Bunanhey kalaa
image
2 ކޮމެންޓް
 

ބުނަންހޭ ކަލާ

(ފަހުބައި)
ކުއްލިއަކަށް ރިޒުލާ އޯކަށް ދެމެން ފެށުނެވެ. އޭނާއަށް އުނދަގޫތަކެއް ކުރިމަތިވާން ފެށީއެވެ. މުޅި މީހާ ރަތްވެ، މީހާގެ ތުރުތުރު އަޅާން ފެށީއެވެ. ހިންދިރުވާލަން އުނދަގޫވާން ފެށީއެވެ. އެތެރެ ހަށިން އުފެދެމުން އައި އޮއިވަރާއެކު ރިޒުލާގެ ނޭވާ ވެސް ތާށިވަމުން ގޮސް މީހާ ހުއްޓުން އެރީއެވެ. އޯކަށް ދެމެމުން ދެމެމުން ގޮސް މުޅި މީހާ އެކުގައި ހުއްޓުނީއެވެ.

ރިޒުލާ މޫނުމަތިން މަންޒަރު ފުސްވަމުން ދިޔައެވެ. މަޑުމަޑުން ފާރުގައި އެއް އަތުން ހިފައިލިއެވެ. ފާރުގައި އަތް ހަރުލާ ގޮތެއް ނުވިއެވެ. އެއަތް ކަހައިލިއެވެ. ދެވަނަ ފަހަރު ވެސް ފާރުގައި އަތް ޖައްސައިލެވޭތޯ ބެލިއެވެ. އެކަން ވެސް ނާކާމިޔާބުވީއެވެ. ރިޒުލާ އަރި އަޅައިލިއެވެ. މަންޒަރު ބަލަން ހުރި ވަދީފާއަށް ރިޒުލާއާ ހަމައަށް ދެވުނީ ކިރިޔާއެވެ.

"މީ ގޭތެރޭ ހިނގައިދިޔަ ކުޑަކުޑަ މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް" ވަދީފާ މައުލޫމާތު ހިއްސާކުރަމުން ދިޔައީ ފުލުހުންގެ ތަހުގީގު ޓީމުގެ އިސްވެރިޔާއަށެވެ. "އަނެއްހެން ބޮޑު ކަމެއް ނޫން. އެކަމަކު ނާޝިދުގެ ރުޅި ކޮންޓްރޯލް ނުކުރެވުމުން ހިނގި ހާދިސާއެއް"
"ޖިސްމާނީ ގޮތުން ރިޒުލާއަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު، މި ކަން ގިންތި ކުރެވިގެންދާނީ ގެވެށި އަނިޔާގެ ގޮތުގައި" ފުލުސް އޮފިޝަލް، ފައްޔާޒު ވަދީފާގެ މޫނަށް ބަލައިލިއެވެ. "ގެވެށި ގުޅުމަކުން ގުޅިފައިވާ ފަރާތްތަކެއްގެ މެދުގައި ހިނގާ ކަންކަމުން އެއްވެސް ފަރާތަކަށް އަނިޔާގެ ގޮތުގައި ބެލެވޭ ކަމެއް މެދުވެރިވެއްޖެ ނަމަ ގާނޫނުގެ އަތް އެމީހަކާ ހަމައަށް ފޯރާނެ. އެމީހަކު މައްސަލަ ދޫކޮށްލި ނަމަވެސް ދައުލަތުން މައްސަލައިގެ ތެރެއަށް ވަންނާނެ. މިކަހަލަ އަނިޔާގެ ތެރޭގައި މި ހިމެނެނީ މައިގަނޑު ތިން ވައްތަރެއްގެ އަނިޔާ. އެއީ ޖިންސީ، ޖިސްމާނީ އަދި ނަފުސާނީ އަނިޔާ. މި ހާދިސާއަށް ބަލާއިރު، ސާފުކޮށް އެބަ އެނގޭ ރިޒުލާއަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަން. އެކަމުގެ ސަބަބުން އޭނާއަށް ނަފުސާނީ އެތައް ގެއްލުން ތަކެއް ލިބިގެންދާނެކަން"
"އެކަމަކު؟" ވަދީފާ ނުތަނަވަސް ވަމުން ދިޔައެވެ.

