Dhin Ufaa Loabin
image
ދިން އުފާ ލޯބިން--
ފުނަމާ
1 ކޮމެންޓް
 

ދިން އުފާ ލޯބިން

9 ވަނަބައި
ވައިރޯޅިއެއްގެ ހިލަމެއްވެސްނުވެއެވެ. ދުއްވަމުންދިޔަ ލޯންޗުގެ މިސްރާބުހުރީ މާލެއާއި ދިމާއަށެވެ. ކުރުނބާމޯލްޑިވްސްއަށް ޔަނާލް ދިޔައީ ރަސްމީ ބައްދަލުވުމަކަށެވެ. ހައެއްކަ ގަޑީރަށްދިޔަ ދަތުރު ދިގުދަންމާލަން މަޖުބޫރުވީއެވެ. ޝެނީންއާއިދެކެވުނު ގިނަވާހަކަތަކުން ދިރިއުޅުމަށް ލޮޅުމެއް ގެނެސްފިއެވެ. ހަފްތާއެއްގެ ޗުއްޓީއެއް ނަގާންޖެހުނީ، ލޮލުން ކަރުނަހިކުމަށް ވަގުތުބޭނުންވީތީއެވެ. މުސްކާންގެ ސުވާލުތަކަށް ޖަވާބުދޭން ފަސޭހަނުވާނެތީއެވެ.

ދެތިން ރޭ ޝެނީންއާއެކު ފޯނުން ވާހަކަދެކެވުނެވެ. އެއީ ދިގު ފޯންކޯލްތަކެކެވެ. އަޑުއިވުނު ވާހަކަތައް ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރުވައިފިއެވެ. ހުދު ދޮންވެލީގެ ސާފު ގޮނޑުދޮށުގައި އޮވެ، ޝަކުވާކުރިއެވެ. ހާލަތާއިމެދުއެވެ. އަމިއްލަ ނަފުސަށެވެ. އިވުނު އަޑުތައް ކަންފަތް ތަޣައްޔަރުކޮށްފިއެވެ. ގައިގައި ބީހުނު ވައިރޯޅިއާއި ފެނުނު، ބިއްލޫރިކޮޅެއްފަދަ ސާފުމޫދުގެ މަޑުމަޑު އޮއެވަރާއެކު ހިތައް ލިބެމުންދިޔައީ ހަމަޖެހުމެއްކަން، ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ޔަނާލްގެ ހަޔާތް ފުނޑުފުނޑުވެ ސުންނާފަތިވެގެންދިޔަ ހާދިސާގައި ކަންކަން ހިނގާފައިއެވަނީ ޔަނާލްއަށް ހިތައްވެސް ގެނެވިފައިނެތް އަނިޔާވެރި ރަހުމުކުޑަ ގޮތަކަށެވެ. އަމިއްލަ ނަފުސުދެކެ ދުވަހަކުވެސް ނަފުރަތު ނުކުރެވޭވަރަށް، ޔަނާލްގެ ސިފައާއި ސޫރައާއި، ފިރިހެންވަންތަކަމަށް ލަދުވެތި ވެވިއްޖެއެވެ. ނިމާ ނޫން އަންހެނަކުދެކެ ޔަނާލް ދުވަހަކުވެސް ލޯތްބެއް ނުވެއެވެ. ކިތަންމެ އަންހެންކުއްޖެއްގެ ގޯނާތަކެއް ލިބުނަސް، އެއިންކަމަކަށް ޔަނާލް ފަރުވާލެއް ނުބަހައްޓައެވެ. ހަމައެކަނި ނިމާއަށްޓަކައެވެ.

