Raees yaameenuge account thah dhookohlan amurukohfi
image
ރައީސް ޔާމީން: އެމަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި.-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ރައީސް ޔާމީނުގެ އެކައުންޓްތައް ދޫކޮށްލަން އަމުރުކޮށްފި

ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓްތަކުގައި ހުރި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު މިއަދު ހައިކޯޓުން ބާތިލްކޮށް، އެ އެކައުންޓްތައް ދޫކޮށްލަން އަމުރުކޮށްފި އެވެ.
އެކައުންޓްތައް ފްރީޒް ކުރި މައްސަލަ ރައީސް ޔާމީނުގެ ވަކީލުން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލާ ބެލުމަށް ފަހު ހައިކޯޓުން މިއަދު ނިންމާފައިވަނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމިނުގެ އެކައުންޓްތައް ފްރީޒް ކުރަން ނެރުނު އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. ރައީސް ޔާމީނުގެ ވަކީލުން ވެސް އެ މައްސަލަ ހުށަހަޅަމުން ބުނެފައިވަނީ މިއަދު ކޯޓުން ނިންމި ގޮތަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމަށެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އަދި އެނގިފައިވާ ގޮތުގައި ރައީސް ޔާމީނުގެ އެކައުންޓްތައް ފްރީޒްކުރީ އެ މައްސަލަތަކުގެ ތެރެއިން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުމުން، އެ ކޯޓުން އެކަމަށް އަމުރު ކުރުމާ ގުޅިގެންނެވެ.

އެގޮތުން ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ ޝައްކު ކުރެވޭ މާލީ މުއާމަލާތުތަކުގެ ރިޕޯޓަކާއި، މައްސަލަތައް ބެލުމަށް ސާފުކުރެވުނު މައުލުމާތު ތަކުން، ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓް ތަކުގެ ތެރެއިން މިހާތަނަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން، ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އޭގެ މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"މި މައްސަލާގެ ތަހުގީގައްޓަކައި އިސްވެ ދެންނެވުނު އެކައުންޓްތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި، ދިވެހި ފައިސާ ހިމެނޭ ގޮތުން، ދިވެހި ފައިސާ އިން ޖުމްލަ 100 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ވަނީ ފްރީޒް ކޮށްފަ އެވެ.،" ފުލުހުންގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލާގެ ތަހުގީގަށް މިއަދު ރައީސް ޔާމީނު ޕޮލިހަށް ހާޒިރު ކުރުމުން ސުވާލުތަކަށް ޖަވާބު ދެއްވައި، ކުރިއަށް އޮތް ތަނުގައި ވެސް ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށެވެ.
ހިޔާލު

އަޒީމް

ވަގު މީހާއަށް ފައިސާތައް ފޮރުވަން ފުރުސަތު ލިބުނީ