Kuruvaahaka: Dhe Thiki
image
ކުރު ވާހަކަ: ދެ ތިކި
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ކުރު ވާހަކަ: ދެ ތިކި

ދެ ވަނަ ބައި
ކުއްލިއަކަށް ބަލައިލުވުނީ ފޯނަށެވެ. މެސެޖެއް ލިބުނު ހެން ހީވެގެންނެވެ. ފޯނު ނަގައި ފޯނުގެ އިސްކުރީނުގައި އިނގިލި ޖައްސައިލީމެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެއްމެ މެސެޖެއް ނޫނެވެ. ދެ މެސެޖެވެ. ނުދަންނަ ނަންބަރެކެވެ. ފޯނު ނަންބަރަށް ނަޒަރު ހިންގައިލީމެވެ. އަހަންނާ އެއްކީލި ނަންބަރެކެވެ. ހިތުގައި ޖެހެމުން ދިޔަ ސުވާލު މާކުތައްވީ އިތުރެވެ. ފުރަތަމަ މެސެޖު ބަލައިލީމެވެ. އެއް ވެސް އެއްޗެއް ނެތެވެ. ހީވި ގޮތްކަމަށް ހީކޮށް ތަންކޮޅެއް ތިރިއަށް ބަލައިލީމެވެ. މީހަކު ހުސް މެސެޖެއް ފޮނުވަފާނެ ބާވައޭ ހިތަށް އެރިއެވެ. އެ ފިކުރުގައި ހުރެ މެސެޖަށް ރަނގަޅަށް ނަޒަރު ހުއްޓައިލީމެވެ. ހީވީ ހަމަ ރަނގަޅަށެވެ. މެސެޖުގައި އޮތީ އެންމެ ތިއްކެކެވެ. ނުކުތާއެކެވެ. ފުލުސްޓޮޕެކެވެ.

އަހަންނަށް މާނަކުރެވުނީ ނިމުނީ ކަމެވެ. މަޑުމަޑުން ދެ ފަރާތަށް ބޯހޫރައިލެވުނީ ހިނިތުންވަމުންނެވެ. މޮޔަ ޚިޔާލެއް ސިކުނޑި ތެރެއަށް ފުންމައިލުމުންނެވެ. ދެވަނަ މެސެޖަށް ބަލައިލެވުނީ އެހެންވީމައެވެ. މިފަހަރު ވެސް ވީހަމަ އެއް ގޮތެކެވެ. އިސްކުރީނު ފެންނަމުން ދިޔައީ ހުސް މެސެޖެއް ގޮތުގައެވެ. ދެވަނަ ވިސްނުމަކުން ވިސްނައިލުމުން މެސެޖުގައި ތަންކޮޅެއް ތިރިއާ ޖެހެންދެން ހުސްޖާގަ އޮތްކަން އެނގުނެވެ.

މި ފަހަރު ދެ ތިކި ފެނުނެވެ. ކުރިން ކުރެވުނު މާނައާ މެދު ވިސްނައިލެވުނެވެ. ފުންކޮށް ވިސްނައިލަން މަޖުބޫރުވީއެވެ. ފޯނު ނަގައި ގޫގުލުކޮށްލީމެވެ. އެއްތިކީގެ މާނައަކީ ކޮބައިތޯއެވެ. އިސާހިތަކު ޖަވާބުތައް ފައްޗަކަށް ފެނުނެވެ. ފުރަތަމަ އޮތް މާނައަށް ވިސްނައިލީމެވެ. ދެ ފަހަރަކު މާނަ ކިޔައިލީމެވެ. އެ މެސެޖުން ވިސްނައިދޭން މިއުޅެނީ ހަމަ މި މާނަބާއޭ ހިތަށް އެރިއެވެ. "ސީދާ ގަޑިއަށް" ކޮންކަމެއް ބޭނުންވަނީ ހެއްޔެވެ؟ އަހަންނަކަށް ނުވިސްނުނެވެ. ދެވަނަ ސިކުންތުގައި އަނެއްކާ ވެސް ގޫގުލްކޮށްލީމެވެ. ދެ ތިކިން މާނައެއް ދޭހަވޭތޯއެވެ. އަހަންނަށް ލިބެމުން ދިޔައީ ހައިރާންވާ ކަހަލަ ޖަވާބުތަކެވެ.

