Dhin ufaa loabin, Episode 10
image
ދިން އުފާ ލޯބިން--
ފުނަމާ
2 ކޮމެންޓް
 

ދިން އުފާ ލޯބިން

10ވަނަބައި
"ޔަނާލް.. ޔަނާލް.. ޔަނާލް" ދޮރުގައި ތަޅަމުން ވަރަށް ބާރަށް މުރުޝިދާ ގޮވަންފެށިއެވެ. ޚިޔާލްގެ މައިދާނުން ބޭރުވުމަށް މަންމަ މަޖުބޫރުކޮށްފިއެވެ. ޔަނާލްއަށް އަޑުއިވުނީ މުރުޝިދާގެ އަޑުކުރެހުނުފަހުންނެވެ. ގޮވާގޮވާ ކަރުން ހަންދިޔަފަހުންނެވެ. ފެންމާގަނޑު ބަންދުކޮށްލުމަށްފަހު އުނުގައި ތުވާލި އޮޅާލައިގެން ފާޚާނެދޮރު ހުޅުވާލާފައި ޔަނާލްގެ މަންމައަށް ޖަވާބުދިނެވެ.

ގަޑިއަށް ބަލައިލެވުނީ ހިތްހަމަނުޖެހިގެން ދެތިންއެއްޗެއް މަންމަ ބުނެލިއަޑު އިވުނުފަހުންނެވެ. ބޮލުގެ އިސްތަށިގަނޑުން ފެންތައް ފޮޅާލަމުން ބޯ ދެފަރާތަކަށް ތަޅުވާލިއެވެ. މީހަކު ރުޅި ނާންނަވަރެއްނޫނެވެ. ދޮޅުގަޑީރަށްވުރެން ގިނަވެގެންދިޔައީއެވެ.

"ޔަނާލް!" ތަންކޮޅެއް ބާރަށް މުރުޝިދާ ގޮވާލިއެވެ. މިފަހަރުވެސް ދޮރުގައި ޖަހައިލީ އާންމުކޮށް ޓަކިދޭވަރަށްވުރެން ބާރަށެވެ.

"ފެންވަރާލިއްޔޭ މަންމާ!" ކުޑަކޮށް ދޮރުހުޅުވާލާފައި ޔަނާލް ބުންޏެވެ.
"ވަޅު ހުސްނުވަނީސް ފެންވަރައި ނިމުނުކަން ރަގަޅު.. ފެން ނުލިބޭ ރިސޯޓެއްގައި ހުރެފައިތަ ޔަނާލް ތިޔައައީ؟" ހިތްހަމަނުޖެހިގެން މުރުޝިދާއަށް ބުނެވުނެވެ. މައްސަލައަކީ ކާއެއްޗެއް ކާން، މޭޒާއި ހަމައަށް ޔަނާލް އައުން ލަސްވީތީއެވެ. ދޮރުލައްޕާލުމަށްފަހު އެއާކޯން ޖައްސައިލިއެވެ.

