Kashibothakeh fadha dhivehin!
image
ކަށިބޮލެއް: ފޮޓޯ ޓްރިޕް އެޑްވައިޒަރު
ގުފްތަގު އަޖީރު
3 ކޮމެންޓް
 

ކަށިބޯތަކެއް ފަދަ ދިވެހިން!

މީއީ މީހަކު ކިޔައި ނުދިނަސް ގާތްގަނޑަކަށް އެންމެނެނަށް ވެސް އެެނގޭނެ ވާހަކަތަކެކެވެ. ނަމަވެސް އަލުން މިވާހަކަ މި ދައްކަނީ ހަނދާންކޮށްދިނުމަށެވެ.
ދިވެހިރާއްޖޭގައި ކަށިބޯ އިތުރުވެ އޭގެ ނުރައްކަލުން ސަލަމަތް ވުމަށް 1980 ވަނަ އަހަރު ހަަރު ހާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. މި އޮޕަރޭޝަނުގައި މާލެ އަތޮޅުގެ ގިނަ ފަރުތަކުން ކަށިބޯ ނަގައި އޭގެ އާބާދީ ކޮންޓްރޯލް ކުރިއެވެ. ކަށިބޮލަކީ އޭގެ އާބާދީ މާބޮޑަށް އިތުރުވެއްޖެނަމަ މުރަކައިގެ ދިރުން ނެތިކޮށްލާ އެއްޗެކެވެ. ނަމަވެސް މިއަދު ދިވެހިރާއްޖޭގެ ފަރުތަކުގެ އެންމެ ބޮޑު ހަތުރަކީ ކަށިބޮލެއް ނޫނެވެ. އަހަރުމެން އިންސާނުންނެވެ.ދިވެހިރާއްޖެއަކީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. މިއިން ކޮންމެ ރަށެއްގެ ވަޑައިގެންވާ ފަރާއި، އަތޮޅުތަކުގައިވާ އެހެނިހެން ފަރުތަކާ ގިރިތަކަކީ މިއަދި ދިވެހިރާއްޖޭގެ "ރަން ބިސް އަޅާ ކުކުޅު" އެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ބަދައަކީ ފަތުރުވެރިކަންކަމަށްވީއިރު، އަހަރުމެން ވަށައިގެންވާ ފަރުތައް ހަލާކުކޮށްލައިފިނަމަ އެ ފަރުތައްވެސް ހަލާކުވަނީއެވެ. އަދި މަސްވެރިކަން ވެސް ހަލާކުވާނީއެވެ. އަދި އަހަރުމެން މި ދިރިއުޅޭ ކުދިކުދި ރަށްތައް ވެސް ހަލާކުވެ ނެތިދަނީއެވެ.

ދިވެހިން ޕްލާސްޓިކާ ދުރެއްނުވޭ؟!!

ނިމިދިޔަ 2018 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ސަރުކާރު އޮފީސްތަކުގައި ވަނީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކަލާ ޕްލާސްޓިކާއި ދުރުވުމަށް ހާއްސަ މަސަައްކަތްތަކެއް ފަށާފައެވެ. މިގޮތުން ކުދިކުދި ޕްލާސްޓިކު ފުޅީގައި ފެން ބުއިމުގެ ބަދަލުގައި ބިއްލޫރި ފުޅި ނުވަތަ ގިނަފަހަރު ބޭނުންކުރެވޭ ފުޅި ބޭނުންކުރަންފެށިއެވެ. ނަމަވެސް މިކަން ބައެއް މީހުންނަށް ވެފައި އޮންނަނީ އޮފީހުގައި އެކަނި ކުރާކަމެއްގެ ގޮތުގައެވެ.އާންމުކޮށް ފެން ބޯން ވެއްޖެނަމަ ހަމަ ތިން ރުފިޔާއަށް ފެންފުޅިއެއް ގަނެލައިގެން، ފެން ބޮއެ އެ ފުޅި މަގުމައްޗަށް އެއްލާލަނީއެވެ. ނޫނީ މޫދު ކައިރީގައި ނަމަ މޫދައް އެއްލާލަނީއެވެ.