އެއްވެސް މާނައެއް ނެތް ގޮތުގައި ތިކި ތަކެއް މީހަކު ފޮނުވަފާނެ ބާއެވެ. ހިތަށް އެރިއެވެ. ހަމަ އެ ދަނޑިވަޅު ހިތަށް ތިލަވަމުން ދިޔައީ ކޮންމެ އަކުރަކުން ކޮންމެ ނިޝާނަކުން މާނައެއް ދޭހަކޮށްދެވިދާނެ ކަމެވެ. ހިތަށް އެރީ އަކުރުތަކާއި ނިޝާންތައް ވެސް މީ ހާދަ ފާޑެއްގެ އެއްޗެއްތާއެވެ. ވިސްނުމުގެ ތެރެއަށް ގެނބެމުން ދެވުނީ ކިހައި ހިސާބަށް ކަމެއް ވެސް ނޭނގުނެވެ.

އެކި ފިކުރުތައް ސިކުނޑިއަށް އެއްކުރަމުން، ފިކުރުތަކުން ސިކުނޑި ފުރަމުން ދެވުނީ އިޚްތިޔާރަކާ ނުލައެވެ. ފޯނުގެ އިސްކުރީނަށް އަނެއްކާ ވެސް ބަލައިލެވުނެވެ. ފުރަތަމަ ލިބުނު މެސެޖު ބަލައިލަން ހިތަށް އެރިއެވެ. ފަހަރުގައި އިތުރު ވާހަކައެއް އޮވެދާނޭ ހިތްބުނެލިއެވެ. އަވަސްއަވަހަށް މެސެޖު ބަލައިލީމެވެ.
ފާޑަށް ހިނި ވެސް އަޔެވެ. ފެނުނީ ދޫ ބޭރަށް ނެރެފައިވާ މޫނެކެވެ. އެ އަށްވުރެ ތަންކޮޅެއް ތިރީގައި ވެސް ހުސް ޖާގަ އޮތުމުން ބަލައިލާ ހިތްވިއެވެ. ނުތަނަވަސް ވަމުން ދިޔަ ހިތާއެކު ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ. ކުޑަކޮށް ހަމަޖެހިލެވުނެވެ. މި ފަހަރު އޮތީ ހިސާބު ދެ އަކުރެވެ. އެކަކާއި ސުމެކެވެ. ޖެހިގެން އިނގިރޭސިބަހުގެ އެކްސް އަކުރު އޮތެވެ. އަހަން ކުރެވުނީ ރަނގަޅު މާނައެއް ކަމަށް ވިސްނުނެވެ. މެސެޖުގައިވާ ވާހަކަތައް ދޭހަ ކުރުމަށް މަސައްކަތްތަކެއް ކުރާން ޖެހޭނެކަން މެސެޖު ފޮނުވި މީހާއަށް ވިސްނުނީތީ އުފާ ވެސް ކުރެވުނެވެ.
އެ ޚިޔާލުގައި އިންދާ އަނެއް މެސެޖުގައި ވެސް ވާހަކައެއް އޮވެދާނޭ ހިތަށް އެރިއެވެ. ކުރިއެކޭ އެއްގޮތަށް ފޯނުގެ އިސްކުރީގައި ލޯތް ތަތްކޮށްލައިގެން މެސެޖު ތެރެއަށް ބޯމަހައިލެވޭތޯ ބެލީމެވެ.

