Kuruvaahaka: Dhe Thiki
image
ކުރު ވާހަކަ: ދެ ތިކި
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ކުރު ވާހަކަ: ދެ ތިކި

"ނުފިލާނެ. އެއްގޮތަކަށް ވެސް ނުފިލާނެ. ހިތުގައި ޖެހޭ ލައްގަނޑަކީ ފަސޭހައިން ފިލުވައިލެވޭނެ އެއްޗެއް ނޫން" ނުހާ ފޯނަށް ޖަވާބު ދެމުން އައިސް އަހަރެން ކުރިމަތީގައި އިށީނެވެ. "އަމުދުން އެމީހެއްގެ ކުށެއްނެތި ކުށެއްގެ ތެރެއަށް މަހައިލުމުން ހިތުގައި ޖެހޭ ވަރު ބޮޑުވާނެ. އަހަންނަކީ އެކަން އެންމެ ރަނގަޅަށް ތަޖުރިބާކުރި އެކަކު. މި ފަދަ ދުނިޔެއެއްގައި އުޅެވޭނީ ވަރަށް ކެތްތެރިވެގެން. ވަރަށް ވިސްނައިގެން. ތިމާ ނޫނަސް އެހެން މީހުން ދުނިޔޭގައި އުޅޭކަން ވެސް ވިސްނައިގެން" ހައިރާންކަމާއެކު އަހަންނަށް ބަލަން އިނދެވުނީއެވެ. ނުހާގެ ތުންފަތަށެވެ. އެ ހަރަކާތްތަކުން އަހަންނަށް ޖުމުލަތައް ފެންނާތީއެވެ. ތުންފަތުގެ ކޮންމެ ގުޑުވާލުމަކުން މާނައެއް ދޭހަވާތީއެވެ. ނުހާ ލުއި ގޮތަކަށް އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަރެންގެ މޫނަށް ބަލައިލުމަށްފަހު ނިތުން ވެސް ވާހަކައެއް ބުނެލިއެވެ. އަހަންނަށް ދެނެގަނެވުނެވެ. ކުރީގެ ފިރިމީހާ މައާފަށް އެދި އާދޭސްކުރާ ކަމަށް ބުނުމުންނެވެ. ނުހާގެ މޫނުމަތިން އުފާވެރިކަމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ. އެހެންވެ އަހަރެން ބޭނުންވީ ނުހާއަށް ފުރުސަތު ދޭށެވެ. ވާހަކަ ކުރިއަށް ގެންދަން އަހަރެން އިޝާރާތް ކުރީމެވެ.

"ޝިފާނު ގާތު އަހަރެން އެންމެ ފުރަތަމަ ވެސް ބުނިވާހަކައަކީ އެ" ނުހާގެ ފޯނު ކަނާއަތްފަރާތު ކަންފަތަށް ބަދަލުކޮށްލިއެވެ. "އަހަރެން ބުނަންދޯ ފެންނަހާ މަންޒަރަކުން އެއީ ހަގީގަތްކަމަށް ގަބޫލުކުރާނަމަ ގުޅުންތައް ނެތިގެންދާނޭ. އެކުގައި އުޅޭނަމަ އެކުގައި އުޅޭ މީހަކީ ވެސް އިންސާނެއް ކަމަށް ގަބޫލުނުކުރާހާ ހިނދަކު އެއްވެސް ކާމިޔާބެއް ނުލިބޭނޭ"
އަހަރެން ނުހާއަށް ބަލައިލަމުން ބޮޑުވާ އިނގިލި މައްޗަށް ހިއްލައިލީމެވެ. އޭނާގެ ވާހަކަށް ތާއިދުކުރާ ކަން ހާމަކޮށްލުމަށެވެ.
"ހަގީގަތުގައި ޝިފާނަށް އަހަރެން ފުރުސަތެއް ދޭން ބޭނުމެއް ނޫން. މުސްކުޅިން ބުނޭ އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަންމަތިން ވެސް ފުންމާލާނޭ" ނުހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެކަމަކު ވެސް ޝިފާނު ކުށަށް އަމިއްލައަށް އިއުތިރާފުވެ ހެދުނު ހުރިހާ ގޯހެއް ގަބޫލުކޮށް، އަހަރެން ގާތު ވައުދުވީތީ އަދި ޝިފާނު ތިއީ އަހަރެންގެ ދަރިފުޅުގެ ބައްޕައަށް ވީތީ ފަހު ފުރުސަތު މި ދެނީ"
އަހަންނަށް ހައިރާންކަން ލިބުނެވެ. ކުއްލިއަކަށް ނުހާގެ ހިޔާލުތައް ކަފިކަފިވާތަން ފެނުމުންނެވެ. އަހަރެންގެ ހިތުގެ ބައެއް ނާރުތަކަށް ވާންވި ކަހަލައެވެ. ނަމަވެސް އެ ހިޔާލުތަކުގެ މައްޗަށް އަމިއްލަ ވިސްނުން އިސްކުރީމެވެ.

