Massaikaikuraa gaidheen nah libey ujoora bodu kurumah visnah: Minister Imran
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުންނާއި ހޯމް މިނިސްޓަރު އިމްރާން--
0 ކޮމެންޓް
 

މަސައްކަތްކުރާ ގައިދީންނަށް ލިބޭ އުޖޫރަ ބޮޑު ކުރުމަށް ވިސްނަން: އިމްރާން

ޖަލު ބަންދުގައި ތިބޭ ގައިދީންގެ މަސައްކަތްތެރިކަން ދައްކުވައިދީ، އެ މީހުން އުފައްދާ ތަކެތިން ރަނގަޅު އުޖޫރައެއް ލިބިދެވޭނެ ގޮތް ހަމަޖައްސަވާ ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
”ކަމާކެމި“ އިންމޭޓްސް ކްރިއޭޓިވް ފެއަރ 2019 ގެ ނައުމުގައި ކުރިއަށް ގެންދާ ގައިދީންގެ މަސައްކަތް ދައްކުވައިދޭ ފެއާރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މަސައްކަތްކުރާ ގައިދީންނަށް މިވަގުތު ލިބޭ އުޖޫރައަކީ އާދަޔާ ހިލާފަށް ކުޑަ އުޖޫރައެއް ކަމަށެވެ. އުއްމީދަކީ އިރާދަކުރެއްވިއްޔާ މިކަން ދިރާސާކޮށް ބެލުމަށްފަހު މަސައްކަތުގައި ބައިވެރިވާ ގައިދީންނަށް އުޖޫރަ އިތުރަށް ލިބިގެންދާނެގޮތަކަށް އިންތިޒާމްކުރެވިގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެފެއާގައި 1000އަށްވުރެ ގިނަ އައިޓަމްތައް ބައިވެރިކޮށްފައިވާއިރު، އެތަކެތިން ގައިދީންގެ ހުނަރުވެރިކަން ވަރަށް ވެސް ހުރިހަމަކަށް ހާމަވެ އެވެ. އަދި މިނިސްޓަރު އިމްރާން ވެސް ވަނީ އެކަން ފާހަގަކުރައްވާ ގައިދީންގެ ހުނަރު އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ސަރުކާރުގެ އަމާޒަކީ ގައިދީންނަށް ހިންގޭ ޕްރޮގްރާމްތައް އިތުރުކޮށް، ފުޅާކޮށް ގައިދީން އަނބުރާ މުޖުތަމައުއަށް ނެރޭއިރު ރިވެތި ސިފަތަކާއި ހުނަރުތައް އަށަގެންފައިވާ ބަޔަކަށް ހެދުން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އެފެއާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ. މި ފެއަރ ހުޅުއްވައިދެއްވުން އޮތީ އިއްޔެ ހަވީރު ކ. މާފުށީ ސްކޫލުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އެފެއަރ އަކީ މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުން ގެންދާ ގައިދީންގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފެއަރ އެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިއްޔެ މާލެއަތޮޅު މާފުއްޓަށް ވަޑައިގެން މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު، އެމައުރަޒް ބައްލަވާލެއްވި އެވެ.

އެ ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.
ހިޔާލު