ކައިރީން ދަތުރުކުރާ އެހެއް އުޅަދެއްގެ ރާޅާއިއެކުނޫނީ، ޔަނާލް ދަތުރުކުރަމުންދިޔަ ލޯންޗަށް ލޮޅުމެއްވެސް ނާރައެވެ. މާސިންގާ ބިޔަކަނޑުގައި ދޫލައެއް އަޅާލާފައި އޮތްފަދައެވެ. ދުރުދުރުން ފެންނާން އޮތް ކަނޑަށް ބަލަހައްޓައިގެން އިނީ، އަވިއައިނެއްވެސް ނާޅައެވެ. ޔަނާލްގެ މިޒާޖަށް ޝައުގުވެރިކަންހުރި މީހަކު އެ ލޯންޗުގައި އިންނަމަ، ދެލޮލުގެ ވޭން އެމީހަކަށް ސާފުކޮށް ފެނުނީހެވެ.
***
"ހެނދުނު ގުޅާފައިބުނި މިއަދު ހެނދުނު އަންނާނަމޭ.. އެކަމަކު ޚާބަރެއްނުވި.. އެ ރިސޯޓަށް ގުޅީމައިބުނީ ލޯންޗު ފުރުން ލަސްވީކަމަށް.. އެމީހުން އެބުނާގޮތުންވިއްޔާ މިހާރު ދެން މާލެ އާދެވިދާނެ.. އެސޮރަށް ވެގެން އެއުޅޭގޮތެއް ހަމައެއްގޮތަކަށްވެސް މަށަކަށް ނޭގެ.. އެހެންޏާ ދުވަހަކުވެސް ނުދާނެ ފޯނު ޗާޖަރުނުލައެއް.. އެނގޭނެ އަހަރެން ހާސްވެ، ކަންބޮޑުވާނެވަރު.. ޔަނާލް މާލޭގައި ނެތިއްޔާ މުސްކާން ގުޅާނެވަރު އެސޮރަށް އެނގެންވާނެ.. ކޮންމެ ދުވަހަކު ހެނދުނު އެއްފަހަރު ގުޅަލިޔަސް ކަމަކުނުދާނެކަންވެސް އެގެންވާނެ ނޫންތަ" ހިތްހަމަ ނުޖެހިގެން މުރުޝިދާ ވާހަކަދެއްކިއެވެ.
އަނބިމީހާގެ ކަންބޮޑުވުން ޒަމީލްއަށް އިހުސާސްކުރެވެއެވެ. ޔަނާލްދެކެ މުރުޝިދާވާލޯބި އެންމެ ރަގަޅަށް އެނގޭނީ ޒަމީލްއަށެވެ.

މުރުޝިދާއަށް ނޭގުނީ ޔަނާލްއަތުގައި ޗާޖަރުވެސް އޮތްކަމެވެ. ޝެނީންއާއި ވާހަކަދައްކާން ފަސޭހަނުވާތީ ފޯނު ނިވާލައިގެން އުޅޭކަން، ޔަނާލްވަނީ ސިއްރުކޮށްފައެވެ. މުސްކާންއާއި މަންމަމެން ގުޅަންބޭނުންވާނެތީ، ރިސޯޓުގެ ލޭންޑް ލައިނަކުން ޔަނާލް ކޮންމެދުވަހަކުވެސް ގުޅާލައެވެ.

އެތައް ރެއެއްގެ ނިދިން މަހުރޫމުވެއްޖެއެވެ. މޫނުމަތީގެ ތާޒާކަން އަތުނުޖެހޭ ހިސާބަށް ގޮސްފިއެވެ. ޝެނީންގެ މެސްޖްތައް އިންބޮކްސްއަށް ޖަމާވަމުންދިޔަކަމުގެ އެލަރޓް ފޯނަށް އަންނަމުންދެއެވެ. ނަމަވެސް އެންމެ މެސެޖެއްވެސް ޔަނާލް ބަލައިނުލައެވެ. އެއަޑުތައް އިތުރަށް ކަންފަތާއި ހަމައަށް އަޔަނުދިނުމަށް ޔަނާލް މަސައްކަތްކުރަނީއެވެ. ސިކުނޑިއަށް ބަރުބޮޑުވެ، އުފުލަން އުނދަގޫވަރަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ.