"އަޅުގަނޑު ނުދެކެން ނާޝިދު އެ ރިޒުލާގެ ދުލަށް ޕިން ކޮށްޕާލި ތަނެއް. ބޮޑަށް ހީވަނީ އެކްސިޑެންޓަކުން ވީކަމެއްހެން" ވަދީފާ ދާހިއްލަމުން ދިޔައެވެ. "އަޅުގަނޑު ކޮޓަރިން ނިކުތީ ބޭރުގައި އަޑުގަދަވާތީ. އޭރު ރިޒުލާ އަރި އަޅައިލަނީ"
"ރާއްޖޭގައި ހިނގާ މިފަދަ އަނިޔާވެރި ކަންކަން ހުއްޓުވުމަށް ފުލުހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާ ލިބޭ ފަރާތްތަކުންނާއި އަނިޔާ ދޭ މަންޒަރު ފެންނަ މީހުން ތަހުގީގަށް އެއްބާރުލުން ނުދިނުން" ފައްޔާޒު އަތުގައި އޮތް ގަލަމުގެ ދޯރި ނަގައި މޭޒުމަތީގައި ބޭއްވިއެވެ. "ފުލުހުންނަށް ވެސް އަމާން ވެށްޓެއް ގާއިމު ކުރެވޭނީ ރައްޔިތުންގެ ފަރާތުން ލިބެންވާ އެއްބާރުލުން ފުރިހަމައަށް ލިބިގެން. އަނިޔާވެރި އަމަލުތަކަށް ފަސް ނުޖެހި، ފުލުހުންނަށް އެއްބާރުލުން ދީގެން. އާއްމުކޮށް ގެވެށި އަނިޔާތަކުގެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ލިބުމަށް ލަސްވަނީ އަދި އެކަންކަން ނުކުރެވެނީ ވެސް އާއިލާ ރޫޅިދާނެކަމުގެ ބިރައްޓަކައި އަނިޔާ ލިބޭ ފަރާތްތަކުން ހަނު ހުންނާތީ"

"މާނައަކީ؟" ވަދީފާ ސުވާލުގެ ނަޒަރަކުން ބަލައިލީ ފައްޔާޒުގެ މޫނަށެވެ.
"އަޅުގަނޑު މިދެންނެވީ ކަމުގެ ހަގީގަތް" ފައްޔާޒު ވެސް ބަލައިލީ ވަދީފާގެ މޫނަށެވެ. "މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނީ ރިޒުލާ ހަމައަކަށް އެޅުމުން. އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކާ ގުޅޭގޮތުން ނުވަތަ ތުހުމަތު ކުރެވޭ ކަންކަން ދެނެގަތުމަށް އަނިޔާ ލިބުނު ފަރާތުގެ ބަހެއް ހޯދޭނީ އަނިޔާވި ފަރާތް އާއްމު ހާލަތަށް އައުމުން"

ހަމަ އެވަގުތެވެ. ރިޒުލާ އޮތީ ރަށުގެ ސިއްހީ މަރުކަޒުގައި އެނދުމަތިކޮށްފައެވެ. އަތުގައިވަނީ އައިވީ ގުޅައިފައެވެ. ރިޒުލާގެ ދެ ލޯވަނީ އަޑިވަދެފައެވެ. ލޯ ކައިރިވަނީ ކަޅުވެފައެވެ. އޭނާއެކޭ އެތައް ދުވަހެއް ވަންދެން ބަލިވެ އުޅެފައިވާ މީހެކޭ އެއްފަދައެވެ. މޫނުމަތީގެ ތާޒާކަން ވަނީ ގެއްލިފައެވެ.

ރިޒުލާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އެއަށްފަހު ހިކިފައިވާ އޭނާގެ ތުންފަތް ދުލުގެ ކުރިން ތެތްކޮށްލިއެވެ. ރިޒުލާ ބަލައިލީ ނާޝިދުގެ މޫނަށެވެ. އޭރު ނާޝިދު ރިޒުލާގެ މަގަތުގައި އިނެވެ. މާޔޫސްވެ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.
"ޑޮކުޓަރ އެބަ ގޮވާލައްވާ" ނަރުސް ކުއްޖާ ފަރި ހިނގުމެއްގައި އައިސް ނާޝިދަށް ބަލައިލިއެވެ.
ސިހިފައި ނާޝިދަށް ބަލައިލެވުނީ ރިޒުލާގެ މޫނަށެވެ. ދެވަނަ ފަހަރު ނަރުސް ކުއްޖާގެ މޫނަށެވެ. އެއީ ނުހާއަށް އެތަނަށް އާދެވުނު ވަގުތެވެ.

"ރިޒޫ ކިހިނެއްވީ ކަމެއް؟ މި ކޮން؟" ނުހާ ހުއްޓައިލީ ރިޒުލާގެ ލޮލުން ކުރި ހަރަކާތެއް ފަހުމުވުމުންނެވެ.
"އެބަ އަންނަން ޑޮކުޓަރ ރޫމަށް ވަދެލައިފަ" ނާޝިދު ތެދުވެ ނުހާގެ މޫނަށް ބަލައިލިއެވެ.
"އަހަންނަށް ދެވިދާނެތަ؟" ނުހާ ތަރުޖަމާ ކުރަމުން ދިޔައީ ރިޒުލާގެ ލޮލުގެ ހަރަކާތްތަކެވެ.
"ކިހިނެއްވީ؟" ނާޝިދު ސުވާލުގެ ނަޒަރަކުން ބަލައިލީ ރިޒުލާގެ މޫނަށެވެ.
"އެންމެ ރަނގަޅު" ނާޝިދު ނުރުހިފައި ހުރެ އެއްބަސްވިއެވެ.

ނުހާއާއި ނާޝިދު ޑޮކުޓަރު ކޮޓަރިއަށް މިސްރާބު ޖެހިތާ އިރު ކޮޅެއް ނުވަނީސް ވަދީފާ އެތަނަށް އައެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ހާސްވެ ކަން ބޮޑުވުމުގެ ކުލަވަރެވެ. އޭނާ ހީވަނީ ގޮސް ހުސްވެފައިވާ މުސާފިރެއް ހެންނެވެ. ވަދީފާ އިށީނީ ރިޒުލާ އޮތް އެނދުކައިރީގައި ހުރި ގޮނޑީގައެވެ. އޭނާގެ މޫނުމަތި ވަނީ މިލައިމޯޅިވެފައެވެ.
ވަދީފާ ބަލައިލީ ރިޒުލާގެ މޫނަށެވެ. ރިޒުލާ ވެސް ބަލައިލީ ވަދީފާގެ މޫނަށެވެ. ހައިރާން ކަމާއެކުގައެވެ.
"މަރުހަބާ" ޑޮކުޓަރު ބަލައިލީ ނާޝިދުގެ މޫނަށެވެ.

"ކިހިނެއްވީ؟" ރިޒުލާ މަޑުމަޑުން ވަދީފާއަށް ސުވާލު ކޮށްލިއެވެ.
"ޓެސްޓުތަކުން ދައްކަނީ ރިޒުލާ މާބަނޑު ކަމަށް" ޑޮކުޓަރު ހިނިތުންވެލިއެވެ.
"މި ކަމުގައި މައްސަލަ ވަރަށް ގޯސްވާނެކަމަށް ފެންނަނީ. މިތަނުން އޮތީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ" ވަދީފާ އިސްޖަހައިލައިގެން އިނދެ ވާހަކަދެއްކިއެވެ.

