Dhin Ufaa Loabin Episode 11
image
ދިން އުފާ ލޯބިން-
ފުނަމާ
1 ކޮމެންޓް
 

ދިން އުފާ ލޯބިން

11ވަނަބައި
މުސްކާންގެ ދެލޯބޮޑުވެގެންދިޔައެވެ. ބައްޕަގެ އަޑުއިވުނީ ރަގަޅަށްނޫންހެން ހީވެގެން ދެވަނަ ފަހަރަށްވެސް އެއަޑުއިވުނު ދިމާއަށް ބަލައިލެވުނެވެ. މުރުޝިދާއަށްވެސް ޒަމީލްއަށްވެސް ބަލައިލެވުނީ އެކަކުއަނެކެއްގެ މޫނަށެވެ. މުރުޝިދާގެ ދެއަތް މުއްކަވާލެވުނީ، އުއްމީދު ނުކުރި ވަގުތެއްގައި ޔަނާލް ހަޔާތުން އެންމެ އަނދިރި ސަފްޙާ ހުޅުވާލީތީއެވެ. މުސްކާންއަށް ވެދާނެގޮތަކާއިމެދު އެދެމަފިރިން ކަންބޮޑުވެ ހާސްވެއްޖެއެވެ.

ދެތުންފަތް ތުރުތުރުއަޅުވާލާފައި ބައްޕަ ރޯލިއަޑު މުސްކާންގެ ހިނދުރީން ދުވަހަކުވެސް ފިލާނުދާނެކަން ޔަގީނެވެ. ޔަނާލްގެ ގިސްލުމުގެ ވޭނީއާހުގެ އަޑު ގޭގެ ކޮންމެ ދިމާއެއްގައި ހަރުލައްވާލައިފިއެވެ. އެތައް ދުވަހެއްވަންދެން ފޮރުވައިގެން އުޅުނު އިހުސާސްތައް ފަޅައިގެން ދިޔައީއެވެ. ހިތްދަތިކަމުގައި ސިއްރު ކަރުނައިން ދުވަސްތަކާއި ރޭތައް ވެއަތުކުރިއެވެ. ނަމަވެސް، ކެތްތެރިކަން ކޮޅުންލައިފިއެވެ. ހިތާމަތައް އޭގެ ތޮށިގަނޑު ފަޅާލާފައި މިނިވަންވީއެވެ.
އިޒުނައެއް ނެތި ކަރުނަތައް އޮހޮރެނީއެވެ. ޔަނާލް ހުއްޓުވާނެ ބާރެއް އޭނާގެ މައިންބަފައިންގެ ކިބައިގައި ނެތްކަން ޔަގީނެވެ. މުސްކާންގެ ހަރަކާތް ހުއްޓިއްޖެއެވެ. ފެންކަޅިވެ އިސްޖަހައިލުން ނޫން ގޮތެއް ޒަމީލްގެ ދެމަފިރިންނަށް މިވަގުތު އެބައޮތް ހެއްޔެވެ؟ ދުނިޔޭގައިހުރީ އެންމެ ދަރިއެކެވެ. ބަސްއަހައި ފިރިހެންދަރިއެކެވެ. އެދަރިފުޅުގެ ނަސީބާއިމެދު ފަޚުރުވެރިވާންވީކަމެއް، ނުވަތަ ހިތާމަކޮށް ރޯންވީކަމެއް ނިންމާނެ ބާރެއްވެސް އެމީހުންގެ ކިބައިގައިނެތެވެ. މުޅިއުމުރު އެ ހޭދަކޮށްލަނީ ލޯތްބަކަށް ހިތްދަތި އިންތިޒާރެއްގައެވެ. އެމަންޒަރު ދުށުމަކީ މަޔަކަށް ނުވަތަ ބަފަޔަކަށް ފަސޭހަކަމަކަށް ވާނެހެއްޔެވެ؟

