Ebbasvumah amalukuraanetho, nuvatha noontho kanda alhaanee MDP in: Abdulla Riyaz
image
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު --
މުހައްމަދު ފަތުހުﷲ
4 ކޮމެންޓް
 

އެއްބަސްވުމަށް އަމަލުކުރާނެތޯ ނޫންތޯ ކަނޑައަޅާނީ އެމްޑީޕީން: ރިޔާޒު

މިދިއަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން، 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަން ލިބޭނީ ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށް ވިޔަސް، އެއެއްބަސްވުމަށް އަމުލުކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އެމްޑީޕީން ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ރޭގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ މަޖިލީހުގެ ވަރަށް ބޮޑު އަޣްލަބިއްތެއް ނަގާފަ ކަމަށާއި އެހެންކަމުން އެއްބަސްވުމުގައި މަޖިލިސް ރައީސްކަން ޖުމްހޫރީ ޕާޓީއަށް ދިނުމަށް އޮތް ނަމަވެސް އެ މަގާމް ހޯދަން މިހާރު ޖުމްހޫރީ ޕާޓީން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރިޔާޒް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި މަޖިލިސް ރައީސްއަކަށް ހުންނަވާނީ ޖޭޕީގެ މެންބަރެއް ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް އެމްޑީޕީ އިން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމާ ގުޅިގެން ދެން އެ އެއްބަސްވުމަށް ވާނީ ކިހިނެތްތޯ ސުވާލު އުފެދިފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު އެގޮތަށް ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީން ދިޔައީ މަޖިލީހުގެ ތެރެއިން ސީދާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އަދި 19 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ވެސް ހަދާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރީގެ ވަޒީރުންނާއި ޕީޕީއެމްގެ ގިނަ މަޖިލިސް މެމްބަރުންތަކެއް އަދި ޔާމީން ސަރުކާރުގެ އިސްބައެއް ވެރިން ޖުމްހޫރީ ޕާޓީއާ ގުޅުމުން ސަރުކާރު ކޯލިޝަން ތެރޭގައި ވެސް ކޮންމެވެސް ވަރަކަށް ދެބަސްވުންތަކެއް އުފެދިގެން ދިޔައެވެ.

އެމްޑީޕީން ބުނަމުންދިޔައީ އެޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ދޭނީ ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން އެމްޑީޕީން ޕްރައިމަތީ ބާއްވައި ކުރިމަތިލި 86 ދާއިރާއަކަށް އެޕާޓީން ވަނީ ކެންޑިޑޭޓުންނަށް ޓިކެޓް ދީފަ އެވެ. އެމްޑީޕީން ވާދަ ނުކުރަނީ ފ. ނިލަންދޫ ދާއިރާއަށް އެކަންޏެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް، ސުޕަރ މެޖޯރިޓީ ހޯދާފަ އެވެ.

އެޑީޕީއަށް ލިބުނު މެޖޯރިޓީއާއެކު އެޕާޓީން އިންތިހާބުވި ފަސް ފަރާތަކުން މިހާރުވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެހެންކަމުން ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީން މަޖިލީހުގެ ރައީސްކަން ހޯދަން އުޅުމުގެ ބޭނުމެއް ނެތްކަމަށާއި އެކަމަށް ޖުމްހޫރީ ޕާޓީގެ ތެރޭގައި މަޝްވަރާވެސް ކޮށްފައި ނުވާކަމަށެވެ.

ރިޔާޒު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޖޭޕީއަށް ނާކާމިޔާބުވީ ސަރުކާރު ކޯލިޝަނާއެކު އެއްބަސްވުމަށް ނާދެވި، އެ ކޯލިޝަނާއެކު ކުރިއަށް ނުދެވިގެން ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނާއެކު މަޖިލިސް އިންތިހާބުގައި ކުރިއަށްދާން ޖުމްހޫރީ ޕާޓީން ނިންމި ނަމަވެސް ޖޭޕީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް ޕީޕީއެމުންނާއި ޕީއެންސީން މަސައްކަތް ކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ހިޔާލު