****
ނިޝާނާއާއި ޖެހުނު މައްސަލައެއްގައި ޝަރީފު ނިދާކަށް ނާދެއެވެ. ދެ ދަރީން މިއަދު ސްކޫލަށް ނުދާތީ އަދި އެތިބީ ނިދާފައެވެ. ބަނޑުހައިވުމުން ނިޝާނާތެދުވެ، ސައިބޮއެގެން އޮށޯތީއެވެ. ދަރީން ސްކޫލަށް ނުގެންދިއުމަކީ ނިޝާނާއަށް އާންމުކަމެކެވެ. އެކުދީންގެ ފިލާވަޅުތައް ހަމަކުރުމަކީ އޭނާއަށް މުހިއްމުކަމެއްނޫނެވެ. އެކަން އޮންނަނީ ޝަރީފުގެ ޒިންމާގެ ލިސްޓަށް އިތުރުކޮށްފައެވެ. ސްކޫލަށްނުދާ ދުވަހެއްނަމަ، އޮފީހުގައި ހުރެފައިވެސް އެކުދިންނަށް ސައިދޭން ޝަރީފު އަންނާންޖެހެއެވެ. ދަރީންބެލުމަކީ ދެމީހުންގެ ޒިންމާއެއްކަމަށް ނިޝާނާވަނީ ބުނެފައެވެ.
****
ގަޑީން ދިހައެއްޖެހިއަޑާއެކު ޝެނީން މޯޅިއަށް ދެމިލިއެވެ. ކުއިލްޓުން ހަށިގަނޑުނިވާކޮށްލަމުން ގާތުގައި އޮތް ލޯބިވެރިޔާގެ ގައިގައި ބައްދާލިއެވެ.

"ގަޑީން ކިހާއިރެއް؟" ލޯވެސް ހުޅުވާނުލައި އޮވެފައި ޝަރީފު އަހައިލިއެވެ. ދިހައެއްޖެހީކަމަށް ޝެނީން ބުނެލީ ކަންނެއްކަމާއެކުއެވެ. ޝަރީފުގެ ދެލޯ ހުޅުވާލީ، ނިދީގެ ކަންފުޅެއްވެސް ނެތް މީހެއްފަދައިންނެވެ.

"ސުބުޙާނަﷲ.. މަގޭ ދަރިންކޮޅު..!!" ބުނެވުނު ރާގާއި، ބުނެވުނު ގޮތް ޝަރީފަށް ވިސްނައެއްނުލެވުނެވެ. ދުލުން ބަސްބޭރުވެނިމުނުއިރު ޝަރީފުއިނީ އެނދުމަތީގައި ކޮޅަށެވެ.

"ދަރިންކޮޅުވާނީ ސްކޫލްގައި ނޫންތަ؟" އަތުތެރެއަށް ކުއިލްޓް ބޮނޑިކޮށްލާފައި މޭމަތީގައި ފިއްތާލަމުން ޝެނީން ތެދުވިއެވެ. ނޭވާގެ ހޫނުކަން އިޙްސާސްވާހާއި ގާތްވެލައިފިއެވެ. ޝަރީފުގެ ގައިގައި ބާރަށް ބައްދާލުމަށް މަސައްކަތްކުރިއެވެ.

"މާބޮޑަށް ހާސްނުވެބަލަ! ރުޅިއައިސްފައިހުރީމައި ގުޅަން ނުކެރުނީކަންނޭގެ.. ސްކޫލަށް ނުގެންގޮސް ނުބައިތިއްބާނެ.. ރޭގައި ބުނީމެއްނުން، ދެކުދިންގެވެސް މިއަދު ޓެސްޓްއޮތް ވާހަކަ.." ގައިގޯޅިވާން މަސައްކަތްކުރަމުން ޝެނީން ބުނެލިއެވެ. ކަންފަތުފޫޅުގައި ދަތްއެޅީ ޝަރީފުގެ ހިއްސުތަކުގައި ހުޅުޖެހުމުގެ ބޭނުމުގައެވެ. ލޯބިވެރިޔާ ހިތްހަމަނުޖެހިފައި އިނުމުން އިތުރަށް ލޯބިކޮށްލަން ޝެނީންގެ ހިތް އެދެނީއެވެ. ދެލޯމަރާލަމުން، ޝަރީފުގެ ކިހިލިފަތްދޮށާއިދިމާއިން ފުރަގަހުން ދެއަތް ލައްވާލުމަށްފަހު ބާރަށް ބައްދާލިއެވެ. ދެހަށިގަނޑު ފިތިބާރުވެއްޖެއެވެ.

