Gina gonjehun thakaa eku ves STO ge faidhaa ithuru vanee
image
އެސްޓީއޯ ހެޑް އޮފީސް.-- ފައިލް ފޮޓޯ
0 ކޮމެންޓް
 

ގިނަ ގޮންޖެހުންތަކާ އެކުވެސް އެސްޓީއޯގެ ފައިދާ އިތުރުވަނީ

ރައްޔިތުންގެ ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ ފައިދާ ރަނގަޅުވާން ފަށައިފިއެވެ. 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ރިޕޯޓަށް ބަލާއިރު 104 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ކުންފުނިން ވަނީ ނެރެފައެވެ.
މިއީ 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެގުނައަށްވުރެވެސް ބޮޑު އަދަދެކެވެ. ވެއަތުވެދިޔަ 3 އަހަރަށް ބަލާއިރު މިއީ އެންމެ ފައިދާ ބޮޑުވި ކުއާޓަރެވެ. އަދި ކުރިއަށްއޮތް ތަނުގައި ފައިދާ އަދިވެސް އިތުރުކުރެވިދާނެކަމަށް ކުންފުނިން ދެކެއެވެ. ނަމަވެސް އެސްޓީއޯއަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ސްޓޭކްހޯލްޑަރުން ދަންނަން ޖެހެއެވެ.

ފައިދާ އިތުރު ކުރުމަށާ ޑައިވަރސިފައި ވުމަށް ބައެއް އިންވެސްޓްމެންޓްތައް އެސްޓީއޯއިން ފެށިއެވެ. އެހެން ނަމަވެސް ބައެއް އިންވެސްޓްމެންޓްތައް ވެގެން ދިޔައީ އެކި ސަބަބުތަކާހުރެ ކުރިއަށް ނުގެންދެވި، ކުންފުންޏަށް އިތުރު ބުރައަކަށް ވެގެންދިޔަ ކަންކަމަށެވެ.

މިގޮތުން ހުޅުމާލޭގައި އެސްޓީއޯއިން ތަރައްގީ ކުރަމުންދިޔަ 250 އެނދުގެ ޓޫރިސްޓް ހޮޓެލް މަޝްރޫއުގެ 60 އިންސައްތަ ނިންމާލާފައިވަނިކޮށް، 2014 ވަނަ އަހަރު ކުއްލިގޮތަކަށް ސަރުކާރުން އެންގި އެންގުމަކަށް އެތަނުގެ މަސައްކަތް ހުއްޓާލަން ޖެހުނެވެ.

އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި ހުޅުމާލެ ހޮޓަލަކީ މިވަގުތު އެސްޓީއޯއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

"އެ ހޮޓާ އެހެން ހުއްޓާ ވިއްކާލަންވެގެން އަޅުގަނޑުމެން ބަލާއިރު، މާކެޓް ވެލިއު ވަރަށް ދަށް. އެސްޓީއޯއިން އެތަނަށް ނެގި ލޯނުގެ އިންޓްރެސްޓް ދެއްކުމަށާ އަދި އެގޮތަށް ޕްރޮޖެކްޓް ޑިލޭވެގެން ދިޔައިމާ ދައްކާފައި ހުރި އެޑްވާންސް ޕޭމަންޓްތަކާއި އަދި ހޮޓަލުގެ ކޮންޓްރެކްޓަރުން ވަކި ހިސާބަކުން ހުއްޓާލުމާއެކު ވަރަށް ބޮޑެތި ހަރަދުތަކެއް ޕްރޮޖެކްޓަށް ހިނގާފައިވޭ" މިހާދު ވިދާޅުވިއެވެ.

ހޮޓާ ވިއްކާލުމަށް މިދިޔަ އަހަރުން ފެށިގެން ދެފަހަރެއްގެ މަތިން އެސްޓީއޯއިން އިއުލާން ކުރިއެވެ. މިގޮތުން މާކެޓުން އަގުތަކެއް އެކުންފުންޏަށް ވަނީ ލިބިފައެވެ. ނަމަވެސް ހޮޓާ ވިއްކާލުމުގެ ކުރިން އެހުށަހެޅުންތައް ދިރާސާކޮށް، ހޮޓަލުގެ ބެލެންސް ޝީޓުގައި މިހާރު އޮތް ވެލިއުއަކީ ސައްހަ ވެލިއުއެއްތޯ ވެރިފައި ކުރަން ޖެހެއެވެ. އެހެން ނޫންނަމަ ވަރަށް ބޮޑު ގެއްލުމަކަށް އެކައުންޓް ކުރަން ޖެހިދާނެކަން މިހާދު ފާހަގަކުރެއްވިއެވެ. އަދި ކުންފުންޏަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް މި މުއާމަލާތް ފުރިހަމަ ކުރުމަށް ކުންފުނިން ބޭނުންވެއެވެ.

