެއް ނެތް. އޭނާއަކީ ކާކުކަން ބޮޑާއަށް ވުރެ ބޮޑަށް އެނގޭނެ އިތުރު މީހަކު ނުހުންނާނެ. ގޭތެރޭގައި އުޅޭއިރު ކުރާ ޖެއްސުމުގެ ވާހަކަ އަހަރެން ނާޝިދަށް ކިޔައި ނުދެނީ ދެމަފިރިން ދުރުވެދާނެތީ... މިހުރީ ރިޒުލާ އަހައިބަލަ މި ގޭތެރޭގައި މި ކުރާހާ ކަމެއް މި ކުރަނީ އަހަރެންގެ ދެ އަތުން. ނުވިތާކަށް ދޮންނަހާ އެއްޗެއް މި ދޮންނަނީ މި ދެ އަތުން. ރިޒުލާ ވެސް ސުކޫލުން އައިސް ވަށިގަނޑަށް ދާ އެއްޗެހި އަޅައިލީމަ އެ ވީ. ދެން ފެންނާނީ އެ ދޮވެވިފައި ހުއްޓާ. އަޅެ ކީއްވާނީ އަހަންނާ އޯގާތެރިކޮށް ވާހަކަދައްކައިގެން އަހަރެން ކުރާ ކަމެއްގަ އަނެއްކޮޅުގަ ހިފައިގެން އުޅުނިއްޔާ. ގިނަ މީހުންތަކެއް އުޅޭ ގެއެއްނޫން މި" ވަދީފާ ރޮމުން ރޮމުން އައިސް ނާޝިދުގެ ފަހަތުގައި ހުއްޓިލިއެވެ.

ރިޒުލާއަށް އޭނާގެ މޫނު ފެންނާނެހެންނެވެ. އޭރު ވެސް ރިޒުލާ ކޮލުގައި ނާޝިދު ހިފި ގޮތަށް ދޫކޮށް ނުލައި ހިފަހައްޓައިގެން ހުއްޓެވެ. އެ މަންޒަރު ވަދީފާއަށް ރަނގަޅަށް ފެނެއެވެ. ވަދީފާގެ ކޮންމެ ޖުމުލައަކާ އެކު ނާޝިދުގެ އިނގިލިތަކަށް ބާރުވަމުން ދިޔައެވެ.
"އަހަރެން އެތައް ފަހަރަކު ނަސޭހަތް ދިނިން. އެތައް ފަހަރު ބުނިން އަހަރެން މިކުރާ ކަންކަމުގައި އެއްބާރުލުން ދޭށޭ. ހުރިހާ މޮޅެއް އޮތީ ރިޒުލާ އަށޭ. އެކަމަކު ވެސް އޭނާ އެއްބަހެއް ނުވި" ވަދީފާގެ މޫނު މަތިން ލާނެތް ހިނިތުން ވުމެއް ފާޅުކޮށްލިއެވެ. ރިޒުލާއަށް އެ މަންޒަރު ސާފުކޮށް ފެނުނެވެ. ނަމަވެސް ވަދީފާ ހުރީ ނާޝިދުގެ ފުރަގަހުގައި ކަމުން ނާޝިދަށް އެކަމެއް ނޭނގެއެވެ.

"ބަލަ އެ ކިޔަނީ ތެދެއްހޭ މި އަހަނީ؟" ނާޝިދުގެ ލޭ ކެކެމުން ދިޔައެވެ. "މަ މި އަހަނީ ކަލޭ ގާތު އެ ދައްކަނީ ތެދު ވާހަކައެއްހޭ؟"
"އަހަރެން ދައްކާ ވާހަކަ ނާޝިދަށް ވެސް ގަބޫލު ނުކުރެވެނީތަ؟ ކީއްކުރާނީ މި ހުރިހާ ދުވަހު ނާޝިދުގެ މަންމަގެ ދައުރު އަދާކުރަމުން މިއައީ ދޮގު ހަދައި އޮޅުވާލައިގެން ނޫންކަން ނާޝިދަށް ވެސް އެނގޭނެ. އަހަރެން ކީއްކުރަން ތިޔަ ދެމަފިރިން ދެމެދަށް ވަންނަންވީ. އަހަރެން ބޭނުމެއް ނޫން މި ވާހަކަ ދައްކައިގެން މައްސަލަ ބޮޑު ކުރާކަށް" ވަދީފާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. އަދި ވާހަކަދެއްކުމުގެ ރާގު ބަދަލުކޮށްލަމުން ގިސްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އަހަރެން އެހެން ނުބުނަމެއްނު ބޮޑާ" ނާޝިދު ރިޒުލާގެ ކޮލުން އަތް ދޫކޮށްލިއެވެ. އަދި ފަހަތަށް އެނބުރުނެވެ.

