Thimaavehtah bodethi gehlunthakeh vaathee fainugai airport naalhan ninmaifi
image
ފައިނުގައި އެއާޕޯޓް އަޅަން ނިންމާފައި އޮތް ގޮތުގެ ކުރެހުމެއް.
1 ކޮމެންޓް
 

ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވާތީ ފައިނުގައި އެއާޕޯޓް ނާޅަން ނިންމައިފި

ރ. ފައިނުގައި އެއާޕޯޓް އަޅައިފިނަމަ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީވެ، އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމައިފި އެވެ.
ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ސަރުކާރުން މިދިޔަ އަހަރުގެ މެއި މަހު ފަހުކޮޅު ސޮއި ކޮށްފައި އޮތީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ މައި ކުންފުނި އައިލެންޑް އޭވިއޭޝަނަށެވެ. އޭރު އައިލެންޑް އޭވިއޭޝަނުން ބުނީ އެ ޕްރޮޖެކްޓް ތިން ފޭސް އަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ފޭސްގައި ހިމެނޭ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް އައިލެންޑް އޭވިއޭޝަނުގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިިސް، އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވިދާޅުވި އެވެ.

ނަމަވެސް އެއްބަސްވުމުގައި ސޮއި ކުރިތާ އަހަރެއް ވާން ކައިރިވެފައިވާއިރު، މިހާތަނަށް ވެސް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނެތެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދި އެވެ. އެކަމަކު އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ރިޕޯޓް ބަލައިގެންފައެއް ނުވެ އެވެ.

ފައިނު އެއާޕޯޓް ޕްރޮޖެކްޓަކީ ބައެއް ވިޔަފާރިވެރިން އެޑްވާންސަށް ޓިކެޓަށްވާ ފައިސާ ދީގެން ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތް ޕްރޮޖެކްޓެކެވެ. އެގޮތުން 1320 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއި އެކު ތަރައްގީ ކުރާ އެއާޕޯޓް ޕްރޮޖެކްޓަށް އަށް މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް ކުރިން ބުނެފައި ވެއެވެ.

ރުއް ގަސް ގިނަ، ހިތްގައިމު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ ފައިނުގައި އެއާޕޯޓް އެޅުމަށް އެ ރަށުގެ ބައެއް މީހުން ވަނީ ދެކޮޅު ހަދާފަ އެވެ. އެގޮތުން އެއާޕޯޓް އަޅަން އެރަށުގެ ބިމުން ބޮޑު ބައެއް ނެގުމާއި، ގިނަ ރުއް ގަސް ކަނޑަން ޖެހުމަކީ އެ ކަމާ ދެކޮޅު ހަދާ މީހުން އެންމެ ބޮޑަށް ފާހަގަ ކުރާ މައްސަލަތަކެވެ.
ހިޔާލު

އުއްޗު

މީ ވަރުގަދަ ތިމާވެއްޓެއް ލިބިފައިވާ ރަށެކޭ ދޯ