Raees yameen dhookohlee, sharee'aiyy oyythanugai baahvafai
image
ރައީސް ނަޝީދު ކެމްޕެއިން އިވެންޓެއްގައި
0 ކޮމެންޓް
 

ރައީސް ޔާމީން ދޫކޮށްލީ ޝަރީއަތް އޮތްތަނުގައި ބާއްވާފައި: ރައީސް ނަޝީދު

މަނީލޯންޑްރިންގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށް ރައީސް ޔާމީން ދޫކޮށްލީ ޝަރީއަތް އޮތްތަނުގައި ބާއްވާފައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގދ ވާދޫގައި މިއަދު ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޔާމީން ދޫކޮށްލުމަށް ހައިކޯޓުން ނިންމީ ޝަރީއަތް އޮތްތަނުގައި ބާއްވާފައި ކަމުގައެވެ. ނަމަވެސް އެކަމާއިގުޅޭ ތަފްސީލެއް ރައީސް ނަޝީދު ނުދެއްވައެވެ.

ބެލެވޭ ގޮތުގައި ރައީސް ނަޝީދު އިޝާރާތް ކުރެއްވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ނުގޮސް ކްރިމިނަލް ކޯޓްގައި އޮންނަ އޮތުމަށެވެ.

މަނީލޯންޑްރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެ މައްސަލާގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ ކްރިމިނަލް ކޯޓުންކުރި އަމުރަކާއި ގުޅިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ޖިނާއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގެ އެއް ވަނަ ނަންބަރާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރުގެ ދަށުން ކަމަށް ވުމުން އެ ދެ މާއްދާގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމަށް ހައިކޯޓުން ބުނެ އެވެ. އެގޮތުން އެ މުއްދަތު މި މަހުގެ 18 ވަނަ ދުވަހަށް ހަމަވެފައިވުމުން ރައީސް ޔާމީން މިނިވަން ކުރަން ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ހައިކޯޓުން ރައީސް ޔާމީން މިނިވަން ކުރަން ހުކުމް ކުރި އިރު، މިއަދު އެ މައްސަލަ ބެލީ ފަނޑިޔާރުންގެ ބެންޗް ބަދަލުކޮށްގެންނެވެ. އެގޮތުން އެ މައްސަލަ ކުރިން ބެލީ ގާޒީ ހަސަން އަލީ ރިޔާސަތުގައި އިންނަވައިގެން، ގާޒީ ހުސެން ޝަހީދު އާއި އަބްދުއްރައޫފު އިބްރާހިމް އެވެ. ނަމަވެސް ރައޫފުގެ ބަދަލުގައި މިއަދު ބެންޗުގައި އިންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އެދުމަށް ރައީސް ޔާމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެމަނިކުފާނު ކުރިން ހުންނެވީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ.
ހިޔާލު