Jaluthakuge Haalathu Rangalhukoh Insaane Hagguthah Kashavarukuraanan: Imran
image
2 ކޮމެންޓް
 

ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރާނަން: އިމްރާން

ޖަލުތަކުގެ ހާލަތުރަނގަޅުކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރާނަން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުޅުމާލޭ ޖަލުގައި ގާއިމްކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ޔުނިޓް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެއްކަމަށާއި، އެމައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރުން ކަމަށެވެ.

"އަޅަމުން އަންނަ ފިޔަވަޅުތަކަކީ އިންސާނީ ހައްޤުތަކާއި، ރާއްޖޭގެ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށްފެތޭ ހަމަޔަކުން އަޅާފިޔަވަޅުތަކެއްކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާނަން.ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ޙާލަތު ޖުމްލަގޮތެއްގައި ރަނގަޅުކޮށް، އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުން،" އިމްރާން ވިދާޅުވިއެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލެވެންދެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބައިތިއްބާ ތަނެވެ. މިއަދު ހުޅުވި ޔުނިޓަކީ ދެގޮޅި ހިމެނޭ ޔުނިޓެކެވެ. ދެގޮޅިވެސް ތައްޔާރުކޮށްފައިވާނީ މަންޑޭލާ ރޫލްގައި ހިމެނޭ މިންގަނޑަށްވުރެ ރަނގަޅަށްކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިއަދު ހުޅުވި ޔުނިޓްގެ ކޮންމެ ގޮޅިއެއްގައިވެސް ގިނަވެގެން ބައިތިއްބާނީ 20 މީހުންނެވެ. އެމީހުން ނިދުމަށް ކޮންމެ ގޮޅިއެއްގައިވެސް ބަހައްޓާފައި ހުންނާނީ ބަންކް ބެޑެވެ.

28 ފޫޓް 17 ފޫޓްގެ ދެ ގޮޅި ހިމެނޭ ޔުނިޓް ތައްޔާރުކޮށްފައިވަނީ، ޔުނިޓްގެ ކުރިމަތިން ހުސްޖާގަ އޮންނަ ގޮތަށެވެ. ދުވާލުގެ ވަގުތުތަކުގައި ގޮޅިތަކުގައި ތިބުމުގެ ބަދަލުގައި، ގޮޅީން ބޭރުގައި ވަގުތު ހޭދަކުރެވޭނެއެވެ. ހުސްބިމުގައި ކައިބޮއި ހެދުމަށްޓަކައި މެސްރޫމެއްވެސް ހުންނާނެއެވެ. މީގެ އިތުރުން، މި ސެންޓަރުގެ ތެރޭގައި، ނަމާދު ކުރުމަށްޓަކައި ވެސް ވަކި ޔުނިޓެއް ހާއްސަ ކުރެވިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ހިޔާލު

ލަކޫ

ﷲ ޝޭހު އިމުރާނުގެ މަސައްކަތުގައި ބަރަކާތް ލައްވައި ހިދާޔަތާއި ހެޔު ތައުފީޤް ދެއްވާށި! އަޅަމެނަށް ހިދާޔަތާއި ހެޔު ތައުފީޤް މިންވަރު ކުރައްވާށި! އާމީން

ސައިޚު

އިންސާނީ ހައްގުތަކުގެ ބަދަލުގައި ކުރީގަ އިސްލާމީ ހައްގުތައް ޕުރޮމޯޓުކުރި މީހުންގެ ރާގު އިންސާނީ ހައްގުތަކައްވާމަންޒަރު އެބަފެނޭ...