ސާފު ދެލޯ ރަތްވެ، ހަންއޮމާން، ތުނިތުނި މޫނު ފިޔާތޮށިކުލައަށް ބަދަލުވީ، ލަދުވެތިކަމުގެ ފަރުދާއަކުން ނޫނެވެ. މަޑުމަޑު ކޯތާފަތުގައި ކަރުނަތައް ދެމިގަތެވެ. އެސްފިޔަތައް ތިރިކޮށްލާން ހަނދާންނެތުނީ، ފެންނަމުންދިޔަ މަންޒަރުގެ ފުރިހަމަކަމަކުން ނޫނެވެ. ރީތި ކަޅިރަވަ ތެމިފައިވިޔަސް، ހިތުގެ ވިންދު ކިތަންމެ ލަސްވެފައިވިޔަސް، މުސްކާންގެ ކެތްތެރިކަން ސާބިތުކޮށްދީފިއެވެ. ދެލޮލުގެ ކަރުނަ ނުހިފެހެއްޓެއެވެ. ނަމަވެސް ނުރުހުމުގެ ބެލުމަކުން މުސްކާން ބަލައިނުލިއެވެ. ސަތާރައަހަރުވަންދެން ކަޝްފުވެފައި އެއޮތީ ކޮންފަދަ ވަރުގަދަ ސިއްރެއް ހެއްޔެވެ؟ މުސްކާންގެ ހުރިހައި އުއްމީދެއް ފުނޑުފުނޑުވެ، ލަތުވެތިކަމުން އިސްޖަހާލަން މަޖުބޫރުކުރުވި، ހުތުރުނަމެއް ކަނދުރާގައި އޮޅިއްޖެއެވެ. މުޖުޠަމައުގައި މުސްކާން ފާހަގަކުރާނެގޮތަކާއިމެދުގައި ކަންބޮޑުވެއްޖެއެވެ.

މުރުޝިދާގެ ހިތުގެ ވިންދު އަވަސްވިވަރަކަށް އޭނާއަށް ބެލެނީ މުސްކާންއަށެވެ. ހިތާއިދުލުން މުރުޝިދާ ދުޢާކުރަމުންދިޔައީ ހުރިހައި ކަމެއްވެސް ރަގަޅުކޮށްދެއްވުމަށް އެދިއެވެ. ދަރީންނަށް ހިތްހަމަޖެހުން ދެއްވުންއެދިއެވެ. ޢާއިލާއަށް އުފާވެރިކަން މިންވަރުކޮށްދެއްވުންއެދިއެވެ.
***
ފިރިމީހާ ގެއަށް ނިދަން ނައުން އާންމުކަމަކަށްވުމާއެކު ނިޝާނާއަށްވެސް އެކަން ބޮޑުވާންފެށިއެވެ. އެކަނިމައިއެކަނި ދަރީންގެ ކަންކަން ނިންމާން އޭނާއަށް ވަރަށް އުނދަގުލެވެ. ސްކޫލަށް ނުގެންދެވޭ ދުވަސްތައް އާދަޔާޚިލާފަށް މިހާރަކަށްއައިސް ގިނަވެއްޖެއެވެ. ޒާރާ ކިޔެވުމާއި ދުރުވެފައިވިޔަސް، ސްކޫލަށް ނުގެންދާތީ އާލާ ސުވާލުކުރަންފަށައިފިއެވެ. ބައްޕަ ނިދާން ނާންނާތީވެސް ސުވާލުކުރާލެއް މަދެއްނޫނެވެ.

"މަންމާ.. ކޮއްކޮއާއެއްކޮށް ނިދާލަން ބައްޕަ ގެއަށް އަންނާނީ ކޮން ދުވަހަކުންތަ؟" އަތުގައި އޮތް ކުޑަކަޕްކޭކެއް ފުނޑުކޮށް، ސޯފާމައްޗަށް އަޅަމުން އާލާ ވާހަކަދެއްކިއެވެ. ޖަވާބުދިނުން ނިޝާނާއަށް މާމުހިއްމެއް ނުވިއެވެ. ވިސްނާލެވުނީ އަޑުއިވުނު އެއްޗެއްގައި އޮއްޓަރެއްހުރިތޯ ނުވަތަ ނޫންތޯއެވެ. ތެދެކެވެ. ޝަރީފު ގެއަށް އައުން މަދުވެއްޖެއެވެ. ކުދިން ދެކިނުލާ ތިންހަތަރުގަޑީރު ކެތްނުވާ ބައްޕަގެ އެސިފަ މުޅިން ނެތިއްޖެއެވެ. ނިޝާނާއަށް ސަބަބު މުހިއްމެއް ނޫނެވެ. ކަންތައްކުރަންވީގޮތެއް ވިސްނާލުމަށް، ހަމަހިމޭންކަމާއެކު ވަގުތުކޮޅެއް ބޭނުންވިއެވެ.

