Kuruvaahaka: Dhe Thiki
image
ކުރު ވާހަކަ: ދެ ތިކި
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ކުރު ވާހަކަ: ދެ ތިކި

"ބައްލަވާ އަހަރެން ކުރިން ވެސް ދެންނެވީ އެ ވާހަކަ. އަދި ދާއިންއަކީ ފުރިހަމަ މީހެއް ނަމަ ކިހާ ވަރެއް ކޮށްލާނެ ބާއޭ އަހަރެން ހިތަށްއަރާ" ނުހާ ފެންކަޅިވިއެވެ. "ދާއިންއަށް އަހަރެން ދެއްކި ވާހަކަ ނުބައިކޮށް ދޭހަވުން އެ އަހަރެންގެ މައްސަލައެއް ނޫން"
"އެންމެ ރަނގަޅު އަހަންނަށް ދޭހަ ނުވަނީ. އަހަންނަށް ނުވިސްނެނީ. ފުރިހަމައަށް ވިސްނޭ މީހުންނަށް ކީއްވެތަ އެހެން މީހުންގެ އިހްސާސްތައް ނުވިސްނެނީ؟ ފުރިހަމަ ކަމަށް ދައުވާ ކުރާ މީހުންނަށް ކީއްވެތަ މީހުންގެ މޫނުމަތީގައި ކުރެހިފަ ހުންނަ ވާހަކަތައް ދޭހަ ނުވަނީ؟ ކުޅެދޭ ކަމަށް ބުނާ މީހުން ކީއްވެތަ އަހަރެންގެ ބޮލަށް ހުރިހާ ކަމެއް ތި ޖަހަނީ؟" އަހަރެންގެ އަވަސް ހަރަކާތްތައް ނުހާ، އަޑަށް ބަދަލުކުރަމުން ދިޔައީ އަހަރެންގެ އިހުސާސްތައް ވެސް އޭގައި ހިމަނަމުންނެވެ. "ކީއްވެތަ ހަގީގަތް ނުބަލާ ހުރިހާ ކަމެއް އެހެން މީހުން ބޮލަށް ގެންދަނީ. އަހަންނަކީ ނިކަމެއްޗަކަށްވީތީތަ؟ އަހަންނަކީ ކަލޭމެންހެން ދެ ދަތްދޮޅި ނުތަޅުވާ މީހަކަށް ވާތީތަ؟ ލާމެހިފައިވާ މި ދުނިޔޭގައި ކަލޭމެން ނޫނީ ކިޔަވައިގެން ތިބި ބަޔަކު، ތަހުޒީބު ބަޔަކު ނެތީތަ؟"
ނުހާގެ ލޮލުން ކަރުނަ ފޫދެމުން ދިޔައެވެ. ނުހާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހެމުންދާ ވަރަކަށް އަހަރެންގެ ލޭ ކެކޭ މިންވަރު އިތުރުވަމުން ދިޔައެވެ. ސަމަދު އަނެއްކާ ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ.

"މި އޮތީ ފޯނު ބައްލަވާ. މި ހުރީ އަޅުގަނޑު މި ދައްކާ ވާހަކަތައް. އަޅުގަނޑަށް މި މެސެޖުތައް ކިޔާދޭ ކަށް ނުކެރޭނެ. މި ހުރީ ވައިބަރ އިން ފޮނުވި ފޮޓޯތައް. ޗެޓު ލޮގު މިއޮތީ އަދިވެސް ފޮހެނުލާ" ޔުސްރާ ދެ ލޮލުން ކަރުނަތައް ފޮހެމުން އޭނާގެ ފޯނު ސަމަދުގެ މޭޒުމަތީގައި ބޭއްވިއެވެ.
ސަމަދު ޔުސްރާގެ ފޯނަށް ބަލައިލިއެވެ. ދެ ލޯ ބޮޑުކޮށްލަމުން ނިތަށް ރޫ އަރުވަމުންނެވެ.