ފެނުނު މަންޒަރުން ތަރިބުރައިގެން ދިޔައެވެ. މެސެޖު ފޮނުވި މީހާއަށް އަހަރެންގެ ހިތް އެނގެނީ ހެއްޔެވެ؟ ނޫނީ އޭނާގެ ހިތް އަހަންނަށް އެނގުނީ ހެއްޔެވެ؟ އެހެން ނޫން ނަމަ ދެ ލޮލުގެ ބަދަލުގައި ރަތްކުލައިގެ ދެ ހިތް ކުރަހާފައިވާ ރީނދޫކުލައިގެ މޫނެއް އަހަންނަށް ފޮނުވަން ޖެހޭ ސަބަބެއް ނުވިސްނުނެވެ. ހިތަށް އެރިއެވެ. މިވާނީ މި ނިޝާނުގެ މާނަ އެމީހާއަށް ނޭނގެނީ ކަމަށެވެ. އެހެންނޫނީ އެކަހަލަ ވާހަކައެއް އަހަރެން ގާތު އެމީހަކު ބުނަން ޖެހޭ ސަބަބެއް ނޯންނާނެއެވެ. އަހަރެން މީހަކު ދެކެ ލޯބިވެގެން އެބައުޅޭ ހެއްޔެވެ؟ މީހުން ލޯބިވާން އަހަރެންމީ ކާކު ހެއްޔެވެ؟

އެ ޚިޔާލުތަކުގައި އެތައް އިރަކު ވިސްނަން އިނދެވުނެވެ. އެންމެފަހުން ހިތަށް އެރިއެވެ. އަހަރެންނަށް މި ގޮތަށް މި ވިސްނެނީ ކީއްވެ ހެއްޔެވެ؟ އެއްގޮތަކީ ކަންކަން ހޯދާބަލައިގެން އެއްޗެހިން ކުރެވޭ މާނަތަކާ މެދު އަހަންނަށް މާ ފުންކޮށް ވިސްނެނީއެވެ. އަނެއް ގޮތަކީ ވިސްނަން ނުޖެހޭ މިންވަރަށް އަހަންނަށް ވިސްނެނީއެވެ. ނޫނީ ބޭކާރު ޚިޔާލުތައް އަހަންނަށް ކުރެވެނީއެވެ. އެވަރަށް އަހަންނަށް ވަގުތުވަނީއެވެ. މުޅީން އެހެންނެއް ވެސް ނޫނެވެ. އަހަންނަކީ އަވަދި ނެތި އުޅެން ޖެހޭ މީހެކެވެ. ޒިންމާދާރު ވަޒީފާއެއްގައި އުޅެމުންދާ މީހެކެވެ. ނަމަވެސް އަހަންނަކީ ތަފާތު މީހެކެވެ. އެކަން އަހަންނަށް ބަޔަކު ވިސްނައިދެއެވެ.
"ކޮން ފިކުރުތަކެއް ބޮލަށް ކޮށްޕައިލައިގެން އިންނަ ދުވަހެއް؟" ރާޝިދު އަހަންނާ ދިމާކޮށްލީ އޮފީސް ތެރެއަށް ވަންނަމުންނެވެ.
ބަދަލުގައި އަހަރެން ހިނިތުންވެލީމެވެ. ބުނަން ބޭނުންވާ ވާހަކަ ބުނެވެން ނެތީމައެވެ. އަހަރެން ޖަވާބަކަށް ރާޝިދު އިންތިޒާރު ވެސް ނުކޮށް ދިޔައީމައެވެ. އެއީ އޭނާގެ މިޒާޖެވެ. އޭނާގެ އާދައެވެ. ކިތައްމެ އަވަހަށް ފެނުނަސް ކޮންމެވެސް ވާހަކައެއް ބުނެލާނެއެވެ. އަހަރެންގެ ޖަވާބަކަށް އޭނާ އިންތިޒާރެއް ނުކުރާނެއެވެ.
"މެންދުރު ވެސް ނުދަނީތަ؟ މިއަދު ވެސް ރޯދައީތަ؟" ނުހާ ބޭރުން އައިސް ވަންނަމުން އިޝާރާތުން އަހަންނާ މުޚާތަބުކޮށްލީ ހިނިތުންވެލައިގެން ހުރެއެވެ.
ބަދަލުގައި އަހަރެން ބޯ ހޫރައިލީމެވެ.
"އަހަންނަށް އެހެން ހީވެގެން މިއައީ އެއްޗެއް ހިފައިގެން" ނުހާ އަތުގައި އޮތް ކޮތަޅު ނަގައި އަހަންނަށް ދިއްކޮށްލިއެވެ. "ދޭ ޓީ ރޫމަށް. ނިންމަން ޖެހޭ މަސައްކަތެއް ހުރީމަ މި ދަނީ. އެހެން ނޫންނަމަ ބައިވެރިވެލާނަން އިނގޭ. ސޮރީ"

