10 minute ge badhdhaluvumakahfahu Sheikh Rasheed ah inaayai dheyn committee in faaskoffi
image
ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމް--ފޮޓޯ: ޕީއެސްއެމް ނިއުސް
މުހައްމަދު ފަތުހުﷲ
3 ކޮމެންޓް
 

ދިހަ މިނެޓްގެ ބައްދަލުވުމަކަށްފަހު ޝެއިހް ރަޝީދަށް އިނާޔަތް ދޭން ކޮމެޓީން ފާސްކޮށްފި

ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް، އެ ބިލް ދިރާސާ ކުރުމަށް ނެގި ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީން ފާސްކޮށްފި އެވެ.
މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީއަށް އަމަލު ކުރުމުގެ ކުރިން، އޭރުގެ ސަރުކާރުން ގާއިމުކޮށްފައިވާ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖީލީހުގެ ރައީސް ނުވަތަ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިަނެ، އެބިލް ދިރާސާ ކުރުމަށް ވަގުތީ ކޮމެޓީއަކަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގަ އެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށްފަހު، ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީގެ ބައްދަލުވުމެއް އެންމެ 10 މިނެޓަށް ބޭއްވުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ހުށަހަޅާފައިވާގޮތަށް ވަނީ ފާސްކޮށްފަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރު އަދި ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ރިޔާޒު ރަޝީދު އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި، އަދި ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ)ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިންމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ހާއްސަ އިނާޔަތާއި އިމްތިޔާޒުތައް ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމަކީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

އެބިލު މަޖިލީހަށް ތައާރަފް ކޮށްފައިވަނީ ވެސް ބުދަ ދުވަހު ޖަލްސާގަ އެވެ. ހަމަ އެޖަލްސާގައި ވަނީ އެބިލަށް ބަހުސް ކުރުމާއި މަޖިލީހަށް ބަލައިގަތުމާއެކު، ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަށް ހޮވާ އެކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ. އަދި ބުދަ ދުވަހުގެ ޖަލްސާއަށްފަހު، އެންމެ 10 މިނެޓްގެ ބައްދަލުވުމަކަށްފަހު ކޮމެޓީން ވަނީ އެބިލް، ކޮމެޓީން ފާސްކޮށް، މަޖިލީހަށް ފޮނުވުމަށް ނިންމާފަ އެވެ.

އެބިލް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، އެބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހައި، އެބިލަށް ބަހުސް ކުރުމަށެވެ.

އެގޮތަށް އަވަސް އަރުވާލައިގެން ބިލުގެ އެއްމަރުހަލާއާ ވިދިގެން އަނެއް މަރުހަލާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ގެންދެވީ ދެކޮޅު ހައްދަވަމުން ނެވެ. އަދި ވަކިމީހަކަށް ނުވަތަ ވަކި ފަރުދަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އަވަސް އަރުވާލައިގެން އުޅުއްވާއިރު، ސަރުކާރުން މަޖިލީހަށް ހުށަހެޅި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލްތަކެއް މަޖިލީހުގައި ހިފެހެއްޓި ނުނިމި ހުރިކަން ފާހަގަކުރައްވައި އެމްޑީޕީގެ މެމްބަރުން ވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރިޔާޒު ހުށަހެޅުއްވި އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 31 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެބިލާ ދެކޮޅަށް 15 މެމްބަރުން ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރާ ވަގުތީ ކޮމެޓީގައި ހިމެނޭ ފަސް މެމްބަރުންނަކީ، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އެވެ.

ޝިޔާމު ފިޔަވާ، އެކޮމެޓީގައި ހިމެނޭ އަނެއް ހަތަރު މެމްބަރުންނަކީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި 19 ވަނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވައި ފެއިލްވި މެމްބަރުން ނެވެ.
ހިޔާލު

ޙުސެން

އެބަޔެއްގެ މެންޑޭޓް ހަމަވުމަށްފަހު ރައްޔަތުންނަށް ކުރާ ޖެއްސުން ބަލައެއް ނުގަނެވޭނެއެވެ. ތިއީ ކުރާނެ މަސައްކަތެއް ނެތިގެން މަޖްލިސް ބަންދުކޮށް، ޗުއްޓީގައި އުޅުނު ގްރޫޕް ނޫންތޯއެވެ.

ކިދުރުޝިންއާރު

ގަސްކަރަ ދައުލަތަށް ނަގާ! އިނާޔަތް ނުވަތަ ގޯތި، ކޮންމެވެސް އެކައްޗެއް ލިބޭނީ!

އައިސް

ހާދަ މޮޅު ޚިދުމަތް ތެރިންނޭ އެއީ