"އެއްކުއްޖަކުވެސް މަންމައަށް އުނދަގޫ ނުކުރާތި.. ނިދާލަން މިދަނީ.. ކާއެއްޗެކި އެހުރީ ގެނެސްފައި.. ބަނޑުހައިވީމައި ކައިގެންތިބޭތި" ޒާރާއަށް ބަލައިލަމުން ނިޝާނާ ބުނެލިއެވެ. ދިހަ އަހަރުގެ ޒާރާގެ ބޮލުގައި އެޅުނު ޒިންމާއަކީ ކޮއްކޮ ބަނޑުހައިވިޔަސް، ކާންހަދައިދޭންޖެހޭނީ ޒާރާކަމެވެ.

***
ބައްޕަގެ ދުލުން ބޭރުވި ވޭނީ ޖުމުލައިގެ ހިތްދަތިކަން މުސްކާންގެ ހިތުގެ އެންމެ އަޑިއަށް ތަދުކޮށްލައިފިއެވެ. ވިހަގަދަ ޒަހަރެއްގެ އަސަރު ހިތައް ކުރިޔަސް، އެވަރު ވޭން ނާޅާނެއެވެ. މުސްކާންގެ ދެލޯ ހުޅުވިފައިވިޔަސް، ކަޅުކަމާއި އަނދިރިކަން ނޫނީ އެދަރިފުޅަށް ނުފެނެއެވެ.

"މާމާ..! ހިތްދަތިކަމުގެ ކަރުނަހުންނަނީވެސް ކަޅުކުލައިގަތަ؟" ގިސްލަމުން ސުވާލުކޮށްލިއެވެ. ކަރުނައިގެތެރެއިންވެސް އެއަޑު ވަރަށް ލޯތްބެވެ. މައުސޫމުކަމުން ހިތްތައް މޯޅިކޮށްލުމުގެ ބާރު އެއަޑުގައިވެއެވެ. ކިތަންމެ މަޑުމަޑުން މުސްކާންގެ ޖުމުލަ އަޑުއިވުނަސް، އެއަޑު ސާފުވިއެވެ. ބުނިއެއްޗެއްވެސް މުރުޝިދާއަށް އޮޅުންފިލިއެވެ. އެސުވާލު ކުރިމަތިވީ ކީއްވެކަންވެސް މުރުޝިދާއަށް އެނގެއެވެ. ޖަވާބުދޭކަށް ފަސޭހައެއްނޫނެވެ. ނަމަވެސް ދޫ ހަރަކާތްކޮށްފިއެވެ.

"ނޫން.. ނޫން މާމަ ދޫންޏާ.. ހިތާމައިގެ ކަރުނަ ކަޅުކުލައިގައި ހުންނަންޏާއި އުފާވެރިކަން ފާޅުވާންޖެހޭނީ ހުދުކުލައިން.. އެކަމަކު ކަރުނައިގައި އެފަދަ ސިފައެއް އެކުލެވިގެންނުވަނީ، އެއީ ތަފާތު އިހުސާސުގެ ތެރެއިންވެސް ކަރުނައަކީ އިންސާނާއަށް ލުއިކަން ގެނެސްދޭ ފަރުވާއަކަށްވާތީ.. ކަރުނައިގައި ކުލައެއްލެއްވިނަމަ، ހިތްވަރުގަދަ މީހުން ފަޟީހަތްވެ، އެމީހުންގެ ހިތްވަރާއިމެދު ސުވާލުއުފައްދާނެޖާގަ އޮތީސް.. ކަރުނައަކީ ބަރު، އަދި ލުއިވެސް އެއްޗެއް.. އެއީ ހިތި އަދި ފޮނިވެސް އެއްޗެއް.. މާމަގެ ހިތްވަރުގަދަ ދަރިފުޅާ! ހިތް އެދޭ ވަގުތު ރޯލާ! އެއީ އުފަލުންވިޔަސް، ނުވަތަ ވޭނާ އާހުގެ އުދާސްތަކުންވިޔަސް.. ތަސައްލީއެއް ލިބި ސިކުނޑިއަށް ލުއިލިބޭނީ ބޭނުންވާ ވަގުތު ރޯލީމައި"