"ފުރަތަމަ ދަރިފުޅުވީމަ، ރިޒުލާއަށް ވަރަށް ބޮޑަށް ރެސްޓު ބޭނުންވާނެ. އަދި ފިރިމީހާގެ ލޯތްބާއި އޯގާތެރިކަން ދޭންވާނެ" ޑޮކުޓަރު ނުސީދާ ގޮތަކަށް ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަމާޒުކުރިއެވެ.
"ކީއްވީ؟ ސީދާކޮށް ވީގޮތެއް ބުނެދީބަލަ" ރިޒުލާ ހައިރާންކަމާ އެކު އަހައިލިއެވެ.
"ގެވެށި އަނިޔާއެއް ކަމަށް ތުހުމަތު ކުރެވޭ ކަމެއް ދިމާވެގެން ބަލި މީހަކު ޑޮކުޓަރަށް ދައްކައިފިނަމަ މީހަކު މައްސަލަ ހުށަނޭޅި ނަމަވެސް، ސިއްހީ ފަރުވާދޭ ތަންތަނުން އެކަން ފުލުހުންނަށް ހުށަހަޅާނެ. އެހެން ނޫނީ އެ ބަލިމީހާ ބެލި ޑޮކުޓަރަކަށް ދައުވާ ކުރުމުގެ ފުރުޞަތު އޮންނާނެ" ވަދީފާ ހާސްކަމާއެކު ކުރިއަށް ގެންދިޔައެވެ. "ކޮންމެ ގޮތެއް ވިޔަސް ކަން ހިނގި ގޮތަށް މިކަން ސާފުކޮށް ރިޒުލާ ކިޔައިދީފި ނަމަ ނާޝިދު ކުށްވެރިވާނެ. މިކަމުގަ ރިޒުލާއަށް ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ"
"އަހަންނަށް މިކަމުގައި މާބޮޑު ކަމެއް ކުރެވިދާނެތޯ" ނާޝިދު ހައިރާން ކަމާއެކު ޑޮކުޓަރުގެ މޫނަށް ބަލައިލިއެވެ.
"ހަގީގަތުގައި އަނބިމީހާއަށް ލޯބިދީ، ވީހާ ވެސް ބޮޑަށް އޭނާ ހިތްހަމަ ޖައްސުވައިގެން ގެންގުޅުމަކީ ލިބެން އުޅޭ ދަރިފުޅުގެ ސިއްހަތަށް ޓަކައި ފިރިމީހާއަށް ކުރެވިދާނެ މުހިއްމު ކަމެއް. ބަލިވެ އިންނަތާ ފުރަތަމަ ކޮޅު، ހާއްސަކޮށް ފުރަތަމަ ތިން މަހަކީ ދަރިފުޅުގެ ހެދިބޮޑުވުމަށް މުހިއްމު ދައުރެއް އަދާކުރާ ތިން މަސް ކަމަށްވާތީ، ވީހާ ވެސް ބޮޑަށް މައިމީހާ އަރާމުކުރުން މުހިއްމު. ފިކުރު ބޮޑުވުންތަކާއި ހިތް ނުތަވަސް ވުމަށް މެދުވެރިވާ ކަންކަމުން ދުރުވުން މުހިއްމު" ޑޮކުޓަރު ފުން ނޭވާއެއް ދޫކޮށްލިއެވެ. "ދަރިފުޅަކީ ދުޅަހެޔޮ ސިއްހަތު ސަލާމަތުން ހުރި ކުއްޖެއް ކަމުގައި ހެދުމުގައި ފިރިމީހާއަށް ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ"

