Hoonu gadhavumaa gulhigen imaaraih kuraa faraithakun samaaluvaan edhefi
image
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަޝްވާ ފަހީމް
0 ކޮމެންޓް
 

ހޫނުގަދަ ވުމާގުޅިގެން އިމާރާތް ކުރާ ފަރާތްތަކުން ސަމާލުވާން އެދެފި

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަތަކަށް ވެސް ވަރަށް ހޫނު ގަދަ ދުވަސްވަރެއް ކަމުން އިމާރަތްކުރުމުގެ މަސައްކަތް ކުރަމުންދާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.
އެމްއެންއޭސީއައި އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ކޮންސްޓްރަކްޝަން މަސައްކަތަކީ ގަދައަތްވާއި ހޫނުގައިވެސް ކުރެވޭ އަދި ބޮޑު ސަރަހައްދެއްގައި މީހުން ހަރަކާތްތެރިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިދުވަސްކޮޅު މަސައްކަތްތައް ރާވައި ހިންގުމުގައި މަސައްކަތް ކުރާ މީހުންގެ ސިއްހީ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލައިގެން މަސައްކަތްތައް އިންތިޒާމް ކޮށް ހިންގުމަށް އެމްއެންއޭސީއައި އިން ވަނީ އެދިފައެވެ.

އޭގެ އިތުރުން މަސައްކަތުގެ ވަގުތުގައި ހޫނުގެ ސަބަބުން ގެއްލުމެއްވެދާނެ ފަދަ އަލާމާތްތަކަށް ސަމާލުވުމަށާއި އެފަދަ މައުލޫމާތު މުވައްޒަފުންނަށް ދިނުމަށާއި ހޫނުންނިވާ ލިބޭނެފަދަ ގޮތަށް ހުންނަ ތޮއްޕާއި އެކަށީގެންވާ ހެދުން އަޅައިގެ މަސައްކަތް ކުރުމަށާއި އަދި ގިނައިން ފެން ބޮވޭނޭ ގޮތަށް އިންތިޒާމް ކުރުމަށް އެމްއެންއޭސީއައި ވަނީ އެދިފައެވެ.

އޭގެ އިތުރުން ހޫނުގަދަ ވަގުތު މަސައްކަތް ކުރާއިރު ހިޔާއެޅޭނޭ އިންތިޒާމް ކުރުމަށާއި، ހޫނުގެ ސަބަބުން މުވައްޒަފަކަށް ކުރިމަތިވެދާނެ ކަމަކަށް ހިޔާ ލިބޭނޭ ގޮތަކާއި، ވޯކްސައިޓް ގެ ފުރަތަމަ އެހީގެ ކަންކަން އިންތިޒާމް ކޮށްފައި ބެހެއްޓުމަށާއި، ހޫނުގެ ސަބަބުން އިތުރު ފަރުވާ ބޭނުންވެދާނޭ ކަމުގައި ލަފާކުރެވޭ ނަމަ އެންމެ ކައިރީގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަކުން އިމަޖެންސީ ފަރުވާ ލިބޭނޭ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށް ވެސް އެމްއެންއޭސީއައި ވަނީ އިލްތިމާސް ކޮށްފައެވެ.

ހޫނުން ރައްކާތެރިވުމަށް ކުޅިވަރު ކުޅުމާއި އެކިއެކި ހަރަކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމު ކުރުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ފިނި ގަޑިތަކުގައި އެފަދަ އިންތިޒާމްތައް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރާއިރު އެންމެ ހޫނުގަދަ ގަޑިތަކުގައި އަވީގައި އުޅޭ މިންވަރު ވީހާވެސް މަދު ކުރުމަށާއި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިމާއި ހަކުރު އަދި ކެފޭން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުހެލިވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
ހިޔާލު