"ކީއްވެތަ އަހަރެން ފެންނަނިކޮށް މާ ފާޑަކަށް ތި ބަލަނީ؟ ޓީ ރޫމަށް ދަމުން ބުނެލާތި އަހަރެން ވަރަށް ބޭނުންވޭ ޔުސް އަތުން ޓީ އެއް ބޮއެލަން. ވަރަށް ރަހަބަލައިލާ ހިތްވޭ؟ މި ބުނީ ޔުސް ތައްޔާރުކުރާ ޓީގެ؟ އަހަރެން ފެނުނީމަ ޔުސްއަށް ތި ގޮތެއް ވަނީ ކީއްވެތަ؟" ސަމަދު މަޑުމަޑުން ފޯނުގައި ހުރި މެސެޖުތައް ކިޔަމުން ދިޔައެވެ. "މި ފޮޓޯ...."
ޔުސްރާގެ ފޯނުގެ އިސްކުރީނު އަހަންނަށް ސަމަދު ދައްކައިލިއެވެ. ޔުސްރާގެ މޫނުގައި އަހަރެންގެ މޫނު ޖައްސަލައިގެން ހުރި ފޮޓޯއެކެވެ.
"ބައްލަވާ އަޅުގަނޑަކީ ކިތައްމެ ނިކަމެތި މީހަކަސް އަދި ނުކިޔަވާ ހުރި މީހަކަސް ތި ފަދަ ދަށު ދަރަޖައިގެ ކަމެއް އަޅުގަނޑު ނުކުރަން. އަޅުގަނޑަށް އެނގޭ މި ދަންނަވާ ވާހަކައަކީ ގަބޫލުކުރަން ދަތި ވާހަކައެއްކަން" ނުހާ އަހަރެންގެ މޫނަށް ބަލައިލިއެވެ. "ބައެއް މީހުންނަށް ހީވަނީ ކިޔަވަނީ ހަމައެކަނި ޔުނިވަރސިޓީ އަކުންނޭ. ދަސްކުރަނީ ހަމައެކަނި ފޮތްތަކުންނޭ. ބޭރު ގައުމުތަކަށް ގޮސް ޔުނިވަރސިޓީ، ކޮލެޖުތަކަށް ނުގޮސް ވެސް މި ޒަމާނުގައި ކިޔެވިދާނެ. ތަހުޒީބު ވުމަކީ ހަމައެކަނި ސަނަދެއް އަތަށް އެރުމެއް ނޫން. އެއީ ތައުލީމު ހާސިލުކުރުމުގެ މާނައެއް ވެސް ނޫން. ކިޔެވުމަކީ ބަދަލު ގެންނަން ބޭނުންވާތީ ކުރާކަމެއް. ކިޔެވި ކިޔެވެލީގެ ބޭނުންމެއް ނެތް ތިމާގެ އުޅުމަށް އެކަމުން މަންފާއެއް ނުކުރާނަމަ. ކިޔަވައިފި ނަމަ ތިމާގެ އުޅުމުން އެކަން ފެންނަންވާނެ"

"މައުޟޫޢުގައި ވާހަކަ ދެއްކުން އެދެން. މިހާރު ހުށަހެޅިގެން މިއުޅެނީ ތި ދައްކާ ވާހަކާ ގުޅުން ހުރި ވާހަކައެއް ނޫން" ސަމަދު ބޭނުންވީ އަހަރެން ހުއްޓުވާށެވެ.
"ބައްލަވާ ސަރ. އަޅުގަނޑު ވާހަކަ މިދައްކަނީ ސީދާ މައުޟޫޢުގައި. މި ކަމުގެ ހަގީގަތް ސާފުކޮށްދެވިދާނެ. އަޅުގަނޑަކީ އައިޓީ ދާއިރާއަށް މާ މޮޅު މީހެއް ނޫނަސް އަޅުގަނޑު ދަންނަވާ ގޮތަށް ސަރ ކަންކަން ކޮށްދެއްވައިފި ނަމަ ހުށަހެޅިގެން މި އުޅޭ މައްސަލައިގެ އަސްލު ހޯދައިދެވިދާނެ"
"އެންމެ ރަނގަޅު. ކިހިނެއް ހަދަންވީ؟" ސަމަދު ބަލައިލީ އަހަރެންގެ މޫނަށެވެ.
"އޮފީހުގައި މި ވަގުތު ތިއްބެވި ހުރިހާ މުވައްޒަފުން އެއްތަން ކޮށްދެއްވާ. ކޮން ބޭނުމެއްގައި ކީއްކުރައްވަން ކަން ވިދާޅުނުވާތި. ދެން އަޅުގަނޑު ތައްޔާރުވެލަން ދިހަ ވަރަކަށް މިނެޓު ދެއްވާ"
"އެންމެ ރަނގަޅު. ކޮންފަރެންސް ރޫމުގައި މީޓިން ބާއްވަން ނުހާ މިކަން އިންތިޒާމުކޮށްދެއްވާ!" ސަމަދު، ނުހާގެ މޫނަށް ބަލައިލިއެވެ. "ފަނަރަ މިނެޓު ތެރޭގައި އަހަރެން ދާނަން"

އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ތަރުތީބުކޮށް ނިންމައިލެވުނެވެ. އެވަގުތު ނުހާއާއި އަހަރެންގެ އިތުރުން ޔުސްރާ ވެސް ކޮންފަރެންސް ރޫމުގައި އިނެވެ. އެހެން މުވައްޒަފުން ވެއްދުމަށް އިޝާރާތް ނުކުރާތީ ނުހާ ދޮރު ކައިރީގައި ހުއްޓެވެ. އަހަރެންގެ އިޝާރާތަށް ނުހާ ދޮރު ހުޅުވާލިއެވެ.
"ހުރިހާ ބޭފުޅުން ވެސް ފޯނުތައް އެ ބޭފުޅެއްގެ މޭޒުގެ ކުރިމަތީގައި ބޭއްވުން އެދެން" ނުހާ އަހަރެންގެ ޖުމުލައިގެ އަޑު އިއްވައިދިނެވެ.
އަހަރެން ނަޒަރު ހުއްޓައިލީ ހުރިހާ މުވައްޒަފުންގެ މޫނަށެވެ. ކޮންމެ ބޭފުޅަކު ވެސް ލުއި ހިނިތުން ވުމަކުން އަހަންނަށް ވެދުން ކުރަމުން ދިޔައެވެ.
ހިނދުކޮޅެއްގެ ތެރޭގައި ސަމަދު ވެސް ބައްދަލުވުން އޮތް މާލަމަށް ވަނެވެ.

"އައްސަލާމް އަލައިކުމް. މި އަދު ހުރިހާ ބޭފުޅުންނާ މި ބައްދަލުކޮށްލީ އަޅުގަނޑުމެން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބައެއް މައުލޫމާތު ތިޔަ ބޭފުޅުންގެ ފަރާތުން ހޯދަން ބޭނުންވާތީ އެކަމަށް. ހުރިހާ ބޭފުޅުން ވެސް މިކަމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވުން އެދެން. މި މަސައްކަތް ކޮށްދެއްވާނީ ދާއިން. ދާއިންގެ އިރުޝާދުތައް ނުހާ ތަރުޖަމާ ކޮށްދެއްވާނެ" ސަމަދު އެއް ނޭވާއިން އަމުނައިލިއެވެ.
"އައްސަލާމް އަލައިކުމް. މި މައުލޫމާތު ހޯދުމަށް މާ ގިނަ ވަގުތުތަކެއް ނުނަގާނެ. ކޮންމެ ބޭފުޅެއްގެ ފޯނަށް ލިބޭ މެސެޖު އަޅުގަނޑަށް ދެއްކީމަ އެ ނިމުނީ. އަދި ވައިބަރއަށް ލިބޭ މެސެޖު ވެސް. ދެން އަޅުގަނޑު އެ މެސެޖު މި ގަނޑުގައި ނޯޓުކޮށްލީމަ އެހައި ހިސާބުން އެ ނިމުނީ. ސާފު ވެއްޖެ ދެއްތޮ" ނުހާ ރަސްމީ ރާގުގައި ވާހަކަދެއްކިއެވެ.

ނުހާ ފަހަރަކު ފޯނެއް ބަލަމުން ފޯނުގައިވާ މެސެޖު ނޯޓުކުރަމުން ދިޔައެވެ. ކޮންމެ މީހަކު ގާތަށް ވެސް އަންނަނީ ޒާތެއްގެ ހިންޏެކެވެ. ބައެއް މީހުން ވަރަށް ފުންކޮށް ވިސްނަން ތިއްބެވެ. އަނެއްބަޔަކު ލިބުނު މެސެޖާއި ވައިބަރ ގައި އޮތް މެސެޖު ދައްކައިލަމުން ޖޯކު ޖަހައިލިއެވެ.
ހުރިހާ މައުލޫމާތެއް އެއްކޮށް ނިންމާ ނުހާގެ އަތުގައި އޮތް ފައިލް ދާއިންއަށް ހަވާލުކޮށްލިއެވެ. ދާއިން ނުގޮތަކަށް ބަލައިލީ ރާޝިދުގެ މޫނަށެވެ. ހައިރާން ކަމާއެކުގައެވެ.
"ރާޝިދު ނޫން ހުރިހާ ބޭފުޅުން ދުރުވިޔަސް އެންމެ ރަނގަޅު" ނުހާގެ ޖުމުލަ އިވިފައި ރާޝިދު ސިހުނެވެ.
"ބައްލަވާ ކިހިނެއްތޯވީ؟" ރާޝިދު ނުރުހިފައި އަހަރެންގެ މޫނަށް ބަލައިލިއެވެ.

