Kuruvaahaka: Mihaalugai
image
ކުރު ވާހަކަ: މިހާލުގައި
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ކުރު ވާހަކަ: މިހާލުގައި

ވާން އުޅޭ ގޮތެއް އެއްވެސް ވަރަކަށް ފަހުމެއް ނުވިއެވެ. ހިތަށް ތިލަވަމުން ދިޔަ ހިޔާލުތަކާ މެދު ފުންކޮށް ވިސްނައިލެވުނެވެ. ދެވަނަ ފަހަރަށް ވެސް ވިސްނައިލެވުނެވެ. ތިންވަނަ ފަހަރަށް ވެސް ވިސްނައިލެވުނެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މަޑުމަޑުން ހިންދިރުވައިލެވުނެވެ. ދެ ލޮލަށް ބަރު ޖެހިފައިވާ ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. އިހުތިޔާރެއް ނެތިއެވެ. ކަރުނަތިކިތައް ކޯތާފަތް ހުރަސްކޮށް ދަތްދޮޅިން ތިކި ޖަހަން ފެށިއެވެ. މޭޒުމަތީ ހުރި ބަތްތަށީގެ ތެރެއަށް ކަރުނަ ތިއްކަކަށް ފަހު ތިއްކެއް ޖަހަމުން ދިޔައެވެ.
އަހަންނަށް މި އިނދެވެނީ ކީއްވެފަ ހެއްޔެވެ؟ މި ކުރެވެނީ ކޮން ފިކުރެއް ހެއްޔެވެ؟ މި އުޅެވެނީ ކޮން ދުނިޔެއެއްގައި ހެއްޔެވެ؟ އަހަންނެއް ނުވިސްނަމެވެ. ފިކުރެއް ނުކުރަމެވެ. ހިތަށް ވަސްވާސް ވަންނަނީއެވެ. ސިކުނޑީގެ ބަސް ހިތް ބަލައި ނުގަންނަނީއެވެ. ކަންކުރަންވީ ގޮތެއް އަހަންނަކަށް ނުވިސްނެއެވެ. ސިކުނޑި ބުނަނީ މި ކުޅިވަރު ނިންމާށެވެ. ނަމަވެސް ހިތް ބުނަނީ އަދި އަލީއަށް ނުވިސްނެނީ ކަމެވެ. އަލީއަކީ ނުލަފާ މީހެއް ނޫންކަމެވެ. އޭނާ އެ ގުރުބާންވަނީ ހަމަ އަހަންނަށް ޓަކައެވެ. އަހަންނަށް ފަހި ގޮތެއް ހޯދައިދޭށެވެ. އަހަރުމެންގެ ކުޑަކުޑަ އާއިލާ އިތުރު ހަރުފަތަކަށް އަރުވާށެވެ.

ދެން މި ވިސްނެނީ ކޮންކަމަކާ ހެއްޔެވެ؟ ހިތްބުނާނީ ރަނގަޅަށެވެ. ހިތުގެ މައްޗަށް ބާރު ފޯރުވަން ދަސްކުރަން ޖެހެއެވެ. މީހުން ބުނެއެވެ. ހުރިހާ ވެސް އެއްޗަކީ ހިތެވެ. އެހެންވީއިރު، ހިތާއި ސިކުނޑި ދެބަސް ވިޔަސް މައްސަލައެއް ދިމާވެދާނެ ހެއްޔެވެ؟ ސިކުނޑިއަކީ މެސެޖު ފޮނުވާ މަރުކަޒެވެ. ސިކުނޑިއަށް އިހްސާސް ކުރެވޭނެ ހެއްޔެވެ؟ ހިތަށް ވެރިވާ ކަންކަން އަކުރުން އަކުރަށް ސިކުނޑިއަށް އެނގޭނެ ހެއްޔެވެ؟ ޖަވާބެއް ނުލިބުނަސް މި ވިސްނެނީ މިކަމާއެވެ.
އަހަންނަށް މި ވިސްނެނީ އެފަރާތަށެވެ. ދިރިއުޅުމުގެ އަނދިރި ފަރާތަށެވެ. އެ ފަރާތުން އަހަންނަށް ފެންނަ މަންޒަރާ މެދުގައެވެ. ސިކުނޑިން ކުރަހާ މަންޒަރާ ފޮނުވައިދޭ މެސެޖުތައް ހިތުގެ ތަސްވީރާއި އަޑުތަކާ ނުގުޅޭތީއެވެ. މިހާލުގައި ވެސް އަހަންނަށް މި ވިސްނެނީ ކޮން ކަމަކާ ހެއްޔެވެ؟
"މަންމީ އާޔަން ބަތްތަށި އައްޗިވަނީ" އަހަންނަށް ސިހުން ލިބުނީ އާޔަންގެ އަޑަށެވެ. އަހަރެންގެ ލޮލުން ޖަހަމުން ދިޔަ ކަރުނަ ތިކިތަކަށް އިޝާރާތްކޮށް އާޔަށް އިނގިލި ދިމާކުރަނީއެވެ.

