Lankaa ah dhin hamalaage zinmaa IS in nagaifi
image
އާދިއްތަ ދުވަހު ލަންކާ އަށް ދިން ބޮމުގެ ހަމަލާގެ ތެރެއިން.
1 ކޮމެންޓް
 

ލަންކާ އަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން ނަގައިފި

އާދިއްތަ ދުވަހު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިއަދު ނަގައިފި އެވެ.
އައިއެސްގެ ނޫސް އެޖެންސީ އައުމާގު މެދުވެރިކޮށް އެ ޖަމާއަތުން މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ، އެ ހަމަލާތައް އަމާޒު ކުރީ ކްރިސްޓިއަނުންނަށް ކަމަށެވެ. އަދި އޭގެ އިތުރުން އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ގައުމުތަކުގެ މީހުންނަށް ވެސް ހަމަލާތައް އަމާޒު ކުރި ކަމަށް އެ ބަޔާނުގައި ބުނެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިހާތަނަށް 310 މީހުން މަރުވެފައިވާ ހަމަލާ ދީފައިވަނީ އައިއެސްގެ ހަނގުރާމަވެރިން ކަމަށެވެ. އެކަމަކު ހަމަލާދިން މީހުންނަކީ ސީދާ އެ ޖަމިއްޔާގެ މީހުން ކަމެއް ނުވަތަ ގުޅިފައިވާ އެހެން ޖަމާއަތެއް މެދުވެރިކޮށް ދިން ހަމަލާތަކެއް ކަމެއް ސާފުކޮށް އައިއެސް އިން ބުނެފައެއް ނުވެއެވެ.

އައިއެސް އިން އެ ހަމަލާގެ ޒިންމާ ނެގި ނަމަވެސް، ލަންކާ ސަރުކާރުން ތުހުމަތު ކުރަނީ، ހަމަލާތައް ދިނީ އެ ގައުމުގައި އުޅޭ ހަރުކަށި ވިސްނުމުގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށެވެ. އަދި މިހާތަނަށް ހަމަލާތަކާ ގުޅިގެން 40 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނާގޮތުގައި، ހަމަލާތައް ދީފައިވަނީ ހަރުކަށި ވިސްނުމުގެ ދެ ޖަމާއަތް ގުޅިގެން ކަމަށް ބެލެވެ އެވެ. އަދި އެ ޖަމާއަތްތަކުން އެ ހަމަލާތައް ދިނީ ނިއުޒިލޭންޑްގެ މިސްކިތަށް ދިން ހަމަލާގެ ބަދަލެއްގެ ގޮތުގައި ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެތްކެއް މިހާތަނަށް ލަންކާ ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ލަންކާ އަށް ދިން ބޮމުގެ ހަމަލާތައް އަމާޒު ކުރީ "އީސްޓާ ސަންޑޭ" ފާހަގަކުރަން ގިނަ ބަޔަކު ޖަމާވެފައި ތިބި ތިން ފައްޅީގެ އިތުރުން މަޝްހޫރު ތިން ހޮޓަލަކަށެވެ. އެ ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވެއެވެ.
ހިޔާލު

ޖޖދ

ލައްކަ އިރުތަކެއް ވެއްޖެ ނައްތާލި ބަޔަކު އެބުރި އަންނަން