Fehendhoo dharivarun dinghy ehgai Goidhoo school ah dhaan jehey massala raees ge samaal kamah
image
ފެހެންދޫ ސްކޫލު ދަރިވަރުންތަކެއް--
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ހިޔާނުކޮށްވާ ޑިންގީއެއްގައި ފެހެންދޫ ކުދިން ގޮއިދޫ ސްކޫލަށް ދާން ޖެހޭ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނެސްފި

ބ.ފެހެންދޫގެ ދަރިވަރުން ކިޔެވުމަށް އެ އަތޮޅު ގޮއިދޫ ސްކޫލަށް ކަނޑު ހުރަސްކޮށް ކުޑަ ޑިންގީއެއްގައި ދާން ޖެހޭ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފި އެވެ.
ފެހެންދޫގެ ކައުންސިލުގެ މެންބަރުން އިއްޔެ ރައީސް ސޯލިހާ ބައްދަލުކޮށް ވިދާޅުވެފައި ވަނީ އެރަށު ކުދިން ވެހޭހާ ވާރެއާއި ދޭހާ އަތްވެއްގައި ކަނޑު ހުރަސްކޮށް ގޮއިދޫއަށް ދާންޖެހޭތީ އުނދަގޫތަކާ ދިމާވާ ކަމަށެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން ފެހެންދޫ ސްކޫލް ބަންދުކޮށްފައި ވަނީ މީގެ ދިހަ އަހަރު ކުރިންނެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެރަށުގެ ޖުމްލަ އާބާދީއަކީ 107 މީހުންނެވެ.

ސްކޫލު ބަންދުކުރުމާއެކު އެރަށުގެ ދަރިވަރުން ކިޔެވުމަށް ދާން ޖެހެނީ ޑިންގީއެއްގައި ގޮއިދޫ އަށެވެ. މިހާރު ވެސް އެރަށުން 26 ކުދިން ކޮންމެ ދުވަހަކު ޑިންގީއެއްގައި ގޮއިދޫއަށް ދަތުރު ކުރެއެވެ.

ޑިންގީގައި ދަތުރު ކުރަން ޖެހުމުން ދިމާވާ ދަތިތައް އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކުރުމުން މިނިސްޓްރީން ވަނީ 20 ފޫޓުގެ ހިޔާކޮށްފައިވާ ޑިންގީއެއް އެރަށު ކައުންސިލާ ހަވާލުކޮށްފަ އެވެ.

ނަމަވެސް އެޑިންގީގެ ސަތަރިގަނޑު މިހާރު ހަލާކުވެފައިވާ ކަމަށާއި ސްކޫލަށް ދިއުމަށް ދަރިވަރުން ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

އިއްޔެ މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ މެންބަރުން ވަނީ ރަށުގެ މިހާރުގެ ހާލަތާއި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރީ ސްކޫލު ދަރިވަރުން ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަށް އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ހަމަޖެހިފައި ނެތް މައްސަލައެވެ.

- ފެހެންދޫ ކައުންސިލުގެ މެމްބަރުން ރައީސް ސޯލިހާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަށާއި ރަށުގައި އެކަށީގެންވާ ފެންވަރުގެ މިސްކިތެއް އިމާރާތްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ.

ރައީސް ސޯލިހު ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައި ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު

ޑިމޮކްރަސީ

ފެހެންދޫ އަކީ 6 އެއްކަ ޢާއިލާ އުޅޭ ގޮއިދޫއާއި އެއްފަޅުވެފައި ދިޔަވަރު ހިކިއްޔާ ހިގާފަވެސް އާދެވޭހާ ކައިރި ރަށެއް އެރަށު މީހުން ގޮއިދޫ އަށް ލާފަ ފެހެންދޫ ޓްއަރިޒަމަށް ފައްކާކުރަންވީ އޭރުން ތިތި ތިންރަށު މީހުންނަށް ތަރައްޤީ ދިރި އުޅުމެއްލިބިދާނެ ތިކައުންސިލަރުން ތި އުޅެނީ އެމީހުންގެ ވަޒީފާ ގެއްލިދާނެތީ

ހަބަރު

މުޅި ހަބަރު ސުރުހީގައި ލިޔެލި ނަމަ.