"އަލްސަން ކޮއްކޮ ހޭލަންވާއިރަށް އަވަހަށް ހުސްކޮށްލާ" ނޫން ކަމަށް ހެދެމުން ބަތް ސަމުސާއެއް ނަގައި އާޔަންއަށް ދިއްކޮށްލީމެވެ.
"އާޔަން ދެން ނުކާނަން ތި ބަތެއް. މަންމި އައްޗި ކޮށްލީ ތި" އާޔަން ނުރުހުނެވެ.
"މަންމަ ކިތައް ފަހަރު ބުނެފިން ހަޑި ކުދިން އުޅޭހެން ނޫޅޭށޭ. މިހާރު އެހެރަ ގަޑި ޖެހެނީ. މަންމި މިއަދު ވެސް އޮފީހަށް ދެވުނީ ގަޑި ޖެހިގެން" އަހަންނަށް ބާރަށް ވާހަކަދެއްކެން ފެށުނެވެ. "ކޮންމެ ދުވަހަކު ގަޑި ޖެހޭތީ މިހާރު މަންމަ އޮފީހުން ކަނޑާލަން އެ އުޅެނީ. އޭރުން މޮޅުވާނީ މަންމައަށް ތަ؟ ނޫނީ އާޔަންއަށް ތަ؟ މަންމައަކީ ކުރިން ގަޑި ޖެހޭ މީހެއް ނޫން. މި ހުރިހާ ކަމެއް ވެސް މިވަނީ ހަމަ އާޔަން މެން ބަސް ނާހާތީ. ކީއްވާނީ މެންދުރު މަންމަ އަންނަންވާއިރަށް ފަރީޝާ ދައްތަ އަތުން ބަތްކައިގެން ހުރީމަ؟ ގައިމު މަންމައަށް ވެސް ފަސޭހަވާނެ ދޯ"
"އާޔަންއެއް ނޫޅެން. މަންމަ އަބަދު ވެސް، އަބަދުވެސް އާޔަންއަށް އެއްޗެހި ކިޔަނީ ވިއްޔަ" އާޔަން ޝަކުވާގެ ރާގުގައި ބުނެލިއެވެ.
"ދަރިފުޅާ މަންމަ އޮފީހަށް ދަނީ ކީއްކުރަން؟ ބުނެބަލަ. މަންމައަށް ވެސް ފަސޭހައެއް ނޫނޭ މިހެން އުޅޭކަށް. އެކަމަކު މަންމަ މިހެން އުޅޭތީއެއްނު އާޔަންމެން ބޭނުންވާހާ އެއްޗެއް މި ހޯދެނީ. އާޔަންއަކަށް ނުވިސްނޭތަ؟ މިހާރު ތީ ހަ އަހަރުވެފަ ހުރި ބޮޑު ކުއްޖެއް. ބޮޑެތި ކުދީންނަށް އެނގެން ޖެހޭނެ ބަސްއަހަން. އާޔަން ބޮޑުވި ވަރަކަށް އުޅެނީ ކުޑަވާން. ތީ ދެ އަހަރުގެ އަލްސަން ކޮއްކޮ ތަ؟"
"ދެން މަންމާ! އާޔަންއަށް މީރީ މަންމަ ކާންދިނީމައޭ. މަންމަ ކާންދިނީމާ ލާ ރަހައެއް އެހެން މީހުން ކާން ދިނީމައެއް ނުލައޭ" އާޔަން ތުންދިގު ކޮށްލިއެވެ. "މަންމަ ތިހެން ކިޔާތީ އާޔަން ވަރަށް ދެރަވޭ"
"ދެން މަންމަ ކިޔަންވީތަ އާޔަން ހާދަ ރަނގަޅޭ. އާޔަން ހާދަ ބަސްއަހައޭ. އާޔަންއަކީ މިގޭ ރަސްގެފާނޭ"
"ދެން މަންމަ ރުޅި ނާދެބަލަ. އާޔަން ވަރަށް ދެރަވޭ މަންމަ އަބަދު ރުޅި އަންނާތީ" އާޔަން ބަލައިލީ އަހަރެންގެ މޫނަށެވެ. "މަންމަ ކީއްވެތަ އަބަދު ރޮނީ؟ މިސް ބުނި ރޯ ކުދިންނަކީ ހަޑި ކުދިންނޭ. ބަސް އަހާ ކުދިންނެއް ނުރޯނޭ"