މަންމަ ދިއުމުން ޑްރެސިންޓޭބަލް ކުރިމަތީގައި ހުއްޓެލައިފިއެވެ. އެއާކޯންގެ ފިނިކަން ހަށިގަނޑާއި ހަމައަށް ފޯރަންފެށީ ނުހަނު އަވަހަށެވެ. އަމިއްލަ ހަށިގަނޑު ވަރަށް ރަގަޅަށް ބަލައިލަން ޔަނާލް ބޭނުންވީއެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން ކަކުލުން ތިރިއާއި ހަމައަށް ޔަނާލް ބަލައިލިއެވެ. ދެފަހަރު އެހަރަކާތް ތަކުރާރުކުރުމުންވެސް އެކަން ނުނިމުނެވެ. އުނުގައި އޮތް ތުވާލިވެސް ފައިދޮށަށް ވައްޓާލިއެވެ. ސިފަވަމުންދިޔައީ ގުގުރީގެ ބާރުއަޑާއެކު ނިމާ ނުހަނު ބާރަށް ބައްދާލި ގޮތެވެ. މައުސޫމު އަންހެއްކުއްޖާގެ މޫނު، ޔަނާލްގެ މޭގައި ފޮރުވާލިގޮތެވެ. އެހަށިގަނޑުގެ އަރާމުކަމާއި އިސްތަށިގަނޑުގެ ފަށުވިކަމެވެ. ޔަނާލްގެ އިސްކޮޅާއި ބަލާފައި ނިމާއަކީ ކުރު އަންހެންކުއްޖެކޭ ބުނެވިދާނެއެވެ. އެހައިލޯބިން މޭގައި މޫނު ފޮރުވައިލެވުނީ އެސަބަބަށްޓަކައެވެ. މާސިންގާ ބިޔަ ރާޅުތަކުގެތެރޭގައި ހަނގުރާމަކޮށް، ރަށަށް އާދެވުނުއިރު ހުރީ އިންތިހާއަށް ބިރުގަނެ، ވަރުބަލިވެފައެވެ. ވާރެއާއި ތެމި، ހީކަރުވައިގަތްފައެވެ. ހުރިހައި ކަމަކަށްވުރެން ބޮޑަށް، ބަނޑުހައިވެސް ވެފައެވެ. އެރޭގެ ކޮންމެ މަންޒަރެއް، ކޮންމެ ހަރަކާތެއް ޔަނާލްގެ ކުރިމަތީގައި އޭނާގެ ސިކުނޑިންނެރެ، ނިއުޅުވާލިއެވެ. މަންޒަރު ސާފުކޮށްލިއެވެ.

ހިނިތުންވުމެއް ތުންފަތުން ފެނިލީ ނިމާގެ ލޯބި، ހިތުގައި ވިންދުޖަހާލީތީއެވެ. ދެއަތުގެ ހަރަކާތް އެރޭ ބަދަލުވެގެން ދިޔަގޮތް ޔަނާލްއަށް ސާފުކޮށް ލޯގަނޑުން ފެންނަމުންދިޔައެވެ. ކޮންމެ ބީހިލުމެއް އިޙްސާސްވިއެވެ. ކޮންމެ ހަރަކާތެއް ސިކުނޑީގައިވަނީ ރައްކާކޮށްފައެވެ.. ޔަނާލްގެ ކުށެއް އޭނާގެ ރާޑަރުންފެނޭތޯ އަތްފުނާއަޅަނީއެވެ. ނަމަވެސް މަންޒަރު އެކުގައި ނިމުނުއިރުވެސް ޔަނާލްގެ ކުށެއް މިފަހަރަކު ނުފެނުނެވެ.

ފުރަތަމަ ބީހިލުމަކީވެސް ނިމާގެ އިސްނެގުމެކެވެ. ގައިގޯޅިވުމަކީވެސް ނިމާގެ ހަރަކާތަކުން ގެނުވި އިޙްސާސެކެވެ. ނުދާންވީ މިސްރާބަށް ޔަނާލް ދަތުރުކުރުވަން، އަތުގައި ހިފީވެސް ނިމާއެވެ. އެފަދަ ރީތި އަދާތަކެއްގެ އަންހެންކުއްޖަކު ދުވަހަކުވެސް ހިތުގައި ކޫރުމެއް އަޅުވާލާފައި ނެތް، ޔަނާލްއަށް މުޅި ދުނިޔެ ލިބުނުފަދައެވެ. ދެކޮޅުހަދާން ބޭނުމެއްވެސް ނުވިއެވެ. ހެވެއް، ނުބައެއް އޮޅުމެއް ނުފިލައެވެ. ދެވުނު އެންމެ ފުނަކަށް ފީނައި، ލޯބީގެ ކަނޑުގައި ޣަރަގުވެނިމުނީއެވެ. ބޭނުންވީ، ތޫނު ފިނިކަމުން މިންޖުވެވޭނެ އަރާމު ހޫނެކެވެ. ކިތަންމެ ރަގަޅަކަށްވެސް އެކަން ޙާޞިލްވިއެވެ.

