Konme meehehge zinmaa furihamaah adhaakurevihjenama musthagbal ujaalaa vaane: Home Minister
image
ހޯމް މިނިސްޓަރު އިމްރާން ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަނީ.
1 ކޮމެންޓް
 

ކޮންމެ މީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރެވިއްޖެނަމަ މުސްތަގްބަލް އުޖާލާ ވާނެ: ހޯމް މިިނިސްޓަރު

ކޮންމެ މީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ މުސްތަގްބަލް އުޖާލާ ވާނެކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ، މުޅި ގައުމުގެ މުސްތަގްބަލުގެ އުޖާލާކަމާ އުފާވެރިކަން ބިނާވަނީ ޒިންމާ އަދާކުރުމުގެ މައްޗަށް ކަމަށެވެ. އަދި ގައުމުގެ ހާލަތާ މެދު މިއަދު އެންމެން ވެސް ވިސްނާލަން ޖެހޭ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެބޭފުޅަކު އެނބުރި އަޅުގަނޑުމެންގެ ރަށަށް ގޮސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ ހަގީގީ ޒިންމާ އާ ދޭތެރޭ ވިސްނާ ފިކުރުކޮށް، ގައުމުގެ ކޮންމެ ފަރުދަކާ ހަމައަށް އެޒިންމާ އަދާކުރުމުގެ މަސްއޫލިއްޔަތު އަދާކޮށްދިނުމަށް އަޅުގަނޑުމެން ނިކުންނަންޖެހޭ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ޒިންމާތަކެއް އަދާކުރަން ޖެހޭނެކަން ކޮންމެ މީހަކު ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގައުމުގެ ސުލްހަމަސަލަސްކަމާއި، އެކުވެރިކަމާއި، އިޖުތިމާއީ ހަމަޖެހުމުގެ އިތުރުން ދުޅަހެޔޮކަމާއި، އިގްތިސާދީ ފުދުންތެރިކަމާއި، ތަރައްގީ އާއި ކުރިއެރުން ބިނާވަނީ ޒިންމާއަދާކުރުމުގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އާއިލާތަކުގެ ބަދަހިކަމާއި، އާއިލާތަކުގެ އުފާވެރިކަން ވެސް ބިނާވަނީ ޒިންމާ އަދާކުރުމުގެ މައްޗަށްކަމަށާއި، އެ ހުރިހާ ކަމަކާއި މެދު އެންމެން ވެސް ފުންކޮށް ވިސްނަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުޅިގައުމުގެ މުސްތަގްބަލް، މުސްތަގްބަލްގެ އުޖާލާކަން، އުފާވެރިކަން ބިނާވެގެންވަނީ އަޅުގަނދުމެން ހުރިހާ ރައްޔިތުން ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ޒުވާނުން ކޮންމެ ފަރުދަކު އެފަރުދެއްގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ މައްޗަށް. އެޒިންމާ ފުރިހަމައަށް އަދާކުރެވިއްޖެނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަގްބަލަކީ އުޖާލާ މުސްތަގްބަލެއް. ޒިންމާ އަދާނުކުރެވިއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މި ފަހަރުގެ މަސައްކަތު ބައްދަލުވުން ބޭއްވީ ރ. އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން އެ އަތޮޅު އުނގޫފާރުގަ އެވެ. މިފަހަރުގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ ރ. އަތޮޅުގެ ކައުންސިލް މެމްބަރުންނަށާއި، ރ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެމްބަރުންނަށާއި، ޒިންމާދާރު ވެރިންނަށާއި، ހަރަކާތްތެރި ޖަމްއިއްޔާތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށެވެ.

މިފަހަރުގެ މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އަމާންވެއްޓެއް ގާއިމްކުރުމާއި، ރައްޔިތުމީހާއަކީ ޒިންމާދާރު މީހަކަށް ހެދުމަށް މަސައްކަތްކުރުމާއި، ފަރުދީ ޒިންމާ ނަގަން ހިތްވަރު ދިނުމާއި، ޒިންމާދާރުގޮތެއްގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން އަންގައިދިނުން ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވާނީ ފުލުހުންނާއި، އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އޮފިޝަލުންގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހެލްތް، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ބޭފުޅުންނެވެ.
ހިޔާލު

ާއަލީ

ކަލޭގެ ޒިންމާ ކަލޭ އަދާކޮށްބަލަ. ޑރ އަފްރާޝީމުގެ މަރުގެ މައްސަލަ ފުރަތަ ކަލޭ އެޅުވޫ އެމް.ޑީ.ޕީ އިސް ވެރިންގެ ބޮލުގައި . ދެން އެޅުވީ ރައީސް ޔާމީންގެ ބޮލުގައި. ޙެކި ހުރިކަމަށް ބުނީމު . ދެން ކީއްވެތަ ޒިންމާ އަދާުކޮށް މައްސަލަ ނުބަލާ ހޯމް މިނިސްޓަރކަމުގައި ތިޔަ ހުރީ . ޙަމަ މަޤާމުގައި ބަގުޑި ބައްދައިގެން