Raajje dhuh enme hudhumuhuthaaru veriyakee Raees Yaameen Kamah Raees Vidhaalhuvehje
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: އެމްޑީޕީ
0 ކޮމެންޓް
 

ރާއްޖެދުން އެންމެ ހުދުމުހުތާރުވެރިޔަކީ ރައީސް ޔާމީން ކަމަށް ރައީސް ވިދާޅުވެއްޖެ

ނޭވާއެއްވެސް ލެވޭނީ މަޖިލިސް އިންތިހާބު ކާމިޔާބުކުރެވިގެންކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، އެމަނިކުފާނަކީ ރާއްޖެ ދުށް އެންމެ ހުދުމުހުތާރުވެރިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫއަށް ވަޑައިގެން އެ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުން މީގެ ކުރިން ދުވަހަކު ވެސް ކޮށްފައި ނުވާވަރަށް ވައްކަމާއި ހިޔާނާތް މިދިޔަ ސަރުކާރުގައި އިސްކޮށް ތިއްބެވި ފަރާތްތަކުން ކޮށްފައިވާ ކަމަށެވެ.

"މިއަދު އެވިދާޅުވަނީ އަނެއްކާ ވެސް އެ ބާރު ތިމަންނާއަށް ދެއްވާށޭ. އެކަމަކު އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާނީ އަނެއްކާ ވެސް އެނބުރި މި ރާއްޖެ އެ އަނދަވަޅަށް ވައްޓާލަން ފުރުސަތު ނުދެއްވާށޭ." ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވަނީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރީ ސަރުކާރު ހިއްސާވާ ކުންފުނި، އެމްޕީއެލުން ޑޮލަރު ގަތުމުގެ ނަމުގައި 70 އެތައް މިލިއަން ރުފިޔާއެއް އެމްއެމްޕީއާރުސީއަށް ނަގައި އެ ފައިސާ ކެންޑިޑޭޓުންނަށް ބަހައި ވޯޓު ގަނެގެން ކަމަށް ވިދާޅުވެފައެވެ.

"މިއަދާއި ހިސާބަށް ދިޔައިރު ވެސް އެމްޕީއެލަށް އަދިވެސް އެ ފައިސާ ނުދައްކާ. މި ވައްކަން ވެސް އޮތީ ކޮށް ނިންމާފައި، މިއަދު އެވިދާޅުވަނީ ތިމަންނާއަށް ނޭވާ ލެވޭނީ އަނެއްކާ ވެސް މި ބާރު ދީގެންނޭ. އަޅުގަނޑު ދަންނަވާނީ އެބޭފުޅުންނަށް އެ ފުރުސަތު ދެއްވައިފިއްޔާ ރައްޔިތުން އަނެއްކާވެސް ތިބެން ޖެހޭނީ ހަމަ ކުރިން ތިބި ހާލުގައޭ." ރައީސް ސޯލިހު ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ގިނަ އަދަދެއްގެ ފަޅު ރަށްތައް ވިއްކާ އެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެކަމުން ބޮޑު ތިލަދުއްމަތީ އޮތީ ސަލާމާތްވެފައިވާ ކަމަށެވެ. އަދި އެކަމުން ބޮޑު ތިލަދުއްމަތީ ސަލާމާތް ކުރަން ބޭނުން ނަމަ ޕީޕީއެމް އާއި ކޮންގްރެސްއަށް ވޯޓު ދެއްވައިގެން އެކަން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޔާލު