Earth hour faahaga kurumah Earth Hour Maldives Country team in gina harakaaithakeh
image
އާތްއަވާ ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން---ފޮޓޯ:އޭސީއެމް
0 ކޮމެންޓް
 

އާތު އަވާ ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް

އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރު ވެސް އާތު އަވާ ފާހަގަކުރުމަށް އަތު އަވާ މޯލްޑިވްސް ކަންޓްރީ ޓީމުން ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ.
އެގޮތުން އަރތް އަވާ މޯލްޑިވްސް ކަންޓްރީ ޓީމުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްކުގެ ތެރޭގައި "އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)ގެ ގްލޯބަލް ވާމިންގ 1.5°C - ސްޕެޝަލް ރިޕޯޓް" ގައި ފާހަގަ ކުރެވިފައިވާ ރާއްޖެއާއި ގުޅުންހުރި މުހިއްމު ތިމާވެށީގެ މައްސަލަތަކާއި ބެހޭގޮތުން ބާއްވާ ހާއްސަ ޕެނަލް ޑިސްކަޝަންއެއް މިމަހު 22 ދުވަހުގެ ރޭ ގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަނުގައި ވަނީ ބާއްވާފައެވެ.

އޭގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން މިދިޔަ ބުރާސްފަތިދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ އެސެމްބްލީ އަތު އަވާ އަށް ހާއްސަކުރެވިގެން ދަރިވަރުންނަށް ވަނީ މައުލޫމާތު ވެސް ދީފައެވެ. ހަމަ އެހެންމެ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ހިންގާ ކެމްޕެއިންއަށް ބާރުއެޅުމުގެ ގޮތުން މޯލްޑިވްސް ވިމެންސް އެސޯސިއޭޝަން އާއި ގުޅިގެން ބޭނުން ނުކުރާ ފޮތި، އަންނައުނު ތަކުން ކޮތަޅު ހަދަން ދަސްކޮށްދިނުމުގެ އެކްޓިވިޓީއެއް މާލޭގައި އިއްޔެ ހަވީރު ވަނީ ބާއްވާފައެވެ.

މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އާތު އަވާ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ގުޅިގެން މިއަދު ހަވީރު ހަތަރަކާއި ހައެކާ ދެމެދު ވަގުތެއްގައި ތިމާވެށީގެ މައްސަލަތަކާއި ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުމުގެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.އެހިނގާލުމުގައި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން، ސަރުކާރާއި އެކި ޖަމިއްޔާ ޖަމާއަތްތަކާއި، ވިޔަފާރީތަކާއި، މުއައްސަސާތަކުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން އަތު އަވާ މޯލްޑިވްސްގެ ކަންޓްރީ ޓީމުން މިރޭ 8:30 އިން 9:30 އަށް ބާއްވާ މެއިން ސްވިޗް އޮފް އިވެންޓް މިއަހަރުގައި ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެގަޑީގައި މާލޭގެ ދުވާ ޓްރެކް ސަރަހައްދުގައި ވެސް އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ އާރތް އަވާ ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން 9:30 އަށެވެ. 2009 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 10 އަހަރުގައި ރާއްޖެއިން ވަނީ ބައިނަލް އަގުވާމީ އެހަރަކާތުގައި ބައިވެރިވެ، އާތު އަވާ ވަރަށް ކުލަގަދަ ކޮށް ފާހަގަކޮށްފައެވެ.

އެހަރަކާތް ރާއްޖޭގައި ހިންގަމުން އަންނީ ސަރުކާރާއި އެކި ޖަމިއްޔާ ޖަމާއަތްތަކާއި، ވިޔަފާރީތަކާއި، މުއައްސަސާތަކުގެ އެއްބާރުލުމާއި ތާއީދާއެކު އަތު އަވާ ގްލޯބަލްގެ ރަސްމީ އާތު އަވާ މޯލްޑިވްސްގެ ކަންޓްރީ ޓީމުންނެވެ. މިއަހަރު އެހަރަކާތް ރާއްޖޭގައި އިންތިޒާމު ކުރުމަށްޓަކައި އާރތް އަވާ މޯލްޑިވްސް ކަންޓްރީ ޓީމްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީކޯކެއާރ މޯލްޑިވްސް އާއި ގުޅިގެންނެވެ.
ހިޔާލު