Raees Yameen ah kuraa dhauvaage aduehumeh maadhamaa baahvanee
image
ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ރައީސް ޔާމީން ޖަލަށް ގެންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
0 ކޮމެންޓް
 

ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގެ އަޑުއެހުމެއް މަދަމާ ބާއްވަން ކްރިމިނަލް ކޯޓުން ޝެޑިއުލް ކޮށްފި އެވެ.
އެ މައްސަލާގައި އެންމެ ފަހުން ކްރިމިނަލް ކޯޓުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ކްރިމިނަކް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.

މަނީ ލޯންޑަރިން މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް ކުރާ ދައުވާގެ މާދަމާ އޮންނަ އަޑުއެހުން ކްރިމިނަލް ކޯޓުން ޝެޑިއުލް ކޮށްފައިވަނީ މެންދުރު 13:00 އަށެވެ.

ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، ރައީސް ޔާމީން މިނިވަން ކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރީ، އެ މައްސަލާގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

ހައިކޯޓުން އެ އަމުރު ބާތިލް ކުރީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ޖިނާއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގެ އެއް ވަނަ ނަންބަރާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރުގެ ދަށުން ކަމަށް ވުމުން އެ ދެ މާއްދާގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމަށް ބުނެ އެވެ.

ހައިކޯޓުން ރައީސް ޔާމީން މިނިވަން ކުރަން ހުކުމް ކުރި އިރު، މިއަދު އެ މައްސަލަ ބެލީ ފަނޑިޔާރުންގެ ބެންޗް ބަދަލުކޮށްގެންނެވެ. އެގޮތުން އެ މައްސަލަ ކުރިން ބެލީ ގާޒީ ހަސަން އަލީ ރިޔާސަތުގައި އިންނަވައިގެން، ގާޒީ ހުސެން ޝަހީދު އާއި އަބްދުއްރައޫފު އިބްރާހިމް އެވެ. ނަމަވެސް ރައޫފުގެ ބަދަލުގައި މިއަދު ބެންޗުގައި އިންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

އޭގެ އިތުރުން ރައީސް ޔާމީނުގެ އެކައުންޓްތަކުގައި ހުރި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު މިދިޔަ މަހުގެ 31 ވަނަ ދުވަހު ހައިކޯޓުން ބާތިލްކޮށް، އެ އެކައުންޓްތައް ދޫކޮށްލަން ވެސް ވަނީ އަމުރުކޮށްފަ އެވެ.
ހިޔާލު