"ހީކޮށްފާނެ އަހަންނަކީ ފަސޭހައިން ހައްލައިލެވޭނެ މީހެކޭ. އެހެންނެއް ނޫން އަހަރެންގެ ދަރިފުޅަށް އަހަންނަށް ބައްޕައެއް ހޯދައެއް ނުދެވޭނެ. ކިތައްމެ ވަރެއް ކުރިއަސް އަހަންނަށް ހޯދައި ދެވޭނީ ހިލޭ މީހެއް" ނުހާގެ ރާގު ބަދަލުވިއެވެ. "ދެން ވެސް ޝިފާނު އެ ގޮތަށް ކުށްހީކޮށް އަހަންނާމެދު ނުނަޒަރުން ނުދެކޭތި. އަހަންނަކީ އެހެން މީހުންހެން އުޅޭ މީހެއް ނޫން. އަހަންނާއެކު އުޅޭ ނަމަ އޯގާތެރިކަމާއި ހިތްހެޔޮކަން އިސްކުރަން ޖެހޭނެ. އަހަރުމެންގެ ވަށައިގެން އުޅެނީ ވެސް އިންސާނުންކަން އެނގެންވާނެ. އެ އެންމެންގެ ވެސް ހިތެއް އޮންނާނެ ކަމާއި ބޭނުންތަކެއް ހުންނާނެ ކަން ވެސް ވިސްނެންވާނެ. އަދި އެމީހުންގެ ޝަކުވާތަކާއި ޝުއޫރުތަކެއް ވެސް ހުންނާނެކަމާއި އެ އަށް ވެސް އިހުތިރާމު ކުރަންވާނެ ކަން ވިސްނެންވާނެ"
ނުހާގެ އަޑު ކެނޑުނެވެ. އޭނާ އިނީ ފޯނުން ދައްކާވާހަކަތައް އަޑު އަހާށެވެ. އެ ކޮޅުން ދެއްކީ ކޮން ވާހަކައެއް ކަމެއް އަހަންނަކަށް ނޭގުނެވެ.
"އޯކޭ ބާއްވަނީ" ނުހާ، އަހަންނާ ދިމާ ބަލައިލުމަށް ފަހު ހީލިއެވެ.
"ދާއިން ކީއްވެތަ އެހާ ދެރަވެފަ އަބަދު ތި އިންނަނީ؟" ނުހާ ބަލައިލީ އަހަރެންގެ މޫނަށެވެ. "އަހަންނަށް ވަރަށް ގިނައިން ފެނޭ ދާއިން ވަރަށް ނެގިމަޑުވެ ހާސްވެ ކަންބޮޑު ވެފަ އިންނަ މަންޒަރު"
ކަމެއް ނުވާކަން ބުނެދިނުމަށް އަހަރެން ބޯ ހޫރުވައިލީމެވެ. ވަރަށް ހިތްހަމަ ޖެހޭކަން ހަރަކާތުން ދައްކުވައިދިނީމެވެ. އަދި ނުހާގެ ހިތްހެޔޮ ކަމާއި އޯގާތެރިކަން އަބަދުވެސް ހަނދާން ބަހައްޓާނެ ކަމާއި މި އޮފީހުން އަހަންނަށް އެންމެ ރަނގަޅު މީހަކީ ނުހާ ކަމުގައި ބުނެދިނީމެވެ. ރަނގަޅު ކަމަށް ބުނަނީ ދޭ އެއްޗަކުން، ގެންނަ ހަދިޔާއެއްގެ ސަބަބުން ނޫންކަން ވެސް ބުނެދިނީމެވެ.