ބަދަލުގައި އަހަރެން ޝުކުރު އަދާކުރާކަން ބޮލުގެ ހަރަކާތުން ދައްކައިލީމެވެ. ހިކިފައިވާ ދެ ތުންފަތުގައި ދޫ ޖައްސައި ތެންމައިލެވުނެވެ. ނުހާ ދިޔުމުން އޭނާ ގެނެސްދިން ކޮތަޅު ހިފައިގެން ސައި ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީމެވެ. އަނެއްކާ ވެސް ވިސްނަން ޖެހުނީއެވެ. ނުހާ އަހަންނަށް އެހާ ރަނގަޅީ ކީއްވެ ހެއްޔެވެ؟ އޮފީހުގައި އެތައް ބަޔަކު މަސައްކަތު އުޅޭ އިރު ވެސް އޭނާ އަހަންނަށް އެހާ ސަމާލުކަން ދެނީ ކީއްވެ ހެއްޔެވެ؟ އާންތުމެން އޭނާއާ ދިމާކުރާއިރު ވެސް އަހަންނާ ވާހަކަދައްކަން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ނުހާ އަހަންނާ ގާތްވަން ބޭނުންވަނީ ހެއްޔެވެ؟ އޭނާގެ ހިތުގައި އަހަންނާ މެދު ޚާއްޞަކަމެއް އޮތީ ހެއްޔެވެ؟
ނޫނެކެވެ. އަހަރެން އެހެން ވިސްނާނަކަށް ނުވާނެއެވެ. އެއީ މީހަކާ އިނދެގެން އުޅޭ މީހެކެވެ. ދަރިއަކު ވެސް އެބަހުއްޓެވެ. އޭނާއަކީ އޯގާތެރި، ހިތްހެޔޮ މީހަކީއެވެ. މީހުންގެ އިހުސާސްތަކަށް އޭނާ އިހުތިރާމު ކުރަނީއެވެ. މީހުންގެ ހާލަތު އޭނާއަށް ވިސްނެނީއެވެ. އޭނާގެ ހިތް ތާހިރީއެވެ.

މޭޒުމަތީ ކޮތަޅު ބެހެއްޓުމަށް ފަހު ނުހާ ގެނެސްދިން ޕާރުސަލްގެ މަތި ހިއްލައިލެވުނެވެ. ފެތުރިގެން ދިޔަ މީރު ވަހުން ބަނޑު ފުރުނު ކަހަލައެވެ. ކުޅުދިޔާ ވިއެވެ. މަޑުމަޑުން ހިންދިރުވައިލެވުނެވެ. ކޮފީއެއް ތައްޔާރުކޮށްލުމުގެ ނިޔަތުގައި ހަރަކާތްތައް އަވަސްކޮށްލައިގެން އުޅެމުން ދިޔައީމެވެ. ސައި ކޮޓަރިއަށް މީހަކު ވަންކަމެއް އަހަންނަކަށް ނޭނގެއެވެ. މަޑުމަޑު ރާގެއް އަނގައިން އަޅުވާލައިގެން އަވަސްއަވަސް ކޮށްލައި ކޮފީއެއް ތައްޔާރުކޮށްލީމެވެ. ކޮފީގެ ވަހުން މުޅިތަން އެއްވަސް ވަމުން ދިޔައެވެ. ކޮފީތަށި ހިފައިގެން އެނބުރުނު އިރަށް މީހެއްގެ ގައިގައި އަޅައިގަނެ ކޮން ވެސް ވަރަކަށް ކޮފީތައް ބަންޑުންވިއެވެ.
"ބަލައިބަލަ ހުންނަ ގޮތެއް ނެތްކަން. ކަލޭއަށް ނޭގުނުތަ އަހަރެން މި ތަނުގައި ހުރިކަމެއް؟" ޔުސްރާ ގާތަށް ރުޅިއައެވެ. "އަހަރެން މިތަނަށް މިއައީ ކަލޭއަށް ބޮސް ގޮވާތީ ބުނަންވެގެން. މިތަނަށް ވަދެ ދެތިން ފަހަރު ގޮވީމަ ވެސް އިވުނު ކަމަށް ވެސް ހަދައިނުލީމަ ކޮށްޓައިލަން މިއައީ"

