Maaenboodhoo gai fuluhunge desk eh gaaimukoh hidhumaih dheyn fashaifi
image
މާއެނބޫދޫގައި ފުލުހުންގެ ޑެސްކެއް ގާއިމުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ޕްލިސްލައިފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މާއެނބޫދޫގައި ފުލުހުންގެ ޑެސްކެއް ގާއިމްކޮށް، ހިދުމަތް ދޭން ފަށައިފި

ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދ.އަތޮޅު މާއެނބޫދޫގައި ޕޮލިސް ޑެސްކެއް ގާއިމްކޮށް ފުލުހުންގެ ހިދުމަތްދޭން ފަށައިފިއެވެ.
މިއަދު މާއެނބޫދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ކަމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނާއި ގުޅިގެން ރައްޔިތުންނާ ގާތުން ހިދުމަތްދޭ ބައެެއް ކަމުގައިވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލަފައިވާ ފުލުހުންގެ ތަސައްވަރުގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ބޭނުންތެރި ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރުމަށް ވެސް ޕޮލިސް ކޮމިޝަނަރު އެދިވަޑައިގެންނެވި އެވެ.

މާއެނބޫދޫގައި ފުލުހުންގެ ޑެސްކެއް ގާއިމްވެގެން ދިއުމަކީ ފުލުހުންގެ ހިދުމަތް ފުޅާކުރަން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށާއި، ނިސްބަތުން ކޮންމެ އަދަދަކަށް ފުލުހުން ތިބިކަމުގައި ވިޔަސް ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ފުލުހުންގެ އަމާޒުކަމުގައި ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނުނޫތަކުގައި ފުލުހުންގެ ހިދުމަތް ކަނޑައެޅިފައިވަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައިކަން ފާހަގަކޮށް، ފުލުހުން ކުރާ މަަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ފުލުހުންގެ ހިދުމަތް ދިނުމަށް ޑެސްކެއް ގާއިމް ކުރެވިގެން ދިއުމަކީ އެރަށެއްގައި ފުލުހުންގެ ހިދުމަތް ދިނުމަށް އެޅިގެންދާ ބިންގަލެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރަށެއްގައި ހިނގާ ކޮންމެކަމަށް 24 ގަޑިއިރު ހާޒުރުވުމަކީ ފުލުހުންގެ އަމާޒުކަމުގައި ހަދައިގެން އެކަމަށް މަސައްކަތްކޮށްދެއްވުމަށް ހުރިހާ ފުލުހުންގެ ކިބައިން އެދިލެއްވިއެވެ.
ހިޔާލު