Kureege Uhththama fandiyaaru Sheikh Rasheed ah inaayai dhey bill balaigane, committee ah fonuvaifi
image
ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމް--ފޮޓޯ: ޕީއެސްއެމް ނިއުސް
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިހު ރަޝީދަށް އިނާޔާތް ދޭ ބިލް ބަލައިގަނެ، ކޮމެޓީއަށް ފޮނުވައިފި

މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީއަށް އަމަލު ކުރުމުގެ ކުރިން، އޭރުގެ ސަރުކާރުން ގާއިމުކޮށްފައިވާ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖީލީހުގެ ރައީސް ނުވަތަ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެ، އެބިލް ދިރާސާ ކުރުމަށް ވަގުތީ ކޮމެޓީއަކަށް ފޮނުވައިފި އެވެ.
ފަނޑިޔާރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރު އަދި ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ރިޔާޒު ރަޝީދު އެވެ.

ފަނޑިޔާރުގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ، ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި، އަދި ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ)ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިންމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ހާއްސަ އިނާޔަތާއި އިމްތިޔާޒުތައް ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމަކީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

އެބިލް މިއަދުގެ ޖަލްސާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، އެބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހައި، އެބިލަށް ބަހުސް ކުރުމަށެވެ.

އެގޮތަށް އަވަސް އަރުވާލައިގެން ބިލުގެ އެއްމަރުހަލާއާ ވިދިގެން އަނެއް މަރުހަލާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ގެންދެވީ ދެކޮޅު ހައްދަވަމުން ނެވެ. އަދި ވަކިމީހަކަށް ނުވަތަ ވަކި ފަރުދަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އަވަސް އަރުވާލައިގެން އުޅުއްވާއިރު، ސަރުކާރުން މަޖިލީހަށް ހުށަހެޅި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލްތަކެއް މަޖިލީހުގައި ހިފެހެއްޓި ނުނިމި ހުރިކަން ފާހަގަކުރައްވައި އެމްޑީޕީގެ މެމްބަރުން ވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރިޔާޒު ހުށަހެޅުއްވި އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 31 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެބިލާ ދެކޮޅަށް 15 މެމްބަރުން ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.

ވަގުތީ ކޮމެޓީގައި ފަސް މެމްބަރުން ތިއްބެވުމަށް ހުށަހެޅުއްވީ ވެސް ރިޔާޒު އެވެ. އެ ހުށަހެޅުން ފާސްވުމާއެކު ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހުށަހެޅުއްވި ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީ ފާސްކޮށްފައިވަނީ 27 މެމްބަރުންގެ އިޣްލަބިއްޔަތުން ނެވެ. އެކޮމެޓީއަށް ރުހުންނެތް ކަމަށް 12 މެމްބަރަކު ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރާ ވަގުތީ ކޮމެޓީގައި ހިމެނެނީ، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އެވެ.

ޝިޔާމު ފިޔަވާ، އެކޮމެޓީގައި ހިމެނޭ އަނެއް ހަތަރު މެމްބަރުންނަކީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި 19 ވަނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވައި ފެއިލްވި މެމްބަރުން ނެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް، އަންނަ މެއި މަހުގެ 28 ވަނަ ދުވަހު 19 ވަނަ މަޖިލިސް ހުވާކުރުމާއެކު ނިމުނީ އެވެ.
ހިޔާލު