Kitchen Champion ah gendhaa enme agu bodu mehemaanakee Parth
image
ޕާތު ސަމްތާން--
0 ކޮމެންޓް
 

"ކިޗަން ޗެމްޕިއަން" އަށް ގެންދާ އެންމެ އަގު ބޮޑު މެހެމާނަކީ ޕާތު!

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ކާމިޔާބު ޝޯ، "ކަސޯޓީ ޒިންދަގީ ކޭ 2" ގައި އަނުރާގުގެ ރޯލުން ގިނަ ބައެއްގެ ލޯބި ޕާތު ސަމްތާން އަންނަނީ ހޯދަމުންނެވެ. ގިނަ ޓީވީ ޝޯތަކެއްގައި މަސައްކަތްކޮށް ޕާތު މަގުބޫލުކަން ހޯދާފައިވާއިރު ކަލާސް ޓީވީ އިން ދައްކަމުން އަންނަ "ކިޗަން ޗެމްޕިއަން" ގައި އޭނާ މެހެމާނެއްގެ ގޮތުގައި ބައިވެރިކުރުމަށް ބޮޑު އަދަދެއް ހުށަހަޅާފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން މަޝްހޫރު އެކްޓަރު އަދި ޓީވީ ހޯސްޓް އަރުޖުން ބިޖްލާނީ ހުށަހަޅާ އެ ޝޯއަށް މެހެމާނެއްގެ ގޮތުގައި ޕާތު ގެނައުމަށް ހުށަހަޅާފައިވާ އަދަދަކީ މީގެ ކުރިން އެ ޝޯއަށް މެހެމާނަކު ގެނައުމަށް ހުށަހަޅާ ވަރަށް ވުރެ ބޮޑު އަދަދެކެވެ. އެކަމަކު އެއީ ކިހާ ވަރެއް ކަމެއް ނޭނގެއިރު ޕާތު ފެނިގެންދާ އެޕިސޯޑަކީ އެ ޝޯގެ އެންމެ އަގު ބޮޑު އެޕިސޯޑު ކަމަށް ވެއެވެ.

އެހާ ބޮޑު އަދަދެއް އޭނާއަށް ހުށަހަޅާފައި ވަނީ އޭނާ މިވަގުތު އެހެން ޗެނަލްއެއްގެ ކާމިޔާބު ޝޯއެއްގައި މަސައްކަތް ކުރާތީއެވެ. ކާމިޔާބު ޝޯއެއްގައި ލީޑު އެކްޓަރަކު އެހެން ޗެނަލަކުން ދައްކާ ޝޯއަކަށް ގެނައުމަކީ އުނދަގޫ ކަމެކެވެ. އިންސްޓަގްރާމުގައި އެކަނިވެސް 1.6 މިލިއަން މީހުން ޕާތު ފޮލޯކުރަމުން އަންނައިރު ބޮޑު އަދަދެއް ހުށަހަޅައިގެން މެހެމާނެއްގެ ގޮތުގައި ޕާތު އެޝޯއަށް ގެންދިއުމަކީ ޝޯއަށް ވެސް ލިބޭނެ ކާމިޔާބެކެވެ.

ކިޗަން ޗެމްޕިއަންއަކީ މަޝްހޫރު ފަންނާނުންގެ މެދުގައި އެންމެ މޮޅަށް ކައްކާ މީހަކު ހޮވަން ކުރިއަށް ގެންދާ ޝޯއެކެވެ.

ޕާތު ވަނީ "ގުމްރާ: އެންޑް އޮފް އިނޮސެންސް" އާއި "ޕިޔާރު ތޫނޭ ކިޔާ ކިޔާ" އަދި "ކޭސީ ޔޭ ޔާރިޔާން" ފަދަ ޝޯތަކުގައި މަސައްކަތްކޮށްފައެވެ.
ހިޔާލު