ލޯބީގެ މަންޒިލުން ނިކުމެވުނުއިރު، ދެމީހުން ތިބީ ދާހިއްލާ ފޯވެފައެވެ. ކުރެވުނު ބޮޑު ފާފައިގެ ނަތީޖާއެއް ހިތަކަށް ތަސައްވުރު ނުކުރެވެއެވެ. ނިމިގެންދިޔައީ ކިހައިވަރެއްގެ ކަމެއްކަން ސިކުނޑިން އަނދާޒާކޮށްލަންވެސް އެވަގުތު ޔަނާލް ނުކުޅެދުނެވެ. ކިޔެވިއެއްޗެއްގެ ބޭނުންކުރާން ޔަނާލް ނުކުޅެދުނެވެ. ޒުވާންކަމުގެ ލައްޒަތު މާވަރުގަދަވިއެވެ. ފާއިތުވެގެނން އެދިޔައީ ދުނިޔޭގައި ލެއްވި މަޤްޞަދުވެސް ހަނދާންނެތިކުރުވި ވަގުތުކޮޅެކެވެ.

ދެލޯ މަރާލަމުން ޔަނާލްކަނދުރާ ހަރަކާތްކޮށްލުވައިފިއެވެ. ވައްކޮށް ދެކޮޅަށް ދެތިންބުރު ޖަހައިފިއެވެ.
ހަށިގަނޑުން ލިބުނުޖާގައިގެ ފުޅާމިނަށް ދެއަތް ހުޅުވާލިއެވެ. ރިހުމެއްނެތް ކަށިކޮޅެއް ނެތްކަން ޔަގީންކުރެވުނެވެ. ހަށިފުރާ ނޭވާއެއްލާފައި ދެލޯ ހުޅުވާލިއެވެ. މުޅިންއާ ވިދުވަރެއް އަމިއްލަ ލޮލުން ޔަނާލްއަށް ފެނިގެންދިޔަ ވަގުތު މުޅިގައިން ހީބިހި ހިލުވާލިއެވެ. ޝެނީން ބުނިގޮތުން، ޔަނާލްއާއި ބައްދަލުކުރުމަށް ނިމާ ގިނަ މަސައްކަތްތަކެއްކުރިއެވެ. ޚަބަރެއްނުވެ، ޔަނާލް ފިލީކަމަށް ޝެނީން ބުންޏެވެ. އެކަމުގެ ހަގީގަތް އޮޅުންފިލުވަން ޔަނާލް ބޭނުންވިޔަސް އެކަންވާނީ، ނިމާއާއި ބައްދަލުވީ ދުވަހަކުންނެވެ.

***
"މާމާ.. ބައްޕައަށް ކޮންމެވެސްކަމެއް ވެގެންއުޅޭހެން ހީވަނީ.. ބައްޕައަކީ ފެންވަރަށް އެހައި ގިނައިރުވާ މީހެއްނޫން.. މާމަ ގޮވިފަހުންވެސް މިހާރު ކޮން އިރެއް؟ ކާފަ ނުކައި އިންނާނެކަންވެސް ބައްޕައަށް އިނގޭނެ" ޔަނާލްގެ އިންތިޒާރުގައި މާގިނައިރު އިންނާން ޖެހުމުން މުސްކާންގެ ޝަކުވާތައް ފުނިޖެހެން ފަށައިފިއެވެ.
"ދަރިފުޅާ ބައްޕައާއި ދެކުދިން އެކުގައި ހޭދަކުރާ ވަގުތު މިހާރު މާބޮޑަށްވެސް މަދުވަނީ.. އެހެންވެ، މިހެން މިދިމާވަނީ.." ހިތްހަމަނުޖެހިފައިވެސް މުރުޝިދާއަށް ބުނެވުނީ ތެދެކެވެ. އެކަމާމެދު ވިސްނާލަން މުސްކާން ބޭނުންވިއެވެ. މާމައާއި ދެބަސްވެވޭނެ ފުރުސަތެއް ނެތެވެ.