ފިހާރަތަކަށް ފޮތި ކޮތަޅު ހިފައިގެން ދާމީހުންވެސް ފެންނަނީ ނުހަނު މަދުންނެވެ. ފިހާރައިން ގަނެގެން އަންނަ ޕްލާސްޓިކު ކޮތަޅުވެސް ޑަސްބިނަށްލުމަށް ފަހު އެއަށް ވާނޭގޮތަކާމެދު ފުންކޮށް ވިސްނައެއް ނުލައެވެ.

ކުނި މެނޭޖުކުރަނީ މަދު ބަޔަކު:

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް އުޅެނީ މާލޭގައެވެ. ޕިކަޕުތައް ފުރާ ވެމްކޯއިން އުފުލާ ކުރިންްވެސް އެކަން ސާފުވެއެވެ. މާލޭގައި ކުނި މެނޭޖުކުރުމަށް ކޮންމެވެސް މިންވަރެެއްގެ ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް، ރާއްޖޭގެ ގިނަ ރަށްރަށުގައި ނެރެގެން ގެންނަ ކުނިކޮތަޅު ގެންގޮސް އަތުކޮޅަށް ހޫރުވާލަނީ ގޭދޮށުގައި އޮންނަ މޫދަށެވެ. ކޮތަޅުގޮސް އެޅެނީ މުރަކަ ގަނޑުގައެވެ. މުރަކަގަނޑު މަރުމަވަނީއެވެ. އޭގެ ފަހުން ރަށް ގިރަނީއެވެ. ދެން އެކަމުގައިވެސް ހަޅޭލަވާނީ ސަރުކާރަށެވެ. ދެން ސަރުކާރުން މިލިއަން ޑޮލަރު ދީފައި ރަށުގެ ގިރާ ސަރަހައްދު ހިމާތްކުރާނެއެވެ. އީޕީއޭގެ ރިޕޯޓަކަށް ފުރުވާލެއް ނުބަހައްޓައެވެ. އޭރުން އޮންނާނީ ފިސާރި ތަރައްގީ ވެފައެވެ. މިއީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ގިނަރަށްރަށުގެ ހާލަތެއް ނޫންތޯއެވެ؟ހައްލަކީ ކޮބާ؟

ތިމާވެއްޓެވެ. ތިމާގެ ވަށައިގެންވާ ވެއްޓެވެ. މިވެށި ހިމާޔަތް ތިމާކުރެވޭނީ ތިމާ ނޫން ކާކަށްހެއްޔެވެ؟ ތިމާވެށި ހިމާޔަތްކުރަން އޮތް ހަމަ އެންމެ ރަނގަޅު ހައްލަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. ސްކޫލުތަކުގައި ވެސް ތިމާވެށި ހިމާޔަތް ކުރުމަށް ދަރިވަރުންނަށް ދަސްކޮށްދެވިދާނެއެވެ. ގޭތެރޭގައި ތިިމާވެށީގެ މުހިންމުކަން ދަރިންނަށް ކިޔާދެވިދާނެއެވެ. އަދި ތިމާ ޕްލާސްޓިކާ ދުރުވެވިދާނެއެވެ. އަދި ޕްލާސްޓިކު ބޭނުން ކުރިނަމަވެސް އެ ޕްލާސްޓިކުގަނޑު އެއްލާލާތަނަކީ މޫދު ނޫންތަނަކަށް ހެދިދާނެއެވެ.


ކަށިބޮލަށްވުރެ މިއަދު ފަރުތަކަށް ނުރައްކަލީ އިންސާނުންނެވެ. ފަރުތަކުން ކަށިބޯ މަދުކުރިހެން، ފަރުތަކަށް ގެއްލުންދޭ މީހުން ފާހަގަކޮށް އެމީހުން އިސްލާހުކުރުމަށް ފިޔަވަޅު އެޅުން ނުހަނު މުހިންމެވެ.
ހިޔާލު

އިންމަ

ފޮޓޯގައި އެވަނީ ހިޔަމައެއް. ދިވެހިބަހުން ކަށިބޯ ކިޔަނީ ކްރައުން އޮފް ތޯން ސްޓާރފިޝް އަށް.

ާއާމިނާ

ނަލަ ލިޔުމެއް

ބެއްޔާ

ކޮންކަހަލަ ކަށިބޮލެއް