"އަސްލު އަހަރެން ގަބޫލެއް ނުކުރަން ދާއިންއަށް މާގިނަ ކަމެއް އަހަންނަށް ކޮށްދެވޭ ކަމަކަށް" ނުހާ އިސްޖަހައިލިއެވެ. "މީހުންގެ ވިސްނުން އަދިވެސް ބަދަލުވާކަށް ނޫޅޭ. މިފަދަ ތަހުޒީބު ޒަމާނެއްގައި ވެސް ކޮންމެ މީހަކު ވެސް އުޅެނީ އެމީހެއްގެ އަމިއްލަ އެދުމައިގެން. ކޮންމެ މީހަކީ ވެސް ޒިންމާތަކެއް އޮންނާނެ މީހެއް. ކޮންމެ މީހަކު ވެސް ޒާތީ ކަންކަން އެއް ފަރާތްކޮށް އަނެއްކާގެ އިހުސާސްތަކަށް އިހްތިރާމު ކުރާނަމަ... އެހެން ނޫނީ އޯގާތެރި މުޖުތަމައެއް ނުފެންނާނެ"
ބަދަލުގައި އަހަރެން އާއެކޭ ބުނުމަށް ބޯޖަހައިލީމެވެ.

"އަސްލު އެއްވެސް މީހަކީ ކުޅެދޭ މީހެއް ނޫން. ޖިސްމާނީ އައިބެއް ބޭރުފުށުން ނުފެނުނަސް، ކޮންމެ މީހެއްގެ ވެސް އައިބުތަކެއް ހުންނާނެ. ނުކުޅެދޭ ކަންތައްތަކެއް، ސިފަތަކެއް ހުންނާނެ. އެކަމަކު މި މުޖުތަމައުގެ އެންމެންނަށް މިކަންކަން ނުވިސްނެނީ" ހަރަކާތްތަކުން އަހަރެންގެ އިހުސާސްތައް ނުހާގެ ކުރިމައްޗަށް އޮއްސައިލީމެވެ.
"ބޮސް އެބަ ގޮވާލައްވާ ދާއިންއަށް" އޮފީހުގެ ވެރިޔާގެ ކާތިބާ، ޝިމްލާ އަހަންނާ ދިމާއަށް ބަލައިލިއެވެ. އެއާއެކު ލުއި ހިނިތުން ތުންފަތުގައި ދައުރުކޮށްލިއެވެ.
"އަނެއްކާ ކަމެއް ގޯސްވީތަ؟" ނުހާ ވެސް ހައިރާން ކަމާއެކު ޝިމްލާއަށް ބަލައިލިއެވެ.
"ހީވަނީ އެހެން" ޝިމްލާ ތަފުސީލަކަށް ނުދިޔައެވެ.
"ދާއިންއަށް އަހަރުމެން ދައްކާ ވާހަކަތައް ސާފުކޮށް ދޭހަވާނެ. ދާއިންގެ ވާހަކަތައް އަހަންނަށް ދޭހަ ކުރަން ދަތިވެދާނެ. ނުހާ ވެސް ދާއިންއާއެކު އައުމަކީ އަހަންނަށް ފަސޭހަވާނެ ކަމެއް. އެހެންވީމަ ނުހާ ބައިވެރިވުމަކުން އެއް ވެސް ޝަކުވާއެއް ނެތް" އޮފީހުގެ ވެރިޔާ، ސަމަދު އަހަންނަށް ބަލައިލިއެވެ.
"ޝުކުރިއްޔާ" ނުހާ ހިނިތުންވެލަމުން އަހަންނާ ދިމާ ބަލައިލިއެވެ.