***
ޔަނާލްގެ ހަށިގަނޑުގައި ބީހެމުންދިޔަ ފިނިކަން، ހަނދާން އާކުރުވަމުންދިޔައީ ފިނިފިނި މެންދަމުގައި ހިނގާދިޔަ 'ރީތި ހާދިސާ'އެވެ. ޔަނާލްގެ މުޅި ދިރިއުޅުން އާރާސްތުކުރީ ހަމަ އެންމެ ހާދިސާއެއްގެ މައްޗަށެވެ. ކުރެވުނު އެންމެ ކުށެއްގެ އަދަބު މުޅި އުމުރަށް ލިބިއްޖެއެވެ. އެދުވަސްތަކުގެ ހަނދާން ހިތަކުން ފަނޑުނުވާނެކަން ޔަނާލްއަށް ޔަގީނެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވީ ލޯގަނޑަށް ބަލައިލިވަގުތުއެވެ. ހިތައް ގެންނާން ބޭނުންނުވި މީހެއްގެ ނަން ހަންދާންވީއެވެ. މުސްޠޮފާބެގެ ނަން ޔަނާލްގެ ހުވަފެނެއްގައިވެސް ފެންނާން މިހާރަކު ބޭނުމެއްނޫނެވެ.

****
"ޔަނާލްއަށް ނުގުޅިގެން މަސައްކަތް ކުރިއަށްނުގެންދެވިފައި މިއިންނަނީ.. ހިތައް އަރަނީ އަނެއްކާވެސް ފަށަށް ދާންވީއޭ.. މިބުނީ ޝެނީން ގާތަށް އަނެއްކާވެސް ދާންވީއޭ" ވަރަށް ލާނެއް ރާގެއްގައި، ޝަރީފު ބުނެލިއެވެ. ބޭނުމަކީ އެކަމަށް އެދިގެން ޝެނީން، ޝަރީފުއަށް އާދޭސްކުރުވުމެވެ. ޝަރީފު އޮފީހަށް އައީވެސް ވަރަށް ލަސްވީފަހުންނެވެ. މަސައްކަތެއް ނުކޮށް، ގިނަވަގުތު މިއަދު ހޭދަކުރަނީވެސް ފޯނުގައެވެ. ރެއިންސުރެން އަދިވެސް ގެއަކަށް ނުދެއެވެ.

"ގުޅާލަބަލަ.. ނުގުޅެންޏާއި ގެއަށް ގޮސްގެންވެސް ޚަބަރެއް ބަލާލަބަލަ.. ވާނުވާ ބަލަންވެއްޖެނުން މިހާރު" ލޯބިވެރިޔާ ބުނިބުނުމަށް ޝެނީންއަށް ޖަވާބުދެވުނީ މާބޮޑަށް އަވަސްއަރުވާލާފައެވެ.

ހަގީގަތުގައި ޝަރީފުގެ އެފަދަ ބުނުމަކަށް، ޝެނީން އިންތިޒާރުކުރާތާ ކިތަންމެ ދުވަހެއްވީއެވެ. ޔަނާލްގެ ފޯނު ނިވާލީ ޝެނީންއާއި ވާހަކަދެއްކުމަށްފަހުގައެވެ. އޭގެފަހުން ފޯނު އޮން ނުކުރާކަން އެންމެ ރަގަޅަށް އެނގޭނީވެސް ޝެނީންއަށެވެ. ލިބޭ ކޮންމެ ވަގުތެއްގައި ޝަރީފުއަށް ސިއްރުން ޔަނާލްއަށް އޭނާ ގުޅައެވެ. ފޯނު އޮންކުރޭތޯ ބެލުމަށެވެ. ޔަނާލްގެ ޚަބަރެއް ޝެނީން އިސްވެ، އަހައިފިނަމަ ގޯސްވާނެކަން އިނގޭތީ އޭނާ އިންތިޒާރު އެކުރީ އެވަގުތަށެވެ.

