Burevimaagey Zahir ge handhaanugai thaubeenuge jalsa eh baahvanee
image
ބުރެވިމާގޭ ޒާހިރު ރައީސް މުހައްމަދު ނަޝީދާއެކު---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބުރެވިމާގޭ ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަނީ

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހެންވޭރު ބުރެވިމާގޭ އަލްމަރްހޫމް މުހައްމަދު ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަވަން ސަރުކާރުން ނިންމައިފިއެވެ.
މުހައްމަދު ޒާހިރު އަވަހާރަވީ މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމް ކުރައްވާ އެ ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

އަލްމަރްހޫމް މުހައްމަދު ޒާހިރަކީ، 63 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރެއްވި، އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.

އެގޮތުން ވަޒީރުލްއައުތަމްގެ ހާއްސަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަން ކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމާއި ކަސްޓަމަސްގެ ވެރިޔާ ކަމުގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

އޭގެފަހުން، ރައީސް މައުމޫންގެ ވެރިކަމުގައި، މުހަންމަދު ޒާހިރު ފުރަތަމަ އަދާކުރެއްވީ، މިނިސްޓަ އޮފް ފިޝަރީޒްގެ ނައިބުކަމެވެ. އަދި އޭގެފަހުން، ޕްރިންސިޕަލް ކަލެކްޓަ އޮފް ކަސްޓަމްސްގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަގާމާއި، ދައުލަތަށް ގިނަދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމު ފުރުއްވާފައިވެއެވެ.

އެމަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވަނީ ކަސްޓަމްސްގައެވެ. މުހަންމަދު ޒާހިރަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އެރުވީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.
ހޯމް މިނިސްޓްރީ
ހިޔާލު