"އެންމެ ރަނގަޅު. އަހަރެން މަޢާފުކޮށްފިން" ރިޒުލާ ލުއި ހިނިތުންވުމެއް ތުންފަތުގައި ދައުރުކޮށްލިއެވެ. "އަހަންނަކީ އަދިވެސް އަހަރެން. އެމީހަކު ކުރިކަމެއް އެމީހަކަށް"
"ހަގީގަތުގައި މި ހުރިހާ ކަމެއްގެ ގޯސް ހެދި މީހަކީ އަހަރެން. ނާޝިދު ކުށުގެ މާހައުލަށް ގެންދެވުނީ އަހަރެންގެ ސަބަބުން. އޭނާއަކީ ގޯސް މީހެއް ނޫން" ވަދީފާ ލަދުވެތި ކަމާއެކު އިސްޖަހައިލިއެވެ.
"ޝުކުރިއްޔާ ވަރަށް ބޮޑަށް" ނާޝިދު ކޮޅަށް ތެދުވަމުން ޑޮކުޓަރަށް ސަލާމް ކޮށްލިއެވެ.
"އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތައް ފިލާވަޅެއް އެނގިއްޖެ" ރިޒުލާ ލަސްލަހުން ޖުމުލަތައް ފުރިހަމަ ކުރެވޭތޯ މަސައްކަތްކުރިއެވެ. "އެއްވެސް މީހަކަށް ހިތް ބުރަކަމެއް ނެތް"
ނުހާ އާއި ނާޝިދު އެކުގައި ކަހަލަ ގޮތަކަށް އައިސް ރިޒުލާ އޮތް އެނދު ކައިރީ ހުއްޓުނެވެ. ނުހާ ބަލައިލީ ނާޝިދުގެ މޫނަށެވެ. ނާޝިދު ވެސް ބަލައިލީ ނުހާގެ މޫނަށެވެ. ނުހާ ހުރީ ދެއަތް ފުރަގަހަށް ލައިގެންނެވެ. ދެވަނަ ސިކުންތުގައި ރިޒުލާގެ މޫނަށް ދެމީހުން އެކުގައި ބަލައިލިއެވެ.

ރިޒުލާ ހައިރާން ކަމާއެކު ނުހާގެ މޫނަށް ބަލައިލިއެވެ. ނުހާގެ ލޮލުގެ ހަރަކާތުން ނާޝިދަށް އިޝާރަތްކޮށްލިއެވެ. ރިޒުލާ ބަލައިލީ ސީދާ ނާޝިދުގެ ލޮލަށެވެ. އެ ދެ ލޮލުން ކަރުނަ ހިލެމުން ދިޔަ މަންޒަރު އޭނާއަށް ފެނުނެވެ.
"އަހަރެންގެ ބަޔާން ދީފިން" ތަނަށް ވެރިވެފައިވާ ހިމޭންކަމުގެ މައްޗަށް ވަދީފާ ބަރު އަޑު ގަދަވިއެވެ. "ރިޒުލާ ބޭނުން ގޮތަކަށް މިހާރު ކަންކަން ބަދަލުކޮށްލެވިދާނެ"
"އަހަރެން މާގިނަ ކަންކަމެއް ބޭނުމެއް ނޫން" ރިޒުލާގެ ލޮލުން ކަރުނަތައް ހިލިގަތެވެ. "ފިރިމީހާގެ ފަރާތުން ލިބޭ ކޮންމެ އެއްޗެއް، ކޮންމެ ކަމެއް އަހަރެން ބަލައި ގަންނަނީ ހިތުން ރުހުމުން. އެއީ އަނިޔާއަކަސް ހަދިޔާއަކަސް. އަހަންނަށް ލިބުނީ އަނިޔާއެއް ކަމަށް އަހަރެން ނުދެކެން. އަދިވެސް މި އުއްމީދު ކުރަނީ އެއީ އަހަންނަށް ލިބުނު ހަދިޔާއެއް ކަމަށް"
ނާޝިދަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ދެ ލޮލުން ކަރުނަތައް ހިލިގަތެވެ. ބޭއިހުތިޔާރުގައެވެ. ނާޝިދު މަޑުމަޑުން ކުރިއަށް ޖެހިލަމުން ރިޒުލާގެ ކަނާއަތުގައި ހިފައިލިއެވެ.