"ހާދަހައި ހާސްވީ؟ އަހަރެންގެ ޚަބަރެއް ނުވިޔަސް ތިހައި ކަންބޮޑުވެ، ހާސްވާނެތަ؟" ހަސަދަވެރި ލޯބިވެރިޔަކު ބުނެލާގޮތަށް ޝަރީފު ބުންޏެވެ. ހަމަޖެހިލުމަށް ޝެނީން މަސައްކަތްކުރިއެވެ.
"ޝައްކުތަ؟ ތިއީ އަހަރެންގެ ލޯބިވާ.. ލޯބިވާގެ ކޮންމެ ކަންބޮޑުވުމަކީ އަހަރެންގެ ކަންބޮޑުވުމެއް.. ދެން އަނެއްކާ، މިހާރު ކިތައްދުވަހު ތިވާކަތިދެއްކީ؟ އެހެންވީމައި މިބުނެވުނީ ޔަނާލްގެ ޚަބަރެއް ބަލައިލާށޭ.." އޮޅުވާލަން މަސައްކަތްކުރީ ޝަރީފު އެކަމާބެހޭގޮތުން އިތުރަށް އެއްޗެއް އަހައިފާނެތީއެވެ.
***

ޠޫފާނުގައި ރަށުގެ ބޮޑުބައެއް ހާލުގައިޖެހި ނުހަނު ބޮޑެތި ގެއްލުންތަކެއްލިބުނެވެ. ރުއްގަސް ބިނދި، ލިބުނު ގެއްލުންތައް އަގުމަގުކުރުމަށް ފަސޭހައެއްނުވާނެއެވެ. ނަމަވެސް ރައްޔިތުންއެކުވެ، އެއްބާރުލުން ދިނުމުގެ ސަބަބުން ކޮންމެވެސް މިންވަރަކަށް ގެއްލުން ކުޑަކުރެވުނެވެ. ޚަބަރުފަތުރާވަސީލަތްތައް މިހާރަށްވުރެން މަދެވެ. މޮބައިލް ފޯނަކީ ރާއްޖެތެރޭގައި އޭރު އާންމުއެއްޗެއް ނޫނެވެ.

އެމީހަކަށް ކުރެވުނު ކަމަކައިގެން އެމީހަކު މަސައްކަތްކުރީ ދިރިއުޅުން އާރާސްތުކުރެވޭނެ ގޮތަކައިގެންނެވެ. އެޙާދިސާގައި، ދަނޑުބިންތަކަށް ލިބުނު ގެއްލުމަކީ ބައެއްމީހުންގެ ހިތްތތައް ފަޅައިގެންދާވަރުގެ ހިތްދަތިކަމެކެވެ. މުސްޠޮފާބެއަށް ތުރާވަމުންދިޔައީ މުޅިން އެހެން ކަމަކާއެވެ. މެންދަމު ގެއާއިދުރުގައި އުޅުމަކީ ރަށުގައިހުރެ، މުސްޠޮފާބެއަށް މާފަސޭހަކަމެއްނޫނެވެ. ދެތިންފަހަރަކު ޝަކުވާވެސްކުރިއެވެ. ނަމަވެސް އެހެންމީހުންގެ ހިތްހަމަނުޖެހުން އަޑުއިވުމުން ހަނުހުރީއެވެ.

"ކަލޯ، ކަނޑުމަތީގައި ތެޅިތެޅިފައި މިހެން އުޅޭކަށް ފަސޭހައެއްނޫން.. މަގޭ ހަމަ ހަފުސްވެއްޖެ.. ދެން ގެއަށްނުވަދެ ނުހުރެވޭނެ.. ފަތިސްވެލީމައި މަގޭ އަންނާނަން" ގާތުގައި އުޅުނު ބައެއް ރައްޓެހިންނަށް މުޚާތަބުކުރަމުން އެރޭ މުސްޠޮފާބެ ބުނިކަމަށް ޔަނާލްއަށް ޚަބަރުލިބުނީ ޖެހިގެން އައިދުވަހުއެވެ. ފޮރުވިފައިވާ ހީލަތްތެރިކަމުގެ ވަހެއް އޭރަކު ނުދުވިއެވެ. އެކަމުގައި ފޮރުވިފައިވާ ހަޑިމުޑުދާރުކަން، އެއިން މީހަކަށްވެސް އަދި ޔަނާލްއަށްވެސް ދެނެގަންނާން ނޭގުނެވެ. އެރޭ މުސްޠޮފާބެ ގެއަށް ނައުންއެއީ ކާކުގެ ނަސީބެއްކަމެއް ނުވަތަ ބަދުނަސީބެއްކަން ބުނާކަށް ޔަނާލްއަކަށް ނޭގެއެވެ.