ފިރިހެނަކު ނިދާހޭލާގަޑީގައި އަންހެނެއްގެ ޖާދޫގައި ޖައްސާނެގޮތް ޝެނީންއަށް ވަރަށް ރަގަޅަށް އެނގެއެވެ. ހުރަހަކާއިނުލައި ދެހަށިގަނޑު ފިތިގެންދިޔަވަގުތު ޝަރީފުގެ ކޮންޓްރޯލްހޯދީ ޝެނީންއެވެ. ލޯބިވެރިޔާ ޝެނީންގެ ބާރުގެ ދަށުގައި ބާއްވާލިއެވެ. ކަންފަތްބުޑުގައި ތުންފަތް ހާކާލިގޮތުން ޝަރީފުގެ ލޯލިތައް ކޮޅަށްޖެހިގެންދިޔައީ ދެލޮލުގެ އެސްފިޔަތައް ތިރިކޮށްލަމުންނެވެ. ރޭހަތަރުދަމުގެ އިޝްގީ ހަނދާންތަކުން ޝަރީފުގެ ހިތުގައިވެސް ވިންދުއަވަސްކޮށްލައިފިއެވެ. ޝެނީންގެ މިސްރާބަކީ ކޮބައިކަން ދެނެގަންނާން އުނދަގުލެއް ނޫނެވެ.

"ވަރުބަލިވެސްނުވޭތަ...؟ ރޭގައި ނިދުނީވެސް ފަތިސްވީފަހުން ނޫންތަ؟" އިޝްގީ ބުނެލުމެކެވެ. ޝެނީންގެ ބީހުންތަކަށް އިންތިހާއަށް އެދޭއިރުވެސް، ދެކޮޅުހެދޭތޯ ޝަރީފު މަސައްކަތްކުރީ ގަދަކޮށްލުމަށެވެ. ޝަރީފުގެ ސުވާލުން ޝެނީންގެގާތަށް ހިނިއައެވެ. ކުރިއަށްވުރެންބޮޑަށް ދެހަށިގަނޑުގެ ހޫނުން، ލޯބިދިނުން ޝެނީންއަށް މުހިއްމުވީ އެސުވާލަށް ޖަވާބުދާރީވުމުގެގޮތުންނެވެ.

****
ގެއަށްއައިގޮތަށް ޔަނާލްވަނީ ފާޚާނާއަށެވެ. ގަޑިއެއްހާއިރު ފެންމާގަނޑުދަށުގައި ހޭދަކޮށްފިއެވެ. ލޮލުން އޮހޮރޮނު ކަރުނައިގެ ރަހަ އަދިވެސް ނުފިލައެވެ. ދެލޮލުގެ އާވި، ފެނާއެކު ޣަރަގުވެގެންދިޔުމަށް މިވަގުތު ބޭނުމެވެ. އުމުރުގެ ބޮޑުބައެއް ޔަނާލްހޭދަކުރީ ކަރުނަޔާއެކުއެވެ. އެކަމަށް ހެކިވާނެ ދުލެއް ނެތަސް، ކޮޓަރީގައިވާ ކޮންމެ އެއްޗެއް އެކަމަށް ހެކިވާނެކަން ޔަގީނެވެ. ބޯއަޅާ ބާލީހަށް ދިރުމެއް ލިބިގެންވާނަމަ، ޔަނާލްގެ ހާލަތައް ކަރުނައެޅީހެވެ.

