Lanka Hamala: 290 maru, 24 meehun hayyaru kohffi
image
ލަންކާގައި ދިން ބޮމުގެ ހަމަލާތައް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ލަންކާ ހަމަލާ: 290 މަރު، 24 މީހުން ހައްޔަރުކޮށްފި

އަވައްޓެރި ސްރީލަންކާގައި އިއްޔަ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 300 އާ ގާތްކޮށްފައިވާ ކަމަށް ގުޅުންހުރި އިދާރާތަކުން ހާމަކޮށްފިއެވެ.
500 އަށް ވުރެއް ގިނަ މީހުނަށް އެކިވަރުގެ ގެއްލުން ލިބުނު މިހަމަލާއަކީ، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ސްރީލަންކާގައި ދެވުނު މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

މަރުވިމީހުންގެ އަދަދު 290 އަށް: ލަންކާ ފުލުހުން

އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާ ތަކުގައި ޖުމުލަ 290 މީހުން މަރުވެ 500 އަށްވުރެއް ގިނަ މީހުނަށް އެކި ވަރުގެ ގެއްލުންވެފައިވާކަމަށް ލަންކާ ފުލުހުންގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

އަދި ޖާނުންފިދާވުމުގެ ހަމަލާތަކާއި ބެހޭ މައުލޫމާތެއް ލަންކާގެ އިންޓެލިޖެންސް ކޮމިއުނިޓީއަށް ލިބި އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް ފެއިލްވި ކަމަށް ބުނެވޭ ވާހަކަތައްވެސް ތަހުޤީޤުކުރާނޭކަމަށް ލަންކާ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި އިއުލާނުކުރި ކާފިއު މިހާރު ވަނީ އުވާލާފައެވެ. އެހެން ނަމަވެސް ހޯމަ ދުވަހު ލަންކާގެ ވެރިރައް ކޮލޮމްބޯގެ ގިނަ ފިހާރަތައް ބަންދުކޮށްފައިހުރި އިރު މަގުތަކުގައި ބަރުހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހަމަލާތަކާއި ގުޅިގެން ގިނަ ބަޔަކުވަނީ ހައްޔަރުކޮށްފަ

އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާކަމަށް ލަންކާ ފުލުހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

އަދި ހައްޔަރުކޮށްފައިވާ ހުރިހާ މީހުންނަކީވެސް ލަންކާގެ ރައްޔިތުން ކަމަށާއި، އެމީހުންނާއި ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓް (ސީ.އައި.ޑީ)އިން ސުވާލުކޮށް ތަހުޤީޤު ކުރަމުން ގެންދާކަމަށް ލަންކާ ފުލުހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ކޮލޮމްބޯ އެއާޕޯޓް ކައިރިން ފެނުނު ބޮންވަނީ ނައްތާލާފަ: ފުލުހުން

ކޮލޮމްބޯގެ މައި އެއާޕޯޓް ކައިރިން ފެނުނު "ޕައިޕް ބޮމެއް" ރައްކާތެރިކަމާއި އެކު ނައްތާލާފައިވާކަމަށް ލަންކާ ފުލުހުންނާއި ހަވާލާދީ ވަނީ ރިޕޯޓްކޮަށްފައެވެ.

އެ ބޮން ފެނިފައިވަނީ އާދިއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކޮލޮމްބޯގެ މައި އެއާޕޯޓަށް ދެވޭ މަގަކުން ކަމަށްވެސް ފުލުހުންނާއި ހަވާލާދީ ރިޕޯޓް ކޮށްފައި ވެއެވެ.
ޓެރަރިޒަމް ލަންކާ
ހިޔާލު