101 audit report ge therein mihaathanah 81 audit report faaskoffi
image
މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު): ގިނަ އޮޑިޓް ރިޕޯޓްތަކެއް ކޮމެޓީން ނިންމުމަށްފަހު، މަޖިލީހުގެ ޖަލްސާއަށް ވަނީ ހުށަހަޅުއްވާފައި--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

101 އޮޑިޓް ރިޕޯޓުގެ ތެރެއިން މިހާތަނަށް 81 އޮޑިޓް ރިޕޯޓް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައި މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ 101 އޮޑިޓް ރިޕޯޓްގެ ތެރެއިން މިހާތަނަށް 81 އޮޑިޓް ރިޕޯޓް ފާސްކޮށްފި އެވެ.
މިދިއަ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު މަޖިލީހުން ބޭއްވި ޖަލްސާތަކުގައި ވަނީ 66 އޮޑިޓް ރިޕޯޓް ވަނީ ފާސްކޮށްފަ އެވެ. އަދި މިހަފްތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި 15 އޮޑިޓް ރިޕޯޓެއް ފާސްކޮށްފައި ވެއެވެ.

މާލިއްޔަތު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ދައުލަތުގެ ބައެއް އިދާރާތަކުގެ 101 އޮޑިޓް ރިޕޯޓުގެ ތެރެއިން މަޖިލީހުން ފާސްކުރުމަށް އޮތީ 20 އޮޑިޓް ރިޕޯޓެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެ 20 ރިޕޯޓް ފާސްކުރުމަށް އެޖެންޑާ ކޮށްފަ އެވެ.

މީގެއިތުރުން، އިއްޔެ ޖަލްސާގައި ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމާފައިވާ ތިން ރިޕޯޓެއްވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއީ
1. ”ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް (ސީ.އެން.އެސް)” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
2. ”ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް ޓު ޖެނެޓިކް ރިސޯސަސް އެންޑް ދަ ފެއަރ އެންޑް އިކުއިޓެބްލް ޝެއަރިން އޮފް ބެނެފިޓްސް އެރައިޒިންގ ފްރޮމް ދެއަރ ޔުޓިލައިޒޭޝަން ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
3. “ސާކް ފްރޭމްވަރކް އެގްރީމަންޓް ފޮރ އެނަރޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ)” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު އެވެ.

މަޖިލީހުގެ ޖަލްސާތަކަށް 101 އޮޑިޓް ރިޕޯޓް އެޖެންޑާ ކޮށްފައިވާއިރު، މިހާތަނަށް ފާސްކޮށްފައިވާ ރިޕޯޓްތައް މަޖިލީހަށް ހުށަހަޅައި މެމްބަރުން ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުން ވެސް އެއްވެސް މެމްބަރަކު އެ އޮޑިޓް ރިޕޯޓްތަކަށް ބަހުސް ކޮށްފައެއް ނުވެއެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރޭގައި 2007 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދުގެ ރިޕޯޓްތައް ހިމެނެއެވެ. އޭގެތެރޭގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އިލެކްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓްތަކާއި، އެންޓި ކޮރަޕްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އެކި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އޮޑިޓް ރިޕޯޓްތައް ވެސް ހިމެނެއެވެ.

ގިނަ ދުވަސްތަކެއް ވެފައިވާ ރިޕޯރޓްތައް މާލިއްޔަތު ކޮމިޓީން ޖަލްސާއަށް ހުށަހެޅުން ބައެއް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދާދިފަހުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކޮމަންޑޫ ދާއިރާ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ ކޮމިޓީން ނިންމައި މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައި ވަނީ މީގެ އެތައް އަހަރެއް ކުރީގެ އޮޑިޓް ރިޕޯޓްތަކެއް ކަމަށެވެ. ނަމަވެސް އެ ހުރިހާ ރިޕޯޓްތަކަކީ ވެސް އެއްވެސް މައްސަލައެއް އޭގައި ނެތް އޮޑިޓް ރިޕޯޓްތައްކަން ނާޝިދު ވަނީ ފާހަގަކުރައްވާފައެވެ.

ނާޝިދު ވިދާޅުވީ އޭނާ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސައްކަތް ކުރެއްވީ ކޮމިޓީގައި ފުނިޖެހިފައި އޮތް ރިޕޯޓްތައް ނިންމުމަށް ކަމަށެވެ.
ހިޔާލު