PNC ge congress hukurudhuvahu baavvanee
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޕީއެންސީގެ ކޮންގްރެސް ހުކުރުދުވަހު ބާއްވަނީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.
ޕީއެންސީގެ ފަރާތުން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެންސީގެ ލީޑަރޝިޕްގެ ފަރާތުން ވާހަކަ ދައްކަވަމުން މުހައްމަދު ހުސައިން ޝަރީފް (މޮންދު) ވިދާޅުވީ ހުކުރު ދުވަހު ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބިލަބޮންގް އިންޓާރނޭޝަނަލް ހައިސުކޫލުގައި ކަމަށެވެ.

ހުކުރު ދުވަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި އެޕާޓީގެ އަސާސީގަވައިދަށް އިސްލާހު ގެންނަން ބޭނުންވާނަމަ އެކަން ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ޕީއެމްސީގެ ކައުންސިލްގެ މަގާމުތަކަށް ބޭބޭފުޅުން އިންތިހާބު ކުރުންވެސް ކުރިއަށްދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ދެ ދަންފަޅިއަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެމްސީގެ ކޮންގްރެސްގައި ހަވީރު ދަންފަޅީގައި ކުރިއަށްދާނީ އިންތިހާބުތަކާއި އެފަދަ ކަންކަންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރޭގަނޑު ކުރިއަށްދާނީ ކޮންގްރެސް ނިންމުމުގެ ޖަލްސާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ކައުންސިލްގެ މަގާމުތަކަށް ކުރިމަތި ލެއްވުމަށް ޝައުގުވެރިވާ ބޭފުޅުން މާދަމާ ( 22 އޭޕްރިލް، ހޯމަ )ގެ އިރުއޮށްސުމުގެ ކުރިން ޕީއެންސީގެ އޮފީހަށް ލިޔުމުން އެކަން އަންގަންޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޕީއެންސީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމެވެ. އަދި ވަގުތީ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ކޮށްފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަަރު އެވެ.
ޕީއެންސީ
ހިޔާލު