"ވަރަށް، ވަރަށް ބޮޑަށް މަޢާފަށް އެދެން" ނާޝިދު ރިޒުލާގެ އަތްތިލައަށް ބޮސްދިނެވެ. "އަހަންނަށް ވަރަށް ގިނަ ކަންކަން އެނގިއްޖެ. ދަސްވެއްޖެ"
"ނުވިސްނުނު" ރިޒުލާ ހައިރާން ކަމާއެކު ނާޝިދުގެ މޫނަށް ބަލައިލިއެވެ. "އަހަންނަށް އެންމެ ކަމެއް ކޮށްދީފި ނަމަ ވަރަށް އުފާވާނެ"
"އެ ކޮންކަމެއް؟" ނާޝިދު އިސް އުފުލައިލިއެވެ. "ބުނޭ ރިޒޫ ބުނާ ކޮންމެ ކަމެއް އަހަރެން ހިތުން ރުހުމުން ކޮށްދޭނަން"
"އަހަންނަށް މިހާލު ނުޖައްސާ އަހަރެން ރަށަށް ފޮނުވައިލަދީ" ރިޒުލާގެ ދެ ލޮލުން ކަރުނަތައް އޮހިގަތެވެ. "މި ދިރިއުޅުން ކާމިޔާބު ކުރުމަށް އަހަރެން ވަރަށް ހިތްވަރުކޮށްފިން. ވަރަށް މަސައްކަތް ކޮށްފިން. މިހާރު އަހަރެން ވަރުބަލި ވެއްޖެ. ދެން އިތުރަށް ކުރިއަށްދާނެހާ ހިތްވަރެއް އަހަރެންގެ ނެތް"
ނާޝިދު ބަލައިލީ ނުހާގެ މޫނަށެވެ. އޭނާ ހުރީ ފެންކަޅިވެފައެވެ. ވަދީފާ ވެސް އިނީ ހަމަ އެ ހާލުގައެވެ.
"އެކަމަކު" ނާޝިދަށް ފުރިހަމައެއް ނުކުރެވުނެވެ.

"ނާޝިދަށް އަހަންނަށް ވުރެ މާ ރަނގަޅު މާ ރީތި މީހުން ވެސް ލިބޭނެ. އަހަރެން މީ ނާޝިދުގެ ހަޔާތަށް އެކަށީގެންވާ މީހެއް ނޫންކަމަށް މިއަދު އަހަރެން ވެސް އެއްބަސް. އެކަން ގަބޫލު ވެސް ކޮށްފިން" ރިޒުލާ ލަސްލަހުން ފުރިހަމަ ކުރިއަށް ގެންދިޔައެވެ. "އަހަރެންގެ މިޒާޖާއި ނާޝިދުގެ މިޒާޖު އުޑާއި ބިމާހާ ފަރަގު. އަހަރެންގެ ވިސްނުމާއި ނާޝިދުމެންގެ ވިސްނުމާ ވަރަށް ތަފާތު"
"އެކަމަކު ރިޒޫ" ނުހާއަށް ކެތެއް ނުކުރެވުނެވެ. "ރިޒޫއަށް އެނގޭނަމަ..."
"ނުހާ! އަހަންނަށް އެނގޭ ނުހާ އަހަންނަށް ހަމްދަރުދީ ވަނީކަން. ނުހާގެ ތި އޮތް ކަހަލަ ހިތެއް ކޮންމެ ކޮންމެ މީހެއްގެ ނޯންނާނެ" ރިޒުލާ ބަލައިލީ ނުހާއަށެވެ. ރިޒުލާ މަޑުމަޑުން ހިންދިރުވައިލިއެވެ. އޭނާއަށް ވާހަކަދެއްކުމަށް އުނދަގޫވެގެން ކުރިއަށް ނުގެންދެވުނީއެވެ.