"މަންމައެއް ނުރޮން. މަންމަ ދެރަވަނީ އާޔަން އުޅޭ ގޮތުން. އާޔަން ބަސް ނާހާތީ. އާޔަން ކީއްވެތަ ބަސް ނާހަނީ؟ ކީއްވެތަ މަންމަ ބުނާ ގޮތަށް ކަންތައް ނުކުރަނީ؟ މަންމައަށް ފަސޭހަވާނެތީ ތަ؟ މަންމަ ކަމެއް ކުރަން ބުނާއިރަށް ދުވެ ފިލަނީ އަވަސްވާނެތީ ތަ؟ އާޔަންއަކަށް ނޭގެ ގަޑީގެ ކަށްޓަކީ ހިނގާ އެއްޗެއް ކަމެއް؟"
"އާން ކަށްޓެއް ނުހިނގާނެއްނު. ހިނގާނަމަ ގެއްލޭނެއްނު. މަންމަ ވެސް ބުނަމެއްނު ތަންތަނަށް ނުހިނގާށޭ. ގެއްލޭނޭ. އާޔަންގެ ކާފަ ވެސް ގެއްލުނީ ހިނގަން ދިޔައީމައޭ" އެކިތަނުން އެކި ވާހަކަ ނަގައި އެއްކޮށްލަމުން އާޔަން ހަމަޖައްސައިލިއެވެ.
އަހަންނަށް ބަލައިލެވުނީ އާޔަންގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ. އެ ދެލޮލުން ފެންނަނީ މައުސޫމުކަމެވެ. ދެ ވަނަ ފަހަރަށް އާޔަންގެ މޫނަށް ބަލައިލެވުނެވެ. އަހަންނަށް އޮޅެން ފެށިއެވެ. އެއްފަހަރު ސިފަވަނީ އަލީއެވެ. އަނެއް ފަހަރު ސިފަވަމުން ދިޔައީ އާޔަންއެވެ.
ބޮލަށް އެނބުރުން އަރަން ފެށީ އެހައި ހިސާބުންނެވެ. ދެ އަތް ނަގައި މަޑުމަޑުން ބޮލުގައި ހިފައި ލެވުނެވެ. އިސްތަށި ގަނޑުގައި ހިފައިލެވުނުކަން އެނގެއެވެ. މުޅި މަންޒަރު ފުސްވީއެވެ. ވީނުވީއެއް ނޭނގުނީއެވެ.
ލޯ ހުޅުވާލެވުނެވެ. ވަރުބަލިކަމެއް ނެތި އެނބުރެމުން ދިޔަ ފަންކާއަށް ބަލައިލެވުނެވެ. ގާތުގައި މީހަކު ހުރިހެން ހީވެގެން ބަލައިލެވުނެވެ.
"ކިހިނެއްވީ؟" ފަރީޝާ އޯގާތެރިކަމާއެކު އަހައިލިއެވެ. "އަހަންނަށް ވެސް ގޮވީ އާޔަން. އާދެވުނު އިރު ޒިޔާދާ އޮތީ މުށިގަނޑުމަތީ. ބަތްތަށި އޮތީ ދެފަޅިވެފަ. ޒިޔާދާގެ މުޅި ގައިގަ ވެސް ހުރީ ހުސް ބަތް"

"ނޭނގެ ވީ ގޮތެއް" އަހަންނަށް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ. "ކޮބާ ކުދިން؟"
"ވެއްޖެ ޖެހިގެން ހުރި އެޕާޓުމަންޓަށް ލައިފަ. ހައްޖަ ބުނީ ބަލައިދޭނަމޭ" ފަރީޝާ ޖޫސް ޕެކެޓުން ޖޫސްތަށްޓެއް އަޅައި، އަހަންނަށް ދިއްކޮށްލިއެވެ. "އިހަށް ހަމަޖެހިލާ"
"އައްޔައަށް ގުޅިންތަ؟" ޖޫސްތަށީގައި ތުން ޖަހައިލި އިރަށް އޯކަށް ދެމޭ ގޮތްވިއެވެ.
"އަން މި ތަށްޓަށް..." ފަރީޝާ ތަށި ނަގައި ދިއްކޮށްލިއެވެ. "އިހަށް ހަމަޖެހިލާ. މާ ބޮޑަށް ފިކުރު ބޮޑު ނުކުރޭ. އަހަންނަށް ހީވަނީ ޒިޔާ މާ ބޮޑަށް ވިސްނާހެން. ޑޮކުޓަރު ވެސް އެހެން ބުނި. ޓެސްޓު ހަދަން ލޭ ވެސް ނަގައިގެން ދިޔައީ. އެމީހުން ބުނީ ދެ ގަޑިއެއްހާ އިރު މަޑުކޮށްލަން ޖެހޭނޭ"
"އަހަރެން އޮފީސް؟ ކުދިން؟" އަހަންނަށް ބަލައިލެވުނީ ފަރީޝާގެ މޫނަށެވެ.
"އަހަރެން އޮފީހަށް ވެސް ގުޅައިފަ ބުނެފިން ބަލިވެގެން ހޮސްޕިޓަލްގައޭ" ފަރީޝާ ހިނިތުންވެލިއެވެ. "ކުދިން ވީ ހައްޖަމެން ބައިގަ. ހައްޖަ ބަލާނެ. އެހެންނޫނަސް އިތުރު ގޮތެއް ވެސް ނެތެއްނު"
"އައްޔައަށް އެންގިންތަ؟"

