Mausoom aai Azimge suspension uvaalaifi
image
އާޒިމް އަދި މައުސޫމް.
0 ކޮމެންޓް
 

މައުސޫމް އާއި އާޒިމްގެ ސަސްޕެންޝަން އުވާލައިފި

އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން ސަސްޕެންޑް ކޮށްފައި ހުރި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް އާއި އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު އަބްދުﷲ އާޒިމްގެ ސަސްޕެންޝަން ރައީސް އޮފީހުން މިއަދު އުވާލައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ސަސްޕެންޝަނުގައި ތިއްބެވި އެ ދެ ބޭފުޅުންގެ ސަސްޕެންޝަން އުވާލާފައިވަނީ، އެނގިފައިވާ ގޮތުގައި، އެ ބޭފުޅުންގެ ކޮރަޕްޝަނުގެ މައްސަލައެއް ނެތް ކަން އޭސީސީން ކަށަވަރު ކޮށްދިނުމުންނެވެ.

މައުސޫމް އާއި އާޒިމްގެ ސަސްޕެންޝަން އުވާލި އިރު، އޭސީސީގެ ރިޕޯޓާއި ގުޅިގެން ސަސްޕެންޑް ކޮށްފައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި ހަމަ އެ މައްސަލާގައި ސަސްޕެންޑް ކޮށްފައި ހުރި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން ވެސް ރައީސް އޮފީހުން ވަނީ މިދިޔަ އަންގާރަ ދުވަހު އުވާލައިފަ އެވެ.

މައުސޫމް ސަސްޕެންޑް ކޮށްފައިވަނީ މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރި އެސްއޯއެފް ކުންފުނިން ޑޮލަރު ވަދެފައިވާތީ އެވެ. އެގޮތުން އެ ދެ ކުންފުންޏަށް އެސްއޯއެފުން ވަނީ ޖުމްލަ 6.1 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ.

ނަމަވެސް ފަހުން މައުސޫމް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭސީސީން އެ މައްސަލާގައި އޭނާ އަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާއިރު، އެ ރިޕޯޓުގައި އެ ދެ ކުންފުންޏަށް ޖަމާވުމުގައި ކޮރަޕްޝަން މައްސަލައެއް ހިމެނޭކަން ނުވަތަ ނޫންކަން އެނގެން ނެތުމުން މައުސޫމް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން އެ ރިޕޯޓާއި ގުޅިގެން އާޒިމް ސަސްޕެންޑް ކުރީ އެސްއޯއެފުން އޭނާގެ އެކައުންޓަށް 50،000 ޑޮލަރު ޖަމާވެފައި ވާތީ އެވެ. އެކަމާ ގުޅޭގޮތުން އާޒިމް ވިދާޅުވީ އެ ފައިސާ އަކީ ބޭރުން މުދާ ގެނައުމަށް، އޭނާގެ ރައްޓެެހި ވިޔަފާރި ވެރިންނަށް ޑޮލަރު ހޯދައިދިނުމަށް ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ. އަދި އެ މުއާމަލާތްތަކުގެ ތަފްސީލް ތަހުގީގީ އިދާރާތަކަށް ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ހިޔާލު