މުރުޝިދާއަށް ރޮވުނީ މުސްކާންގެ ކަރުނައިގެ ސަބަބުންކަމެއް ނުވަތަ ޔަނާލްގެ ގިސްލުމުގެ ހިތްދަތި އަސަރުންކަމެއް ނޭގެއެވެ. ދަރިން ރޯއަޑުއަހާކަން މުރުޝިދާއަށް ކެތެއްނުވެއެވެ. ނަމަވެސް އެއީ އަންނާނެ ވަގުތެއްކަން އޭނާއަށް އެގެއެވެ. ޒަމީލްގެ ގައިގައި ކުޑަކޮށް ބައްދާލާފައި މުރުޝިދާގެ މޫނު ފޮރުވާލިއެވެ. ހަގީގަތް ފޮރުވާން އޭނާއަށް މަޖުބޫރުވީއެވެ.

***
ނިދަންކަމަށްބުނެފައި ކޮޓަރިއަށް ވަނަސް، ނިޝާނާ މިއަދު އެވަނީ އެހެންކަމެއްގައެވެ. ޒުވާބުކުރާންޖެހުނަސް، ޝަކުވާކުރާންޖެހުނަސް ފިރިމީހާއަށް ފޯނުކުރުމަށެވެ. ރަސްމީގަޑީގައި އެފަދަ ގޮތަކަށް ނުގުޅުމަށް ނިޝާނާއަށް ޝަރީފުވަނީ އަންގާފައެވެ. ފޯނު ހިފައިގެން އިރުކޮޅަކު އިނދެފައި ގުޅާލިއެވެ. ފޯނު އޮތީ ނިވާލާފައެވެ. ދެފަހަރު ތިންފަހަރުވެސް ގުޅިއެވެ. އަޑުއިވެނީ އެއްމެސެޖެކެވެ. ރުޅިގަދަވެ، ނިޝާނާގެ ލޭ ހޫނުވާންފެށުމުން އޮފީސް ނަންބަރަށް ގުޅިއެވެ. ފޯނު ނެގީ ފިރިހެން ކުއްޖެކެވެ. ޝަރީފުއާބެހޭގޮތުން ނިޝާނާ އޮޅުންފިލުވާން ބޭނުންވި ގިނަ ސުވާލުތަކެއް ކުރިއެވެ. ޖަވާބުވެސް ލިބުނެވެ. އަޑުއަހަން ފަސޭހަވެސް ނުވިއެވެ. ރުޅިގަދަވުމުން ފޯނު ބޭއްވީ، ވާހަކަދެއްކި ކުއްޖާއަށް އެރުޅި ބާލައިލެވިދާނެކަމުގެ ބިރަށެވެ.

***
ދުނިޔެ ދައްކާ މިސާލުންނަމަ، ބައްޕަދެކެ އިންތިހާއަށް ރުޅިއައުން މިވަގުތު މުސްކާންގެ މައްޗަށް ހައްޤެވެ. ޔަނާލްއަށް އެވަރުގެ ވޭނެއް އެލިބުނީވެސް އެކަން ހިތައްއަރާލެއް ބޮޑުކަމުންނެވެ. ހަޔާތުގެ އެންމެ އާރޯ ދުވަސްތައް އެކަނިވެރިކަމުގައި ހޭދަކުރީ ލޯބިވާ ދަރިފުޅަށްޓަކައެވެ. ހިތްހަމަނުޖެހުމުގެ އެންމެ ލަފުޒެއްވެސް އެދަރިފުޅުގެ ކިބައިން އަޑުއިވުމަށް ޔަނާލްއަށް ކެތްނުވާނެއެވެ.

"ބައްޕައަށް މަޢާފުކުރޭ ބައްޕަގެ ދަރިފުޅާ.. ބައްޕައަށް މަޢާފުކުރޭ.. ބައްޕަކުރި ކުށުގެ އަދަބު ލިބިގަތުމުންވެސް، މިކަމުގެ ވޭނުން ބައްޕައަށް ދަރިފުޅު މިންޖެއް ނުކުރެވުނު" ދެއަތް ޖޯޑުކޮށްލާފައި ޔަނާލް ބުނަންފެށިއެވެ.

