Sifainge aharee badi mubaaraai nimmaalaifi
image
މިނިސްޓަރު މާރިޔާ އަދި ސިފައިންގެ އިސް އޮފިސަރުން ވަނަތައް ހޯދި ބައެއް ބައިވެރިންނާއި އެކު.-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލައިފި

އަލްމަރުޙޫމް މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019، ނިންމާލައިފިއެވެ.
އެ މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރޭނިން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އެވެ. ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ސިފައިންގެ ޖެނަރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

ގިރިފުށީ ޓްރޭނިން ސެންޓަރުގައި ކުރިއަށްގެންދިޔަ، މިއަހަރުގެ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއެއްގެ މަގާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާޖަންޓް ފަސްޓް ކުލާސް ޝަކީބު ޒުހައިރެވެ. ދެވަނަ ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާޖަންޓް މުއާވިޔަތު ހަނީފެވެ. އަދި ތިންވަނަ ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާޖަންޓް މުހައްމަދު އަޝްރަފެވެ.

އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ޓީމް އިވެންޓް ފަޔަރިންތައް ކުރިއަށްދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ގިންތީގެ އެއްވަނަ ޓީމުގެ މަގާމު ހާސިލްކޮށްފައިވަނީ، ސްޕެޝަލް ފޯސަސް އެވެ. އަދި އެ ގިންތީގެ ދެވަނަ ޓީމްގެ މަގާމު ކޯސްޓްގާޑަށް ލިބުނުއިރު ތިންވަނަ ލިބިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ޓީމަށެވެ.

ދެ ވަނަ ގިންތީގެ އެއްވަނަ ޓީމުގެ މަގާމް ހާސިލްކޮށްފައިވަނީ ޕްރެޒިޑެންޝަލް ގާޑްސްގެ ޓީމެވެ. އެ ގިންތީގެ ދެވަނަ ޓީމުގެ މަގާމް ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕަށް ލިބިފައިވާއިރު ތިންވަނަ ލިބިފައިވަނީ ޑިފެންސް އިންޓެލިޖަންސް ސަވިސް އަށެވެ.

މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބޭއްވި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

މިއަދު އެ މުބާރާތުގެ ފައިނަލްގައި ބަޑިޖަހައި އެންމެ މަތިން މާކްސް ހޯދި ބަޑިޖެހުންތެރިންގެ ޓާގެޓުތަކުގައި ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސޮއިކުރައްވައިފަ އެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވަމުންގެންދާ މުބާރާތެކެވެ. އަލްމަރްހޫމް މޭޖާ އިނގިރޭސި އުމަރު މަނިކަކީ ސިފައިންގެ ހިދުމަތުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، އިހުލާސްތެރިކަމާއި ވަފާތެރިކަމާއިއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުންނާއި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ސިފައިންނާއި އެހެނިހެން ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ.
ހިޔާލު