"އޭނާ ކުރި ހުރިހާ ކަމެއް އަހަރެން ކިޔައެއް ނުދެމޭ. އަހައިބަލަ ކުރިން ދުވަހު ބާކީވި ރިހަ ބޯތަށްޓަށް ވީގޮތް. ކޮންތާކަށްތޯ އެ ވަނީ. އަހައިބަލަ ނަމާދުކުރަން ހުއްޓާ ގަރުދިޔަ ތެލި އަޅައިލީ ކޮންތަނަކަށް ތޯ. މިގޭގަ ކައްކާ ބައްތަވާގެ ބާކީބައި ވަންނަނީ ކޮންތަނަކަށްތޯ އަހައިބަލަ. ރިޒުލާ ގާތު އަހައިބަލަ އަހަރެން ނިދީމަ މިގޭ ދޮރު ހުޅުވަނީ ކާކު ތޯ؟" ވަދީފާއަށް ގިސްލެވޭވަރު އިތުރުވަމުން ދިޔައެވެ. "އެ ވާހަކަ ދެއްކީމަ އަހަންނަށް ކޮށްލި ވަރު އަހައިބަލަ. ޔަގީން އެ ހުރިހާ ކަމެއް ވެސް އޭނާ ޖަހާނީ އަހަރެންގެ ބޮލަށް. ބުނާނެ އެއީ އަހަރެން ކުރި ކަންކަމޭ. ނާޝިދަށް ހީވާނީ އަހަރެންނޭ މި ހުރިހާ ކަމެއް ގޯސް ކުރަނީ. މި ހުރިހާ ކަމެއްގެ ފަހަތުގައި ހުންނަނީ އަހަރެންނޭ. އަހަރެން ބޭނުމަކީ ދެމަފިރިން އުފަލުން އުޅޭތީ އެކަމަށް ހަސަދަވެރިވުމޭ"
ނާޝިދަށް މުއްކަވައިލެވުނެވެ. ދެ ލޯ ރަތްވަމުން މީހާގެ ހަންގަނޑު ރަތްވަމުން ދިޔައެވެ. ދެ ތުންފަތް ކުރިއަށް ދަމައިލައި ފިއްތައިލަމުން ބާރުކޮށްލައި، ފުން ނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން ރިޒުލާއާ ދިމާއަށް އެނބުރުނެވެ.

"އަހަންނަށް ފުދިއްޖެ. ފުދި އިތުރުވެއްޖެ" ނާޝިދު ރިޒުލާއާ ދިމާއަށް ހިނގައި ގަތެވެ. މަޑުމަޑުން ރިޒުލާ ފަހަތަށް ޖެހިލިއެވެ.
"ނާޝިދު އަނިޔާވެރި ނުވޭ. އެމީހަކު ކުރިކަމެއް އެމީހަކަށް" ވަދީފާ ހިނިތުން ވެލައިގެން ހުރެ މާޔޫސްވެފައިވާ ރާގަކަށް ބުނެލެވޭތޯ މަސައްކަތްކުރިއެވެ. "ރިޒުލާއަށް އަނިޔާ ނުކުރާތި"

"އަދަބު ވެސް ދޭން ޖެހޭނެ. ފުރަތަމަ ދުވަހު މިގެއަށް ގެނެސް ބުނިން، ބޮޑާއަށް ގޮތްގޮތް ނުހަދާށޭ. ބޭވަފާތެރި ނުވާށޭ" ޖުމުލަތައް ބުރި ކުރަމުން ބުރިކުރަމުން ބުނެލިއެވެ. ރުޅިވެރި ކަމާއެކު ރިޒުލާއާ ހަމައަށް ޖެހިލިއެވެ. ރިޒުލާ ވެސް މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ހުއްޓެވުނެވެ. ފުންނާބު ފާރުގައި ޖެހުމުންނެވެ.
"އަހަންނެއް ނޫން. އަހަންނެއް ނޫން" ރިޒުލާއަށް ރޮވެން ފެށުނެވެ. ގިސްލެވެން ފެށުނެވެ.
"ކޮންހާ ބަހަނާއެއް ދައްކަން" ނާޝިދުގެ ރުޅިވެރިކަމުގެ ފުރަތަމަ ހަމަލާ އަމާޒުވީ ރިޒުލާގެ ކަނާއަތު ކަންކަށި މައްޗަށެވެ. އެއާއެކު ރިޒުލާ އެއްލައިގެން ދިޔައެވެ.
"ކަލޭއަށް ވިސްނެންދެން އަދަބު ދޭންޖެހޭނެ" ނާޝިދުގެ ދެވަނަ ހަމަލާ އަމާޒުވީ ވައަތުގެ ކަންކަށި މައްޗަށެވެ.
އެއާއެކު އަނެއްކާ ވެސް ރިޒުލާ އަނެއް ފަރާތަށް އަރިއަޅައިލިއެވެ.
"ނާޝިދޫ، ކޮއްކޯ ރުޅި މަޑުކޮށްފަ އިހަށް ހަމަޖެހޭ. އަތުންފައިން ގޯސް ނުހަދާ" ވަދީފާ ގޮސް ނާޝިދުގެ މުލައްދަނޑީގައި އެލިގަތެވެ. ނާޝިދުގެ ތިންވަނަ ހަމަލާއިން ރިޒުލާ ސަލާމަތްވިއެވެ.