"އާނ. އެންގިޔަސް އޭނާއަށް އާދެވޭނެތަ؟ ބުނީ ހަވީރުންނޭ ދެވޭނީ. ތިލަފުށީގައޭ ބުނީ" ފަރީޝާ އޮޅުން ފިލުވައިދިނެވެ. "އިރުއިރު ކޮޅުން އެބަ ގުޅާ. ވާނުވާ އެބަ ބަލައި. މިހާރު ވިއްސަކަށް މިނެޓު ވެއްޖެ މިތަނަށް ގެނައި ފަހުން ވެސް"
"ޑޮކްޓަރު ކީކޭތަ ބުނީ؟"
"އަދި ރިޕޯޓުތަކުގެ ނަތީޖާ ނުލިބިގެން. ނަރުހުންނަށް އަންގައިލިން ޒިޔާ ލޯހުޅުވައިލި އިރަށް" ފަރީޝާ އަނެއްކާ ވެސް ހިނިތުންވެލިއެވެ.
"ޒިޔާދާގެ ފިރިމީހާ އަންނާނީ ކޮން އިރަކުންތޯ" ޑޮކުޓަރު އައިސް އަހަރެންގެ މޫނަށް ބަލައިލިއެވެ.
"މިވަގުތު ހުރީ ތިލަފުށީގައި. ކުލާސްތަކެއް ނަގައިދޭތީ ނާދެވިފަ. ހީވަނީ ހަވީރުހެން އާދެވޭނީ" ފަރީޝާ ބަލައިލީ ޑޮކުޓަރުގެ މޫނަށެވެ. "ކިހިނެއްތޯވީ؟ ކަމެއް އޮތްނަމަ ހިއްސާކޮށްދެއްވާ އަޅުގަނޑަށް"
"މާ ބޮޑު ކަމެއް ނުވޭ" ޑޮކުޓަރު ބަލައިލީ އަހަރެންގެ މޫނަށެވެ. "އެކަމަކު"
"ކިހިނެއްތޯވީ؟" ފަރީޝާ އަވަސްވިއެވެ.

އަހަރެންގެ ހިތްވެސް އަވަސްވިއެވެ. ނޭނގޭ ބިރުވެރި އިހުސާސްތަކެއް ކުރެވެން ފެށުނެވެ. ހިތުގައި ޖެހެމުންދިޔަ ރާގުތައް ބަދަލުވަމުން ދިޔައެވެ. ޑޮކުޓަރު ބުނަން އެ އުޅެނީ ކޮން ވާހަކައެއްބާއޭ ހިތަށް އެރިއެވެ. ދޭން އެ އުޅެނީ ބިރުވެރި ޚަބަރެއް ހެއްޔެވެ؟ ނޫނީ އުފާވެރި ޚަބަރެއް ހެއްޔެވެ؟
"ނޫން ނޫން. ނުބުނާތި އަޑުއަހަން އަހަރެން ބޭނުމެއް ނޫން" އަހަންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
"އެހެންތަ؟ ޒިޔާދާ އެކަމަކު މީ އުފާވެރި ޚަބަރެކޭ. ހާސްވެ ކަންބޮޑުވާން ޖެހޭ ވަރުގެ ޚަބަރެއް ނޫނޭ" ޑޮކުޓަރު ހިނިތުންވެލިއެވެ. "ޒިޔާދާ ބޭނުން ނުވަންޏާ އެންމެ ރަނގަޅު"
"ނޫނޭ" އަހަރެންގެ ޚިޔާލު ބަދަލުވީ ހަމަ އެ ސިކުންތުގައެވެ.
"ކޮންގުރާ" ޑޮކުޓަރު ހިނިތުންވެލިއެވެ.

(ނުނިމޭ)
ހިޔާލު

މަ

ވަރަށް ސަޅި ހަމަ