Raees Yameen ah Raees Nasheed ge radhdhu: Meehun maran, vakkan kuran furusatheh nudheveyne!
image
ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް ޔާމީން--
0 ކޮމެންޓް
 

ޔާމީނަށް ނަޝީދުގެ ރައްދު: މީހުން މަރަށް، ވައްކަން ކުރަން ފުރުސަތެއް ނުދެވޭނެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހަމަނޭވާއެއް ލެވެން އަންނާނީ އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ ފަސް އަހަރު ދުވަހު ތެރޭގައި ހިންގި ޖަރީމާތައް އަނެއްކާވެސް ހިންގައިގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޔާމީނަށް ހޫނު ރައްދެއް ދެއްވައިފިއެވެެ.
ރައީސް ނަޝީދު، ރައީސް ޔާމީނަށް ހޫނު ރައްދެއް ދެއްވާފައި މިވަނީ، މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ ކެމްޕޭން ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ފޯނުން ގުޅުއްވާ، ހަމަނޭވާ ލެވެން އޮތީ މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ޖޭޕީ އާއި ޕީޕީއެމާއި ޕީއެންސީއަށް ދީގެންކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.

"ތަކުރާރުކޮށް ދަންނަވަން ރާއްޖޭގެ މަސްލަހަތު އޮތީ އަމާންކަން އޮތީ އަދި ރާއްޖޭގައި އެއްވެސް ބަޔަކަށް ހަމަނޭވާ ލެވެން އޮތީ މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ޖޭޕީ އާއި ޕީޕީއެމާއި ޕީއެންސީ ދީގެން" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ކުރެއްވި ކަންކަން ދިވެހިރާއްޖޭގެ ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ.

"ޑރ. އަފްރާޝީމް އަވަހާރަކޮށްލީ. އަދި އެހެންވެސް ނޫސްވެރިންނާ އެތައް ބައެއް ގެއްލުވާލުން. ވީނުވީއެއް ނޭނގި އެތައް ބައެއް މަރުވެދިޔުން. ޔާމީނަށް ނޭވާލެެވެން އަންނަނީ އަނެއްކާވެސް މި ޖަރީމާތައް ހިންގުނީމަ" ރައީސް ޔާމީނަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޔާމީނަށް ހަމަ ނޭވާއެއް ލެވޭނެ ކަމަށް އެ ވިދާޅުވަނީ، އަނެއްކާ ވެސް ހުދުމުހުތާރުކޮށް ވެރިކަންކުރަން އެމަނިކުފާނަށް ލިބިގެން ކަމަށެވެ. އަދި ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލައި، މައުމޫންގެ ދަރިކަލުން އަދި ޔާމީނަށް ބޮޑު ބޭބެވިދާޅުވާ ފާރިސް މައުމޫން ޖެހިގެން އޮތް ގޮޅިއަށް ލުމަށްފަހު، އަދި ރައީސް ޔާމީން ގުނބޯ ހައްދަމުންދާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އޭނާގެ ދަރިފުޅު ޖަލަށްލާފައިވާ ކަމަށެވެ. ޔާމީން އެވިދާޅުވަނީ އެމަނިކުފާނަށް ހަމަނޭވާއެއް ލެވޭނީ އެކަން އަނެއްކާވެސް ތަކުރާރުކޮށް، ހުދުމުހުތާރު ވެރިކަމެއް ކޮށްލަން ޔާމީން އަށް ލިބުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ މަޖިލީހުގައި 60 އަށްވުރެ ގިނަ ގޮނޑި ޔާމީންގެ އަތްޕުޅުގައި އޮވެ ކުރި ކަންތައް ފެނިވަޑައިގެންފި ކަމަށެވެ.

"ނޭވާ ލެވޭނީ އެ ވިދާޅުވާގޮތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ގެނެސް ހިފާ ހައްޔަރުކުރީމަ. ނޭވާ އެވިދާޅުވަނީ ތިމަންނާއަށް ހަމަޖެހިލައިގެން ލެވޭނީ އެމްއެމްޕީިއާރުސީއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގޯނި ގޯނީގައި ފައިސާ ގެނެސް ތިމަންނާގެ ގެއަށް ލެވުނީމައޭ. ނޭވާަ ތިމަންނާއަށް ލެވޭނީ ކަޅު ފައިސާ ބޭރުގައުމުތަކުން ގެނެސް ދިވެހިރާއްޖޭގެ މާލީ އިދާރާތައް ބޭނުން ކުރައްވައިގެން އެ ފައިސާ ދޮވެ އޭގެން އެތައް މިލިއަން ޑޮލަރެއް ނާޖާއިޒް ގޮތުގައި ނެގުނީމަ ނޭވާ ލެވޭނީ" ޔާމީނަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޔާމީނަށް ނޭވާލެވޭނެކަމަށް އެ ވިދާޅުވަނީ ވަރަށް ގިނަ އަނިޔާތައް އަނެއްކާ ވެސް ރައްޔިތުންނަށް ދެވިގެން ކަމަށާއި ރާއްޖޭގެ ރައްޔިތުން އެގޮތް ހަމަ ކަށަވަރުންވެސް ބޭނުން ނުވާ ކަމަށެވެ.
ހިޔާލު