Mi Hafthaa bandhugai Lanka Embassy in hidhumaiy libeyne
image
ލަންކާގައި ހުންނަ ދިވެހި އެމްބަސީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މި ހަފުތާ ބަންދުގައި ލަންކާ އެމްބަސީން ހިދުމަތް ލިބޭނެ

މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން މި ހަފުތާ ބަންދުގައި އެގައުމުގައި ހުންނަ ދިވެހި އެމްބަސީން ކޮންސިއުލާ ހިދުމަތްތައް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
ލަންކާ ސަރުކާރުން ހަމަޖައްސާފައިވާ ގޮތުން މިއަދާއި މާދަމާއަކީ އެގައުމުގެ ހަފުތާ ބަންދެވެ. އެކަމަކު ދިވެހި އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިއަދު ވެސް ކޮންސިއުލާގެ ހިދުމަތްތަކަށް އެމްބަސީ ހުންނާނީ ހުޅުވާފައި ކަމަށެވެ. މީގެ ކުރިން އެމްބަސީން ހިދުމަތް ދެމުން ގޮސްފައި ވަނީ އެގައުމުގެ ރަސްމީ ދުވަސްތަކުގައި އެކަންޏެވެ.

ދިވެހި އެމްބަސީން ކުރި ޓްވީޓުގައި ވަނީ ލަންކާގެ ކަމާ ބެހޭ ފަރާތްތައް ދެއްވާ އިރުޝާދަށް ބޯލެނބުމަށް ވެސް އެގައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް އިލްތިމާސްކޮށްފައެވެ. ލަންކާއަކީ ގާތްގަނޑަކަށް 15000 އެއްހާ މީހުން ދިރިއުޅެމުން އަންނަ ގައުމެކެވެ.

ހަމަލާތަކަށްފަހު އެގައުމުގެ އަސްކަރިއްޔާއިން ތަފާތު އޮޕަރޭޝަންތައް ހިންގަމުން އަންނައިރު އެފަދަ އޮޕަރޭޝަނެއްގެ ތެރެއިން އެގައުމުގައި ދިރިއުޅޭ ހަ ދިވެއްސަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެހެންވެ، ފޮރިން މިނިސްޓްރީން އަންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ހައްޔަރުކޮށްފައިވާ ހަ ދިވެހިންނަކީ ވެސް އެގައުމުގައި ކިޔަވަމުން އަންނަ ކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައީ އޭނާ ކިޔަވަން ބޭނުންކުރާ ފޮތްތަކުގެ ތެރެއިން އައިއެސްގެ މައުލޫމަތުތަކެއް ހުރި ފޮތެއް ފެނިގެންނެވެ. އަދި އެހެން ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލައިސަންސް ނެތް އެއާ ގަން އެއް އެކުދިން އުޅޭ ގެއިން ފެނިގެންނެވެ.

އާދީއްތަ ދުވަހު ލަންކާއަށް ދިން ހަމަލާގައި 259 މީހަކު ވަނީ މަރުވެފައެވެ. އަދި އެ ހަމަލާގެ ޒިންމާ މިހާރު އިސްލާމިކް ސްޓޭޓްސް، އައިއެސްއިން ވަނީ އުފުލާފައެވެ.
ހިޔާލު