އިސްއުފުލާ ބަލާލަން ނުކެރުނީ އަމިއްލަ ނަފުސު މާބޮޑަށް ކުއްވެރިކުރެވުނީތީއެވެ. މުސްކާންއާއި ހަތަރުކަޅިހަމަކުރާން ޔަނާލްއަށް ކެތެއްނުކުރެވޭނެއެވެ. ކުރެވުނު ބޮޑު ފާފައިގެ ހިތި މިވަރުގެ ވޭންދެނިވިގޮތަކަށް ލިބިދާނެކަމަށް ޔަނާލްއަށް އިޙްސާސްކޮށްލެވުނުނަމަ، އެރޭގެ އެހާދިސާއަށް ހުރަސްއަޅާގެ މީހަކީވެސް ޔަނާލްއެވެ. ނަމަވެސް ނިމާގެ އެންމެ ހަރަކާތަކަށްވެސް ނޫނެކޭ ބުނުމުގެ ހިތްވަރެއް އެރޭ ޔަނާލްއަށް ނުލިބުނެވެ.

މުރުޝިދާގެ ރުއިން ހުއްޓުވޭތޯ ޒަމީލް އުޅުނެވެ. މުސްކާންއަށް މިވަގުތު އެންމެ މުހިއްމުވާނީ މުރުޝިދާގެ އެހީކަން ޒަމީލްއަށް އެނގެއެވެ. އެކަން ވިސްނައިދެވޭތޯ ޒަމީލް މަސައްކަތްކުރަމުންދިޔަ ވަގުތު އެތަނަށް ގޭގައި ގެންގުޅޭ މީހުންގެތެރެއިން މީހަކު، އައުމުން އޭނާއަށް ޒަމީލް އިޝާރާތްކުރީ އެވަގުތު ދުރަށްދިއުމަށެވެ. ޖެހިގެން އުޅޭ މައްސަލައެއް އެމީހުންނަށް އެނގޭކަން ޒަމީލް ބޭނުމެއްނޫނެވެ.

ލޮލުން އޮހޮރުނު ކަރުނައާއެކު މުސްކާން އެ ތެދުވީ އެހެންމީހެއްގެ އިޝާރާތަކަށް ބެލުމެއްނެތިއެވެ. ބައްޕަގެ ޖުމުލަ އެދަރިފުޅަށް އަޑުއިވިއްޖެއެވެ. ހިމޭންކަމާއި ހިތްދަތިކަމުން އެދަރިފުޅު ފުނޑުފުނޑު ވެއްޖެކަން މުރުޝިދާއަށް ޔަގީނެވެ. މޭޒުގައި މޫނުޖަހައިގެން އޮވެ، ޔަނާލް ރޮމުންއެދަނީ ހިތްދަތި އަސަރަކާއެކުއެވެ. ޒަމީލްއާއި މުރުޝިދާއަށް ބަލައިލެވުނީ މުސްކާންއަށެވެ. ޔަނާލްއާއި އަރާހަމަވެފައި މުސްކާން ހުއްޓުނީ، ދާދި ގާތުގައެވެ. ދެއަތުން ކޯތާފަތް ފޮހެލުމަށްފަހު، މުސްކާންގެ ހަށިގަނޑު ސީދާކޮށްލިއެވެ. ބައްޕަގެ ބުރަކަށީގައި އެދަރިފުޅު ފިރުމާލީ އިންތިހައި ލޯބިންކަން ހާމަވެއެވެ. ތަކުރާރުކޮށް ކަރުނަތައް ފޮހެލާފައި ހިންދިރުވާލިއެވެ. ހަމަޖެހިލުމަށް މަސައްކަތްކުރީއެވެ.

"ލޯބިވާ ބައްޕާ" މުސްކާން ބުނެލީ ބައްޕަގެ ކަންފަތްދޮށަށް ގުދުވެލާފައެވެ. ބައްޕަގެ ބޮލުގައިވެސް އެދަރިފުޅު ފިރުމާލިއެވެ. ނުހަނު ލޯތްބާއި އިޙްތިރާމާއެކުއެވެ. ގިސްލުމުގެ އަޑު ކޮންޓްރޯލްކުރެވޭތޯ މަސައްކަތްކުރަމުން ޔަނާލް އިސްއުފުލާލިއެވެ. ދެއަތް ޖޯޑްކޮށްލީ މަޢާފަށް އެދިކަން މުސްކާން ޔަގީންކުރިއެވެ.