ވަދީފާގެ އަތް ފޮޅުވާލުމަށްފަހު ނާޝިދު ގޮސް ރިޒުލާގެ ބުރުގާގައި ހިފާ ދަމައިގަތެވެ. އެވަގުތު ރިޒުލާގެ ބުރުގާގައި ޖަހައިފައިވާ ޕިންތައް ބުރައިގެން ދިޔައެވެ. ދޮޅިދަށުން ޕިނެއް ރިޒުލާގެ ދަތްދޮޅިއަށް ހެރެމުން ދިޔައެވެ.
ރިޒުލާއަށް ބާރުބާރަށް ހަޅެއްލައިވާ ގަނެވުނެވެ. އެ މަންޒަރު ނާޝިދަށް ފެނުނެވެ. ނާޝިދު އެ ޕިން ދަމައިގަތެވެ. 
"އަނގަ ހުޅުވާ. މި ބުނީނު އަނގަ ހުޅުވާށޭ. ދޫ ބޭރަށް ނެރޭ" ރިޒުލާގެ ދަތްދޮޅީގައި ހިފައި ބާރުކޮށްލަމުން ނާޝިދު ރިޒުލާއަށް މަޖުބޫރު ކުރުވިއެވެ.
ރިޒުލާ ޖެހިލުންވެ ހުރެ މަޑުމަޑުން ބޭރަށް ދޫ ނެރުނެވެ. އެއާއެކު ނާޝިދުގެ ކަނާއަތުގައި އޮތް ޕިން ރިޒުލާގެ ދުލުގެ މެދަށް ކޮށްޕައިލިއެވެ. ރިޒުލާއަށް ހަޅެއްލަވާ ގަނެވުނެވެ. ބާރުބާރަށް ރޯން ފެށިއެވެ. ރިޒުލާގެ ދުލުން، ދުނި ޖަހައިލައިފައި ހިމަ ރޮނގަކުން ލޭތައް އަންނަން ފެށިއެވެ.

ވަދީފާއަށް އެ މަންޒަރު ފެނިފައި ނާޝިދު ޓީޝާރޓުގައި ހިފައި ދަމާގަތެވެ. ބާރުބާރަށެވެ. ވަދީފާގެ އަވަސް ހަރަކާތުގެ ސަބަބުން ނާޝިދަށް ސިހުން ލިބުނެވެ. ނާޝިދު ބިންމައްޗަށް ވެއްޓުނެވެ. ބަލާކަށް ނުހުރެ ވަދީފާ، ރިޒުލާގެ ދުލަށް ހަރައިލާފައިވާ ޕިން ދަމައިގަތެވެ. އޭރު ރިޒުލާގެ ތިރީ ތުންފަތާއި މުޅި ދޫ ވެސް ކަޅިވަމުން ދިޔައީ ރަތް ލެއިންނެވެ. ބައެއް ލޭތިކި ރިޒުލާގެ ހުދުކުލައިގެ ޓީޝަރޓަށް އެޅިފައި ހުއްޓެވެ. މަޑުނޫކުލައިގެ ބުރުގާއިން ވެސް ހައެއްކަ ލޭތިކި ފެވެމުން ދިޔައެވެ
.
"އަހަރެން ހިޔެއް ނުކުރަން އަހަރެން ދައްކާ ވާހަކައަކުން ނާޝިދަށް އިންސާނަކަށް ތިވަރު ކޮށްލަން ކެރޭނެ ކަމަކަށް؟" ވަދީފާ ރުޅި ގަދަވިއެވެ.
ކުއްލިއަކަށް ރިޒުލާ އޯކަށް ދެމެން ފެށުނެވެ. އޭނާއަށް އުނދަގޫތަކެއް ކުރިމަތިވާން ފެށީއެވެ. މުޅި މީހާ ރަތްވެ، މީހާގެ ތުރުތުރު އަޅާން ފެށީއެވެ. ހިންދިރުވާލަން އުނދަގޫވާން ފެށީއެވެ. އެތެރެ ހަށިން އުފެދެމުން އައި އޮއިވަރާއެކު ރިޒުލާގެ ނޭވާ ވެސް ތާށިވަމުން ގޮސް މީހާ ހުއްޓުން އެރީއެވެ. އޯކަށް ދެމެމުން ދެމެމުން ގޮސް މުޅި މީހާ އެކުގައި ހުއްޓުނީއެވެ.



(ނުނިމޭ)
ހިޔާލު