"ދާއިން މި ހާޒިރު ކުރެވުނީ ޔުސްރާ ހުށަހެޅި މައްސަލައަކާ ގުޅިގެން" ސަމަދު ވާހަކަފެށީ ސީދާ މައުޟޫއިންނެވެ. "ޔުސްރާގެ ޝަކުވާތައް ހިއްސާކުރުން އެދެން"
"ޝުކުރިއްޔާ. އަޅުގަނޑަށް އެނގޭ ދާއިންއަކީ ކޮންކަހަލަ މީހެއްކަން. މިކަހަލަ މައްސަލައެއް ހުށަހަޅަން މި ޖެހުނީ އެއް ކަމެއް ތަކުރާރުވާން ފެށުމުން އެކަން ހުއްޓުމަކަށް ގެނައުމަށް" ޔުސްރާ މަޑުމޮޅި ރާގަކުން ވާހަކަފެށިއެވެ. "ދާއިން އޮފީހަށް ވަނީއްސުރެ އަހަންނަށް މި ޖެހެނީ މިކަމަކުން ސަލާމަތް ނުވެވިގެން އުޅެން. ކޮންމެ ދުވަހަކު ވެސް މިކަމަކުން މިންޖު ނުވެގެން އުޅެން. އަހަރެން ހިޔެއް ނުކުރަން ދާއިންއަކީ...

ޔުސްރާ ދައްކަމުންދާ ވާހަކަތައް އަހަންނަށް ފަހުމެއް ނުވިއެވެ. އޭނާ އެ ކިޔަނީ ކީކޭ ކަމެއް އަހަންނަކަށް ނުވިސްނުނެވެ. އަހަންނަށް އެނގިގެން އެއްވެސް މީހަކަށް ދެރައެއް ނުދެމެވެ. ޖެއްސުމެއް ނުކުރަމެވެ. މީހަކު ދެރަވެދާނެ ކަމެއް ނުކުރަމެވެ. އަހަންނަށް މުށްކަވާލެވުނެވެ. ނާރުތަކަށް ވާންވިއެވެ. މުޅި މީހާގެ ހަންގަނޑު ރަތްކުލައަށް ބަދަލުވަމުން ދިޔައެވެ. އަހަންނަށް ބަލައިލެވުނީ ނުހާގެ މޫނަށެވެ. އޭނާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ނުހާގެ މެސެޖު އަހަނަށް ތަރުޖަމާ ކުރެވުނީ ރަނގަޅަށެވެ. އިހަށް ހަމަޖެހިލާށޭ ބުނާފަދައިން އޭނާގެ ނިތުން ދެތިން ވާހަކައެއް ބުނެލިއެވެ.
"އަހަރެން މިހާ ހިސާބަށް މިކަން މި ހުށަހެޅީ ދާއިންނަށް ދެރައެއް ދޭކަށް ނޫން. އަހަރެން ގަބޫލުކުރަން އެހެން މީހުންނާ ދާއިން ތަފާތު ވާނެކަން. އަހަންނަށް ވެސް ވިސްނޭ އެފަދަ މީހުންގެ އިހްސާސްތައް ތަފާތު ވާނެކަން" ޔުސްރާއަށް ގިސްލެވެން ފެށުނެވެ. "އަހަންނަށް އެނގޭ ދާއިންމެން ކަހަލަ މީހުންނަކީ ހުރިހާ ދުވަހު ގޭތެރޭގައި ބަންދުވެފައި ތިބި ބައެއްކަން. އެމީހުންނަށް ތަހުޒީބުވެފައިވާ މުޖުތަމައުތަކުގައި ކަންކަން ހިނގާ ނުހިނގާގޮތް ފުރިހަމައަށް ނޭނގިދާނެކަން ވެސް. ފުރައްސާރަ ކުރުމަކީ ގާނޫނީ ކުށެއްކަން ވެސް ދާއިންއަށް ނޭނގިދާނެ. އަހަރެން ބޭނުންވަނީ ދާއިނަށް އެ ކުރެވެނީ ރަނގަޅު ނޫންކަމެއް ކަން ވިސްނައިދޭން. އޭނާއަށް އަދަބެއް ދޭކަށް ބޭނުމެއް ނޫން"