"ރާޝިދުގެ ފޯނަށް ލިބުނު މެސެޖު ބުނެލަދީބަލަ" ސަމަދު މަޑުމަޑުން ބުނެލިއެވެ. "ވައިބަރއަށް ލިބުނު މެސެޖު ވެސް"
"ފޯނުގައި އޮތީ އެއްމެ ޑޮޓެއް" ރާޝިދު ފޯނަށް ބަލަމުން ބުނެލިއެވެ. "ވައިބަރގަ އޮތީ ދެ ތިކި"
"އެންމެ ރަނގަޅު ރާޝިދުގެ މެސެޖުގެ ތިރިން އޮންނާނެ ކޯޑެއް އެ ކޯޑު ކިޔައިދީބަލަ" ނުހާ ބަލައިލީ ރާޝިދުގެ މޫނަށެވެ.
އަހަރެން އަވަސްވެގަތީ ރާޝިދު ކިޔައިދޭ ކޯޑު އިސްކުރީނުން ފެންނާން އޮތް ގޮޅީގައި ލިޔާށެވެ.
"ދެ ތިކި ޖަހައިފަ އޮތް މެސެޖުގައި އޮތް ކޯޑު ކިޔައިދީ" ނުހާ ހިނިތުންވެލިއެވެ.
ރާޝިދު ކިޔައިދިން ކޯޑު އެކަމަށް ހާއްސަ ގޮޅީގައި އަހަރެން ލިޔެލީމެވެ. އެއާއެކު ރާޝިދުގެ ފޯނުގެ މެސެޖު ބޮކުސްއާއި ފޯނުގެ މުއާމަލާތްތަކުގެ ތާރީޚުތައް އިސްކުރީނުން ފެންނަން ފެށިއެވެ.

"ޔުސްރާގެ މެސެޖުތަކުގެ ކޯޑުތަކާއި ރާޝިދުގެ މެސެޖުތަކުގެ ކޯޑުތައް ދިމާވާނަމަ އެކަމުން ޔަގީންވަނީ ޔުސްރާއަށް މެސެޖު ކުރަނީ ޔާސިރުގެ ފޯނުންކަން" ނުހާ ހައިރާންކަމާއެކު އަހަރެންގެ މޫނަށް ބަލައިލިއެވެ. "ޔުސްރާއަށް ރާޝިދު ކުރާ ކޮންމެ މެސެޖެއް ތިކިތަކެއް ސިފައިގައި އަހަންނަށް ވެސް ލިބޭ. ތިކިތަކެއްގެ ސިފައިގައި ބައެއް ފަހަރު މެސެޖު ލިބޭތީ އެކަމާ އަހަރެން ވަރަށް ވިސްނިން. ބައެއް ފަހަރު ޓެކްސްޓުގެ ގޮތުގައި ވެސް އަހަންނަށް މެސެޖު ލިބޭ"
"އަހަރެން... ކިހިނެއް؟ ދާއިން ކަލޭ" ރާޝިދު ގާތަށް ރުޅިއާދެވުނެވެ.

"ހަމަ ޖެހޭ. ރާޝިދު ހަމަ ޖެހޭ" ސަމަދު ކޮޅަށް ތެދުވިއެވެ. "ދާއިން އެ ކުރަނީ އަހަރެން ބުނެގެން ކުރާ މަސައްކަތެއް"
ސަމަދު ރާޝިދުގެ ފޯނުގެ ހުރި ކޯޑުތައް ކިޔައިދެމުންދާ ވަރަކަށް ޔުސްރާ ވެސް ކޯޑުތައް ކިޔަމުން ދެއެވެ. އަހަރެން އެ ކޯޑުތައް އެކަމަށް ހާއްސަ ޖާގައިގައި ލިޔަމުންދާ ވަރަކަށް ފޯނުގައި އޮންނަ މެސެޖު އިސްކުރީނުން ފެންނަމުން ދެއެވެ.