އެސްޓީއޯއަށް މިވަގުތު ދިމާވެފައިވާ މައިގަނޑު އަނެއް ގޮންޖެހުމަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލޓޑ (މިފްކޯ) އެސްޓީއޯގެ ދަށަށް ބަދަލުކުރި ކުރުމެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކަށް ބެލުމެއްނެތި އެއްވަރެއްގައި މަސްވެރިންނަށް ފައިސާ ދޭން ޖެހެއެވެ.

މިފްކޯގައި އެކަމަށް ފައިސާއެއް ނެތެވެ. މިހާރު މިފްކޯއަށް ކެޕިޓަލް އިންޖެކްޓް ކުރަމުން ދަނީ އެސްޓީއޯއިންނެވެ. އެގޮތުން، މަސްވެރިންނަށް ފައިސާ ދިނުމަށާއި މިފްކޯއަށް ފޯރުކޮށްދެވޭ ތެލާއެކު އަހަރެއްގެ މައްޗަށް 200 މިލިއަނެއްހާ ރުފިޔާ އެސްޓީއޯއިން މިފްކޯއަށް ހަރަދުކުރަން ޖެހެއެވެ.

"އޭގެ ސަބަބުން އެސްޓީއޯގެ ގްރޫޕަށް ވަރަށް ދަތިވޭ. މި އަދަދަށް ކެޕިޓަލް އިންޖެކްޓް ކުރަމުން ގެންދިއުމަކީ ކޮންޓިނިއު ކުރަން ވަރަށް އުނދަގޫ ކަމެއް" މިހާދު ވިދާޅުވިއެވެ. ވުމާއެކު މިފްކޯގެ ކަންކަން ހައްލު ކުރުމަށް އާ ޕްލޭނެއް އެސްޓީއޯއިން މިހާރު ވަނީ އެކުލަވާލާފައެވެ.

ކުންފުންޏަށް ދިމާވެފައިވާ އިތުރު މައިގަނޑު ގޮންޖެހުމެއްގެ ގޮތުގައި މިހާދު ފާހަގަ ކުރެއްވީ ސަރުކާރު ތެރެއިން އެސްޓީއޯއަށް ލިބެންވާ ފައިސާ ގަވާއިދުން ނުލިބުމުގެ ސަބަބުން ދިމާވާ ކޭޝް ފްލޯގެ މައްސަލައެވެ.

"ފެނަކަ ކަހަލަ ބައެއް ކުންފުނިތަކަށާއި، ބައެއް މުއައްސަސާތަކަށާއި، ސަރުކާރަށް ފޯރުކޮށްދީފައި ހުރި، އަދި އެކި ތަންތަނަށް ވިއްކާފައި ހުރި މުދަލަށް ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ އެސްޓީއޯއަށް ލިބެން ޖެހޭ"، މިހާދު ވިދާޅުވިއެވެ.

މިއީ ކުންފުނީގެ ކޭޝް ފްލޯ މެނޭޖް ކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމެއް ކަމުގައި މިހާދު ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށްޓަކައި ބޭންކްތަކުން ފަންޑް ހޯދަން މަޖުބޫރުވެ، އިންޓަރެސްޓް ކޯސްޓުގެ ގޮތުގައިވެސް އެކަށީގެންނުވާ ބޮޑު ހަރަދު ކުރަން ޖެހެއެވެ. މިހާދު ވިދާޅުވީ ސަރުކާރުންވެސް މިކަންކަމަށް ވިސްނާ ކަމަށާއި އަދި ހައްލު ހޯދުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެސްޓީއޯއަށް ދިމާވެފައިވާ ގޮންޖެހުންތަކުން ވީހާވެސް އަވަހަކަށް އަރައިގަތުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނައިރު ކުރިއެރުންތަކެއްވެސް ލިބޭކަމަށް މިހާދު ވިދާޅުވިއެވެ.

"އުއްމީދު ކުރަނީ ކޭޝް ފްލޯ، ހުޅުމާލެ ހޮޓެލް، އަދި މިފްކޯގެ މައްސަލައަށްވެސް ހައްލު ލިބިގެން އަންނާނެ ކަމަށް"، އޭނާ ވިދާޅުވިއެވެ.

އެއާއެކު މުސްތަގްބަލް އުޖާލާ އަދި ހިއްސާދާރުންނަށާ ރައްޔިތުންނަށް މަންފާ ބޮޑު ކުންފުންޏަކަށް އެސްޓީއޯ ވެގެން ދާނެކަމުގެ އުއްމީދު ސީއެފްއޯ ފާޅުކުރެއްވިއެވެ.
ހިޔާލު