***
ވަރަށްގިނަ ވާހަކަތައް ދެކެވުނު ވަގުތެކެވެ. ސުފުރާމަތީގައި އާއިލީ ވާހަކަތައް ދެއްކުމަކީ މުރުޝިދާ ބާރުއަޅާކަމެކެވެ. އެފަދަ ވާހަކަތައް އާންމުކޮށް ފަށާނީވެސް މުރުޝިދާއެވެ. ނަމަވެސް މިއަދދު އެކަންކުރީ މުސްކާންއެވެ.

"ބައްޕަގެ ދަތުރުގައި މިފަހަރު ކަންތައްތިކުރިގޮތުން ވަރަށް ދެރަވި.. މީޓީންގއަކަށް ގޮސްފައި ދަތުރު ތިހައި ދިގުވާންޖެހޭ ސަބަބެއް މުސްކާންއަށް ނުވިސްނުނު.. ބައްޕައަކީ ނިދަމުންވެސް ފޯނު ނިއްވާލާމީހެއްނޫން.. އެކަމަކު، ރިސޯޓުގައި ތިން ދުވަސްވަންދެން ފޯނު ގެންގުޅެފައި ދެން ޖެހިގެން އައިދުވަސްތަކުގައި ފޯނު ނިއްވާލާފައި ބާއްވާނީ ސަބަބެއް އޮތީމައިކަމަށް މުސްކާންއަށް ވިސްނެނީ.. އަބަދު އޮފީހުންގުޅާނެ! އެކަން ޔަގީން.. އެހެންވިއްޔާ، ފޯނު ނިވޭނީ ތިންދުވަސް ފަހުންނެއް ނޫން.. އެ ތިންދުވަހުގެތެރޭގައި ޗާޖުކުރިގޮތަކަށް ފަހުންވެސް ކުރެވުނީސް" ދެރަވެލާފައި މުސްކާން ވާހަކަދެއްކިއެވެ. ޔަނާލްގެ ދެފައި ބިންގަނޑުން ލުހިގެންދިޔަހެން ހީވިއެވެ. ތެދެކެވެ. ޗާޖަރު އޮތެވެ. އެ ތިންދުވަހުވެސް ގިނަވަގުތު ފޯނު އޮތީ ޗާޖަށް ޖަހައިފައެވެ.
ޔަނާލްގެ ދަތްދޮޅިތިރިވެގެންދިޔަ ވަގުތު ޒަމީލްއަށް ބަލައިލެވުނީ މުރުޝިދާގެ މޫނަށެވެ.

"ހަޔާތުގައި އެންމެ އުނދަގޫވި ވަގުތުގައިވެސް ޔަނާލްއަކީ އެއްވެސްކަމެއް މައިންފަބައިންނަށް ސިއްރުނުކުރި، ހިތްވަރުގަދަ ދަރިއެއް" ވަރަށް މަދުންނޫނީ އެއްވެސް ކަމަކަށް ޒަމީލް ގޮތްނުކިޔާނެއެވެ.
ކޮންމެހެން ބުނަންޖެހޭ އެއްޗެއްނޫނީ ނުވެސްބުނާނެއެވެ. އެހެންނަމަވެސް ދަރީންނަށް ލޯބިދިނުމުގައި އެއީ ލާމަސީލު ބައްޕައެކެވެ. ކާފަގެ ޖުމުލައާއެކު ސުވާލުގެ ނަޒަރަކުން ބަލައިލީ މުސްކާންއެވެ.