"އެންމެ ރަނގަޅު މިއަދު އަހަންނަށް ވިސްނިއްޖެ ތައުލީމަކީ ކޮންމެ ތާކުން ވެސް ހޯދިދާނެ އެއްޗެއްކަން. އެ ވަސީލަތްތައް މިއަދު ދުނިޔޭގައި ގާއިމުވެފައިވާކަން. ނަމަވެސް ކުޅެދޭކަމަށް ބުނާ އަހަރުމެން މި ތިބެނީ ނިއުމަތްތައް ވަށައިގެންވާ އިރު ވެސް އެކަމަށް ޣާފިލުވެފަ" ސަމަދު އަތްޖަހަމުން ކޮޅަށް ތެދުވިއެވެ. "ދާއިން މިއަދު ސާބިތުކޮށްދިނީ ތި ތަހުޒީބު ނުވަނީ އަހަރުމެންކަން. އަހަރުމެން މީ ކުޅެދޭ މީހުން ނޫންކަން. ކުޅެދޭ މީހުންނަށް ވަކީން ނުކުޅެދޭ ބަޔަކު ނެތްކަން. އެއްމެ ދެ ތިކީގެ އެހީގައި ތިޔަ އޮޅުން ފިލުވައިދިނީ އިހުލާސްތެރިންނަކީ ކޮބައިކަން. ނަޒާހަތްތެރިންނަކީ ކޮބައިކަން. ލަފާ މީހުންނަކީ ކޮބައިކަން"
"އަހަންނަށް މަޢާފުކުރޭ. އަހަރެން މިއަދު ވަރަށް ލަދުގަނެއްޖެ. ދާއިން ކަހަލަ މީހަކަށް ނުނިޔަތް ލައިގެން އަހަންނަށް މި ކުރެވުނީ ކިހާ ބޮޑު ދައުވާއެއް. ވަރަށް ވަރަށް ބޮޑަށް ސޮރީ" ޔުސްރާ ދެ ލޮލުން ކަރުނަތައް ފޮހެލިއެވެ. "ދާއިންއާ މެދު ވަރަށް ގޯސްކޮށް ވެސް ވިސްނިއްޖެ"

"އަހަރެން މިއަދު ވަރަށް އުފާވެއްޖެ. އެންމެންނަށް ވިސްނުނީތީ ވަކީން ހިތްހަމަ ޖެހިއްޖެ. މި އޮފީހުގައި އަހަންނަށް ހެޔޮ އެދިގެން އުޅުނު ހަމައެކަނި މީހަކީ ނުހާ. ބޮއްސުންލައިފައިވާ ނުހާގެ ދިރިއުޅުން ވެސް މިއަދު ހަމައަކަށް އެޅުނީތީ އަހަރެން ވަރަށް އުފާވި" އަހަރެންގެ ހަރަކާތްތަކުގައި ނުހާ ރާގު އަޅުވައިދިނެވެ. "އަހަރެން ހީކުރީ ރާޝިދުގެ ހިނިތުންވުމަކީ ވަރަށް މާތް ހިނިތުންވުމެއް ކަމަށް. އެކަމަކު މިއަދު ވިސްނިއްޖެ ކޮންމެ ލުއި ހިނިތުންވުމަކީ ބަރު މާނައެއް އޮންނަ އެއްޗެއްކަން. ސުވާލެއް ކޮށްފައި ޖަވާބަށް އިންތިޒާރު ނުކުރުމަކީ މާނައެއް އޮތް ކަމެއް ކަން. އެއީ ވެސް ޖަވާބެއް ކަން. އަހަރެންގެ ހިތުގައި ރާޝިދަށް އެއްވެސް ބުރަ ހިތެއް ނެތް. އެމީހަކު ކުރި ކަމެއް އެމީހަކަށް. އަހަރެން ހަމަ ބުނެލަން ބޭނުންވަނީ އެއްމެ ވާހަކައެއް"
"އެއީ؟" ރާޝިދު ހައިރާން ކަމާއެކު އަހައިލިއެވެ.
"ދެ ތިކި ޕީ"
އެއާއެކު އެންމެންގެ މޫނަށް ހިނިތުންވުން ވެރިވިއެވެ.


(ނިމުނީ)
ހިޔާލު