ނުހާ ހައިރާން ކަމާއެކު ބަލައިލީ އަހަރެންގެ މޫނަށެވެ. ދެތިން ފަހަރަކު އަހަންނަށް އޭނާ ނިތް އެއްލިއެވެ. ސިއްރުން ކަންތައްތަކެއް ހިންގަނީހޭ އެހިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ކުޑަކޮށް ލޯމަރައިލަމުން ދެފަރާތަށް ބޯހަލުވައިލީމެވެ.
"ދާއިން ޔުސްރާ އެ ދައްކާ ވާހަކާމެދު އެއްޗެއް ބުނުން އެދެން" ސަމަދު އަހަންނާ ދިމާއަށް ބަލައިލިއެވެ. "ނުހާ ވަރަށް ރަނގަޅު ދާއިންގެ ވާހަކަތައް އަޅުގަނޑަށް ތަރުޖަމާ ކޮށްދިނިއްޔާ"
ނުހާ ބަލައިލީ އަހަރެންގެ މޫނަށެވެ. ސަމަދު ވެސް ކަޅި ޖަހައި ނުލައި އަހަރެންގެ މޫނަށް ބަލަމުން ނިތުގެ އިޝާރާތުން ފަށާށޭ ބުނެލިއެވެ. އަހަންނަށް ބަލައިލެވުނީ ނުހާގެ މޫނަށެވެ. ނުހާ ވެސް ކުރީ އެއް އިޝާރާތެކެވެ.
"އަޅުގަނޑަކަށް ނުވިސްނޭ ޔުސްރާ އެ ދައްކާ ވާހަކައެއް" އަހަރެންގެ ހަރަކާތްތައް ނުހާ ލަފުޒުތަކަށް ބަދަލު ކުރަމުން ދިޔައެވެ. "ޔުސްރާގެ މަގުސަދަކީ ކޮބައި ކަމެއް އަޅުގަނޑަކަށް ނޭނގެ. ޔުސްރާ އަޅުގަނޑު ދެކެ ރުޅިއަންނަންވީ ސަބަބެއް ނުވިސްނޭ. އަޅުގަނޑަށް އެނގިގެން މި އޮފީހުގެ އެއްވެސް މީހަކަށް އެއްވެސް އުނދަގުލެއް ގެއްލުމެއް ނުދެން. އަދި އެއްވެސް ޖެއްސުމެއް ވެސް ނުކުރަން. ފުރައްސާރައެއް ވެސް ނުކުރަން"
އަހަރެންގެ ހަރަކާތްތައް ލަސްލަހުން، މަޑުމަޑުން ނުހާގެ އަޑުން އިވެމުން ދިޔައެވެ. އަހަންނަށް ބަލައިލެވުނީ ޔުސްރާއަށެވެ. އޭނާ އިނީ ނުހާއަށް ބަލަހައްޓައިގެންނެވެ.
"މި ފަދަ ތަހުޒީބު ޒަމާނެއްގައި، ނާތަހުޒީބީ ވިސްނުން ނުގެން ގުޅެމޭ ބުނެ އަމަލީ ގޮތުން ބައެއް މީހުން އެފަދަ ކަންކަން ކުރާތީ އަޅުގަނޑު ގަބޫލު މި ކުރަނީ އެފަދަ މީހުންނަކީ އަމަލާ ބަސް ދިމާ ނުވާ ބައެއް ކަމަށް" ނުހާއަށް އަހަރެންގެ ޖުމުލަ ފުރިހަމަ ކޮށްލެވުނީ ހަމަ ކިރިޔާއެވެ. އޭނާ ފާޑަކަށް އަހަރެންގެ މޫނަށް ބަލައިލިއެވެ. ދެ ލޮލުން ކަރުނަ ހިލެން ފެށިއެވެ.

އަހަރެން ބޭނުންވީ ޔުސްރާއަށް ކަމެއް ވިސްނައިދޭށެވެ. އޭނާ ދެއްކިވާހަކައަކީ އަހަންނަށް ނިސްބަތްވާ ވާހަކައެއް ނޫންކަން ހާމަކޮށްދޭށެވެ.
ޔުސްރާ ފުރުޞަތަކަށް އެދުނެވެ.


(ނުނިމޭ)
ހިޔާލު

އަލީ

ރީތި