"އެންމެ އުނދަގޫވި ވަގުތަކީ ކޮބައިތަ ކާފާ؟" ނުހަނު ލޯބިން އެދަރިފުޅު އަހައިލިއެވެ.
"އެންމެ އުނދަގޫވި ވަގުތަކީ، ދަރިފުޅުގެ ބައްޕަގެ އެންމެ ޒުވާންދުވަސްވަރު ކުޑަކުޑަ ދަރިފުޅެއް ބަލަންޖެހުން.. އެދަރިފުޅުގެ ފުރިހަމަ ޒިންމާ، މަންމައަކާނުލައި އުފުލާންޖެހުން.." ތުންފަތް ހަރަކާތްކުރިއެވެ. ޒަމީލްގެ ދޫ ހަރަކާތެއް ނުކުރިއެވެ. ހިތާއި ސިކުނޑީގައިވެސް ލިޔެވުނީ އެކައްޗެކެވެ. ނަމަވެސް މުސްކާންއަށް އަޑުއިވޭވަރަށް ބުނާން ޖެހިލުންވީއެވެ.

"އެއީ ބައްޕައަށް ދަރިފުޅު ލިބުނު ވަގުތު.. މަންމައަކާނުލާ، ދަރިފުޅު ބަލަންޖެހުނުވަގުތު" އުލާއި ސަމްސާ، ތަށީތެރޭގައި ބާއްވަމުން ޔަނާލް ބުންޏެވެ. އެވާހަކައަކީ މުސްކާން ވަރަށް ބޮޑަށް އޮޅުންފިލުވާން ބޭނުންވެފައިވާ ވާހަކައެކެވެ. ސްކޫލުގައި ކުދިން އެކަމާއިގުޅޭގޮތުނން މުސްކާންއަށް ހަނގާކުރަމުންދާއިރުވެސް ރައްދުގައި އެއްޗެއް ނުބުނެވެނީ، ހަގީގަތް ވަޅުޖެހިފައި އޮތަތީއެވެ.

"އޭރު މަންމަ އުޅެނީ މާލޭގައިތަ؟" އާދައިގެ ގޮތަކަށް މުސްކާން އަހައިލިއެވެ.
"އޭރު މަންމަ އުޅެނީ މާލޭގައިނަމަ، ހުރިތާކުން ހޯދައިގެން ގެނެސް ބައްޕަގެ މީހަކަށް ހެދީމުސް.. އެންމެ ހިނދުކޮޅަކަށްވެސް ބައްޕައާއި ދުރަށް ދިޔައަކަ ނުދިނީމުސް.. މަންމަގެ ހަޔާތުން ކޮންމެ ސިކުންތެއް ބައްޕަ ހިތުދަސްކުރީމުސް.. އަނިޔާވެރި ވަކިތަކުން ދަރިފުޅުގެ މަންމަ ސަލާމަތްކޮށް އަމާންކަމުގެ ދުނިޔެއެއްގައި ރާނީއެއް ފަދައިން މަންމަ ގެންގުޅުނީމުސސް.. އެކަމަކު ބައްޕަ .. މަންމަ، ނުވެސްދެކެން.. އެންމެ ފަހަރަކުވެސް ދެކިލުމުގެ ހުއްދަ ނުލިބުނު.. ހަމަ އެންމެފަހަރަކުވެސް.." ޔަނާލްއަށް ރޮވުނީއެވެ. ހަގީގަތުގައިވެސް ޔަނާލްއެވަނީ އިންތިހާއަށް ނިމާ، ބޭނުންވެފައެވެ. ޔަނާލްގެ ބުނެލުމާއެކު ކާމޭޒުމައްޗަށް ހަމަހިމޭންކަނން ވެރިވިއެވެ.

"ކީކޭ ބައްޕާ؟ މަންމައަކީ ބައްޕަގެ މީހެއްނޫންތަ؟" ސުވާލުން ފުރިގެންވީ ބަލައިލުމަކުން ބައްޕައަށް ބަލައިލަމުން މުސްކާން ސުވާލުކުރިއެވެ. ފެންކަޅިވެފައިއިން ލޮލުން ކަރުނަ ވިދާލައެވެ.