"ބައްޕައާމެދު އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝަކުވާއެއް ނެތް.. ބައްޕައަކީ ގަސްތުގައި ކުށެއްކުރާނެ މީހެއްނޫން.. ބައްޕައަށްވުރެން އަޅުގަނޑު އިތުބާރުކުރާ އެއްވެސް އިންސާނަކު މި އުޑުދަށުގައި ނުހުންނާނެ.. ބައްޕަދެކެ ވަރަށް ލޯބިވޭ" އިންތިހާ ލޯބިން ފުރިގެންވީ ބުނެލުމެކެވެ. ގޮނޑި ފަހަތައް ޖައްސާލާފައި ޔަނާލް ތެދުވެ، އޭނާގެ ދެއަތުގެތެރޭގައި ދަރިފުޅު ބޮންޑިކޮށްލިއެވެ. ޝުކުރުން ހިތް ފުރިއްޖެއެވެ.

ކަރުނައެއް ވައްޓާނުލުމަށް އެންމެ ހިތްވަރުކުރީ ޒަމީލްއެވެ. ޔަނާލްގެ ދެބަފައިންގެ ލޯބިން ކާފަގެ ދެލޯވެސް ފުރާލިއެވެ. ޒަމީލްއަށް ޖެހުނީ މުރުޝިދާ ހަމަޔަކަށް އެޅުވުމާއިގެން މަސައްކަތްކުރާށެވެ.

ޝުކުރުވެރިވަމުން ދަރިފުޅުގެ ނިއްކުރީގައި ޔަނާލްބޮސްދިނެވެ. ފަޚުރުވެރި ބައްޕައެއްގެ ފަޚުރުވެރި ދަރިއެކެވެ. ކައިވެނީންބޭރުން ލިބިފައިވާ ކުދިންނާއިމެދު މުޖުޠަމައުގައިކުރާ ތަފާތަކީ ޔަނާލްއަށްވެސް ގޮންޖެހުމެކެވެ. ނަމަވެސް، ހިނދުކޮޅެއްގެކުރީން ސާބިތުވެގެން އެދިޔައީ އެކަމަށްޓަކައި ޔަނާލް ބިރުގަންނާންޖެހޭ ސަބަބެއް ނެތްކަމެވެ.

"ބައްޕާ.. ޔޫ އާރދަ ބެސްޓް.. ތިއީ މިދުނިޔޭގައި ﷲލެއްވި އެންމެ އޯގާތެރި ބައްޕަ.. މުސްކާންގެ މުޅިއުމުރު ހޭދަކޮށްލާނީ ބައްޕައަށް ބައްޕަގެ ދުނިޔެ ހޯދައިދިނުމަށް.. ބައްޕަ ނުރޮއެ! ޕްލީޒް!" ބައްޕަގެ ލޮލުން ކަރުނަ ފޮހެދެމުން މުސްކާން ބުނެލިއެވެ. އަމިއްލަ ހިތުގައި އަޅަމުންދިޔަ ވޭނާއިމެދު ޝަކުވާއެއްނެތެވެ. ބައްޕަގެ ލޮލުން ހިތާމައިގެ ކަރުނަ ދުށުމަކީ މުސްކާންއަށް ފަސޭހަކަމެއްނޫނެވެ.

"ދަރިފުޅާ.. ދަރިފުޅުގެ މަންމަ މިދުނިޔޭގައި ހުރިކަމަށްވަންޏާއި، ދަރިފުޅާއި ހަމައަށް މަންމަ ގެނެސްދޭނަން! ބައްޕަގެ މި ވަޢުދުގައި ހިފަހައްޓާ.." މުސްކާންގެ ހިތައް ލިބުނު ޒަޚަމުގެ ވޭން އެތައްގުނައަކަށް ލުއިވެގެންދިޔައެވެ. ބައްޕައަކީ ވަޢުދެއްވެއްޖެނަމަ، ދުވަހަކުވެސް އެވަޢުދެއް އުވާނުލާގެ މީހެއްކަން މުސްކާން ޔަގީންކުރެއެވެ.

"މުޖުޠަމައުން ދަރިފުޅާމެދު އަމަލުކޮށްފާނެ ގޮތަކާއިމެދު ބައްޕަ ނުވިސްނާ އެންމެ ދުވަހަކަށްވެސް މިހާރަކު އިރެއް ނާރާ.. އެކަމަށް ބައްޕައަށް ކޮށްދެވޭނެ އެއްވެސްކަމެއް ނެތް.." މަޢާފަށްއެދި ދެވަނަ ފަހަރަށްވެސް ޔަނާލް އަތް އުފުލާލިއެވެ. ބައްޕަގެ އަތް މިފަހަރު ތިރިކުރުވީވެސް މުސްކާންއެވެ.

