VIP hidhumai libeygothah Musthafa hushahelhi islaahu nagaifi
image
މުސްތަފާ: އޭނާ ހުށަހެޅި އިސްލާހު ވަނީ ނަގާފައި.
0 ކޮމެންޓް
 

ވީއައިޕީ ހިދުމަތް ލިބޭގޮތަށް މުސްތަފާ ހުށަހެޅި އިސްލާހު ނަގައިފި

މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބޭގޮތަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު ބަދަލުކުރަން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މަޖިލީހަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ނަގައިފި އެވެ.
ނިމިދިޔަ މަޖިލީސް އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ދިފާއު ނުކުރެވި، ނާކާމިޔާބީއާ ކުރިމަތިވެފައިވާ މެމްބަރު މުސްތަފާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އެ އިސްލާހު ހުށަހަޅުއްވަމުން އިއްޔެގެ މަޖިލީސް ޖަލްސާގައި ވިދާޅުވީ، އެ އިސްލާހަކީ މަޖިލިސް މެމްބަރުންނަކީ ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ބަޔަކަށް ވުމުން، އެ ބޭފުޅުންނަށް އަބުރުވެރިކަމާއި ޝަރަފުވެރިކަމާ އެކު އުޅުމުގެ ފުރުސަތު ދިނުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ.

ނަމަވެސް މިއަދުގެ މަޖިލީސް ޖަލްސާގައި، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި މުސްތަފާ ވިދާޅުވީ، ސަރުކާރުން ހިމާޔަތާއި ރައްކާތެރިކަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ އަށް ވެސް ހިމާޔަތާއި ރައްކާތެރިކަން ދެއްވަނީ މާތް ﷲ ކަމަށާއި، އެއަށްވުރެ މޮޅު ހިމާޔަތަކާއި ރައްކާތެރިކަމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާގެ މުދާ ސަރުކާރަށް ނަގާފައިވާ ކަމަށާއި، ކުރީގެ ސަރުކާރުތަކުން އޭނާގެ މަސައްކަތްތައް ނަހަމަގޮތުގައި ނިގުޅައިގެންފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާގެ އިސްލާހު އަނބުރާ ގެންދިޔަ ނަމަވެސް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު، މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް އިތުރު އިނާޔަތްތައް ހޯދަން ހުށަހަޅާފައިވާ ބިލް އަނބުރާ ގެންގޮސްފައެއް ނުވެ އެވެ.

ނިމިދިޔަ މަޖިލީސް އިންތިހާބުގައި ދިއްދޫ ދާއިރާގެ ގޮނޑި ދިފާއު ނުކުރެވި، ނާކާމިޔާބީއާ ކުރިމަތިވެފައިވާ މެމްބަރު ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީސް މެމްބަރުކަން ކޮށްފައިވާ ބޭފުޅުންގެ އަނބިން ނުވަތަ ފިރިންގެ އިތުރުން 18 އަހަރުން ދަށުގެ ދަރިންން، މަޖިލީސް މެމްބަރުންގެ ހާއްސަ އިންޝްއަރެންސް ސްކީމުގައި ބައިވެރި ކުރުމަށެވެ.

އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން މަޖިލީސް މެމްބަރުންގެ ހާއްސަ އިންޝްއަރެންސް ސްކީމުގެ ދަށުން ކުރީގެ މެމްބަރުންނަށް އިންޝުއަރެންސް ލިބެ އެވެ. ނަމަވެސް އެ ބޭފުޅުންގެ އާއިލާގެ އިތުރު ބޭފުޅަކަށް އިންޝުއަރެންސެއް މިހާރު އޮންނަ ގޮތުން ނުލިބެ އެވެ.

އޭގެ އިތުރުން މެމްބަރުކަން ކޮށްފައިވާ ބޭފުޅުންގެ ދެމަފިރިކަނބަލުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ ގޮތަށް ވެސް ލަތީފް ވަނީ އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.

އޭގެ އިތުރުން ވެސް މި ފަހަރުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެފައިވާ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވެސް ވަނީ ކުރީގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް އިތުރު ކުރަން އިސްލާހެއް ހުށަހަޅައިފަ އެވެ.
މަޖިލިސް
ހިޔާލު