Lanka ah dhin Bomuge hamalaathah thahuqeegukuran INTERPOL ge Team eh Lanka ah
image
ލަންކާގެ ސަރަހައްދަކަށް ބޮމުގެ ހަމަލާއެއް ދީގެން ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: އޭއެފްޕީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ލަންކާއަށް ދިން ބޮމުގެ ހަމަލާތައް ތަހުގީގުކުރަން އިންޓަޕޯލްގެ ޓީމެއް ލަންކާއަށް

އަވަށްޓެރި ސިރީލަންކާގެ އެކި ސަރަހައްދުތަކަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ދެމުން އަންނަ ބޮމުގެ ހަމަލާތައް ތަހުގީގުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަޕޯލުގެ ޓީމެއް އެގައުމަށް ފޮނުވަން ނިންމައިފިއެވެ.
ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 300 އަށް އަރާއިރު 500 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބި ދަނީ ފަރުވާ ދެމުންނެވެ.

އިންޓަޕޯލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާ ތަހުގީގުކުރުމަށް އެގައުމަށް ދާން ނިންމާފައި ވަނީ ލަންކާގެ ރަސްމީ އިދާރާތަކުގެ އެދުމުގެ މަތިން ކަމަށެވެ. އަދި އިންޓަޕޯލުން އެގައުމަށް ދާ ޓީމުގައި ކުށުގެ ވެށި ތަހުލީލު ކުރުމުގެ ފަންނީ މާހިރުންނާއި ގޮވާތަކެއްޗާއި، ކައުންޓާ ޓެރެރިޒަމް އަދި ހާދިސާތަކުގައި ގެއްލުން ލިބިފައިވާ މީހާ ދެނެގަތުމުގެ ފަންނީ މާހިރުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ލަންކާއިން ބޭނުންވެއްޖެ ހާލަތެއްގައި ޑިޖިޓަލް ފޮރެންސިކް މާހިރުން އަދި ބަޔޯމެޓްރިކްސް އާއި ފޮޓޯ ނުވަތަ ވީޑިއޯ އެނަލައިޒްކުރާ ފަރާތްތައް ވެސް ޓީމުގައި ހިމެނިދާނެ ކަމަށް އިންޓަޕޯލުން ބުނެއެވެ.

"ސްރީލަންކާގެ އިދާރާތަކުން މި ބިރުވެރި ހާދިސާ ތަހުގީގުކުރަމުން އަންނައިރު އިންޓަޕޯލުން ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނަން." ބަޔާނުގައި ވެއެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅެމުން އަންނަ ގައުމެއް ނަމަވެސް ބޮމުގެ ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުލިބެއެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިން ވަނީ ދިވެހިން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެމްބަސީއަށް ގުޅުމަށް ވެސް އިލްތިމާސްކުރެއެވެ.

އެ ހަމަލާތަކާގުޅިގެން މުއްދަތެއް ނެތް ގޮތަށް ލަންކާގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ. ލަންކާ ހަމަލާގައި ބައިވެރިވިކަމަށް ބެލެވޭ ބައެއް މީހުން ހޯދުމަށް ލަންކާގެ ސިފައިންނާއި ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިނގަމުން އަންނައިރު މިހާތަނަށް 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އިންޓަޕޯލް ލަންކާ
ހިޔާލު