"ދިރިއުޅެމުންމިދާ މުޖުޠަމައަކީ، ދެމީހަކު ކުރާކުށެއްގެ ޒިންމާ، ތިންވަނަފަރާތަކުން ނަގަންޖެހޭނެކަމަށް ގަބޫލުކުރާ މުޖުޠަމައެއްނަމަ އެބަޔަކީ ތަނެއްދޮރެއް ނޭގޭ ބައެއްގެ ގޮތުގައި ސިފަކުރެވިދާނެ.. ތަޙްޒީބު މުޖުޠަމައުތަކުގައި އަޅުގަނޑުފަދަ ކުދިންނަށް، އެހެންކުދިންނެކޭވެސް އެއްފަދައިން ދިރިއުޅުމަށް ހުރަހެއް ނޯވޭ.. އަޅުގަނޑު ކުށެއް ނުކުރަން.. ބައްޕަކުރި ކުށުގެ އަދަބު ބައްޕަ ލިބިގެންފި.. އަހަރުމެން ދެމީހުންގެ ކުށަކީކޮބާ؟" އަމިއްލަ ނަފުސަށް މުޚާތަބުކޮށް މުސްކާން ސުވާލުކޮށްލިއެވެ. ދެބަފައިންގެ ވާހަކައަށް ޖާގަދެމުން، މާމައާއި ކާފަ، އެތަނުން ހިގައްޖެކަން މުސްކާންއަށް އެނގުނީ ގޭގެ ދޮރެއް ލެއްޕި އަޑު އިވުމުންނެވެ.

***
ނިމާގެ ހަޔާތުން ޝެނީންއަށް އެނގުނު ހުރިހައި އެއްޗެއް ޔަނާލްއަށް ބުނެދޭން އޭނާ ބޭނުމެވެ. ޝަރީފުގެ ސަބަބުން ވަގުތު ނުލިބުނީމައި ނުބުނެވިހުރި ބައެއް ވާހަކަތައް ޝެނީން އެދަނީ ލިޔަމުންނެވެ. އޮންލައިން ވީ އިރަކުން ޔަނާލްއަށް ފެންނާނެތާއެވެ. މިވަގުތު ޝެނީންގެ ބޭނުމަކީ ހުރިހައި ހަގީގަތެއް ޔަނާލްއަށް ކިޔައިދިނުމެވެ. ޔަނާލްގެ ކުށެއް ނެތްކަން ޝެނީންވެސް މިހާރު ގަބޫލުކުރެއެވެ. ނިމާ ހުރިތަނަކުން އޭނާ ގެނެވޭނެ ހަމައެކަނި މީހަކީ ޔަނާލްކަން ޝެނީންއަށް ގަބޫލުކުރެވުނީއެވެ. އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެން ލިޔަމުންގެންދިޔައީ އެހެންހުރިހައި ކަމަކުން ސިކުނޑި މިންޖުކޮށްގެން އިނދެއެވެ.

***
"މަންމައާއިބެހޭގޮތުން ބައްޕައަށް އެނގުނީ ކޯންޗެއް؟" ބައްޕައަށްއައި ބަދަލު ދަރިފުޅަށް އެނގުނުކަން ޔަނާލްއަށް ޔަގީންވިއެވެ. މުސްކާންގެ ސުވާލުގައި ބާރެއްވިއެވެ.

"ހުރިހައި އެއްޗެއް؟ ދުވަހަކުވެސް މަންމަފަރާތުން ބައްޕައަށް އެނގިފައި ނެތް ކިތަންމެ އެއްޗެއް" ހިންދިރުވާލާފައި ޔަނާލް ބުންޏެވެ. ޖަވާބާއެކު ޔަނާލް އިށީނީ ގޮނޑީގައެވެ. މުސްކާންއަށް އިޝާރާތްކޮށްލީ ގާތުގައިހުރި ގޮނޑީގައި އިށީނުމަށެވެ.

