Maaliyyathu Committee in hushahelhi 101 audit report faaskoh nimaalaifi
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މާލިއްޔަތު ކޮމެޓީން ހުށަހެޅި 101 އޮޑިޓް ރިޕޯޓް ފާސްކޮށް، ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައި މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ 101 އޮޑިޓް ރިޕޯޓް، ފާސްކޮށް ނިންމާލައިފި އެވެ.
މިދިއަ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު މަޖިލީހުން ބޭއްވި ޖަލްސާތަކުގައި ވަނީ 66 އޮޑިޓް ރިޕޯޓް ވަނީ ފާސްކޮށްފަ އެވެ. އަދި މިހަފްތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި 15 އޮޑިޓް ރިޕޯޓެއް ފާސްކޮށްފައި ވެއެވެ. އިއްޔެ ވަނީ ބާކީ އޮތް 20 އޮޑިޓް ރިޕޯޓް ފާސްކޮށްފަ އެވެ.

އެހެންކަމުން ޖުމްލަ ފަސް ޖަލްސާއަށް އެ ރިޕޯޓުތައް އެޖެންޑާ ކުރެވި، މާލިއްޔަތު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ދައުލަތުގެ ބައެއް އިދާރާތަކުގެ 101 އޮޑިޓް ރިޕޯޓު މިވަނީ މަޖިލީހުން ފާސްކޮށް ނިންމާލާފަ އެވެ.

މަޖިލީހުގެ ޖަލްސާތަކަށް 101 އޮޑިޓް ރިޕޯޓެއް ހުށަހަޅައި މެމްބަރުން ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުން ވެސް އެއްވެސް މެމްބަރަކު އެ އޮޑިޓް ރިޕޯޓްތަކަށް ބަހުސް ކޮށްފައެއް ނުވެއެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރޭގައި 2007 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދުގެ ރިޕޯޓްތައް ހިމެނެއެވެ. އޭގެތެރޭގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އިލެކްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓްތަކާއި، އެންޓި ކޮރަޕްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އެކި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އޮޑިޓް ރިޕޯޓްތައް ވެސް ހިމެނެއެވެ.

ގިނަ ދުވަސްތަކެއް ވެފައިވާ ރިޕޯރޓްތައް މާލިއްޔަތު ކޮމިޓީން ޖަލްސާއަށް ހުށަހެޅުން ބައެއް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދާދިފަހުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކޮމަންޑޫ ދާއިރާ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ ކޮމިޓީން ނިންމައި މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައި ވަނީ މީގެ އެތައް އަހަރެއް ކުރީގެ އޮޑިޓް ރިޕޯޓްތަކެއް ކަމަށެވެ. ނަމަވެސް އެ ހުރިހާ ރިޕޯޓްތަކަކީ ވެސް އެއްވެސް މައްސަލައެއް އޭގައި ނެތް އޮޑިޓް ރިޕޯޓްތައްކަން ނާޝިދު ވަނީ ފާހަގަކުރައްވާފައެވެ.

ނާޝިދު ވިދާޅުވީ އޭނާ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސައްކަތް ކުރެއްވީ ކޮމިޓީގައި ފުނިޖެހިފައި އޮތް ރިޕޯޓްތައް ނިންމުމަށް ކަމަށެވެ.
ހިޔާލު