Bollywood film eh Hina ah Hushahelhee Bigg Boss 11 gai eynaage hunaru feni: Vikram
image
ހީނާ ހާން އަދި ވިކްރަމް ބަޓް--
0 ކޮމެންޓް
 

ބޮލީވުޑު ފިލްމެއް ހީނާއަށް ހުށަހެޅީ ބިގް ބޮސް 11ގައި އޭނާގެ ހުނަރު ފެނިގެން: ވިކްރަމް

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޯމޮލިކާގެ ރޯލުން ގިނަ ބައެއްގެ ތަރުހީބު ހޯދަމުން އަންނަ ހީނާ ހާނަށް ބޮލީވުޑުގެ ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ދިނީ ކަލާސް ޓީވީން ދެއްކި "ބިގް ބޮސް 11" ގައި އޭނާ ދައްކާފައިވާ ހުނަރުވެރިކަމުން ކަމަށް ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް ބުނެފިއެވެ.
"ރާޒް" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނާއި ހިސާބަށް ގެނެސްދީފައިވާ ވިކްރަމް ބުނީ، "ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ" ގައި ހިނާ މަސައްކަތް ކުރިއިރު ވެސް އޭނާގެ އެކްޓިން ވަރަށް ކަމުދިޔަ ކަމަށެވެ. އެކަމަކު އޭނާއާ އެކު މަސައްކަތް ކުރަން ނިންމީ ބިގް ބޮސް 11 ގައި އޭނާ ފެނިގެންދިޔުމުން ކަމަށާއި އެ ޝޯގެ ތިން ވަނަ އެޕިސޯޑާ ހަމައަށް އައިއިރު އެކަން ކުރަން ހުރީ ނިންމައިގެން ކަމަށް ވިކްރަމް ބުނެއެވެ.

އޭގެ އިތުރުން ވިކްރަމް ބުނީ، އުމުރުން 31 އަހަރުގެ ހީނާ ފިލްމަށް ނެގީ ހަމައެކަނި ފެޝަނަށް ވިސްނާފައި ނޫން ކަމަށާއި އޭނާގެ ބޮޑީ ލޭންގުއެޖް ވަރަށް ކަމުދާ ކަމަށެވެ. ވިކްރަމުގެ ކުރިއަށް އޮތް ފިލްމަކީ ފެޝަން އެޑިޓަރެއްގެ ހަޔާތް ދައްކުވައިދޭ ފިލްމެކެވެ.

މިވަގުތު ކަސޯޓީގައި މަސައްކަތް ކުރިނަމަވެސް ހީނާ އޭނާގެ ފުރަތަމަ ބޮލީވުޑު ފިލްމުގެ ޝޫޓިންތައް ފެށުމަށް ކަސޯޓީން ވަރަށް އަވަހަށް ބްރޭކެއް ނަގާނެއެވެ.

ހީނާއަށް މަގުބޫލުކަން ލިބުނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި މަސައްކަތް ކޮށްގެންނެވެ. "ބިގް ބޮސް" ގެ އިތުރުން އޭނާ ވަނީ "ހަތްރޯން ކީ ކިލާޅީ" އާއި "ނަޗް ބަލިޔޭ" ފަދަ ޝޯތަކުގައި މަސައްކަތް ކޮށްފައެވެ.
ހިޔާލު