ޏަޒިރު

ފުރަތަމަ ކަން ހިގާ ދިޔަ ގޮތަށް ބަލާއިރު މި އާރޓިކަލް ވަނީ ވަކި ފަރާތަކަށް ބުރަވެފަކަން އެނގޭ . މައްސަލަ ފެށުނީ ކޯލިޝަން ސަރުކާރެއް ދަމަހައްޓަން ވަކި ޕާޓީ އަކަށް މެޖޮރެޓީ ބޭނުންވި ހިސާބުން

ޢެޓޮމް

ޖޭޕީގެއެއްބަސްވުން އޮތީ ޕީޕީއެމްއާ މިނިސްޓަަރުންގެ އިތުބާރުނެތްކަމަށް ނަގާނެ. ރިޔާޒުއަގަމަޑުންލައިގެން ހުރެބަލަ ބަގާވަތުގެކަންތަކަށް ޖަވާބުދާރީވާން.

ކަންއޮތްގޮތް

ރަނގަޅުވާހަކައެކެވެ. އެކަން ނިންމަންޖެހޭނީ އެމްޑީޕީއިންނެވެ. މަޖިލީސް ރިޔާސަތު މިހާރުވެސް އޮތީ ޖޭޕީއަތްމަތީގައިއެވެ. ޖޭޕީއަކީ ކޯލިޝަން ޕާޓުނަރެކެވެ. މަޖިލީހުގެ މައްސަލާގައި އަބަދުވެސް ފެންނަމުންދިޔަތަނަކީ އެމްޑީޕީގެޚިޔާލު އެކަމުގައި ތަފާތުކަމެވެ. އެމީހުން އަބަދުވެސް ބުނަމުންދިޔަތަން ފެންނަނީ މަޖިލީހަށް އެންމެން ވަކިވަކިން ކުރިމަތިލައި ވާދަކޮށްގެން ކާމިޔާބުހޯދާވާހަކައެވެ. އެމްޑީޕީގެ ހިޔަނިން، ނޫނީ ވާގިވެރިކަމާއިއެކު މަޖިލީސް ފޮތިފޮތިކޮށްގެން ގޮނޑިކަށަވަރުކުރަން އެހެންޕާޓީތަކުން ނޫޅެ، އަމިއްލަ މަސައްކަތުން ގޮނޑިކާމިޔާބުކުރަންޖެހޭނެވާހަކައެވެ. ކޮންމެއަކަސް މިއޮތީ ޕާޓީތަކުގެ ހިތްވަރާއި ފަންވަރު ފެނިފައިއެވެ. ޤަބޫލުކުރެވޭގޮތުގައި ކޯލިޝަން ސަރުކާރެއް ފޮތިފޮތިކުރަން އެމްޑީޕީއަށް އެއްބަސްވެވިދާނެއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެކަންތައް ދޫކޮށްލަންޖެހޭނީ ރައްޔިތުންގެ މަންދޫބުންނަށެވެ. އެކަމުގެ ނާޖާއިޒު ފައިދާ އެމްޑީޕީންވެސް ނަގައިގެނެއްނުވާނެއެވެ. ޕާޓީބޭނުންވާގޮތަށް އެތަނުގެކަންތައް ކޮށްގެނެއްނުވާނެއެވެ. ޤަބޫލުކުރެވޭގޮތުގައި، އެތަންހިންގުމާއި އެތަނުގެކަންތައް އެދާއިރާއެއްގެ ރައްޔިތުންމެދުވެރިކޮށް އެދާއިރާއެއްގެ ރައްޔިތުން އެދޭގޮތަށް ކަންކުރަން މަންދޫބުންނަށް ދޫކޮށްލަން ޖެހެނެކަމުގައި ބެލެވެއެވެ.

ރައްޔިތު ބެއްޔާ

އެއްބަސް ވުން އޮއްވާ ނޫންތޯ މަގުމަތި ކޮށް އެއްލާލީ އޭ ކިޔާ ގޮވަމުން ދިޔައީ ! މަޖިލިހުގެ ހަމަ އެންމެ މަގާމެއްވެސް ދޭކަށް ނުފެނޭ ގައްދާރު ޖޭޕީން ނަކަށް ! ވަރަށް ސާފް ! ބަޤާވަތުގެ އަޙްލުވެރީންގެ ވާހަކަ ލިޔާތީ ގޯސްވަނީ !