Greater Male' Industrial Zone ge Management Audit eh hadhanee
image
ޖީއެމްއައިޒެޑްއެލް އިން ބަލަހައްޓާ ތިލަފުށި.-- ފޮޓޯ: ޖީއެމްއައިޒެޑްއެލް
0 ކޮމެންޓް
 

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖްމަންޓް އޮޑިޓެއް ހަދަނީ

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ މެނޭޖްމަންޓް އޮޑިޓެއް ހެދުމަށް ބަޔަކާ ހަވާލުކޮށް، އެ ކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ޖީއެމްއައިޒެޑްއެލް އެމްޑީ އިބްރަހީމް ރަޝީދު (މާމިގިލި އިބޫ) "ސީއެންއެމް" އަށް ވިދާޅުވީ އެ ކުންފުނީގެ އޮޑިޓް ހެދުމަށް ހަވާލު ކުރީ އެފްޖޭއެސް ކޮންސަލްޓިން އަށް ކަމަށެވެ. އަދި އެ އެއްބަސްވުމުގައި މިދިޔަ އާދިއްތަ ދުވަހު ސޮއި ކޮށްފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

އެ ކުންފުނީގެ އޮޑިޓެއް ހަދަން ބަޔަކާ ހަވާލު ކުރި އިރު، ކުންފުނި ހިންގުމާ އާ އެމްޑީ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ވެސް ވަނީ ވަރަށް ބޮޑެތި އިސްލާހީ ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ކުރިން ދެމުން ދިޔަ އެއްވެސް ހިދުމަތެއް ހުއްޓާނުލައި، ހިންގުމަށް ގެނައި އިސްލާހީ ބަދަލުތަކާ އެކު މަހެއްގެ މައްޗަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ މިހާރު ވެސް ސަލާމަތް ކުރެވޭ ކަމަށް އިބޫ ވިދާޅުވި އެވެ.

އެފްޖޭއެސް ކޮންސަލްޓިންގެ ސީއީއޯ ހާމިދު ސޯދިގު "ސީއެންއެމް" އަށް ވިދާޅުވީ، ޖީއެމްއައިޒެޑްއެލް އާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މެނޭޖްމަންޓް އޮޑިޓެއް ހަދާނެ ކަމަށެވެ. މެނޭޖްމަންޓް އޮޑިޓަކީ ކުންފުނީގެ ހިންގުން ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަން ދެނެގަތުމަށް ހަދާ އޮޑިޓެކެވެ.

ހާމިދު ވިދާޅުވީ އެ އޮޑިޓުގައި ޖީއެމްއައިޒެޑްއެލް ޑިޕާޓްމަންޓްތައް ހިނގާ ގޮތާއި، ކުންފުނީގެ އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތުގެ އިތުރުން މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައިވަނީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބަލާނެ ކަމަށެވެ.

ދެ މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވެފައިވާ އެ އޮޑިޓުގައި ފުރަތަމަ ކުރިއަށް ގެންދާނީ ޖީއެމްއައިޒެޑްއެލްގެ މަސައްކަތްތައް ހަރުދަނާ ކުރަން މިހާރުން މިހާރަށް އެއްމެ މުހިންމު ބައިތައް ކަމަށް ހާމިދު ވިދާޅުވި އެވެ.

ޖީއެމްއައިޒެޑްއެލް އަކީ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އެއްކޮށްލުމަށްފަހު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ފައިސާ އިތުރުކޮށް ހިންގުން ހަރުދަނާ ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް މިހާރު ވެސް ވަނީ ކޮށްފަ އެވެ.
ހިޔާލު