"މިވާހަކަދައްކަން ބައްޕަ ބޭނުންވި ދުވަހެއްނޫން މިއީ.. ދަރިފުޅުގެ ތަޢުލީމީހަޔާތުން އެންމެ ނާޒުކު ދަނޑިވަޅުގައި، ދަރިފުޅުގެ ސިކުނޑިއަށް ބަރުބޮޑުކޮށް، ވިސްނާނެ އެތައް ސަބަބެއް ހަވާލުކުރުމަކީ ބައްޕަގެ ހުވަފެނުގައިވެސް ދެކެފައިވާ ކަމެއްނޫން.. ދަރިފުޅުކިޔަވާނިމި، ދިރިއުޅުމަކާއި ކުރިމަތިލުމުގެކުރީން، މިކަންކަން އޮޅުންފިލުވައިދިނުމަށް ބައްޕަވާނީ ނިންމާފައި.. މާމައާއި ކާފަވެސް އެދޭގޮތަކީއެއީ.. ސަބަބަކީ ދަރިފުޅުގެ ހަޔާތުގައި އަމިއްލައަށް ގޮތް ނިންމުމުގެ އިޚްތިޔާރު އެހައި ހިސާބުން ދަރިފުޅަށް ދޫކޮށްލުން.. ޤާނޫނީގޮތުންވެސް އެޙައްޤު ދަރިފުޅަށް ލިބޭ އުމުރަށް އޭރު ދަރިފުޅު ހުންނާނީ ވާޞިލްވެފައި.. އެކަމަކު ހިތްވަރުދެރަކަމުން، އެހިސާބަށް ކެތްނުކުރެވުނީ ބައްޕައަށް" މުސްކާންއާއި ދައްކަން ބޭނުންވެފައިވާ ވާހަކަތައް ޔަނާލްގެ ސިކުނޑިގައިވަނީ ތައްޔާރުކޮށްފައެވެ.

"ރިސޯޓަށް ބައްޕަދިޔައީ އެހެންވެގެންތަ؟" ދެއެކުވެރިން ފަދައިން މުސްކާންއާއި ޔަނާލް ވާހަކަދެއްކިއެވެ. ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް އާންމުކޮށް ޔަނާލް މުސްކާންއާއި ހިއްސާކުރެއެވެ. ދެބަފައިންގެ ދެމެދުގައި ދުރުކަމެއް ނޯންނަ ސަބަބަކީވެސް އެއީއެވެ.

"ނޫން.. އެއީހަމަ އޮފީސް ދަތުރެއް.. އެކަމަކު ބައްޕަ އަމިއްލައަށް ދުވަސް އިތުރުކުރީ ޗުއްޓީނަގައިގެން.. ގިނަވަގުތު ބައްޕަ ހޭދަކުރީ ފޯނުގައި.. ދާދިފަހުން ބައްޕައަށްލިބުނު ފްރެންޑް ރިކްއެސްޓެއް ބައްޕަ ގަބޫލުކުރީ.. އެއީ ކާކުކަންވެސް އިނގޭ.. އެކަމަކު މަގުޞަދެއް އޭރަކު ނޭގެ.. އޭނާއަށް ކިޔަނީ ޝެނީން.." ޝެނީންގެ ނަން ބޭނުންކުރަން ޔަނާލްއަށް ފަސޭހައެއްނޫނެވެ. މުސްކާންގެ ޝައުގުވެރިކަން ފެނުމުން ޔަނާލްގެ ވާހަކަ މެދުކަނޑާލަން ނުކެރުނީއެވެ.

ފާރާއި ނިވާވެގެން ޝަރީފުއަށް ހުރެވުނީ އަޑުއިވެމުންދިޔަ ވާހައިގެ ގޮތުންނެވެ. އެނގެން ބޭނުންވި ހަގީގަތެކެވެ. ނަމަވެސް ޝެނީންގެ ނަން އިވުމާއެކު އޭނާގެ ދެފައި ހުއްޓުނެވެ. ފިޔަވަޅެއް ކުރިއަކަށް ނޭޅުނެވެ. ޔަނާލްގެ ވާހަކަ އަޑުއެހުން ޝަރީފުއަށް މުހިއްމުވީއެވެ.


-ނުނިމޭ-


9
ހިޔާލު

ދިޔެ

19 ދުވަސް ފަހުން ވާހަކަ ކިޔާލުމުގެ ނަސީބުލިބިއްޖެ..