"ރިޒޫ! ރިޒޫ ކިތައްމެ ބޭނުންވިޔަސް މިހާރު ރިޒޫ އެކަނި ކޮށްލުމަކީ އެއީ އެންމެ ރަނގަޅު ގޮތެއް ނޫން" ނާޝިދު ހިންދިރުވައިލަމުން ހަމަޖެހިލިއެވެ.
"އާނ ރިޒޫ. ރިޒޫއަށް ނުވިސްނުނަސް މިހާރު ވަރަށް ގިނަ ކަންކަން ބަދަލުވާން ޖެހިއްޖެ. ހުރިހާ ކަމެއް ބަދަލުކުރާން މަޖުބޫރުވެއްޖެ. މިކަމުގައި ތި ދެމީހުން އެކައްޗެއް ކިޔަން ވެއްޖެ" ނުހާ ވެސް ނާޝިދުއާ ބައިވެރިވެލިއެވެ.
"އެ ވާހަކައޭ އަހަރެން ވެސް މި ދައްކަނީ" ރިޒުލާ ލަސްލަހުން ބުނެލިއެވެ.
"ނޫނޭ! އަހަރުމެން މި ދައްކަނީ މުޅިން އެހެން ވާހަކައެއް" ނާޝިދު ލުއި ގޮތަކަށް ހިނިތުންވެލިއެވެ. "އަހަރުމެން މިދައްކަނީ ރިޒޫ... ރިޒޫ މަންމައަކަށް ވާން އުޅޭ ވާހަކަ"
ރިޒުލާ ބަލައިލީ ނާޝިދުގެ މޫނަށެވެ. ހައިރާންކަމާއެކުގައެވެ. އަނެއް ސިކުންތުގައި ނުހާގެ މޫނަށް ބަލައިލިއެވެ. ނޫހާ ވެސް ހިނިތުންވެލިއެވެ. ނާޝިދު ވެސް ހިނިތުންވެލިއެވެ. އެއާއެކު ނުހާގެ ފުރަގަހުގައި އޮތް އަތް ކުރިމައްޗަށް ދިއްކޮށްލިއެވެ. ނާޝިދުގެ އިޝާރާތުން އެކަމަށް އެދުމުންނެވެ. ނުހާ އަތުގައި އޮތް މާބޮނޑި ނާޝިދަށް ދިއްކޮށްލިއެވެ. ނާޝިދު އެ މާބޮނޑި ރިޒުލާއަށް ދިއްކޮށްލިއެވެ. އެއާއެކު މުޅި ތަން އުފާވެރިކަމުގެ ހިނިތުންވުމުން ފުރިގެން ދިޔައެވެ.

"ރިޒޫ! އަހަރެން މި ގޮތަށް ވެސް ނިންމައިފިން" ނާޝިދު ރިޒުލާގެ ނިތްކުރިއަށް ބޮސްދިނެވެ.
"އެ ކޮން؟" ރިޒުލާގެ ލޮލުން ނީރެމުން ދިޔަ އުފާވެރިކަމުގެ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.
"ރިޒޫއާއެކު ރިޒޫގެ ރަށަށް އަހަރުމެންގެ ދިރިއުޅުން ބަދަލުކުރަން. އަހަރުމެންގެ ދިރިއުޅުމުގެ ބާކީބައި ރިޒޫގެ ރަށުގައި ހޭދަކުރަން" ނާޝިދު ހިނިތުންވެލިއެވެ. "ބުނަންތަ އެއް ވާހަކަ؟"
"ހޫމް" ރިޒުލާ ހިނިތުންވެލިއެވެ.

"ބުނަންހޭ ކަލާ! ވަރަށް ހިތްއެދޭ އެހައި ޗާލޭ..." ނާޝިދު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ރިޒުލާގެ ހިތުގައި ފުނި ޖެހިފައިވާ ޝަކުވާތައް އާތްވަށް ވެގެން މައްޗަށް އަރައިގެން ދިޔަ ކަހަލައެވެ.


(ނިމުނީ)
ހިޔާލު

ފެމިލީ ޕްރޮޓެކްޝަން އޭޖެންސީ

ގެވެށި އަނިޔާއަށް ހިތްވަރުދޭ ވާހަކައެއް. ވަރަށް ހުތުރު!!

ސަޅިބެ

އަޅެ ނިންމައިލީތަ.... ބައެއް ސުވާލަށް ޖަވާބު ނުލިބެ އަދި... ވަރަށް ސަޅި