Siyaasee Race Fashaairu ves anhenun thibenee fahathugai: Gender Minister
image
އެ ސިމްޕޯޒިއަމްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޓްރާންސްޕޭރަންސީ މޯލްޑިވްސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ސިޔާސީ ރޭސް ފަށާއިރު ވެސް އަންހެނުން ތިބެނީ ފަހަތުގައި: ޖެންޑާ މިނިސްޓަރު

ސިޔާސީ ރޭސް ފަށަނީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ރޮނގެއްގައި ތިބެގެން ނޫން ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން މިއަދު ފެށި ސިމްޕޯޒިއަމް ގައި ވާހަކަދައްކަވަމުންނެވެ.

ޝިދާތާ ވިދާޅުވީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވާ ކޮންމެ ފަހަރަކުވެސް އެ ފުރުސަތު ގާނޫނުން ލިބިދީފައިވާ ކަމަށް ބުނާ ކަމަށެވެ.

ގާނޫނު އަސާސީގައި ހަމަހަމަ ކަމާއެކު އިންތިހާބު ކުރެވޭ މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ލުމުގެ ފުރުސަތު އޮންނަ ކަމަށާއި ދެން އިތުރަށް "ކޮން ކޯޓާ ސިސްޓަމެއް"ތޯ ބުނެ ސުވާލު ކުރާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

އޭގެ ރައްދުގައި ޝިދާތާ ވިދާޅުވީ ބައެއް ފަރާތްތަކަށް ގަބޫލުކުރަން ދަތިވިޔަސް ސީޔާސީ ރޭސް އަންހެނުން ފަށަނީ ފިރިހެނުންނަށް ވުރެ ފަހަތުގައި ތިބެގެން ކަމަށެވެ.

"އެ ފަރަގު ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެކަން ކުރުމަށް ހާއްސަ އިންތިޒާމުތަކެއް ކަނޑައަޅަން ޖެހޭ ވާހަކަ އަޅުގަނޑުމެން މިދައްކަނީ." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ޑިމޮކްރަސީގައި އަދި ވެސް ފުރާވަރަށް ނާރާކަން ފާހަގަކުރައްވާ ޝިދާތާ ވިދާޅުވީ ފުރާވަރަށް އަރާ ތަސައްރަފު ފުދުމުގެ ކުރިން އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ޔަގީންވާނެ ފަދައިން ނިޒާމު ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން އެކަމަނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް މިހާރުއްސުރެ ތައްޔާރުވެ، ތަފާތު ދައްކަން އެންމެން މަސައްކަތް ކުރުމަށް އެދިލައްވާފަ އެވެ.

"އަންހެނުން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބާރުވެރި ބަޔަކަށް ނުވެގެން މިއުޅެނީ ގާނޫނުތައް ނެތިގެންނެއް ނޫން. އަޅުގަނޑުމެންނަކީ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރެއިން ޖެންޑާ އިކުއަލިޓީ ގާނޫނެއް އޮތް އެއް ގައުމު. އެހެންނަމަވެސް އެ ގާނޫނު އޭގެ އެންމެ ފުރިހަމަ މާނައިގަ ތަންފީޒުވެގެން ނުދިޔުމަކީ އެއީ އެކަމާ މެދު އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭ ކަމެއް."

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިނިއުކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ސިމްޕޯޒިމުގެ މަގުސަދަކީ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިނުމުގެ އިތުރުން އެ ދާއިރާއަށް ނުކުތުމަށް އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އޮޅުން ފިލުވުން ކަމަށެވެ.

އޭގެ އިތުރުން އައިމަން ވިދާޅުވީ އެ ސިމްޕޯޒިއަމްގެ ތެރެއިން މިންތީގެ ހަމަހަމަކަށް އެޖެންޑާއެއް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި އެކަން ގާއިމުކުރުމަށް ހުރި ގޮންޖެހުންތައް ވެސް ސިމްޕޯޒިއަމްގެ ތެރެއިން މަޝްވަރާ ކުރެވިގެންދާނެ ކަަމަށެވެ. އަދި އަންހެނުންގެ ބައިވެރިވުން ނެތުމަކީ ރާއްޖޭއަށް ލިބޭ ހީނަރު ކަމެއްކަން ފާހަގަކުރައްވާ އައިމަން ވިދާޅުވީ ކެމްޕެއިންތައް ކުރުމުގައި އެންމެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވާ މަންޒަރުތައް ފެނުންނަމަވެސް ނިންމުންތައް ނިންމާއިރު އަންހެނުންގެ ބައިވެރިވުން ނުފެންނަ ކަމަށެވެ.

އެ ސިމްޕޯޒިއަމްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވޭ ކަންކަން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށް މިނިސްޓަރު ވެސް ފާހަގަކުރައްވި އެވެ. އެސިމްޕޯޒިއަމްގައި ނިމިދިޔަ މަޖިލިސް އިންތިހާބުގައި ބައިވެރިވި އަންހެން ކެންޑިޑޭޓުންނާއި، އަންހެން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި، ސިޔާސީ ޕާޓީތަކާއި، ސަރުކާރުގެ އޮފިޝަލުންނާއި، ސިވިލް ސޮސައިޓީގެ ބޭފުޅުން އެއް ތަނެއްގައި ބައްދަލުކޮށް މަޝްވަރާ ކުރާނެއެވެ.
ހިޔާލު