މާޒީއެވެ. ކަރުނާއި ވޭނާއި ހިތާމައާއި ބަދުނާމެވެ. ވޭނާއި ކެކުޅުމެވެ. ކުލަނެތް މަންޒަރުތަކެކެވެ. ފަސޭހަވުމެއް ނެތް ފުން ޒަޚަމުތަކެކެވެ. ފުރަތަމަ ދުވަހުންފެށިގެން ވަފާތެރިވިއެވެ. ނަމަވެސް ބޭވަފާތެރިކަމާއި ކެހިވެރިކަމުގެ ނަމުން، ޔަނާލްގެ ނަން ކިލަނބުވެއްޖެއެވެ. ކުއްވެރިއެއްކަމުގައި ސިއްކަޖެހި މިންޖުވުމެއް ނެތް ހިލިހިލާއަކުން ހައްޔަރުވެއްޖެއެވެ.
ފެންމާގަނޑުން އޮހޮރެމުންދިޔަފެން ޔަނާލްއަށް ކަމަކު ނުދިޔައެވެ. ފެންއިސްކުރުގެ އަތްގަނޑު ކޮޅުބަދަލުކޮށްލުމާއެކު އޮހޮރެންފެށި ފެން ފިންޏެވެ. ހީކަރުވައިގަންނާން ބޭނުންވީއެވެ. ލޯ މަރާލުމާއެކު ފެންނާންފެށީ ބޯކެރިއާއެކު ލާމުއަތޮޅަށް ކުރި ބޮޑު ވިއްސާރައިގެ މަންޒަރުތަކެވެ. އެތައް ބަޔަކަށް ގެންލުންލިބުނެވެ. ފަސޭހައިން ފޫނުބެއްދޭވަރުގެ ބޮޑެތިގެއްލުމެވެ. އެތައްބަޔަކަށް ބިރުވެރިކަމާއި ނާންމާންކަން ގެނެސްދެމުންދިޔަ، ޠޫފާނީވަގުތުގައި ޔަނާލްއަށް ލިބެމުންދިޔަ ލައްޒަތަކީ ހަޔާތުގައި ލިބުނު އެންމެ އަރާމު އިޙްސާސެވެ. ދިރިއުޅުމާއި މިޒާޖާއި ހާލަތު ބަދަލުކޮށްލީ، ބޮޑެތިގެއްލުންތަކެއް ލިބުނު، ހޮނުގުގުރިއާއެކު ފެތުރިގެންދިޔަ ގަދަފަދަ އަލިކަމެވެ.

އެއީ އަނދިރި ރެއެކެވެ. ރަށުގައި ކަރަންޓެއްނެތެވެ. މަދު މީހަކު ގެންގުޅޭ ޓޯޗްބައްތިއަކުން ފެންނަ އަލިކަމެއް ފިޔަވައި، އުދަރެސް ދިއްލާލަނީ ވިދުވަރުގެ ގަދައަލީންނެވެ. ކަނޑުގެ މާސިންގާ ރާޅުތަކުގެތެރޭގައި ފުރާނައިގެ އުއްމީދުކަނޑާލި އެތައް ވަގުތެއްދިޔައެވެ. ހިކިފަސްތަނަކަށް އެރޭކަމުގެ ކުޑަވެސް އުއްމީދެއްނެތެވެ. ނަމަވެސް ﷲގެ ހެޔޮރަޙްމަތްފުޅާއެކު އޮޑީގެ ހުރިހައި އެންމެން ގަދަވެސަލާމަތުން އެތިބީ ރަށުގައެވެ. އޮޑީގައި ހޮޑުލެވުނުލެއް ގިނަކަމުން ގައިގައި ވަރެއް ނުހުންނާނެތީ، ޔަނާލް އެހުރީ އަރާމުކޮށްލައި ނިދާލުމަށް ގޭގައި ބަހައްޓާފައެވެ. ރަށުގެ ހުރިހައި ފިރިހެނުންވީ މަސައްކަތައް ނިކުމެއެވެ.

ޔަނާލްއާއި ނިމާ ނޫން މީހަކު ގެއަކުނެތެވެ. ނިމާގެ ބައްޕަ ގެއިން ބޭރަށް ނިކުންނަމަ، ޔަނާލްގޮވައިގެން ނޫނީ ނުނިކުންނާނެއެވެ. މަސްދުވަހު އެގޭގައި ހޭދަކުރެވުނުއިރުވެސް، ނިމާއާއި އަނގައިން ބުނެލާނެ ފުރުސަތެއް ޔަނާލްއަށްވަނީ ނުލިބިފައެވެ.