ބަދަލުގައި އަހަންނަށް ހުރެވުނީ ބަލާށެވެ. ޔުސްރާގެ މޫނަށެވެ. ރުންކުރުވެ ގޮށްޖެހިފައިވާ އޭނާގެ ދެ ބުމައަށެވެ. ދެވަނަ ސިކުންތުގައި ބަލައިލެވުނީ އޭނާގެ ދެ ލޮލަށެވެ. އަހަންނަށް ފެނުނީ ރުޅިވެރިކަމެވެ. ޔުސްރާ ޗޮކެއް ކަނޑައިލިއެވެ. އޭނާގެ ތުންފަތް އަނބުރައިލިއެވެ. އެ ތުންފަތުން ފެންނަމުން ދިޔައީ މަލާމާތުގެ ހިނިތުންވުމެކެވެ.
"އަދިވެސް އޮފީސްތަކަށް މި ޒާތުގެ ގަމާރުން ވައްދަންވާނެ. މި މީހުންގެ އަމިއްލަ ހާލައިގެން ނޫޅެވޭ އިރު ވެސް މި ސަކަރާތެއް ޖަހަންވާނެ. މިއޮތީވާ ދުނިޔެއެއް. ހައްގެކޭ ފުރުސަތޭ ކިޔައިގެން ވާހަކަދެއްކީމަ ކޮންމެ މީހަކަށް ވެސް އެވީ. މި ކަހަލަ މީހުން ތަންތަނަށްލީމަ ދެން ތިބޭ މީހުންނަށްވާ އުނދަގުލެއް އުޅެން ޖެހޭ ހާލެއް އެކަކަށް ވެސް ނޭނގޭނެ" ޔުސްރާގެ ތުންފަތަށް އަހަންނަށް ބެލުނީ ބޭއިޚްތިޔާރުގައެވެ. "ކަލޭ މާ ފާޑަކަށް މަ އަނގަޔަށް ބަލާނެ ކަމެއްނެތް. އަދިވެސް ކުރެވުނު ވަރު ކުޑަވެގެންތަ ތި ބަލަނީ. ހަމަ މިހާރު މި މުށިގަނޑު ސާފުކުރޭ"

އަހަރެން ދެއަތް ތިލަ ހިއްލައިލަމުން މޫނާއި ދެ ލޮލުން މަޢާފަށް އެދުނީމެވެ.
"ދެން ކޮންމެހެން ވައްތަރު ޖައްސާނެކަމެއް ނެތް. އަދި މާ އިނޮސެންޓް މީހަކަށްވާން އުޅޭނެ. އަހަރެންގެ މުޅި ހެދުން ހަރާބު ކޮށްލައިފަ" ޔުސްރާ އިސްކުރު ކައިރިއަށް ޖެހިލިއެވެ. "މުޅި ދުވަސް ހަރާބުވީނު. ދެން ނޭނގެ މި ފިލާނެ ކަމެއް ވެސް"


(ނުނިމޭ)
ހިޔާލު

ލިލީ

ހަމަކުރީގެ ބައި، އައި ތިންކްސް އިޓްސް އޭން އެރޯ

1828

ކުރިން ދުވަހު ގެނެސް ދީފައި އޮތްބައި އަނެއްކާވެސް.