"އާން.. ނުލިބުނު! އިންސާނަކަށްއެދި، އިންސާނަކު ދުވަހަކުވެސް އެވަރަށް އާދޭސްނުކުރާނެ.. ދަރިފުޅުގެ ކާފަގެ ދެފައިބުޑަށް ވެއްޓި، ސަލާމްޖެހީން.. އެވަރުންވެސް ލޮލުން ދެކިލުމަށްވެސް ހުއްދަނުދީން.. ހުދުފޮތިކޮޅެއްގައި އޮޅާލާފައި އޮތް، ލޯބިލޯބި ފުންގަނޑެއް ބައްޕައާއި ހަވާލުކުރުމަށް އައީ ނަފުރަތުގެ ލޮލުން އަލިފާން ކަނޑަމުން.. ބައއްޕަގެ މި އުރުގައި ދަރިފުޅު ބޮނޑިކޮށްލުމުގެ ކުރީން ދަރިފުޅު އުރާލީވެސް މާމަ.. ދަރިފުޅުގެ މަންމައަށްވުރެން ބޮޑަށް މިދުނިޔޭގައި ބައްޕަ ބޭނުންވި އެހެން އެކަށްޗެއްވެސް ނެތް.. އެކަމަކު ނުލިބުނު! މަންމަގެ ހުރިހައި ހަނދާނެއް ގުޅިފައިވަނީ ބައްޕަގެ ލޯބިވާ ތި ދަރިފުޅާ" ހިތްދދަތި ރުއިމަކުން ޔަނާލް ރޯލިއެވެ. ރަތްވެފައިވާ ދެލޮލުން މުސްކާން ބަލައިލީ މުރުޝިދާއަށެވެ.

"ބައްޕައާއި މަންމަ މިގޭގައި އުޅުމަށް މާމަމެން ހުރަސްއެޅީތަ؟" މުސްކާންގެ ސިކުނޑިއަށް އެވަގުތު ވިސްނުނު ސުވާލުކޮށްލިއެވެ.
"ނޫން ދަރިފުޅާ.. ނޫން.. މިބުނީ ދަރިފުޅުގެ މަންމަފަރާތު ކާފަގެ ވާހަކަ! ދަރިފުޅަކީ.. ދަރިފުޅަކީ.. އޭރު ބައްޕައަކަށް ނޭގެ މަންމަ ޕްރެގްނަންޓްކަމެއް" ބުނެވެން އޮތްވަރަށް ޔަނާލް ބުންޏެވެ.
"ޑިވޯޒްޑްތަ؟" މަޑުމަޑުން މުސްކާން ސުވާލުކޮށްލިއެވެ. ޖެހިލުންވެފައިހުރިކަން އެދަރިފުޅުގެ ހަރަކާތުން ފާޅުކޮށް ފެނެއެވެ.

"ނޫން.. ނޫން.. ނޫން ދަރިފުޅާ! ދަރިފުޅަކީ ކައިވެނީން ބޭރުން ލިބުނު ކުއްޖެއް" ޔަނާލް ބުނެލިއެވެ.


-ނުނިމޭ--
ހިޔާލު

ދިޔެ

ފުނަމާ!!! މިހާރު ހާދަ ފޫއްސޭ 😒ކީއްވެތަ އެހާ ލަސްވަނީ؟؟

ތުނިޔަ

ދެން ފިރިހެނުން މިވަރަށް ރޯނެތަ؟ ފުނަމާގެ ހުރިހާ ވާހަކައެއްގައިވެސް އުޅޭނީ އަންހެން ދަރިފުޅުދެކެ އިންތިހާޔަށް ލޯބިވާ، އަދި އެދަރިފުޅު އެކަނި ބަލަން ޖެހިފައިވާ ބައްޕައެއް! މީއަޅެ ދޮގެއްތަ؟