އެއީ ދެމީހުން އެކަނި ގޭގައި ވުމަށް ލިބުނު ފުރަތަމަފަހަރެވެ. ކަރަންޓުނެކެނޑިފައިވުމުން، ގޭގައިވެސް އަލިކަމެއްނެތެވެ. އަނދިރިކަމަށް، ނިމާ ބިރުގަންނަކަން ޔަނާލްއަށްވަނީ އެނގިފައެވެ. ވަރަށް އަދައިގެ ގޮތަކަށް ހަދާފައިވާ ގެއަކަށްވާތީ، ކަރަންޓުވެސް ވަޔަރުކޮށްފައިވަނީ ނަމަކަށެވެ. އަލިފަނޑު ބޮއްކެއް ނޫނީ ގޭތެރެއަލިކުރުމަށް ނެތެވެ. ބަދިގެއާއި ކާކޮޓަރި ހުންނަނީ ގެއާއި ވަކިންނެވެ. އެދެތަނަށް އަލިކުރަނީވެސް އެންމެ ބޮތްކަކުންނެވެ. އިތުރުއަލިކަމެއް ބޭނުންވެއްޖެ ހިނދެއްގައި ނިމާ ބައްޕަ ގެންގުޅޭ ޓޯޗްބައްތިއެއް ބޭނުންކުރެއެވެ. ރޭގަނޑު ބާރަޖެހުމާއެކު ގޭގެ ހުރިހާ އަލިކަމެއް ނިވާލައެވެ. ކަރަންޓު ބިލު ބޮޑުކަމުން، މުސްތޮފާބެއަށް ބިލު ދެއްކުން ކުޅަދާނަނޫންކަމަށް ބުނެއެވެ. އެގޭގައި ޔަނާލް ހުރިހައިދުވަހަކު ބިލުދައްކާނެކަމަށް ބުނުމުންވެސް ބޮކިތައް ދިއްލާފައި ބެހެއްޓުން މުސްތޮފާބެވަނީ މަނާކޮށްފައެވެ. މެންދަމު ބާރައިގެފަހުން، ނިމާގެ ރުއިމުގެ އަޑު ޔަނާލްއަށް ކިތަންމެ ރެއަކުވަނީ އިވިފައެވެ. ކޮޓަރީންނިކުންނަށް ކިތަންމެ ރެއަކު މަސައްކަތްކުރިއެވެ. ނަމަވެސް މަނާކޮށްފައިވާ ގަޑިއެއްގައި ކޮޓަރީން ނިކުތުން އެއީ، ޔަނާލްއަށް ކުރާންކެރުނު ކަމަކަށްނުވިއެވެ. މަނާކޮށްފައިވަނިކޮން، ނިކުމެ އުޅެނިކޮށް ފެނިއްޖެނަމަ، ބޭޒާރަކާއި ކުރިމަތިލާންޖެހިދާނެތީއެވެ. ދޮޅުމަސް ހޭދަކުރިއިރުވެސް އެކަމަށް ޔަނާލްވަނީ ކެތްކޮށްފައެވެ.
ޖަހާލިހޮނުގުގުރިއާއެކު ދެކަންފަތުގައި އަތްއެޅުނެވެ. އެއީ ނިމާއަށް އެކަނިވީގޮތެއްނޫނެވެ. ދެލޯމެރި، ދެކަންފަތުގައި އަތްއެޅުނުވަގުތު ނިމާ ދުވެފައިއައިސް ބެއްދީ ޔަނާލްގެ ގައިގައެވެ. ޠޫފާނު އުފެދިފައިވަނީ އިމާރާތުން ބޭރުގައެވެ. ނަމަވެސް ހާދިސާހިނގީ އުވަޔާއި، ތެޅިގަލުން ރާނާފައިވާ ކުޑަކުޑަ އިމާރާތުގެތެރޭގައެވެ. ނިމާ ރޮއެގަތުމާއެކު ޔަނާލްގެ ދެއަތުގެ ތެރޭގައި އެހަށިގަނޑު ހިފަހައްޓައިލިއެވެ. ހަމައެވަގުތު، އެއަތުގެ ތެރެއިން ނިކުންނާންވެސް ގަދަހެދިއެވެ. ނަމަވެސް އެފުރުސަތު ޔަނާލްދޭނީ ކިހިނަކުން ހެއްޔެވެ؟

