"Agenda 19" gai falhlhi alhaavaahaka eh nei: Ali Waheed
image
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ދެބޭފުޅުންގެ މެދުގައިވަނީ ހިޔާލު ތަފާތުވުން އުފެދިފައި--
0 ކޮމެންޓް
 

"އެޖެންޑާ 19"ގައި ފައްޅި އަޅާ ވާހަކައެއް ނެތް: އަލީ ވަހީދު

"އެޖެންޑާ 19"ގައި އޮތީ ބުދު ފައްޅި އަޅާ ވާހަކަ ނޫން ކަމަށާއި "އެޖެންޑާ 19" ރަނގަޅަށް ކިޔާލެއްވުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައްދުވާގޮތަށް، އެޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްދު ދެއްވައިފި އެވެ.
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށް ގާސިމް ދެއްކެވި ވާހަކަފުޅަށް ނުސީދާ ގޮތަކަށް ރައްދު ދެއްވައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެޖެންޑާ 19 ގައި ވަނީ ރައްޔިތުންނަށް ލާބައާ މަންފާހުރި 19 ގާނޫނެއްގެ ވާހަކަ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެޖެންޑާ 19 އޭ ބުނަން ނުކުރޭ މީހުންވެސް މިއަދު ސަރުކާރުގައި އެބަތިބި ކަމަށާއި މައްސަލައަކީ އެއީ ކަމަށެވެ.

"އެޖެންޑާ 19 އަކީ މި ތީމް. މިވެސް ބަލައިލުމެއް، ކަހާލުމެއް ނެތި، މީގައި އޮތީ ބުދުފައްޅި އެޅުމޯ، އޭއްޗެކޯ މީއްޗެކޯ. މި ކިޔާލަންވީ ނޫންތޯ. އެޖެންޑާ 19 އަކީ 19 ގާނޫނޭ އެނގޭތޯ. އެއީ ދިވެހި ރައްޔިތުންނަށް، ހެޔޮ ވެރިކަމަކަށް ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރަން ދިވެހިރާއްޖޭގެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހީ ހެޔޮ ބަދަލު. އެއީ އެޖެންޑާ 19 އަކީ. އެހެންވީމާ އަޅުގަނޑުމެން ލަދެއް ނުގަނޭ، ބިރެއް ނުގަނޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ލީޑަރުން އެއްބަސްވެފައިވާ ގޮތަށް މި ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ތިއްބަން ޖެހޭ ކަމަށާއި އެއީ ސަރުކާރު ކޯލިޝަންގެ އިސްވެރިވެވަޑައިގަންނަވާފައިވާ ވައުދެއް ކަމަށެވެ.

"ދެކޮޅަށް ފައިލައިގެން ތިބޭނެކަމެއް ނެތް، އޭރުން ދެފައި އިރައިގެން ދިޔައީމަ މަންޒަރު ވަރަށް ގޯސްވާނެ. އަޅުގަނޑުމެން ތިބޭ އެއްތާކު ތިބޭނީ. އަޅުގަނޑުމެން މިއަދު އަހުދާއި ވަހުދު ކޮންމެ ޕާޓީއެއްގައި ތިއްބަސް، އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ، އަޅުގަނޑުމެން ޖަލަށް ވަދެ، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް އަރުވާލެވި، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް 23 ސެޕްޓެމްބަރުގައި އެންމެ ބޮޑު ވައުދަކަށް ވީ އެންމެ ވައުދެއް. އެއީ ރައީސް ޔާމީންގެ އަނިޔާވެރި ސަގާފަތް ނިންމާލަދޭން،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ކޯލިޝަނުގައި ތިބޭނަމަ ތިބެންވާނީ އޭގެ އެންމެ އެދެވޭ ގޮތަށް ރަނގަޅަށް ކަމަށެވެ.

އަލީ ވަހީދު ގެންދަވަނީ ޖޫމްހޫރީ ޕާޓީން ނިންމާ ބައެއް ނިންމުންތަކަށް ފާޅުގައި ދެކޮޅު ހައްދަވަމުން ނެވެ. އެގޮތުން އިދިކޮޅު ޕީޕީއެމާއެކު މަޖިލިސް އިންތިހާބަށް ނިކުންނެވުމަށް ޕާޓީގެ ލީޑަރު ގާސިމް ނިންމަވާފައިވާތީ އަލީ ވަހީދު ވަނީ ފާޅުގައި ދެކޮޅު ހައްދަވާފަ އެވެ. އަދި ޖުމްހޫރީ ޕާޓީ ވަނީ އުސޫލުން ނެއްޓިފައިވާކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

"ޖޭޕީ ވަނީ ހަމަޔާއި އުސޫލުން ނެއްޓިފައި. ކަން އޮތް ގޮތް ދެންނެވުމުން ޕާޓީން ވަކި ކުރިޔަސް ހެޔޮ. މިހާރު ކުނޫޒުން ވެސް އެންމެ ގިނައިން އުޅުއްވަނީ އަބުދުއްރަހީމް (ޕީއެންސީގެ އިންތިގާލީގެ ރައީސް)" އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަލީ ވަހީދާ ދެމެމެދު ވަޓްސްއެޕް ގުރޫޕެއްގައި ވެސް ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވި، އެ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް ސޯސަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ މައްސަލަތަކުގެ ތެރޭގައި ގާސިމް ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީން ވަކިވާނަމަ އެ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުން ލިބިފައިވާ ވަޒީފާއިން ވެސް އިސްތިއުފާ ދޭން ޖެހޭނެކަމަށެވެ.
ހިޔާލު