"މިހުރިހައި ދުވަސްވީރު އަހަރެންނާއި އަނގައިންވެސް ބުނެނުލާ! އެ ކީއްވެ؟" އެއީ ޖަވާބު ނުލިބޭނެ ސުވާލެއްކަން އެނގިހުރެވެސް ޔަނާލް ސުވާލުކުރިއެވެ. އެހައި ގާތުން ޔަނާލްއަށް ނިމާ ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

ދޮޅުމަސްވަންދެން، ވައްކަޅިން ބަލައިގެން، ދުރުދުރުން އުޅުނު ރީތި އަންހެންކުއްޖާގެ ސޫރަ ޔަނާލްގެ ލޮލުގައި ތަސްވީރުވެފައިވާ ވަރެއް، ނިމާއަކަށް ނޭގޭނެއެވެ. ލިބުނު ފުރަސަތުގައި ޔަނާލްގެ ދެއަތުގެ އޯގާތެރިކަން ނިމާގެ ހަށިގަނޑު މޮޅިކޮށްލުމަށް ޔަނާލް މަސައްކަތްކުރިއެވެ. ހަގީގަތުގައި އިންތިހާއަށް ނިމާ ރީންޗެވެ. އެފަދަ ރީތިކަމެއް ޔަނާލްގެ ހަޔާތުގައި ދުވަހަކުވެސް ދެކެފައިނުވެއެވެ. މުސްތޮފާބެއަށް ބިރުން، ނިމާއަށް ބަލައިލާންވެސް ޔަނާލްއަށް ނުކެރެނީއެވެ. ނަމަވެސް މިރެއަކީ ޔަނާލްގެ ރެއެވެ. މުސްތޮފާބެއަށް ގެއަށް ނާދެވޭނެކަން ޔަނާލްއަށް ޔަގީނެވެ. ރަށުގެ ހުރިހައި ބޮޑެތި ފިރިހެނުންވީ ރަށުތެރެއަށް ނެރެފައެވެ. ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރުމަށެވެ. އިރު ނާރަނީސް ގެއަށް ނާންނާނެކަން ޔަގީނެވެ.

"ނިމާ ހިނިތުންވެފައި ހުއްޓައި އަހަރެން ނުދެކެން.. އެއީ ކީއްވެ؟ އަހަރެންދެކެ ވަރަށް ރުޅިއާދޭތަ؟" ޔަނާލްގެ ސުވާލަށް ނިމާގެ އެއްވެސް ޖަވާބެއް ނެތެވެ.

ބައްދާލާފައިވާ ދެއަތުން ނިމާގެ ހަށިގަނޑު ޔަނާލްގެ ގައިގައި ފިއްތާލުމަށް ޔަނާލް މަސައްކަތްކުރީ ގަސްތުގައެވެ. ލިބެމުންދިޔަ އަރާމު އިޙްސާސްކުރަމުންދިޔައީ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އެކަމަށް އިންތިހާއަށް އެދެމުންނެވެ. ޔަނާލްގެ އަތުގެތެރެއިން ނިމާ ނިކުތުމަށް މަސައްކަތްފެށިއެވެ. ގަދަހެދިއެވެ. ނަމަވެސް އެފުރސަތު މިރޭ ނުލިބޭނެކަމަށް ޔަނާލްބުނެފިއެވެ.

"އިތުބާރުކުރޭ! އަހަންނަށް ނިމާ ވަރަށް ކަމުދޭ.. ދުވަހަކުވެސް އަންހެންކުއްޖަކާއި މިވަރަށް ގާތްނުވަން.. މިއޮއް ޠޫފާނީ ވަގުތުގައި އަހަންނާއި ދުރައްނުދޭ.. އާދޭސްމިކުރަނީ.." އެންމެ އިންޗިއެއްވެސް ދެއަތް ދުރުކޮށްނުލާހުރެ، ޔަނާލް ބުންޏެވެ. ނިމާގެ ރުހުމެއްވެސް ނުރުހުމެއްވެސް ޔަނާލްއަކަށް ނުލިބުނެވެ.

"އަހަރެން ދުވަހަކުވެސް ނިމާއަށް ދެރަގޮތެއް ނުހަދާނަން.. މިއީ ވަޢުދެއް.. އިންސާނަކަށް މިނޫނީ ވަޢުދެއްނުވަން.. އަހަރެންގެ ލޯބި ގަބޫލުކޮށްފާނަންތަ؟" ޔަނާލްގެ ހުށަހެޅުމާއެކު ދެން ޖަހައިލި ގުގުރިއާއެކު ގޭގެ ޓިނުތައްވެސް ފޫއަޅުވާލިހެން ހީވިއެވެ.

ދެމީހުންއެކުގައި ތަޅުންމައްޗަށް ވެއްޓުނީ އެކަކުގެވެސް އިޚްތިޔާރަކު ނޫނެވެ. ވެހެމުންދިޔަ ބޯވާރޭގެ ސަބަބުން ހަށިގަނޑުތައް ތޮރުފަމުންދިޔައީ ގަދަފިނިކަމެވެ. ހޫނުކޮށްލާނެފަދަ އަރާމު ހޫނަކަށް ޒުވާން ޖިސްމުތައް އެދިއެދިތިބޭނެކަން ހިތްތަކަށް ގަބޫލުކުރާން ދަތިވެދާނެއެވެ. ފިރިހެނެއްގެ ވަކިތަކުގެތެރެއަށް ވަނުމަށް ކިތަންމެ ނަފުރަތުކުރިޔަސް، ޔަނާލްގެ ޖާދޫގެ ބާރު، ތަފާތެވެ. ނިމާއަށް ކޮންޓްރޯލް ކުރެވޭވަރަށްވުރެން މާވަރުގަދައެވެ. ދެކޮޅުވެސް ހެދިއެވެ. ހިތްވެސް ރުއެވެ. ސިކުނޑިވެސް މަޖުބޫރުކުރީ، ފިރިހެނުންގެ ނުބައިނުލަފާކަމަށް ބޯނުލެނބުމަށެވެ. ނަމަވެސް ވެރިވެފައިވާ އަނދިރިކަން، ނިމާގެ ޖިސްމުތަކުގައި ޔަނާލްއަށްޓަކައި ކިޔަމަންތެރިކަމުން ޖަރީކޮށްލުވައިފިއެވެ.

ޖަހައިލި ގުގުރިއާއެކު ނިމާގެ ތުންފަތުގައި ޔަނާލް ބީހިލިއެވެ. މަރާލެވުނު ލޮލާއެކު ޔަނާލްގެ ކޮންމެ މިއުޒިކަކަށް ނިމާގެ އަދާތައް މަރުހަބާކިޔައިފިއެވެ. ދުވަހަކުވެސް އަންހެނެއްގެ ޝައުގުވެރިކަން ހިތުގައި އުފެދިފައި ނެތް، ޔަނާލްއަށް ނޭގެ އެތައްކަމެއް، އެވަގުތުގެ ހާލަތު ބުނެދިނެވެ. ވިސްނައިގަންނާން އެވަގުތު ނޭގުނީ، ޔަނާލްގެ ތަޖުރިބާ ނެތީތީއެވެ. ޔަނާލްއަކީ ސަކަމިޒާޖުގެ މުއްސަނދި ޒުވާނެކެވެ. ނަމަވެސް ނިމާއަކީ ގެއިން ނުނިކުމެހުންނަ، މަޑުމައިތިރި އަންހެން ކުއްޖެކެވެ. ޔަނާލްއަށް އެނގިފައިވާ ގޮތުގައި ނިމާއަކީ މަދުރަސާއަށްވެސް ފޮނުވާކުއްޖެއްނޫނެވެ. ޚާއްސައެކުވެރިޔަކުވެސް ނިމާގެ ނުހުރެއެވެ.

--ނުނިމޭ--
ހިޔާލު

ފޫހި

މި ވާހަކަ މިއައްވުރެ އަވަހަށް ގެނެވޭނެ ގޮތެއް ނެއްތަ!!؟؟